ކޮވިޑް- 19: ފަހުގެ ތާރީޚެއްގައި ރޯގާއަކާ ގުޅިގެން ރާއްޖޭގެ ރަށްރަށަށް އަރައިފޭބުން މަނާކުރެވުނު ފުރަތަމަ ފަހަރު

ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް- 19 ގެ ހާސްކަން ވޭތުވެ 24 ގަޑިއިރުގައިރާއްޖޭގައި ވަނީ އިތުރުވެގެން ގޮސްފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ވިދާޅުވީ ހާސްވާންޖެހޭ ޙާލަތެއް އަދި ރާއްޖޭގައި ނެތް ކަމަށެވެ. އެހެންނަމަވެސް އެހާލަތަށް ވެސް ރާއްޖެއިން އޮތީ ތައްޔާރަށް ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ވަނީ ހާމަކުރައްވައިފައެވެ. ކޮވިޑް- 19 ގެ ޙާލަތަކީ އަބަދުވެސް ބަދަލުވަމުން ދާނެ ހާލަތެއްކަން ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން މިހާރު އިޢުލާންކޮށްފައިވާ ގޮތުން ރާއްޖޭގައި އޮތީ ވައިޓް އެލާޓެވެ. އެހެންކަމުން ރައްޔިތުން ޕެނިކްވެ ނުވަތަ ހާސްވާން ޖެހޭ ޙާލަތަށް ނުދާކަމަށް ރޭގެ ޕްރެސް ކޮންފަރެންސްގައި ސަރުކާރުން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ވައިޓް އެލާޓް ނުވަތަ ނުރައްކާ މިންވަރު ހުދަކީ ރާއްޖޭގައި ބަލީގެ އެއްވެސް ކޭސް އެއް ނުފެންނަ ޙާލަތެވެ. މިޙާލަތުގައި ކުރެވޭ ކަންކަމުގެ ތެރޭގައި ހޭލުންތެރިކަން އިތުރުކުރުމާއި ކަމާބެހޭ ފަރާތްތައް ތަމްރީނުކޮށް ތައްޔާރީ ޙާލަތުގައި ތިބުން ހިމެނެއެވެ. އަދި ބައްޔަށް ފަރުވާ ދިނުމަށާއި ކަރަންޓީނު ކުރުމަށް އަދި ބައްޔަށް ޝައްކުކުރެވޭ ފަރާތްތައް އެކަހެރިކޮށް ފަރުވާ ދެވޭނެ އައިސޮލޭޝަން ފެސިލިޓީސް ތައްޔާރީ ޙާލަތުގައި ބެހެއްޓުން ހިމެނެއެވެ. މީގެ އިތުރުން ފަރުވާދޭން ބޭނުންވާ ބޭހާއި ރައްކާތެރިކަމުގެ އާލާތްތައް ހޯދައި ސްޓޮކް ކުރުންވެސް ހިމެނެއެވެ.

ކޮވިޑް- 19 ފެތުރުން ހުއްޓުވުމަށް ކުރައްވާ މަސައްކަތްތައް ކަނޑައެޅުމަށް "ރިސްކް ލެވެލް" ނުވަތަ ނުރައްކާތެރިކަމުގެ ދަރަޖަތަކެއް ސަރުކާރުން ވަނީ ކަނޑައަޅުއްވައިފައެވެ. ހަތަރު ދަރަޖައެއް އެމިންގަނޑުތަކުގެ ތެރޭގައި ހިމެނެއެވެ. އޭގެތެރެއިން ނުރައްކާ މިންވަރު އެންމެ ދަށް މިންގަނޑަކީ ދަރަޖަ ހުދެވެ. ނުރައްކަލުގެ ދެވަނަ ދަރަޖަ އަކީ ރީދުލެވެ. އެއީ ރާއްޖެއިން ބޭރުން ބަލިޖެހިފައިވާ މީހަކު ރާއްޖެއަށް އަންނަ ޙާލަތެވެ. ނުރައްކާ މިންވަރުގެ ތިންވަނަ ދަރަޖަ އަކީ އޯރެންޖެވެ. އޯރެންޖް ދަރަޖައަކީ ރާއްޖެއިން ބޭރުން ބަލި ޖެހުނު މީހާ ގެ ފަރާތުން އެހެން މީހުންނަށް ބަލި ފެތުރޭ ދަރަޖައެވެ. ނުރައްކާ ދަރަޖަ ރަތަކީ ޓްރެވެލް ހިސްޓްރީއެއް ނެތި އެކަކު ގައިން އަނެކެއްގެ ގަޔަށް ބަލި ފެތުރޭ ހާލަތެވެ. އެއީ އެބަލީ އެންމެ ނުރައްކާތެރި ހާލަތެވެ.

