ފާރަވެރިވާންޖެހޭ ވަގުތު މަޖިލީސް ހުއްޓުމަކަށް ގެނެސްގެން ނުވާނެ – ބައެއް ބެމްބަރުން

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮވިޑް-19 އާ ގުޅިގެން ޤައުމުގެ ކަންކަން ދާ ގޮތާމެދު ރައްޔިތުންގެ މަޖިލީސް ފާރަވެރިވާން ޖެހޭ ދަނޑިވަޅުގައި ޖަލީހުގެ ޖަލްސާތައް ހުއްޓުމަކަށް ގެނެސް ގެން ނުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވެއްޖެއެވެ.

މެމްބަރުން މިމޭރުމުން ވާހަކަ ދެއްކެވީ މަޖިލީސް ޖަލްސާތައް ހުއްޓުމަކަށް ގެނައުމާ ގުޅޭ ގޮތުން މެމްބަރުން ދެކިވަޑައިގަންނަވާ ގޮތަކާ ބެހޭގޮތުން މަޖިލީހުގެ ރިޔާސަތުން ހުޅުވާލީ ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. މަޖިލިސް ހުއްޓުމަކަށް ނުގެނެސް ކުރިއަށް ގެންދެވުމަށް ވާހަކަ ދެއްކެގިނަ މެމްބަރުންނަކީ މަޖިލީހުގެ މެޖޯރީޓީ ޕާޓީ އެމްޑީޕީގެ މެމްބަރުންނެވެ.

ޤާނޫނު އަސާސީ ރައްޔިތުންނަށް ލިބެންޖެހޭ ޙައްޤުތައް ކަށަވަރުކޮށް ދިނުމަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމަކަމަށްވާއިރު މިފަދަ ޚައްސާސް ދަނޑިވަޅެއްގައި މަޖިލީހުގެ މަސައްކަތްތައް ހުއްޓާލައި ގޭގައި ގޮސް ތިބުމަކީ ޒިންމާދާރު ގޮތެއް ނޫންކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ މެދުހެންވޭރު ދާއިރާގެ   މެމްބަރ ޢަލީ ޢާޒިމް ވިދާޅުވިއެވެ. ސަރުކާރު ބަންދު ކުރިނަމަވެސް މަޖިލީސް މެމްބަރުން މަސައްކަތް ހުއްޓާލައި ގެއަށް ގޮސް ތިބޭކަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން ކަންތައްތަކެއް ކުރަންޖެހޭ ކަން ފާހަގަ ކުރައްވާ އެކަންކަން ކުރުމުގައި މަޖިލީހުގެ ރައީސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނެކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓާނުލައި ކުރިއަށް ގެންދިއުމާ ބައެއް މެމްބަރުން ޚިޔާލު ތަފާތެވެ. ނައިފަރު ދާއިރާގެ މެމްބަރ އަޙްމަދު ޝިޔާމް ވިދާޅުވީ މިހާރު މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލައިފައިވާކަމަށެވެ. އަދި ޞިއްހީ ދާއިރާގެ މާހިރުން ވިދާޅުވަމުން ގެންދަވަނީ މީހުން އެއްވާ އެއްވުންތައް މަދުކުރުމަށްކަމަށެވެ. ރައްޔިތުންގެ މަޖިލީހުންވެސް އެކަމަށް ސަމާލުކަންދީ އެގޮތަށް ޢަމަލު ކުރެއްވުމަށް އޭނާ ގޮވާލެއްވިއެވެ. އަދި ރާއްޖެ ވަގުތުން ވަގުތަށް ލޮކްޑައުން ކުރުމަށް ވެސް ޝިޔާމް ގޮވާލެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުން އަބަދުވެސް ޤައުމުގެ ކަންކަން ދާގޮތަށް ފާރަވެރިވެ ތިބެން ޖެހޭކަމަށެވެ. ހުރިހާ ކަމެއް ހުއްޓުމަކަށް ނައިސް ރޯގާވެސް އިތުރުވެގެން ނުދާނެގޮތަށް ކަންކަން ކުރަންޖެހޭ ކަމަށެވެ. ސަރުކާރު ބަންދު ކުރިނަމަވެސް ކޮންމެހެން ކުރިއަށް ގެންދަންޖެހޭކަންކަން ކުރިއަށްދާނެކަމަށް ދެކެވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މަޖިލީހުގެ ޖަލްސާތައް ހުއްޓުމަކަށް ނުގެނެވޭނެ ސަބަބު ހާމަކުރައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ އިންތިޚާބު ފަސް ކުރުމަށް ބޭނުންވާ ޤާނޫނާއި ކައުންސިލްގެ މުއްދަތު ދެމިގެންދާނަމަ އެކަމަށްވެސް ފަރުވާ އެއް ހޯދައިދޭން ޖެހޭނީ މަޖިލީހުން ކަމަށެވެ. މިފަދަ ދަނޑިވަޅެއްގައި ދިމާވެދާނެ ކަންކަމާމެމެދު މަޖިލީހުން އަޅަންޖެހިދާނެ ފިޔަވަޅުތަކަށް މަޖިލީސް އޮންނަންޖެހޭނީ ތައްޔާރަށް ކަމަށް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. އެއީ މަޖިލީހަށް ރަށްޔިތުން ޙަވާލުކޮށްފައިވާ ޒިންމާއެއްކަންވެސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މަޖިލީސް ޖަލްސާ ބާއްވަން ޖެހިއްޖެ ޙާލަތެއްގައި ޖަލްސާތައް ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވިއެވެ.

ޖަލްސާތައް ހުއްޓާލުމާމެދު ގޮތެއް ނިންމުމުގެ ބާރު މަޖިލީހުގެ ރައީސަށް ލިބިފައިވީނަމަވެސް އެކަމުގައި މެމްބަރުން ޚިޔާލު ހުރި ގޮތަކީ ކޮބައިކަން ރިޔާސަތަށް ވެސް އަދި ރައްޔިތުނަށް ވެސް އެނގެން ޖެހޭނެކަމަށް ދެކެވަޑައިގެނެނެވިއެވެ. މެމަބަރުންގެ ބަހުސަކަށް އެމައްސަލަ ހުޅުވާލެއްވުމުގެ ބޭނުމަކީ އެއީ ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.