އަންހެނުންނަށް ދެވޭ ކޮންމެ އެހީތެރިކަމަކީ ޤައުމީ މަސައްކަތެއް- ރައީސް ޞާލިހް

ފޮޓޯ: ރައީސް އޮފީސް

އަންހެނުންނަށް ދެވޭ ކޮންމެ އެހީތެރިކަމަކީ ޤައުމީ މަސައްކަތެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލް ޖުމްހޫރިއްޔާ މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ޕާޓީ، އެމްޑީޕީގެ ރަށްވެހި ފެސްޓިވަލްގެ އަންހެނުންގެ ކޮންފަރެންސް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައިދެއްކެވި ވާހަކަ ފުޅުގައެވެ. ރައީސް ޞާލިޙް ފާހަގަ ކުރެއްވި ގޮތުގައި ތަރައްޤީގެ ނާރެހަކީ، ގެ ކަމުގައިވާއިރު، ޢާއިލާއެއް ބިނާކުރުމުގެ މުގުލުގައިވާ އަންހެނުންނަށް ދެވޭ އެހީތެރިކަމުގެ ރަނގަޅު ނަތީޖާ ފެންނާނެއެވެ. އެގޮތުން  އެކަނިވެރި މައިންނަށް ސަރުކާރުންދޭ ޢިނާޔަތާ ގުޅޭ ސިޔާސަތު އެމަނިކުފާނުގެ ސަރުކާރުން އިޞްލާޙުކުރައްވައިފައިވާކަން ފާހަގަ ކުރެއްވިއެވެ.

ރަށްވެހި ފެސްޓިވަލްގެ އަންހެނުންގެ ކޮންފަރެންސް ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައިދެއްކެވި ވާހަކަ ފުޅުގައި ރައީސުލް ޖުމްހޫރިއްޔާ ވަނީ މިސަރު ކާރަށް ވެރިކަން ހޯއްދަވައި ދެއްވުމަށާއި އެމްޑީޕީގެ ސިޔާސީ ޙަރަކާތްތަކުގައި އެ ޕާޓީގެ އަންހެނުން ކުރަމުންދާ މަސައްކަތް ފާހަގަ ކުރައްވައިފައެވެ.

ރަށްވެހި ފަތިހާއި މުޅި ދިވެހިރާއްޖޭގެ ތަރައްޤީއާއި، ހަމަޖެހުމާއި މުޖުތަމަޢު ބިނާކުރުމުގެ އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްބަޔަކީ ފަޚުރުވެރި ދިވެހި އަންހެނުންކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިދިޔަ އަހަރުތަކުގައި ރާއްޖެ ދުށީ އަނިޔާވެރި، ބިރުވެރި، ވެރިކަމުގެ ދުވަސްވަރެއްކަން ސިފަކުރައްވައި، އެ އަނިޔާއިން ދިވެހިން މިންޖުކުރުމަށް، އެންމެ ކުރީ ސަފުގައި ތިބީ އަންހެނުންކަން ފާހަގަކުރެއްވިއެވެ.

“ހަމަ އެންމެ ދުވަހެއް ނުދޭ، އެމް.ޑީ.ޕީ އަންހެނުން މުޒާހަރާގެ މައިދާނުން ނުފެންނަ. ބެރިކޭޑުތަކާއި، ޕެޕާސްޕްރޭތަކުގެ ތެރޭގައި، ކެތްތެރިކަމާއެކު ހަތް އަހަރު ހޭދަކޮށް، ދިވެހިންނަށް ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމުކުރުމުގެ ފުރުޞަތު ލިބުނީ، ތިޔަ ފިސާރި އަންހެނުންގެ ބުރަ މަސައްކަތުން. ހަމަގައިމުވެސް އަޅުގަނޑު އެ މަންޒަރުތައް ވަރަށް ކައިރިން ދުށިން." ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

 ޕާޓީ އޮފީހުގައާއި، ކެމްޕެއިން ޙަރަކާތްތައް ރޭވުމުގައާއި، އެކިއެކި ކޮމިޓީތަކުގައާއި، މަގުމަތީގެ ޙަރަކާތްތަކުގައިވެސް އެމްޑީޕީގެ އަންހެން މެންބަރުންގެ މަސައްކަތްތަކީ އެއްވެސް މީހަކަށް ނުދައްކައި ދޫކޮށްލެވޭނެ ވާހަކައެއް ނޫންކަން ފާހަގަ ކުރެއްވިއެވެ. އެއީ ފިސާރި އަންހެނުން ތަކެއްކަމަށް ސިފަކުރައްވައި އެމީހުންގެ އަގުހުރި މަސައްކަތްތަކަށް ރައީސް ޝުކުރު އަދާކުރެއްވިއެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިޞްލާޙާއެކު ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑިތައް ރިޒާވްކުރެއްވުމަކީ އިންތިޚާބީ މަޤާމުތަކުގައި އަންހެނުންގެ ދައުރާއި ޙިއްސާ އިތުރުކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަން ރައީސުލް ޖުމްހޫރިއްޔާ ފާހަގަ ކުރެއްވިއެވެ.

"ކުރިއާ ޚިލާފަށް، ސިޔާސީ ސަފުތަކުގެ އެންމެ ކުރިން އަންހެނުން ފެންނަން ފަށައި، މި އިންތިޚާބު ކުރެވޭ ކައުންސިލްތަކުގައި، ރަށާއި، ސިޓީ ކައުންސިލްތަކުގެ ކަންކަން ނިންމުމުގައި، އަންހެނުންގެ ދައުރު ބޮޑުތަނުން އިތުރުވެގެންދާނެ. އަދި މިކަމުގެ ހެޔޮ ބަދަލު، މުޅި ދިވެހިރާއްޖެއިންވެސް ފެންނާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރިއާ ޚިލާފަށް އަލަށް އިންތިޚާބު ކުރެވޭ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ހަމަޖެހިފައިވާ ކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ކުރުމަށް ކައުންސިލްތަކުގެ ބަޖެޓުގެ ފަސް ޕަސެންޓް ހަމަޖެއްސުމަށް ނިންމާފައިވާކަމަށް ވެސް ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން މި ކޮމިޓީތަކަށް ލިބޭ ވަސީލަތްތައް އިތުރުވެ، ހިންގުން ހަރުދަނާވެގެންދާނެކަން ވެސް ފާހަގަ ކުރެއްވިއެވެ.

އެމް.ޑީ.ޕީ.ގެ ލޯކަލް ކައުންސިލްތަކުގެ ޕްރައިމަރީގައި 968 ކެންޑިޑޭޓުން ވާދަކުރިއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ޕްރައިމަރީގައި 640 ކެންޑިޑޭޓުން ވާދަކޮށް، 440 އަންހެނުން ޕްރައިމަރީ ކާމިޔާބުކުރިކަން ރައީސް ޞާލިޙް ފާހަގަ ކުރެއްވިއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.