
ކޮރޯނާ ވައިރަސްގެ ވަބާގެ ސަބަބުން މުޅި ގައުމް ހުއްޓުމަކަށް އައިސް، އިގްތިސާދީ ގޮތުން ނޭނގޭ ވަރުގެ ފުން ވަޅުގަނޑަކަށް ގައުމު ވެއްޓުމުގެ ބިރު ބޮޑު ކަމަށް ރާއްޖޭގެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙުމަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިފަދަ ޙަލަތެއްގައި އެތައްބަޔަކު ބަނގުރޫޓުވެގެން ވެސް ހިނގައިދާނެ ކަމަށެވެ. އެހެން ކަމުން "އެތައް ބަޔަކު ބަނގުރޫޓްނުވާނެ ގޮތަކާއި ކުރިމަތީގައި އޮތް ތަދުމަޑުކަމުން އަރައިގަނެވޭނެ ގޮތް ސަރުކާރުން ރައްޔިތުންނަށް ބުނެދޭންޖެހޭ،" ކަމަށް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ ހުރިހާ ރައްޔިތުން ގޮވައިގެން، އެކުވެރިކަން އާލާކުރަންވީ ވަގުތު ކަމަށެވެ. އެއާއެކު ކުރިއަށް އޮތީ ރޯދަމަސް ކަމަށާއި މި ހާލަތަށް ބަލައި މިހާރު ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު ރައީސް ޢަބްދުﷲ ޔާމީނަށް އިންސާފު ކަށަވަރުކޮށްދޭންޖެހޭ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
އެމަނިކުފާނުގެ ޝަރީއަތުގެ އަޑުއެހުންތައް މެދުކެނޑި ޖަލުގައި ހުންނަންޖެހުމަކީ އިންސާފެއް ނޫން ކަމަށާއި، އިޙްސާންތެރިކަން އިސްކުރަން ސަރުކާރަށް ގޮވާލައްވާ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވެފައިވެއެވެ.