ތިން މަހަށް ބޭނުންވާނޭ ބޭސް ރާއްޖެއަށްދޭނެ ކަމުގެ ޔަގީންކަން އިންޑިއާއިން ވަނީ ދީފައި: ރައީސް

ރާއްޖެއަށް ތިން މަސްދުވަހަށް ފުދޭ މިންވަރަށް، ބޭހުގެ އެހީ ފޯރުކޮށްދޭނެ ކަމަށް އަވަށްޓެރި އިންޑިޔާއިން މިހާރު ވަނީ ޔަގީންކަން ދީފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ގައުމާ މުޚާތަބު ކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ އިންޑިއާގެ މިއެހީތެރިކަމާއެކު ރާއްޖެއަށް ބޭނުންވާ ބޭހުގެ ސާމާނު ލިބުމުގައި އެއްވެސް ދަތިކަމެއް އިރާދަކުރެއްވިއްޔާ ނުލިބޭނެ ކަމަށެވެ.

ރައީސް ވިދާޅުވީ ޕްރޮފެޝަނަލް ޑޮކްޓަރުންގެ ޓީމެއް ރާއްޖެ ފޮނުވުމަށްވެސް އިންޑިޔާއިން ވަނީ ނިންމާފައި ކަމަށެވެ. އިންޑިއާގެ އިތުރުން ރާއްޖެއާ  ރަހުމަތްތެރި އެހެން ގައުމުތަކުންވެސް، ކޮވިޑް 19 އިން ސަލާމަތް ވުމަށް ބޭނުންވާ އެހީތެރިވެދޭނެ ކަމުގެ ފެހި ސިގްނަލް ދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ކޯވިޑް 19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއް. ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން. މިއީ ވިސްނުންތެރިކަމާއި ހިކްމަތްތެރިކަމާއެކު، ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާ އެއްގޮތަށް، އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު. ވަކިން ޚާއްސަކޮށް، ގިނަ މީހުން އެއްތަނަކަށް އެއްވެ ނޫޅުމަށް އަޅުގަނޑު އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.

މި ބަލިން ސަލާމަތްވުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި، ހުރިހާ އެންމެންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި، ޚާއްސަކޮށް، ސިއްޙީ ދާއިރާގެ ފަންނީ ބޭފުޅުންގެ އެހީތެރިކަން މިވަގުތު ސަރުކާރަށް ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ. "މިކަމުގައި ވަރަށް ފުރިހަމަ އެއްބާރުލުމެއް ދޭނެކަމުގެ ޔަގީންކަން، ރާއްޖޭގައި މިވަގުތު ހުރި އަމިއްލަ ދެ ހޮސްޕިޓަލް ކަމަށްވާ އޭ.ޑީ.ކޭ އާއި، ޓްރީޓޮޕް ހޮސްޕިޓަލުން މިހާރު ވަނީ ދީފައި،" ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.