އިސްލާމްދީނުގެ ނަމުގައި ހަނގުރާމަކުރާ ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރިންކަމަށް ބެލެވޭ ބަޔަކު ދިން ހަމަލާއެއްގައިި ނައިޖީރިޔާ ސިފައިންގެ 70 މީހުން މަރުވެއްޖެއެވެ. މިއީ ފަހުގެ ތާރީޚެއްގައި ނައިޖީރިޔާ ސިފައިންނަށް ދިން އެންމެ ގެއްލުން ބޮޑު ހަމަލާއެެވެ.
ހަނގުރާމަވެރިން ވަނީ ބޯނޯ ސްޓޭޓް ގޮރްގީ ގައި ސިފަންއިންނާއެކު ދަތުރުކުރަމުން ދިޔަ ލޮރީއަކަށް ރޮކެޓް ޕްރޮޕެލްޑް ގްރެނޭޑު (އާރްޕީޖީ) އިން ނުވަތަ ރޮކްޓް ބޮމުން ހަމަލާދީފައެެވެ.
"މިއީ ވަރަށް ބޮޑު ގެއްލުމެއް. މި ކުއްލި ހަމަލާގައި ސިފައިންގެ ހަތްދިހަ މީހުން ވަނީ ދުނިޔެ ދޫކޮށްފައި." ސިފައިންގެ ފަރާތުން ވާހަކަދެއްކި އޮފިސަރަކު ބުންޏެވެ. "ޓެރަރިސްޓުން އާރްޕީޖީ ހަމަލާ އަމާޒުކުރީ ސީދާ ލޮރީއަށް. ލޮރީ ވަނީ އަންދައިގެން ގޮސްފައި އަދި އޭގައި ތިބި ސިފައިންގެ އެންމެން މަރުވީ." އޭނާ އިތުރަށް ބުންޏެވެ.
"މިހާތަނަށް ދެނެގަނެވުނީ 70 މީހުންގެ ހަށިގަނޑު. މިއަށްވުރެ އަދަދު އިތުރުވުން އެކަށީގެންވޭ. އެހީތެރިވާ މީހުންގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށް."
ސިފައިންގެ އެތައް ބަޔަކު ޒަޚަމުވެ، ބައެއް މީހުން ހަނގުރާމަވެރިންގެ އަތްދަށުވެފައިވާ ކަމަށްވެސް ޚަަބަރު ލިބެއެވެ.
ހަމަލާ އަމާޒުވި ސިފައިންގެ ގާފިލާއަކީ ބޯނޯ ސްޓޭޓުގެ ވެރިރަށް މައިޑުގުރީން ފުރައިގެން އިސްލާމިކް ސްޓޭޓާ ގުޅޭ ޖަމާއަތެއްގެ މަރުކަޒަކަށް ހަމަލާދިނުމަށް ދަތުރުކުރި ގާފިލާއެއް ކަމަށް ވެއެެވެ.
'އިސްލާމިކް ސްޓޭޓް އޮފް ވެސްޓް އެފްރިކާ ޕްރޮވިންސް' އަކީ ނައިޖީރިޔާގެ އެންމެ ވަރުގަދަ ހަނގުރާމަވެރި ޖަމާއަތް، ބޯކޯ ހަރާމުން 2016 ވަނަ އަހަރު ވަކިވި ގްރޫޕެކެވެ. އެ މީހުން ހަމަލާ ދެނީ ސިފައިންގެ ގާފިލާތަކަށާއި، ސިފައިންގެ މަރުކަޒުތަކަށެވެ.
ނައިޖީރިޔާ ސަރުކާރާ ދެކޮޅަށް އެގައުމުގެ އިރުދެކުނުގައި ހަނގުރާމަވެރިން ކުރަމުންދާ ހަނގުރާމައިގައި މިހާތަނަށް 36 ހާސް މީހުން މަރުވެ، 1.8 މިލިއަން މީހުން ގެދޮރު ނެެތިފައި ވެއެވެ.
ހުޅަނގު އެފްރިކާގައި އޮންނަ 204 މީހުން އާބާދީއެއް ދިރިއުޅޭ ނައިޖީރިޔާއަކީ އެފްރިކާގައި އާބާދީ އެންެމެ ބޮޑު ގައުމެެވެ. އެގައުމުގެ އާބާދީގެ %53 އަކީ މުސްލިމުންނެވެ.