އާއްމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢްލާންކުރުމުގައި މަޖިލީހަށް ބޮޑެތި ބާރުތަކެއް، ލިބޭގޮތަށް ޤާނޫނަށް އިޞްލާޙު ގެންނަން ހުށަހަޅުއްވައިފިއެވެ.
އާއްމު ޞިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނަށް މި އިޞްލާޙު ތައް ގެނައުމަށް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވައިފައެވެ. ބިލަށް ހުށަހަޅައިފައިވާ އިޞްލާޙުގައި ވާގޮތުން އާއްމުޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރާތާ 48 ގަޑިއިރު ތެރޭގައި އެކަން އިއުލާންކުރާ އެޤަރާރަށް މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅަންޖެހޭނެއެވެ. މަޖިލީހަށް ދީފައިވާ ބާރުތަކުގެ ތެރޭގައި ޤަރާރަށް އުނި އިތުރު ގެނައުމާއި ގަރާރުން ވަކި ބައެއް ނުވަތަ އެއްކޮށް ފާސްކުރުމުގެބާރު ހިމެނެއެވެ. މީގެ ތުރުން މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުގެ ބާރުވެސް ބިލުން ވަނީ މަޖިލީހަށް ދީފައެވެ. އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު ކުރެވޭނީ ވެސް މަޖިލީހުގެ ރުހުން ހޯދައިގެންނެވެ. މަޖިލީހުންވެސް ފަހަރަކު އިތުރު ކުރެވޭނީ 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތެއްކަމަށް ބިލުގައި ބުނެއެވެ. މިބިލް ފާސްވެ ޤާނޫނަކަށް ވާއިރު އާއްމު ޞިއްޙަތުގެ ކުލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައި ވާނަމަ ބިލުގައި ވާ އުޞޫލަށް ޤަރާރާމެދު ޢަމަލު ކުރަންޖެހޭނެކަމަށް ވެސް ވަނީ ބުނެފައެވެ.
އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ފައިސާ ޚަރަދު ކުރަން ޖެހެނީ ވެސް މަޖިލީހުން ކަނޑަޅާ އުޞޫލެއްގެ މަތިންނެވެ. ބިލުގައި ވަނީ އެއްވެސް ސަބަބަކާ ހުރެ އާއްމު ޞިއްހަތުގެ ނުރައްކަލެއް ދިމާވެއްޖެ ނަމަ ހޭދަ ކުރާނެ ފައިސާ ބަޖެޓުގައި ހިމަނާފައި ނެތް ވަގުތެއްގައި އެފަދަ ނުރައްކަލެއް ދިމާވެއްޖެ ނަމަ ނުވަތަ އެފަދަ ކަމަކަށް ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެން ކުރަންޖެހޭ ހޭދަ އިތުރުވާނަމަ، ފައިސާ ބޭނުންވާ މިންވަރެއް، ތަފްސީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ވާނެ ކަމަށެވެ. އަދި މަހުން މަހަށް ހިނގާ ޚަރަދު ތަކުގެ ތަފްޞީލްތައްވެސް މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށް ވެސް ބުނެފައިވެއެވެ
އާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލާތާ 60 ދުވަހުގެ ތެރޭގައި ކުއްލި ނުރައްކަލުގެ ހާލަތުގައި ކުރި ޚަރަދުތަކުގެ ތަފްޞީލް އެނގޭނެ ފުރިހަމަ އޮޑިޓް ރިޕޯޓެއް ރައީސުލް ޖުމްހޫރިއްޔާއާއި އޮޑިޓަރ ޖެނެރަލް އާއި އަދި މަޖީލީހަށް ވެސް ހުށަހަޅަން ޖެހެއެވެ. އަދި 90 ދުވަހުގެ ތެރޭގައި ބިލުގައި ބުނާ ވަކިކަންކަން ހިމެނޭ ގޮތަށް މިންވަރު ވަޒަންކުރާ ރިޕޯޓެއްވެސް ރައީސުލްޖުމްހޫރިއްޔާއާއި މަޖިލީހަށް ހުށަހަޅަން ޖެހޭނެކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.
އާއްމު ޞިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި މަޖިލީހުގެ މަސައްކަތް ހިންގަން ޖެހޭނެ އުޞޫލުވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. މިބިލް ސަރުކާރު ފަރާތުން މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދެވެ.