
ރާއްޖެއިން ކޮވިޑް-19 ފެނިފައިވާތީ އެބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކާއި މީހުން އެއްވާ ތަންތަނުގައި ދީނީ ދަރުސް ދިނުން މިއަދުން ފެށިގެން ވަގުތީ ގޮތުން ހުއްޓާލުމަށް އިސްލާމިކް މިނިސްޓްރީން އަންގަވައިފިއެވެ.
ދީނީ ދަރުސް ދިނުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން ދެއްވާފައިވާ ހުރިހާ ބޭފުޅުންވެސް އެމިނިސްޓްރީން ވަކިގޮތަކަށް އަންގަންދެން މިވަގުތު އެކަން ހުއްޓާލުމަށް މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.
އެމިނިސްޓްރީން ވިދާޅުވެފައިވަނީ މިސްކިތްތަކާއި އާންމުން އެއްވެ އުޅޭތަންތަނުގައި ދަރުސް ދިނުމުގެ ބަދަލުގައި މީޑިއާ މެދުވެރިކޮށް ދަރުސް ދެއްވަމުން ގެންދެވުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކުރައްވައިފައެވެ.
ސަރުކާރުން މިހާރުވަނީ ސްކޫލްތަކާއި، ތައުލީމުދޭ މަރުކަޒުތަކާއި، ޓިޔުޝަން ސެންޓުރުތަކާއި، ޤުރުއާން ކުލާސްތަކާއި އަދިވެސް އެފަދަ ކުލާސްތައް ވަގުތީގޮތުން ބަންދު ކުރަން ނިންމަވާފައެވެ.