އަންނަ އާދިއްތަ ދުވަހުން ފެށިގެން އިތުރު އެއް ހަފްތާއަށް ސަރުކާރު ބަންދުކުރަން ނިންމައިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި ޔުނިވަރސިޓީތަކާއި، ކޮލެޖު ތަކާއި، ކިޔަވައިދޭ އެހެން ތަންތަން ވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ކޮރޮނާ ވައިރަސްއިން ސަލާމަތްވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި މި މަހުގެ 27 އިން ފެށިގެން އޮން އެރައިވަލް ވިސާ ދިނުން ހުއްޓާލަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށްބޮޑަށް ގެއްލުންވަމުންދާ ކަމަށެވެ. އޭގެ ސަބަބުން އެހެން ފިޔަފާރިތަކާއި ރާއްޖޭގެ މުޅި އިގްތިސާދަށް ވެސް ވަރަށްބޮޑަށް ގެއްލުން ވަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އާންމު ރައްޔިތުންނަށް މިކަމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރަން ވަރަށްބޮޑަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ރައީސްވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ގެއްލުމުން އަރައިގަތުމަށް ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ރިސޯޓުތަކަށާއި، ގެސްޓްހައުސްތަކަށް ބީއެމްއެލްގެ އަމިއްލަ ފައިސާ އިން 308 މިލިއަން ރުފިޔާ ދޫކުރުމަށް ނިންމަވާފައި ކަމަށެވެ. އޭގެ އިތުރުން އެޗުޑީއެފްސީން ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ދަނޑުވެރިކަމަށް ނަގައިފައިވާ ލޯނު ދެއްކުން ވެސް 6 މަހަށް ފަސް ކޮށްދެއްވާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
ބީއެމްއެލް ދޫކޮށްފައިވާ ލޯނުތައް ދެއްކުން ވެސް ވަނީ މީގެ ކުރިން 6 މަހަށް ފަސްކޮށްފައެވެ. ރައީސް މިއަދު ވިދާޅުވީ ހަ މަސް ފަހުން ލޯނު ދައްކާއިރު އިތުރު 20 ޕަސެންޓް ކުޑަވާނެ ކަމަށެވެ. މިސާލަކަށް 100 ރުފިޔާ ދައްކަންޖެހޭ ކަމަށްވާނަމަ ދައްކަން ޖެހޭނީ 80 ރުފިޔާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުން މިހާރު ސަރުކާރުން ކަނޑައަޅާފައިވާ 2.5 މިލިއަން ރުފިޔާގެ އިގްތިސާދީ ޕެކޭޖުގެ ދަށުން ލޯންތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފްތާގައި އިއުލާން ކުރައްވާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި 13 މީހުންގެ ތެރެއިން 5 މީހަކު ރަނގަޅުވިޔަސް އެއީ އެކަން ރާއްޖެއިން ދިޔައީ ކަމަށް ބަލައިގެން ނުވާނެ ކަމަށެވެ. ބާކީތިބި 8 މީހުންގެ ހާލުވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެސްޓީއޯއިން ވަނީ ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތައްތައް އިތުރަށް ރާއްޖެއަށް ގެންނަވަން ނިންމާފައި ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިހާރު ވެސް ކޮންމެ ރަށެއްގައި އެއްމަހަށްވާ ވަރަށް ކާޑު ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި އެސްޓީއޯއިން ވިއްކާ ތެލުގެ ބާވަތްތައް ވެސް އެއްވެސް ދަތިކަމެއްނެތި ލިބޭނެ ކަމުގެ ޔަގީންކަން އެކުންފުނިން ދެއްވާފައިވާ ކަމަށެވެ.
ކޮވިޑް 19 ގެ ސަބަބުން ރާއްޖެއަށް އަންނަމުންދާ އިގްތިސާދީ ހީނަރުކަމުގެ އަސަރު ރައްޔިތުންނަށް ކުޑަކުރުމުގެ ގޮތުން ސްޓޫޑަންޓް ލޯން ދައްކަން ޖެހޭ ކުދިންނަށް ލޯނު ދެއްކުން 6 މަހަށް ފަސްކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ދަނޑުވެރިން އުފައްދާ ދަނޑުވެރިކަމުގެ ބާވައްތައް ވެސް އެސްޓީއޯ މެދުވެރިކޮށް ތާޒާ ކަންމަތީ ރައްޔިތުންނާ ހަމައަށް ފޯރުކޮށްދިނުމަށް އިންތިޒާމްތަކެއް ހަމަޖައްސަވަން ކަމަށެވެ.