ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރާއި އާންމުން ގުޅިގެން މަސައްކަތް ކުރަމުންދާ މިވަގުތުގައި އެންމެ ރަނގަޅީ ތަންތަނަށް ފުރައިގެން ނުގޮސް އެބަޔަކު ތިބި ތަނެއްގައި ތިބުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) ގެ މެޑިކަލް އޮފިސަރ ޑރ. ނަޒުލާ ރަފީގު ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ކޮވިޑް-19 ކޮންޓްރޯލްކޮށް އެއިން ރައްކާތެރިވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އާންމުންނާއި އެހެނިހެން ފަރާތްތަކިގެ އެއްބާރުލުން ވަރަށްބޮޑަށް ލިބެމުންދާ ކަމަށެވެ. އެކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެންނަމަވެސް އަދިވެސް ބައެއް މީހުން ބޭރުތެރޭގައި އެއްވެސް ޒަރޫރީ ބޭނުމެއްނެތި އުޅެމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
މިއަދުން ފެށިގެން އެއް ހަފްތާއަށް ސަރުކާރު ބަންދު ކުރެއްވުމުން މީހުން އެކިތަންތަނަށް ފުރައިގެންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރު މިއަދުން ފެށިގެން އެއް ހަފްތާއަށް ބަންދުކުރައްވަން ނިންމަވާފައިވާކަން ހާމަކުރެއްވި ނިއުސް ކޮންފަރެސްންސްގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ މުހައްމަދު މަބްރޫކް ވިދާޅުވީ އެއީ ކޮފީތަފަދަ ތަންތަނަށް ދިއުމަށް ބަންދުކުރާ ބަންދުކުރުމެއްނޫން ކަމަށެވެ. އެއީ އެންމެވެސް ބަސް އަހައިގެން ގޭގައި ތިބުމަށް ބަންދުކުރާ ކުރުމެއް ކަމަށް އޭނާވިދާޅުވިއެވެ.