މިހާރު ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރަމުންދާ ހުޅުލޭ އައިލެންޑް ހޮޓާ(އެޗުއައިއެޗު) ގައި މިހާރު ތިބި މީހުން ކައިރި އެހެން ރިސޯޓުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ދަރުބާރުގޭގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުޙައްމަދު މަބްރޫކް ވިދާޅުވީ މިހާރު އެ ހޮޓާ ބޭނުން ކުރަނީ ކަރަންޓީނުގެ ފެސިލީޓިއެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް މިހާރު އެތަނުގައި ކަރަންޓީނުކޮށްފައި ތިބި މީހުން ކައިރި ރިސޯޓުތަކަށް (ފެސިލިޓީތަކަށް) ބަދަލު ކުރުމަށްފަހު އެޗުއައިއެޗު ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ އައިސޮލޭޝަން ފެސިލީޓީއެއްގެ ގޮތުގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މި ނިއުސްކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޑރ. މޫސާ މުރާދު ވިދާޅުވީ ކޮވިޑް-19 އަށް މިހާރުފަރުވާ ދެމުން ގެންދާ 8 މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ. އެހެންނަމަވެސް އެބަލިން ރައްކާތެރިވުމަށް ކުރަންޖެހޭ އެއްވެސް ކަމަކަށް ފަރުވާ ކުޑަނުކުރުމަށް އޭނާ އިލްތިމާސް ކުރެއްވިއެވެ. އޭނާ ވިދާޅުވީ ކުރިން އައިޖީއެމްއެޗަށް މީހުންނަށް ވަންނަހާ ފަސޭހައިން މިހާރު ނުވަދެވޭނެ ކަމަށެވެ. އެކަން ވެސް މިހާރުވަނީ ކިންޓްރޯލް ކޮށްފައި ކަމަށް ޑރ. މުރާދު ވިދާޅުވިއެވެ.
ހޮސްޕިޓަލަށް ދައްކަންދާ މީހުންގެ ޓްރެވެލް ހިސްޓްރީއާއި އޭނާގެ ބަލި ހާލަތާ ބެހޭގޮތުން ވެސް މިހާރު ސުވާލު ކުރާނެ ކަމަށް ޑރ. ވިދާޅުވިއެވެ. އެ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އެސުވާލުތަކަށް ފަހުވެސް އައިޖީއެމްއެޗަށް މިހާރު ވަދެވޭނީމައިގަނޑު ތިން ސަރަހައްދަކުން ކަމަށް އޭނާ ވިދާޅުވިއެވެ. މިކަންކަމަކީ ނުރައްކާތެރި ކޮވިޑް 19 އިން ސަލާމަތްވުމަށް އަޅަމުންގެންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޑރ. ވިދާޅުވީ މިއިން އެއްވެސް ކަމަކީ މަޑުޖައްސައިލައިގެން ތިބެވޭނެ މަސައްކަތެއް ނޫންކަމަށެވެ. މި ވަގުތު ހިމޭންކޮށް އޮތަސް މިބަލީގެ ނުރައްކާ ކޮންމެ ވަގުތަކުގެ ވެސް ބޮޑުވެދާނެ ކަމަށް ބަލަންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މިހާރުވެސް ސިއްހީދާއިރާގެ މާހިރުން ގެންދަނީ ބަލީގެ ނުރައްކާތެރިކަން ބޮޑުކަން މީހުންގެ ސަމާލުކަމަށް ގެނެސް ގޭގައި މަޑުކުރަން އަންގަމުންނެވެ. އެހެންކަމުން ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ކިޔަމަންތެރިކަމާއެކު ބޯލެނބުމަށް ޑރ. އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް ޢަބްދުﷲ ޝަމާލް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ މި ނުރައްކާތެރި ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް ކުރަންޖެހުނު ކޮންމެމަސައްކަތެއް ހުރިހާ ގިންތިއެއްގައި ވެސް ސިފައިން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. މިކަމަށް ތައްޔާރުވުމުގެ ގޮތުން ޚާއްސަ ތަމްރީންތަކެއް ނުވަތަ ޑްރިލްތަކެއްވެސް ވެސް ވަނީ ބާއްވާފައި ކަމަށް އޭނާ ވިދާޅުވިއެވެ. ޕޮޒިޓިވް ކޭސްތަކެއް ފެނުމުން ދެންހަދާނެ ގޮތުގެ ތަމްރންތަކެއް ވެސް ވަނީ ހަދައިފައެވެ. މިބަލިން ރައްޔިތުން ސަލާމަތްކުރުމަށް ހުރިހާ ލެވެލްއެއްގައި ސިފައިން ގެންދަވަނީ ވަރަށްބޮޑަށް މަސައްކަތް ކުރައްވަމުން ކަމަށް އޭނާ ވިދާޅުވިއެވެ.