ނައިޖީރިޔާގެ ހުޅަނގު ދެކުނުގެ އޯޔޯ ސްޓޭޓްގެ އިބާދާންގައި އިސްލާމީ ހަރުކިށި ހަނގުރާމަވެރިންގެ އަތްދަށުގައި ތިބި 259 މީހަކު އިއްޔެ ސަލާމަތްކޮށްފިއެވެ. ފުލުހުން ވަނީ މިސްކިތެއްގައި ހިފަހައްޓައިގެން ގެންގުޅުނު މިމީހުން ސަލާމަތްކުރުމަށް ފަހު އެތަނުގެ ވެރިމީހާއާއި އިތުރު އަށް މީހަކު ހައްޔަރުކޮށްފައެވެ. މިމީހުން ސަލާމަތްކުރުމުން ފާއިތުވި ސެޕްޓެންބަރުން ފެށިގެން މިގޮތަށް ސަލާމަތްކުރި މީހުންގެ އަދަދު 1500 އަށް އެރީއެވެ.
އެ ގައުމުގެ ޓީވީއެއް ކަމުގައިވާ ޓީވީސީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ގިނައިން ތިބީ ފުރާވަރުގެ ޒުވާން ފިރިހެނުންނެވެ. އަންހެންނާއި ކުޑަކުދިންވެސް ތިއްބެވެ. ތުއްތު ކުއްޖަކުވެސް ހުރިތަން ފެނެއެވެ. އެންމެންވެސް ވަރަށް އަނަރޫފަވެފައި ތިބިކަން ފާހަގަކުރެވެއެވެ.
"އަހަރުމެން ކަނީ ދުވާލަކު އެއް ފަހަރު." ސަލާމަތްވި ޒުވާނުންގެ ތެރޭގައި ހިމެނޭ އޮލަލެކަން އަޔޫލާ ޓީވީސީގައި ވާހަކަދައްކަމުން ބުންޏެވެ. އޭނާ ބުނި ގޮތުގައި އެމީހުންނަށް ކާންދިނީ ކުއްތާއަށްވެސް ކާންދޭން ކަމުނުދާވަރުގެ ކާނާއެވެ.
ފުލުހުންގެ ތަރުޖަމާނު ވަނީ ސަލާމަތްކުރެވުނު މީހުންނާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާފައެވެ.
"އިބާދާންގެ އޮޖޫ އަވަށުގައި ހުރި މިސްކިތަކާއި ގުޅިފައި ހުރި އިމާރާތެއްގައި ގަދަކަމުން ހިފަހައްޓައިގެން ގުޅުނު ޒުވާން ފިރިހެނުންތަކަކާއި، އަންހެނުންތަކަކާއި، ކުޑަކުދިންތަކެއް އަހަރުމެންނަށް ވަނީ ހޯމަ ދުވަހު ފެނިފައި." ފުލުހުންގެ ތަރުޖަމާނު ފަޑެޔީ އޮލުގްބެންގާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެ ތެރޭން ބައެއް މީހުން އެތަނުގައި ގެންގުޅޭތާ އަހަރުތަކެއް ވަނީ ވެފައެވެ.
"އެތަނުގައި 259 މީހުން ހިފަހައްޓާފައި ތިބި. އެމީހުން ދިޔައީ އެހީއަށް އެދި ރޮމުން." އޭނާ އިތުރަށް ވިދާޅުވއެިވެ.
ސަލާމަތްކުރެވުނު މީހުންނާ ބެހޭ މައުލޫމާތު ނޫސްވެރިންނަށް ދެއްވަމުން އޯޔޯ ސްޓޭޓުގެ ޕޮލިސް ކޮމިޝަނާ ޝިނާ އޮލުކޮލޫ ވިދާޅުވި ގޮތުގައި "އެމީހުން ހިފަހައްޓައިގެން ގެންގުޅެފައި ވަނީ އަޅުން ހެން. އެމީހުން ލައްވާ ގަދަކަމުން ބުރަ މަސައްކަތް ވަނީ ކުރުވާފައި"
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ހިފަހައްޓައިގެން ގެންގުޅުނު މީހުންގެ ތެރެއިން ބައެއް މީހުން މަރުވެފައި ވުން އެކަށީގެން ވެއެވެ. އެއީ މީހުން ހިފަހައްޓާފައި ތިބި ތަނުން މަހާނަތަކެއް ފެނިފައި ވާތީއެވެ.
ނައިޖީރިޔާގެ ރައީސު މުހައްމަދު ބުހާރީ ވަނީ ހަރުކަށި މީހުންގެ މިއަމަލު ކުށްވެރިކުރައްފާއެވެ. އޭނާއަކީ ނައިޖީރިޔާގެ އުތުރަށް ނިސްބަތްވެވަޑައިގަންނަވާ މުސްލިމެކެވެ.
"އަނިޔާކުރާ ކޮޓަރިތަކުގައި، މީހުން ތަމްރީނުކޮށް ތަހުޒީބުކުރުމުގެ ނަމުގައި ޖިސްމާނީ ގޮތުން އަދަބު ދިނުމަކީ މަސްއޫލިއްޔަތު އަދާކުރާ ޑިމޮކްރެޓިކް ސަރުކާރަކުން ގަބޫލުކުރާނެ ކަމެއް ނޫން." ބުހާރީ ވިދާޅުވިއެވެ.