ކޮވިޑް- 19 ގައި ހާލުބޮޑުވި މީހާއަށް ދެވުނު ފަރުވާ- ގޮންޖެހުންތަކާއެކު ޑޮކްޓަރުން ކުރި އައު ތަޖުރިބާއެއް

ކޮވިޑް- 19 އިން ދެމީހަކު ރަނގަޅުވި ވާހަކައަކީ އަޅުގަނޑުމެންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. މިބަލިން ރަނގަޅު ވެފައި ވަނީ ޙާލު ބޮޑުވެގެން ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދިން، ޢުމުރުން 70 އަހަރުން މަތީގެ މީހާއާއި އޭނާގެ އަންހެނުންނެވެ. މިއަދު ވަނީ އައިސޮލޭޝަން ފެސިލިޓީގައި ހުރި އިތުރު މީހަކު މިބަލިން ރަނގަޅުވެފައެވެ. މި މީހުން ރަނގަޅުވުމާއެކު ރާއްޖޭގައި މިހާރު އެބަލި ޖެހިފައިވާ މީހުންގެ ޢަދަދަކީ 10 އެވެ. މިހާތަނަށް އެއްވެސް ދިވެއްސަކަށް މިބަލި ޖެހިފައެއް ނުވެއެވެ. އަދި އިތުރު ބަލިމީހަކު ނުފެންނަތާ ވެސް ހަފާތާއަކާ މިވަނީ ގާތް ވެފައެވެ.

ކޮވިޑް- 19 އިން މި ދެމީހުން ރަނގަޅުވިކަމަށް ޑޮކްޓަރުން ނިންމައިފައިވަނީ 14 ދުވަހުގެ މުއްދަތުގެ ތެރޭގައި ތިންދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ހުމުގެ އަސަރު ނުފެނި ބަލިމީހާގެ ޙާލަތު ރަނގަޅަށް ހުރެފައި ދެފަހަރަށް ހެދި ޓެސްޓްތަކުން ކޮވިޑަށް ނެގެޓިވް ވުމުންނެވެ. ނުވަތަ ބަލިނެތްކަން ދެޓެސްޓުން ވެސް ކަށަވަރުވުމުންނެވެ.

ކޮވިޑްގެ ބަލިމީހުންނަށް ފަރުވާ ދެއްވުމުގައި އެންމެ އިސްކޮށް އުޅުއްވި އައިޖީއެމްއެޗްގެ ނޭވާލާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރ މުސާ ޙުޞައިން ވިދާޅުވީ ހާލުބޮޑުވި ބަލިމީހާގެ ގައިން އަލާމާތް ފެނުނު ދުވަހުން ފެށިގެން 14 ދުވަސް ހަމަވީ މިމަހު 19 ވަނަ ދުވަހުގައި ކަމަށެވެ. އެދުވަހު ވަނީ ބަލިމީހާގެ ސާމަޕަލް ނަގައި ޓެސްޓްކޮށްފައެވެ. އެނަތީޖާއިން ދެއްކީ ބަލިމީހާ ކޮވިޑް -19 އަށް ނެގެޓިވް ނުވަތަ ބަލި ނެތްކަމަށެވެ. ދެވަނަ ސާމްޕަލް ޓެސްޓްކުރީ އިއްޔެއެވެ. އެޓެސްޓުންވެސް ދެއްކީ އެމީހާ ކޮވިޑަށް ނެގެޓިވް ނުވަތަ ބަލި ނެތްކަމަށެވެ. އެހެންކަމުން މިއަދު ނުވަތަ މާދަމާގެ ވަގުތެއްގައި ބަލިމީހާ އައިސީޔޫއިން ދޫކޮށްލާނެއެވެ. ނަމަވެސް ޑަބްލިޔޫއެޗްއޯގެ މިންގަނޑުގައިވާގޮތުން ދެހަފްތައަށް އެދެ މީހުން އަދި އައިސޮލޭޝަންގައި ނުވަތަ އެކަހެރިކޮށްފައި ހުންނަންޖެހޭނެކަމަށް ޑޮކްޓަރ ފާހަގަކުރެއްވިއެވެ. އެ ދެހަފްތާތެރޭގައިވެސް އިތުރަށް ބަލި ފެނޭތޯ ކަށަވަރުކުރުމަށް ޓެސްޓްހަދާ އެމީހާގެ ޙާލަތު މޮނިޓަރ ކުރަމުން ގެންދެވޭނެކަމަށް ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ. އިތުރަށް އައިސޮލޭޝަންގައި ހުނަންނަ ޖެހޭ މުއްދަތު ހަމަވެގެން އެނބުރި ޤައުމަށް ދިއުމުގެ ކުރިންވެސް ޓެސްޓްޓައް ހަދާ ބަލިނެތްކަން އިތުރަށް ކަށަވަރު ކުރައްވާނެކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. ބަލި ރަނގަޅު ވުމުންވެސް އައިސޮލޭޝަނަށް ނުވަތަ އެކަހެރިކޮށް މީހާ ބަހަށްޓަންޖެހެނީ ދެވަނަ ފަރަށް ވެސް ބަލިޖެހުމުގެ ފުރުޞަތު އޮންނަތީކަން ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

