ކޮވިޑް 19 އާ ގުޅިގެން ވަޒީފާގެއްލޭ މީހުންނާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުނަށް، މުސާރައެއްލިބޭ އިޤްތިޞާދީ މަސައްކަތެއްގައި ބައިވެރިކުރުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅަން ނިންމައިފިއެވެ.
މިއްސަލަ މާދަމާ ވެބްކޮންފަރެންސްކޮށް ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާއަށް ހުށަހެޅުމަށް ވަނީ ނިންމަވައިފައެވެ. މިމައްސަލަ މަޖިލީހަށް ހުށަހަޅުއްވަނީ އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢާޒިމެވެ. އޭނާ ވަނީ އެ މައްސަލަ މާދަމާގެ ޖަލްސާއަށް ހުށަހަޅުއްވާނެކަމަށް ވިދާޅުވެ، ހުށަހަޅުއްވާ މައްސަލައިގެ ކޮޕީއެއް ވެސް ޓްވީޓް ކުރައްވައިފައެވެ.
މިމައްސަލައިގައިވާގޮތުން ވަޒީފާ ގެއްލިފައިވާ މީހުންނާއި ދުވަހު މުސާރައަށް މަސަކަތްކުރާ މީހުނަށް މުސާރައެއް ދޭން ރާވާއިރު އެމީހުން ކުރާ މަސައްކަތްތަކުން އިޤްތިޞާދީ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތްތަކަކަށް ރާވަންޖެހޭނެއެވެ. އެގޮތުން މިޙާލަތުގައި ރާއްޖޭގައި ތަރައްޤީކުރެވޭނެ އިޤްތިޞާދީ މަސައްކަތްތަކަކީ ކޮބައިތޯ ބަލައި ވީއެންމެ އަވަސް ފުރުޞަތެއްގައި އެދާއިރާތަކުގެ މަސައްކަތް ފެށުން މުހިއްމުކަން ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން މިޙާލަތުގައި ވެސް ކުރެވިދާނެ ކަންކަމުގެތެރޭގައި ދަނޑުވެރިކަމާއި މަސްވެރިކަން ވަނީ ފާހަގަ ކުރައްވައިފައެވެ.
ދަނޑުވެރިކަމުގެ ދާއިރާއިން ކުރެވިދާނެ ކަންކަމުގެ ތެރޭގައި ބޮޑެތި ރަށްތައް ފާހަގަކޮށް އެގްރިކަލްޗަރ މިނިސްޓްރީން ދަނޑުވެރިކަމުގެ ސިނާޢަތު ކުރިއެރުވުމަށް އެރަށްރަށުގައި ޕްރޮގްރާމްތައް ހިންގިދާނެކަން ވަނީ ފާހަގަ ކުރައްވައިފައެވެ.
މަސްވެރިކަމަށް ކަނޑައަޅާފައިވާ ޕެކޭޖްގެތެރޭގައި މަސްރައްކާކުރެވޭނެ ގޮތް ހަދައި (މަސްކައްކައި/ ހިއްކައި) ރާއްޖޭގެ ބާރަށާއި ދުނިޔޭގެ ބާޒާރަށް އުފެއްދުންތައް ފުޅާކުރަން ބޭނުންވާ މީހުންނަށް ޚާއްޞަ ޕެކޭޖެއް ކަނޑައެޅުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ވަނީ ގޮވާލައްވައިފައެވެ.
މާދަމާގެ ޖަލްސާ އަށް ހުށަހަޅާ މައްސަލައިގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އާއިލާތަކާއި ވިޔަފާރިތަކުގެ އާއްމުދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް ސަރުކާރުން ހިންގުމަށް ނިންމައިފައިވާ ޕްރޮގްރާމްތައް ތަންފީޒުކުރުމަށް މަޖިލީހުން ދެކޭ ގޮތް ކަނޑައެޅުމެވެ. މިމައްސަލައަކީ ރައްޔިތުންނާއި ޤައުމުގެ މަސްލަޙަތު ހިމެނޭ މުހިންމު މައްސަލައަކަށް ވާތީ މައްސަލަ ހުށަހަޅުއްވަނީ މަޖިލީހުގައި ބަހުސް ކޮށް ގޮތެއް ނިންމުމަށެވެ.
މެމްބަރ ޢަޒީމް ހުށަހެޅުއްވި މައްސަލައިގައި އިޤްތިޞާދީ ޕެކޭޖް ތެރޭގައި ސަރުކާރުން ކަނޑައަޅުއްވައިފައިވާ ކަންކަން ވަނީ ފާހަގަކުރައްވައިފައެވެ.