ކޮވިޑް-19: ގްރޭންޑުޕާކް ކޮށްދިއްޕަރު ބަންދު ކޮށްފި

ކޮވިޑް-19 އަށް ޝައްކު ކުރެވޭ މީހަކު ގްރޭންޑް ޕާކް ކޮށްދިއްޕަރު މޯލްޑިވްސް ރިސޯޓުން ފެނިއްޖެއެވެ.

އޭނާ ފެނުމުން އެޗުޕީއޭއިން ވަނީ އެރަށް މޮނިޓަރިން ހާލަތަށް ގެނެސް އެރަށަށް އަރައިފޭބުން ވަގުތީ ގޮތުން ހުއްޓުވާލައިފައެވެ. ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވަނީ އެރަށުގައި އުޅެމުންދާ ބިދޭސީއެކެވެ. އެމީހާގެ ސާމްޕަލް މިހާރު ވަނީ ނެގިފައި ކަމަށް ވެސް އެޗުޕީއޭއިން ވިދާޅުވިއެވެ. މިއީ ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ފެނުމުން ރައްކާތެރިވުމުގެ ގޮތުން އާންމުކޮށް އަޅަމުންދާ ފިޔަވަޅެކެވެ.

ރާއްޖެއިން މިބައްޔަށް އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވެފައިވަނީ ކުރެއްދޫ ރިސޯޓުންނެވެ. އެރިސޯޓު އަދިވެސް އޮތީ ބަންދުކޮށްފައެވެ. އެރަށަށް އަރައި ފޭބޭނީ ޚާއްސަ ހުއްދައެއްގެ ދަށުންނެވެ. އެރަށް އަދިވެސް ވަނީ އޮރެންޖު އެލާޓުގައެވެ. މިހާތަނަށް ޖުމްލަ 5 މީހަކު ވަނީ އެރަށުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ.

އެރަށުގައި މީހާރު ތިބި މީހުން އެރަށުން ފޭބުމުގެ ކުރިން އެންމެ ކޮވިޑް-19 އަށް ޓެސްޓްކުރުމަށް އެޗުޕީއޭއިން ވަނީ ނިންމަވައިފައެވެ. އެރަށް 28 ދުވަހަށް ވަނީ ބަންދުކޮށްފައެވެ. އެހެންނަމަވެސް މިހާރުވަނީ އެންމެން ޓެސްޓް ކުރުމަށްފަހު އެރަށުން ފޭބުމުގެ ހުއްދަދޭ ގޮތަށް ނިންމައިފައެވެ.

ރާއްޖެއިން އެ ބަޔައްޔަށް ޕޮޒިޓިވްވި 20 މީހުންގެ ތެރެއިން 14 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.