މިހާރު ރާއްޖޭގެ ޙާލަތު: އަށް މީހަކު އެކަހެރިކޮށް ދެ ރިސޯޓަކާއި މީހުން ދިރިއުޅޭ ރަށަކަށް އަރާފޭބުން ވަގުތީ ގޮތުން މަނާކުރެވިފައި

ކޮވިޑް- 19 އާ ގުޅިގެން ރާއްޖޭގައި ހާސްވަން ޖެހޭ ޙާލަތެއް ނެތްކަމަށް ސަރުކާރުން ވިދާޅުވި ނަމަވެސް ރޭގެ ނިޔަލަށް ބައްޔައްޝަކުކުރެވޭ ހަ މީހަކު ވަނީ އެކަހެރިކޮށްފައެވެ. އަދި މި ބައްޔާ ގުޅިގެން ރާއްޖޭގެ ދެ ޓޫރިސްޓް ރިސޯޓަކާއި މީހުން ދިރިއުޅޭ ރަށަކަށް ވަގުތީ ގޮތުން އަރާ ފޭބުން ވަނީ މަނާކުރެވިފައެވެ. މިއީފަހުގެ ތާރީޚެއްގައި ރޯގާއަކާ ގުޅިގެން ރާއްޖޭގެ ރަށްރަށަށް އަރައިފޭބުން މަނާކުރެވުނު ފުރަތަމަ ފަހަރުކަން ފާހަގަ ކުރެވެއެވެ. ކުރިއަށް އޮތް ތަނުގައި ބައްޔަށް ޝައްކުކުރެވޭ ރަށްރަށަށް އަރައިފޭބުން މަނާކުރެވޭނެކަމަށް ރޭގެ ޕްރެސް ކޮންފަރެންސްގައި ސަރުކާރުން ވަނީ ހާމަ ކުރައްވައިފައެވެ. އަދި ރާއްޖޭގެ ރަށްރަށް ވަކިވަކިން އޮތުމަކީ ބަލި ފެތުރިގެން ނުދިއުމަށް ލެއްވި ރަޙްމަތެއްކަމަށް ވެސް ރޭގެ ޕްރެސް ކޮންފަރެންސްގައި ސަރުކާރުން ވަނީ ފާހަގަ ކުރައްވައިފައެވެ.

ކޮވިޑް- 19 އާ ގުޅިގެން އަރާ ފޭބުން މަނާ ކުރެވިފައިވަނީ ސަމާ އައިލެންޑް ރިސޯޓާއި ޅ. ކުރެއްދޫ އައިލެންޑް ރިސޯޓާއި ވ. ތިނަދޫ ގައެވެ. ކުރެއްދުއަށް އަރައި ފޭބުން މަނާ ކުރެވިފައި ވަނީ އެ ރިސޯރޓްގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެންދިޔަ އިޓަލީގެ ފަތުރުވެރިޔަކު ކޮރޯނާ ވައިރަހަށް ޕޮސިޓިވް ވުމާ ގުޅިގެންނެވެ. އެފަތުރުވެރިޔާ ބައްޔަށް ޕޮސިޓިވް ވިކަމުގެ މަޢުލޫމާތު ލިބިވަޑައިގެންނެވީ އިއްޔެ މެންދުރުގެ ވަގުތެއްގައި ކަމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވަނީ ހާމަކުރައްވައިފައެވެ. އެ ރިސޯރޓަށް އަރައިފޭބުން މަނާ ކުރެވިފައިވަނި ކޮރޯނާ ވައިރަހަށް ޝައްކުކުރެވޭ މުވައްޒަފަކު އެ ރިސޯޓުން އެކަހެރި ކޮށްފައިވާތީއެވެ. އެ ރިސޯރޓުން އެކަހެރި ކޮށްފައޮވަނީ އިޓަލީ މީހާއަށް ފަރުވާ ދިން ޑޮކްޓަރެވެ. އެޑޮކްޓަރުގެ ޓެސްޓްގެ ނަތީޖާ މިއަދުގެ ވަގުތެއްގައި ލިބޭ ގޮތަކުން އެ ރިސޯޓަށް އަރާފެމުން މަނާކޮށްފައިވުމާ މެދު ވަކި ގޮތެއް ނިންމަވާނެއެވެ.

ކުރެއްދޫގެ އިތުރުން އަރައި ފޭބުން މަނާ ކުރެވިފައި ވަނީ ވ. އަތޮޅު ތިނަދޫ އާއި ސަމާ އައިލެންޑް ރިސޯރޓް ގައެވެ. ވ. ތިނަދޫއަށް އަރައިފޭބުން މަނާކުރައްވައިފައި ވަނީ ވެސް އެރަށުގައި ޗުއްޓީ ހާދަކުރަމުން ދިޔަ އިޓަލީގެ ތިން ފަތުވެރިޔަކު ކޮރޯނާ ވައިރަހަށް ޝައްކުކުރެވުމާ ގުޅިގެން ކަރަންޓީނު ކޮށްފައިވާތީއެވެ. އެ ފަތުރުވެރިންގެ ޓެސްޓްގެ ނަތީޖާވެސް މިއަދުގެ ވަގުތެއްގައި ލިބުމުން އެރަށަށް ވެސް އަރާފެމުން މަނާކޮށްފައިވުމާ މެދު ވަކި ގޮތެއް ނިންމަވާނެއެވެ.