ދެމީހުން ކޮވިޑް 19 އިން ރަނގަޅު ވުމުން ދަރުމަވަންތަ ހޮސްޕިޓަލް (ޑީއެޗް) ގެ 11 ވަނަ ފަންގިފިލާގެ އައިސީޔޫގައި ފަރުވާ ދެމުން ދަނީ ކޮވިޑް-19 ގެ އެންމެ ބަލި މީހަކަށެވެ. އެމީހާގެ ހާލު ވެސް މިހާރު ހަމަޔަކަށް އެޅެމުން އަންނަކަމަށް ފަރުވާ ދެއްވުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގަންނަވާ ޑޮކްޓަރ މޫސަ ވިދާޅުވިއެވެ.

ފަރުވާދިނުމުގައި ގޮންޖެހުންތައް ކުރިމަތިވި:

ކޮވިޑް 19 އަށް ފަރުވާދިނުމަކީ އެހެން ބަލިބައްޔަށް ފަރުވާދިނުމާ ތަފާތު ގޮތަކަށް ކުރަންޖެހޭ ކަމެއްކަން އެޑޮކްޓަރުންގެ ވާހަކައިންވެސް އަޅުގަނޑުމެންނަށް އެނގެއެވެ. އަދި އެބަލީގެ "ކްރިޓިކަލް" ނުވަތަ އެންމެ ނާޒުކު ޙާލަތުގައި ފަރުވާ ކުރުމަކީވެސް އެހެން ބަލިބަލީގައި އައިސީޔޫގައި ތިބޭ ބަލިޙާލު ބޮޑު މީހުންނަށް ފަރުވާ ދިނުމާވެސް ވަރަށް ތަފާތު ކޮށް ކުރަންޖެހޭ ކަމެކެވެ. ދުނިޔޭގައި މިބައްޔަށް ފަރުވާ ދެމުންދާ ހުރިހާ ޑޮކްޓަރުންވެސް ކުރަމުން އެދަނީ އާތަޖްރިބާ ތަކެކެވެ. އަޅުގަނޑުމެންގެ ރާއްޖެއިން މިބަލީގެ އެންމެ ނާޒުކު ޙާލަތަށް ގޮސް ރަނގަޅުވި މީހަށް ފަރުވާދެއްވި ހިތްވަރުގަދަ ޖެހިލުންކުޑަ ޑޮކްޓަރުން ވެސް މިވަނީ، ކޮވިޑް 19 ގެ ބަލިމީހަކަށް ކްރިޓިކަލް ޙާލަތުގައި ފަރުވާދިނުމުގެ ކާމިޔާބު ތަޖްރިބާތަކެއް ފުރަތަމަ ފަހަރަށް ހޯއްދަވައިފައެވެ. ބަލިމީހާއަށް ފަރުވާދެއްވި ފުރަތަމަ ދުވަހު ވެދާނެ ގޮތަކާމެދު ކަންބޮޑުވެވަޑައިގެންނެވިކަމަށް ރާއްޖޭގެ ތަޖްރިބާކާރު ޑޮކްޓަރ މޫސަ ވިދާޅުވިއެވެ.

