ހަތް ދިވެހީންގެ ހުރިހާ ކަމެއް ބަލަހައްޓާނީ އިންޑިއާ ސަރުކާރުން

ޗައިނާއިން މިއަދު ހެނދުނު އިންޑިއާއަށް ގެންދިޔަ 7 ދިވެހީންގެ ހުރިހާކަމެއް ބަލަހައްޓަވާނީ އިންޑީއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އެ މީހުން ކަރަންޓީނުގައި ތިބޭއިރު ކުރަންޖެހޭ ހުރިހާ ކަމެއްވެސް އެމީހުންނަށް ކޮށްދޭނީ އިންޑިއާ ސަރުކާރުން ކަމަށެވެ. އޭގޭ ތެރޭގައި ކެއުންބުއިމުގެ ކަންކަމާއި، ތިބުމާއި، ބޭސްފަރުވާގެ ކަންކަން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމީހުން އިންޑިއާގައި ކަރަންޓީނުކޮށްފައި ބައިތިއްބާނީ ކިހާދުވަހަކު ކަމެއް ނޭނގޭއެވެ. އެމީހުން ރާއްޖެ ގެންނާނީ ކަރަންޓީނުމުގެ މުއްދަތަށްފަހުގައެވެ. އެމީހުން އިންޑިއާއަށް ގެނެސްފައިވަނީ ޗައިނާގައި ކޮރޯނާ ވައިރަސް ހަލުއި ކަމާއެކު ފެތުރެމުންދާތީއެވެ.

ޗައިނާގައި އަދިވެސް 43 ދިވެހީން އެބައުޅެއެވެ. ވުހާން ސިޓީފިޔަވައި އެހެން ސިޓީތަކުގައި އުޅެމުންދާ ދިވެހީން ރާއްޖެއަށް އައުމަށް ބޭނުން ކަމަށްވާނަމަ މޯލްޑިވިއަން މެދުވެރިކޮށް ހިލޭ ރާއްޖެ އައުމުގެ އިންތިޒާމް ސަރުކާރުން ވަނީ ހަމަޖައްސަވައިފައެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މިއަދު ވިދާޅުވީ އެފުރުސަތުގައި ނަންނޯޓު ކުރީ ދެ ދިވެހީން ކަމަށެވެ. އެހެނަނަމަވެސް އެތަނުން އެކަކުވަނީ އަނބުރައި ނަންނަގައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.