ކޮރޯނާ ވައިރަހަށް ޝައްކު ކުރެވުމާ ގުޅިގެން މިއަދު ހެދުނުގެ ވެގުތެއްގައި ކަރަންޓީން ކުރެވިފައި ސަމާ އައިލެންޑް ރިސޯޓްގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަރަންސޭސި ވިލާތުގެ ދެ ފަތުރުވެރިންނެވެ. މީގެ ތުރުން އެކަހެރިކޮށްފައިވަނީ އިޓަލީން ރާއްޖެއައި ދިވެހި އަންހެނަކާއި ކުޑަކުއްޖެކެވެ.

އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކުރުން

ކޮވިޑް- 19 އާ ގުޅިގެން މިހާތަނަށް ހަތަރު ޤައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާ ކުރައްވައިފައެވެ. އެއީ ޗައިނާއާއި އިރާން އަދި ސައުތު ކޮރެއާގެ ދެ ސަރަޙައްދެއްގެ އިތުރުން އިޓަލީންނެވެ. އިޓަލީން ރާއްޖެއަށް ފަތުރިވެރިން އައުން މަނާ ވެގެންދާނީ މިރޭ 12 ޖެހުމާ  ހަމައިންނެވެ. މީގެ އިތުރުން ކްރޫޒްލައިނާތައް ވެސް ރާއްޖެއަށް އައުން ވަނީ މަނާކޮށްފައެވެ.

ޔޫރަޕްގެ ގިނަ ޤައުމުތަކަށް ކޮރޯނާ ވައިރަސް ފެތުރިފައި ވަނީ އިޓަލީންނެވެ. އިޓަލީގައި ބާރުސޕީޑްގައި ވައިރަސް ފެތުރެމުންދާ ސަރަޙައްދުތައްވެސް ވަނީ ބަންދު ކުރެވިފައެވެ. ކޮރޯނާ ވައިރަސް އިންޓަލީގެ ހަތަރު ހާހަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވާއިރު ދުއިސައްތައާ ގާތްކުރާ ޢަދަކަކަށް އެބަލީގައި އިޓަލީން ވަނީ މީހުން މަރުވެފައެވެ. ޗައިނާ ފިޔަވައި މިހާރު އެންމެ ގިނަ ޢަދަދަކަށް މިބަލީގެ މީހުން މަރުވެފައިވަނީ އިޓަލީންނެވެ.

ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ އެއްލައްކަ އަށް ވުރެ އިތުރު ވެފައެވެ. ދުނިޔޭގެ 92 ޤައުމަކަށް މިބަލި ވަނީ ފެތުރިފައެވެ. 3 ހާސް ފައްސަތޭކައަށް ވުރެ ގިނަ މީހުން މިބަލީގައި ވަނީ މަރުވެގެން ގޮސްފައެވެ.

ފަރުކޮޅުފުށީގެ އިތުރުން އައިސީޔޫގެ ވަޞީލަތްތަކާއެކު ވިލިވަރުވެސް ތައްޔާރީ ޙާލަތުގައި

ކޮވިޑް- 19 އަށް ޝައްކުކުރެވޭ މީހުން މިހާތަނަށް ކަރަންޓީން ކޮށްފައިވަނީ ފަރުކޮޅުފުށީގައެވެ. ފަރުކޮޅުފުށީގެ އިތުރުން ކަރަންޓީން ވަޞީލަތްތަކާއެކު ވިލިވަރުވެސް ތައްޔާރީ ޙާލަތަށް ގެނެސްފައިވާ ކަމަށް ރޭ ބޭއްވި ޕްރެސް ކޮންފަރެންސްގައި ސަރުކާރުން ވަނީ ހާމަކުރައްވައިފައެވެ. ރޭގެ ޕްރެސްކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވީ 30 މީހުންގެ ޖާގައިގެ އައިސީޔޫގެ ވަޞީލަތްތަކާއެކު، ވަގުތުން މީހުންނަށް ފަރުވާދެވޭ ފެންވަރަށް ވިލިވަރު ވެސް ތައްޔާރީ ޙާލަތަށް ގެނެސްފައިވާ ކަމަށެވެ. އެޅިފައިވާ ފިޔަވަޅު ތަކުން އެންމެ ނުރައްކާ ހާލަތަށް ވެސް ރާއްޖެއިން ތައްޔާރުވެވިފައިވާކަމަށް ޤަބޫލުކުރައްވާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދު ފާހަގަ ކުރެއްވިއެވެ.