"އޮކްސިޖަން ދުވަހެއް ދުވަހަކަށް ދަށްވަމުންނޭ ދަނީ ވެންޓިލޭޓަރަށް ލާންޖެހޭނެބާއޭ. އެހާވެސް ސިކުވެގެން ހިގައިދާނެބާއޭ" ހިތަށް އެރިކަމަށް، ކޮވިޑްގެ ޙާލުބޮޑުވި މީހައަށް ފަރުވާދެއްވަން ފެށްޓެވި ދުވަހުގެ އިޙްސާސްތައް ނޫސްވެރިންނާ ޙިއްސާ ކުރައްވަމުން، ފަރުވާ ދެއްވުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައި ގެންނެވި ޑޮކްޓަރ މޫސަ ވިދާޅުވިއެވެ.

ކޮވިޑް-19 ގެ ބަލިމީހުންނަށް ފަރުވާ ދިނުމުގައި އެންމެ އިސްކަން ދޭންޖެހޭ އެއްކަމަކީ ފަރުވާ ދެއްވާ ޑޮކްޓަރުން ބައްޔަށް ހުށަނޭޅި ފަރުވާ ކުރިއަށް ގެންދެވުމެވެ. މިއީ ވެސް މިބައްޔަށް ފަރުވާދެއްވި ޑޮކްޓަރުންކުރެއްވި އާތަޖްރުބާ ތަކެކެވެ.

"ފުރަތަމަ ވަރަށް ބޮޑަށް ތައްޔާރުވެގެން ޕޭޝަންޓް ކައިރިއަށް ވެސް ދާންޖެހެނީ. (އެހެންކަމުން) ބަލިމިހާ ކައިރިއަށް ގޮސްބަލާ މޮނިޓަރކޮށްހަދަން ތަންކޮޅެއް އުދަނގޫ. އެކަމުވެސް ކައިރިއަށް ގޮސް ބަލަންޖެހޭ ހުރިހާ ބެލުންތަކެއް ބަލަމުން ދިޔައީ" ގޮންޖެހުންތަކާ އެކުވެސް ފަރުވާ ދެމުންދިޔަ ގޮތް ހާމަކުރައްވަމުން ޑޮކްޓަރ ވިދާޅުވިއެވެ.

 ބަލި މީހާއަށް ފަރުވާ ދިނުމުގައި ހޭދަކުރި ކޮންމެ ދުވަހަކީ ވެސް ޑޮކްޓަރުންނަށް އާ ތަޖްރިބާތަކެއް ލިބިގެން ދިޔަ ދުވަހެކެވެ. ބަލި މިހާއަކީ ޢުމުރުން 70 އަހަރުގެ މީހަކަށް ވުމުން ވެސް އެއީ ޑޮކްޓަރުންނަށް ފަރުވާ ދީ ރަނގަޅުކުރުމަށް ދިމާވާނެ ގޮންޖެހުމެކެވެ.

"ފުރަތަމަ ތިން ދުވަހު އޮކްސިޖަން ވަރަށް ބޮޑަށް ދަށްވެގެންދިޔަ. ހަތަރުވަނަ ދުވަހު ބޭރަށްހިންގުމުގެ މައްސަލަ ކުރިމަތިވި އިމްޕްރޫވްމަންޓެއް ފެންނަންފެށީ ފަސްވަނަ ދުވަހު. ފަސްވަނަދުވަހު ކެއްސުމުގެ މިންވަރު ދަށްވި." ބަލި މީހާގެ ޙާލަތު ބަދަލު ވަމުން އައި ގޮތް ހާމަ ކުރައްވަމުން ޑޮކްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް 19 އަށް ފަރުވާދިނުމުގައި ބޭނުންކޮށްފައިވަނީ ޗައިނާއާއި ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ބޭނުންކުރާ ބޭސް ފަރުވާކަމަށް ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

