ސަރުކާރުގެ މަސައްކަތު ފުރަތަމަ 100 ދުވަހުގެ ވައުދުތަކާ ބެހޭ މައުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކު ރެއްވުމުގައި ރައީސް ވަނީ ވައުދުތަކާއި ސީދާ ގުޅުން ނެތް ބައެއް ވާހަކަ ވެސް ހިއްސާ ކުރައްވާފައެވެ.
އެގޮތުން ނޮވެންބަރު މަހުގެ 17ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ މަގާމާ އެމަނިކުފާނު ހަވާލުވެ ވަޑައިގެންނެވި ފަހުން މިއަދާ ހަމައަށް ދައުލަތަށް ފަސް ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ރަޢީސް ވިދާޅުވިއެވެ. އަދި އެއީ ފަރުތުރުވެރިކަން ކުރިއަރައި އިގްތިސާދީ ފުދުންތެރިކަން އިތުރުވަމުންދާ ކަމުގެ ހެއްކެއް ކަމުގައި ވިދާޅުވިއެވެ.
އާމްދަނީގެ އިތުރުން މިހައިތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ސަރުކާރަށް ލިބިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "ހިލޭ އެހީގެ ގޮތުގައި ސަރުކާރު ފެށުނު ފަހުން މި އަހަރުގެ މިހައިތަނަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ދައުލަތަށް ލިބިއްޖެ. އަދި އޭގެ އިތުރުން ހިލޭ އެހީގެ ގޮތުގައި މިހާރުވެސް އޭގެ އެތައް ގުނައެއް ހަމަޖެހެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހައިތަނަށް 3.9 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އަލަށް ފަށާން ހަމަޖައްސާފައިވާ ގިނަ މަޝްރޫއުތަކެއް މިހާރު އިއުލާން ކުރެވިފައިވާ ކަމަށެވެ. އަދި ބައެއް މަޝްރޫއުތައް ފެށުމުގެ ތައްޔާރީތައް ވެސް މިހާރު ވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖޭގެ ރިޒާވަށް ހެޔޮ ބަދަލުތަކެއް ގެނެވިއްޖެ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ރައީސް ވިދާޅުވިއެވެ. "މިދިޔަ އޮކްޓޫބަރު މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ 592 މިލިއަން އެމެރިކާ ޑޮލަރުގައި. މިދިޔަ އަހަރު ނިމުނުއިރު ރަސްމީ ރިޒާވް 757 މިލިއަން އެމެރިކާ ޑޮލަރަށް ވަނީ އިތުރުވެފައި" ރައީސް ވިދާޅުވިއެވެ. އަދި މި މާޗު މަހުގެ 20ވަނަ ދުވަހާއި ހަމައަށް ރަސްމީ ރިޒާވް 805 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރެވިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި ވެރިކަމާ ހަވާލުވި ފަހުން ދައުލަތުގެ ރަސްމީ ރިޒާވް 200 މިލިއަން ޑޮލަރު އިތުރުކުރެވިފައިވާ ކަމަށް މި އަދަދުތަކުން ދައްކާ ކަމަށް ރައީސް ވިދާޅުވިއެވެ.
ހަމައެއާކު ޔޫޒެބަލް ރިޒާވް ވެސް އިތުރުކުރެވިފައިވާ ކަން އެމަނުކުފާނު ފާހަގަކުރެއްވިއެވެ. "ޔޫޒެބަލް ރިޒާވަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ނިމުނު އިރު ޔޫޒެބަލް ރިޒާވް ގައި ހުރީ 171 މިލިއަން އެމެރިކާ ޑޮލަރު. އަދި ޔޫޒެބަލް ރިޒާވަކީ 242 މިލިއަން އެމެރިކަން ޑޮލަރު. އެހެން ކަމުން މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ޔޫޒެބަލް ރިޒާވް ވެސް މިވަނީ މަތިކުރެވިފައި" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެބޭފުޅުން ސަރުކާރުގައި ތިބީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. އެހެން ކަމުން އެ ޚިދުމަތް ރައްޔިތުން ވަޒަން ކުރައްވާނެ ކަމަށާއި އަދި އެކަން ބަލައިގަންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އެންމެ ބޮޑު އެއް އަމާޒަކީ ވައުދުތައް ފުއްދުން ކަމަށް ރައީސް ވިދާޅުވިއެވެ.