"އަޅުގަނޑުމެން ރައްޔިތުންނަށް ދޭން ބޭނުންވާ ޔަޤީންކަމަކީ އާއްމުރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މީހުން ކަރަންޓީން ކުރަން ޖެހިއްޖިއްޔާ ޑަބްލިޔޫއެޗްއޯގެ މިންގަނޑާ އެއްގޮތަށް މީހުން ކަރަންޓީން ކުރެވޭނެ ހުރިހާ މިންގަނޑުތަކަކަށް ދިވެހި ރާއްޖޭގައި އެ ފެސިލިޓީސް ހުންނާނެކަން. މީގެ ތެރޭގައި ހޯމް ކަރަންޓީންވެސް އައިލެންޑް އައިސޮލޭޝަން ކަރަންޓީންވެސް އަދި ހޮސްޕިޓަލް ކަރަންޓީންވެސް ހިމެނޭ" ޢަލީ ވަޙީދު ވިދާޅުވިއެވެ.

އަވަށްޓެރި ހުރިހާ ޤައުމަކުން ކަހަލަ ގޮތަކަށް މިވައިރަސް ފެނިފައިވާއިރު ރާއްޖެއަށް މނިހާތަނަށް ވެސް މިވައިރަސް ނައިސް ވަނީ ރައްކާތެރި ވުމަށް އެޅިފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް ރޭގެ ޕްރެސް ކޮންފަރެންސްގައި ދެ ވަޒީރުން ވެސް ފާހަގަ ކުރެއްވިއެވެ. އަދި އެއި އެކަމަށްޓަކާ ﷲ ށް ޙަމްދުކުރަންޖެހޭ ކަމެއްކަންވެސް ފާހަގަ ކުރެއްވިއެވެ.

ހެލްތް މިނިސްޓަ ޢަބްދުﷲ އަމީން ވިދާޅުވީ ކޮވިޑް-19 ށް ޓެސްޓް ކުރެވޭނެ އިންތިޒާމު މިހާރު ރާއްޖޭގައި ޤާއިމްކުރެވިފައިވާއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މިބައްޔަށް ފަރުވާދެވޭނެ މީހުން ތަމްރީނުކޮށް ވަޞީލަތްތައް ޤާއިމްކޮށްފައިވާ ކަމަށެވެ. މިބަލީގައި ނުރައްކާ ޙާލަތަށް ދަނީ ނޭވާލުމުގެ ނިޒާމުގެ ބަލިތަކުގެ މީހުންކަން މިނިސްޓަރ އަމީން ފާހަގަކުރެއްވިއެވެ. އެންމެ މުހިންމު ކަމަކީ ޢަލާމާތެއް ފެނިއްޖެނަމަ ކަނޑައެޅިފައިވާ އުޞޫލާ އެއްގޮތަށް ޢަމަލު ކުރުން ކަމަށް ވިދާޅުވިއެވެ.

ރަށްރަށް ކަރަންޓީންކޮށް އަރައިފޭބުން މަނާކޮށް ރޯގާ ތައް ކޮންޓްރޯލް ކުރުމަކީ އަޅުގަނޑުމެންގެ ރާއްޖެއިން ކުރިން ކޮށްފައިވާ ތަޖްރިބާއެކެވެ. ނަމަވެސް މިފަހުގެ ތާރީޚްގައި ކޮށްފައިވާ ތަޖްރިބާއަކަށް ނުވާތީ ރައްޔިތުންގެ ހާސްކަން އެކަމުގައި އުފެދުމަކީ އެކަށީގެންވާ ކަމެކެވެ. ރޯގާގެ ބިރުވެރިކަމުގެ އިތުރުން ކާބޯތަކެއްޗާއި އެހެންވެސް ވަޞީލަތްތައް ހޯދުމުގައި ދަތިތަކާ ކުރިމަތިވާނެ ކަމުގެ ބިރެވެ. އަރައިފޭބުން މަނާ ކުރެވިފައިވީ ނަމަވެސް ރަށްރަށަށް ބޭނުންވާ ކާރޑްގެ ބާވަތްތަކާއި އެހެންވެސް ވަޞީލަތްތައް އެރަށަށް ފޯރުކޮށް ދެވޭނެކަމުގެ ޔަޤީން ކަންވެސް ސަރުކާރުން ވަނީ ދެއްވައިފައެވެ. އެހެން ކަމުން އެންމެ މުހިންމީ ބަލިން ރައްކާތެރިވުމަށް ފަރުދީ ޒިންމާ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.