"ވަކި ޚާއްޞަ ބޭހެއް ނުހުރޭ. އެއަށް (ކޮވިޑް 19) އަށް ހުރީ މުޅިންރިސާރޗް ބޭސްތަކެއް. ޗައިނާއާއި އެހެންވެސް ޤައުމުތަކުގެ އެކްސްޕީރިއެންސަށް ބަލާފައި ދެމުންދިޔަ ބޭސްތައް ދިނީ. ބޭސްދިނީމާ 48 ގަޑީއިރުތެރޭގައި ހުންމަޑުވެގެންދިޔަ. އެހެންކަމުން އަޅުގަނޑުމެން ޤަބޫލުކުރަނީ އެބޭހަށް ރެސްޕޮންޑްކުރީކަމަށް." ކޮވިޑް 19 އިން ރަނގަޅުވި މީހާއަށް ދެވުނު ފަރުވާ ނޫސްވެރިންނާ ޙިއްސާ ކުރައްވަމުން ޑޮކްޓަރ ވިދާޅުވިއެވެ.

އާދައިގެ ނިއުމޯނިއާ ކޮވިޑްގެ ނިއުމޯނިއާ ވަރަށް ތަފާތު

ރާއްޖެއިން ކޮވިޑްގެ އެންމެ ނާޒުކުޙަލާތާ ހަނގުރާމަކުރި އިޓަލީގެ ބަލިމީހާއަށް ފަރުވާ ދިނުގައި އިސްކޮށް އުޅުއްވި ނޭވާލާ ނިޒާމުގެ ޑޮކްޓަރ މޫސާ ޙުޞައިން ވިދާޅުވި ގޮތުގައި ކޮވިޑްގެ ނިއުމޯނިއާ އާދައިގެ ނިއުމޯނިއާ ވަރަށް ތަފާތެވެ. އާންމުކޮށް ބެކްޓީރިއާއިން ޖެހޭ ނިއުމޯނިއާ ޖެހެނީ ފުއްޕާމޭގެ އެއް ފަރާތަށްކަމުގައި ވިއަސް ކޮވިޑްގެ ނިއުމޯނިއާ ޖެހެނީ މުޅިފުއްޕާމެއަށް ކަމަށް ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

"މުޅިފުއްޕާމޭ އެއްކޮށް ދެފެރާތަށާއި މައްޗާއި މޭދާއި ތިރިއަށް ވެސް އެބަޖެހޭ. އެހެންކަމުން އެންމެ ސިވިއަރ ޙާލަތަށް ދާއިރު އޮކްސިޖަން ނުހިފަހަށްޓާ ގޮތްވޭ. ކޮވިޑްގައި ގިނަޢަދަދެއްގެ މީހުން ނިޔާވެގެން ވެސް ދަނީ އެހެންވެ" ކަމަށް ޑޮކްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ފަރުވާ ދެމުން ދިޔައިރު ކޮވިޑާ ގުޅިގެން އަންނަ އެހެން ކަންކަންވެސް ހުންކަން ފަރުވާދެވުނު ބަލިމީހާގެ ފަރާތުން ޑޮކްޓަރުންނަށް ވަނީ ތަޖްރިބާ ކުރެއްވިފައެވެ. އޭގެތެރޭގައި މީހާގެ ހިމޮގްލޯބިން ދަށްވުމާއި ބޭރަށް ހިންގުމާއި ކެލްސިއަމްދަށްވުންފަދަ ކަންކަން ހިމެނެއެވެ. އެހެން ނަމަވެސް ބަލި ރަނގަޅު ވުމަށްފަހު އެކަންކަން ވެސް ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ. ދެ ދުވަހެއްގެ ތެރޭގައި ބޭރަށް ހިންގުންވެސް ރަނގަޅުވެގެން ދިޔަކަން ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

