ކޮވިޑް-19 އައްޑޫ ސިޓީގައި ފެތުރު އެންމެ ނުރައްކާތެރި ހާލަތަށް ވެސް އައްޑޫ ސިޓީ ވަނީ ތައްޔާރުވެފައި ކަމަށް އެ ސިޓީގެ މޭޔަރު އަދި އައްޑޫ ކޮވިޑް ޓާސްކް ފޯހުގެ ކޯޗެއަރ އަބްދުﷲ ސާދިގު (ސޯބެ) ވިދާޅުވެއްޖެއެވެ.
އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ކޮވިޑް-19 ރާއްޖެއިން ފެނުމުގެ ކުރިން ވެސް އެކަމަށް ސިޓީއައީ ތައްޔާރުވަމުން ކަމަށެވެ. އެގޮތުން ސިޓީ ސަރަހައްދު ތަކަށް ބަހައި ސޯޝަލް ސަޕޯޓު ދޭނެ ޓީމްތައް އެކުލަވާލައިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ. ބަލި ބޮޑުވެ ލޮކްޑައުންއަކަށްދާން ޖެހިއްޖެ ކަމަށްވާނަމަ ކަރަންޓީނުގައި ތިބޭ މީހުންނާއި އައިސިލޭޝަންގައި ތިބޭ މީހުންނާއި ބަލިމީހުންނަށް ބޭނުންވާނެ ހުރިހާ އެހީއެއް ދޭނެ ގޮތާއި އެހީ އެމީހުންނާ ހައަށް ފޯރުކޮށްދޭނެ ގޮތްތައް ވެސް ރާވާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކާބޯތަކެތި ޑެލިވަރ ކޮށްދޭނީ ކޮންފިހާރަތަކަކުން، ކޮންބައެއް، ކިހިނެއްކަން ވެސް ކަނޑައަޅާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ސޯބެ ވިދާޅުވީ މޭޔަރުގެ ހައިސިއްޔަތުން އައްޑޫ ސިޓީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާ މެދު ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެފަދަ ކަމަކުން ރައްޔިތުން ސަލާމަތް ކުރުމަށް ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިހާލަތުގައި އެއްބަޔަކު އަނެއްބައެއްގެ ހިތްވަރު އެލުވާލައި އިތުބާރު ގެއްލޭ ޒާތުގެ ކަންކަން އަމުދުން ކޮށްގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެގޮތަށް ހެދުމުން ބައެއް ކަންކަން ތަންފީޒު ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"އިއްޔެ ހަވީރު ވެސް ހައެއް ޖެހުމާއެކު ހުރިހާ ރެސްޓޯރަންޓްތަކާއި ފިހާރަތައް ބަންދުކުރި. އެހެންނަމަވެސް ބަންދު ކުރުމަށްފަހު އެއް ފިހާރައެއް ހުޅުވި. ރޭ ނުވައެއްހައި އެހައިކަންހާއިރު ފުލުހުން ވަނީ އެތަނަށް ގޮސް އެތަން ބަންދުކޮށްފައި. އައްޑޫ ސިޓީގެ ރައްޔިތުން ގެންދަނީ އެންގުންތަކަށް ބޯލަބަމުން. އެ ޙާލަތުގައި އެއްބަޔަކު އަނެއްބަޔަކަށް އޮންނަ އިތުބާރު ގެއްލޭފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެ،" ސޯބެ ވިދާޅުވިއެވެ.
ކޮވިޑް-19 އަކީ ނުރައްކާތެރި ބައްޔެއް ކަމަށާއި އެންމެ މިހަކަށް އެބަލި ޖެހި އެމީހާ ފަރުވާކުޑަކޮށް ރަށުތެރޭގައި އުޅޭކަމަށްވާނަމަ ބޮޑުބަލިމަޑުކަމެއް އުފެދިދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތެއް ކަމަށް މިވަގުތު ފެންނަން އޮތީ އެންމެން ގޭގައި ތިބުން ކަމަށް އޭނާ ވިދާޅުވިއެވެ.
Heyo nuvaane thikahala dhogu hadhan