
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ބަލިން ސަލާމަތްވެފައިވާކަން މިއަދު ހާމަކޮށްފިއެވެ.
ދަރުބާރުގޭގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި އެކަން ހާމަކުރެއްވީ ޑރ މުޢާޒެވެ. އެ ދެމީހުންގެ ބަލި ފަސޭހަވަމުން ބަލިޖެހުނު 14 މީހުންގެ ތެރެއިން 11 މީހަކު ވަނީ ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ގެންދަނީ ތިން މީހަކަށެވެ.
މިބައްޔަށް އެންމެ ފަހުން ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި 38 އަހަރުގެ ދިވެއްސެކެވެ. އޭނާ ރާއްޖެއަށް އައީ މިމަހު 22 ވަނަ ދުވަހުއެވެ. ރާއްޖެއަށް އައުމާއެކު އޭނާވަނީ ކަރަންޓީން ކުރެވިފައެވެ. އޭރު އޭނާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެނެއެވެ. އެހެންނަމަވެސް 25 ވަނަ ދުވަހު އަލާމާތްތައް ފެނިގެން އޭނާ ޓެސްޓު ހެދީއެވެ. ޓެސްޓްގެ ނަތީޖާ އިއްޔެ ލިބުނުއިރު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭނާ މިހާރުވަނީ ވެލިވަރު އައިސޮލޭޝަނަށް ގެންގޮސްފައެވެ. އޭނާގެ ޙާލު ރަނގަޅު ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.