"ކޮވިޑް ނިއުމޯނިއާ އަކީ އަޅުގަނޑުމެންނަށް ވެސް މުޅިން އާއެއްޗެއް. އަޅުގަނޑާއެކު ކިޔަވައިގެން ތިބި އިންޑިއާގެ ޑޮކްޓަރުންނަށް ވެސް މުޅިން އާއެއްޗެއް. އެހެން ވީމާ އާ އިންފޮމޭޝަންތަކެއް އަޅުގަނޑުމެން ވެސް ހޯދަމުން މިދަނީ. ކިހިނެއްތޯ ކުރިއަށް ދާންވީ. އެހެންކަމުން މިބަލިމީހާގެ ފަރާތުން ލިބުނު އެކްސްޕީރިއެންސަކީ މުޅިން އާ އެކްސްޕީރިއެންސްތަކެއް. ލިބުނު އެކްސްޕީރިއެންސް އެހެން ޑޮކްޓަރުންނާ ވެސް ހިއްސާކުރަމުން މިދަނީ. ކޮވިޑް ކޭސްއަށް ޓްރީޓްކުރުމުގެ އެކްސްޕީރިއެންސް އަޅުގަނޑުމެންނަށް ލިބިއްޖެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުގަނޑަށް ލިބިއްޖެ" ނޭވާލާ ނިޒާމުގެ ޚާއްޞަ ޑޮކްޓަރ މޫސާ ޙުޞައިން ވިދާޅުވިއެވެ.

އެބައިމީހުންނަށް ޝުކުރު ޙައްޤު

ރާއްޖޭގައި ކޮވިޑް- 19 އިން ރަނގަޅުވި މީހާއަށް ފަރުވާދިނުމުގައި ޑޮކްޓަރުންނާއި ނަރުހުން ކޮށްފައިވަނީ ވަރަށް ވެސް ގޮންޖެހުން ބޮޑު މަސައްކަތްތަކެކެވެ. ސަލާމަތާއި ރައްކާތެރި ވުމަށް ޑަބްލިޔޫއެޗްއޯގެ މިންގަނޑާ އެއްގޮތަށް ޢަމަލުކުރިނަމަވެސް ސީދާ ބަލީމީހާއާ ކޮންޓެކްޓްވެ ފަރުވާދިނުމަކީ އިންސާނިއްޔަތަށްޓަކައި ކުރެވޭ ވަރަށް ބޮޑު ޤުރުބާނީއެކެވެ. ޑޮކްޓަރުންނާއި ނަރުހުންނާ އެނޫންވެސް މެޑިކަލް ސްޓާފުން ވަމުންއެދަނީ ޝުކުރު ޙައްޤު ޤުރުބާނީއެކެވެ.

ކޮވިޑް- 19 އިން ރަނގަޅުވި މީހުންނަށް ފަރުވާ ދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރ މޫސާ ޙުޞައިން ވިދާޅުވީ ބަލީމީހާ ﷲ އިރާދަފުޅާއެކު ރަނގަޅު ވެގެން ދިޔައީ ޑޮކްޓަރުންނާއި ނަރުހުންނާއި އެންމެންގެ ވަރަށްބުރަ މަސައްކަތުން ކަމަށެވެ. ޚާއްޞަ ގޮތެއްގައި ޑޮކްޓަރ މޫސަ އާއި އެކުގައި ނޭވާލާ ނިޒާމުގެ ބަލިތަކާ ބެހޭ ބައިގައި މަސައްކަތްކުރައްވާ ޑޮކްޓަރުންގެ ނަންތައް ވަކިވަކިން ފާހަގަ ކުރައްވައި ހުރިހާ ނަރުހުންނާއި ޑޮކްޓަރުންނަށް ޝުކުރު އަދާ ކުރެއްވިއެވެ.

"ވަރަށް ހިތްވަރާއެކު ބިރެއްނެތި 24 ގަޑީއިރު އައިސީޔޫގައި މިހާރުވެސް ޑޮކްޓަރުނާ ނަރުހުން ފަރުވާކުރަމުން އެދަނީ. އަޅުގަނޑުމެން އެންމެން ގުޅިގެން ކުރިމަސައްކަތްމީ. އަޅުގަނޑާއެކު މަސައްކަތް ކުރެއްވި ނޭވާލާނިޒާމުގެ އެހެން ޑޮކްޓަރުންވެސް ރެގިއުލާކޮށް ވިސިޓްކޮށް ބަލަމުންދިޔަ. ވަރަށް ބުރަ މަސައްކަތެއް. އިރާދަކުރެއްވީތީ އަޅުގަނޑުމެންނަށް ކާމިޔާބުވެގެން މިދިޔައީ ފުރަތަ ބަލިމީހާ." ކޮވިޑް 19 ގައި ޙާލުބޮޑުވި މީހާއަށް ފަރުވާދީ ރަނގަޅު ކުރެވުނު ގޮތް ހާމަ ކުރައްވަމުން ޑރ މޫސަ ވިދާޅުވިއެވެ.

ފަރުވާ ދެމުން ދިޔަ އިރު ޑޮކްޓަރުންނާއި ނަރުހުންގެ ތެރެއިން ބައްޔަށް ކިރިޔާވެސް ޝައްކު ކުރެވުނު މީހަކު އެކަހެރިކޮށް ޓެސްޓް ހެދިފައިވާނެކަމަށް ޑޮކްޓަރ މޫސަ ވިދާޅުވިއެވެ.

ހާލު ބޮޑުވާ ޙާލަތުގައި ފަރުވާ ދިނުމުގެ ޤާބިލްކަން އިތުރު ކުރަންޖެހޭ

ކޮވިޑް- 19 އަށް ފަރުވާދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މީހާގެ ޙާލު ގޯސްވާ ޙާލަތުގައި ފަރުވާދިނުމުގެ ޤާބިލްކަން ނެތުމެވެ. ޙާލަތު ގޯސްވުމަކީ މިހާގެ ފުއްޕާމޭއަށް ނިއުމޯނީއާ ޖެހި އޮކްސިޖަން ލެވްލް ދަށަށްދާ ޙާލަތެވެ. އެފަދަ ހާލަތުގައި ފަރުވާ ދޭންޖެހެނީ އައިސީޔޫގައެވެ. ރާއްޖޭގައި އަދި އެޙާލަތުގައި ފަރުވާދެވުނީ އެންމެ ދެމީހުންނަށެވެ. އޭގެތެރެއިން އެންމެ ޙާލުބޮޑުވި މީހާ މިހާރު ވަނީ ފަރުވާއަށްފަހު ރަނގަޅުވެފައެވެ.

ކޮވިޑް 19 އަށް ފަރުވާ ދިނުމަށް ޑީއެޗްގެ 11 ވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އައިސީ ޔޫގައި މިހާރު ހުރީ އެންމެ 10 އެނދެވެ. ކްރިޓިކަލް ފަރުވާ ދިނުމުގެ ތަމްރީނު ލިބިފައިވާ މީހުންވެސް ވަރަށް މަދުކަން ރާއްޖޭގައި ކޮވިޑް 19 އަށް ފަރުވާ ދިނުމުގައި އިސްކޮށް އުޅުއްވާ ޑރ މުސާ ޙުޞައިން ވިދާޅުވިއެވެ. އެހެންކަމުން ކްރިޓިކަލް ކެއަރގެ ތަމްރީނުދީ އެކަމަށް ޤާބިލް މީހުން އުފައްދަން ޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން މިހާރު ރާއްޖޭގައި ކްރިޓިކަލް ކެއަރގެ ޙާލަތު އޮތްގޮތް ދިރާސާކޮށް ހުރިހާ ފަންތިއެއްގެ ޑޮކްޓަރުން ކްރިޓިކަލް ކެއަރއަށް ތަމްރީނު ކުރައްވަން ނިންމަވައިފައިވާކަމަށް ޑރ މޫސާ ޙުޞައިން ވިދާޅުވިއެވެ. މިތަމްރީނު ޕްރޮގަރާމް ކުރިއަށް ގެންދެވުމަށް ނިންމަވައިފައި ވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މެޑިކަލް ޓީމްގައި ހިމެނިވަޑައިގަންނަވާ ސައުތު އެފްރިކާގެ ކްރިޓިކަލް ކެއަރގެ ސްޕެޝަލިސްޓަކާއި ކްރިޓިކަލް ކެއާއަށް ޚާޞަ އެމެރިކާގެ ނަރުހުންނާއި ރާއްޖޭގެ ތަޖްރިބާ ކާރުން ބޭނުންކޮށްގެން ކަމަށް ޑރ މޫސަ ވިދާޅުވިއެވެ. މާދަމާ މިތަމްރީނުތައް ފެށުމަށް ވަނި ނިންމަވައިފައެވެ.

ކޮވިޑް- 19 އަށް ޕޮސިޓިވްވާ މީހުންގެ 15 އިންސައްތަ މީހުން ހާލު ގޯސްވާއިރު އެމީހުންނަށް ފަރުވާ ދެވޭނީ ކްރިޓިކަލް ކެއަރގެ ތަމްރީނު ލިބިފައި ތިބި މީހުން ތިބެގެން ކަން ރާއްޖޭގައި ކޮވިޑް- 19 އަށް ފަރުވާދިނުމުގައި އެންމެ އިސްކޮށް ހަރަކާތެރިވާ ޑޮކްޓަރ ފާހަގަ ކުރެއްވިއެވެ.

ކޮވީޑް-19 ގައި ފަރުވާ ދިނުމުގައި ހުރި ގޮންޖެހުންތަކާއެކު ބައެއް ޤައުމުތަކުން ޢުމުރުން ވަކި ވަރަކަށްވުރެ ދޮށީ މީހުން ދޫކޮށްލާކަން ޑރ. މޫސަ ފާހަގަ ކުރެއްވިއެވެ. އެންމެ ހަލުއިކަމާއެކު މިހާރު ބަލި ފެތުރެމުންދާ އިޓަލީގައި ވެސް ޢުމުރުން 80 އަހަރުން މަތީ މީހުން ހޮސްޕިޓަލުން ދޫކޮށްލާކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ގޮތަކަށް ކަންތައް ނުކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ޑޮކްޓަރ މޫސާ ދެއްވިއެވެ.

ރޭގެ ޕްރެސް ކޮންފަރެންސް ގައި ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އެއްފަހަރާ ސަތޭކަ މީހުންނަށް ފަރުވާ ދެވޭނެ ވަރުގެ އައިސީޔޫއެއް ވަޞީލަތްތަކާއެކު ޤާއިމްކުރަމުންދާކަމަށެވެ. މީގެއިތުން ރާއްޖޭގެ އަމިއްލަ ހޮސްޕިޓަލުތަކުން ވެސް އެފަދަ ޙާލަތެއްގައި ފަރުވާ ދެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސަވައިފައި ކަން ފާހަގަ ކުރެއްވިއެވެ.

އެއްފަރަހާ ގިނަ ބަޔަކު ބައްޔަށް ޕޮސިޓިވް ވުމަކީ ވަޞީލަތްތަކާއި ޤާބިލްކަން ހުރި ތަންތަނަށް ވެސް ގޮން ޖެހުމަކަށް ވެފައިވާއިރު އެންމެ މުހިންމީ ބަލި ޖެހުނަ ނުދީ އެކަހެރި ވުމެވެ. މިކަން ކުރެވޭނީ އަޅުގަނޑުމެން ރައްޔިތުން ފަރުދީ ޒިންމާ އުފުލައިގެންނެވެ. އެއްވެސް ދިވެއްސަކަށް ބަލި ނުޖެހޭ ނޫންހޭ، އެންމެ ހާލުބޮޑުވި މިހާވެސް ރަނގަޅު ކުރެވުނީ ނޫންހޭ، ބުނެ ބޭރުތެރެއަށް ނުކުމެ އުޅޭނަމަ އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ކޮވިޑް- 19 ގެ ޙާލަތު ގޯސްވަން ނަގާނީ މަދު ދުވަސްކޮޅެކެވެ. އެފަދަ ޙާލަތަކަށް ދިޔަ ނުދީ އެކަހެރިވެ ފަރުދީ ޒިންމާ އަދާކުރާށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.