ކޮވިޑް- 19 އާ ގުޅިގެން 37 މީހަކު ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލެވުނު-  ހެލްތު މިނިސްޓަރ

ފޮޓޯ: ހެލްތު މިނިސްޓްރީ

ކޮވިޑް- 19 އާ ގުޅިގެން 37 މީހަކު ރާއްޖެ އެތެރެވިޔަނުދީ ފޮނުވާލެވުނު ކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެއްޖެއެވެ. ހެލްތް މިނިސްޓަރ މިހެން ވިދާޅުވީ ކޮވިޑް- 19 އާ ގުޅޭ ގޮތުން ރާއްޖޭގައި އަޅައިފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުންރަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޔާނެއްގަވެ. ހެލްތް މިނިސްޓަރ ބަޔާންދެއްވީ މަޖިލީހުގެ އެދުމަށްކަމަށް މަޖިލީހުގެ ރިޔާސަތުން އިޢުލާން ކުރެއްވިއެވެ.

ހެލްތް މިނިސްޓަރގެ ބަޔާނުގައިކޮވިޑް-19 އާ ގުޅިގެން ޖެނުއަރީ ހަވަނަ ދުވަހުން ފެށިގެން ފެށިގެން މިއަދާ ހަމައަށް އަޅައިފައިވާ ފިޔަވުތައް ތާރީޚާއެކު ވަރަށް ތަފްޞީލްކޮށް ވަނީ ހާމަކުރައްވައިފައެވެ. ރާއްޖެއިން އެ ބައްޔާމެދު ރައްކާތެރި ކަމުގެ ފިޔަވަޅު އަޅަން ފެށިއިރު ޗައިނާއިން ބޭރުން އެބަލި ފެނިވައި ވަނީ އެންމެ ދެ ޤައުމަކުން ތިން ކޭސް ކަމަށް ފާހަގަ ކުރެއްވިއެވެ. ޗައިނާގައިވެސް އޭރު ބަލިޖެހިފައިވަނީ 142 މީހުން ކަމަށާއި ބަލީގައި މަރުވެފައި ވަނީ ދެ މީހުންކަމަށް ހެލްތް މިނިސްޓަރ ބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

 ކޮރާނާ ވައިރަސްގެ ނުރައްކާތެރިކަން ދުނުޔެއަށް އާންމުވާންފެށުމުގެ ރަނގަބީލް ޖެހުމާއެކީ އެކަމަށް އެންމެ ފުރަތަމަ ފިޔަވަޅު އެޅިޤަމުތަކުގެ ތެރޭގައި ދިވެހި ރާއްޖެ ހިމެނޭކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ދުނިޔޭގެ ގިނަ ޤައުމުތަކަށް ކޮވިޑް- 19 ފެތުރިފައި ވަނިކޮށް މިސަރަޙައްދުންވެސް އެންމެ ފަހުން މިބައްޔާ ކުރިމަތިލި ޤައުމުތަކުގެތެރޭ ރާއްޖެ ވެގެންދިޔައީ ބަލިން ރައްކާތެރި ވުމަށް ދުރާލާކުރެވުނު މަސައްކަތްތަކެއްގެ ސަބަބުން ކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މަސައްކަތްތަކުގެ އަސާސް ބިނާވގެން ދިޔައީ އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި ރައްޔިތުންގެ ފުރާނާއި ޞިއްޙަތު ސަލާމަތްކުރުން ކަމަށް ދެކިގެން ކަމަށް ވިދާޅުވިއެވެ. ދެވަނަ ކަމެއްގެ ގޮތުގައި އެންމެ އިސްކަމެއް ދެއްވައިފައި ވަނީ ރާއްޖޭގެ އިޤްތިޞާދާއި ދުރު މުސްތަޤްބަލުގަި ޤައުމަށް ދިމާވާނެ ގޮންޖެހުންތަކަށް ވިސްނައިގެން ނިންމުންތައް ނިންމުންކަމަށް ވިދާޅުވިއެވެ. އެ ނިންމެވުންތައް ނިންމެވުމުގައި ކަމާ ބެހޭ ފަންނީ ބޭފުޅުންނާއި ރާއްޖޭގައި ތިއްބެވި ތަޖުރިބާކާރު ޑޮކްޓަރުންނާއި ކަމާބެހޭ މުއައްސަސާތަކާއި ޚާއްޞަކޮށް ފަތުރުވެރިކަމުގެ އިންޑަސްޓަރީގައި އިސްފަރާތްތަކާއި ޖަމާޢަތްތަކާއި އެނޫންވެސް ފަތުވެރިކަމުގައި ތަމްސީލްކުރައްވާ ފަރާތްތަކުގެ މަޝަވަރާއާއި ލަފާ ހޯއްދެވިކަން ފާހަގަ ކުރެއްވިއެވެ. ވަކިން ޚާއްޞަކޮށް އިޤްތިޞާދަށް އަންނާނެ ލޮޅުންތަކާއި ގޮންޖެހުންތަކާއި އަދި ނިންމުނަތައް ނިންމުމުގައި ދުރުމުސްތަޤަބަލަށް އަސަރުކޮށްފާނެ ކަންކަމުގައި ވެސް ފަތުރުވެރިކަމާބެހޭ ފަރާތްތަކުގެ މަޝްވަރާ ހޯއްދަވައިފައިވާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ސިދާ ރައީސުލް ޖުމްހޫރިއްޔާ ވެސް އިންޑަސްޓްރީގެ ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ހޯއްދެވިކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. ނިންމެވި ނިންމެވުން ތަކުގެ އަސާސް ބިނާވެގެން ދިޔައީ ރާއްޖޭގެ މާލީ އިދާރާ ތަކާއި ސަރުކާރުގެ އިޖްތިޞާދީ ދާއިރާއާއި ވިޔަފާރި އިދާރާތަކުގެ މަޝްވަރާއާއި ލަފާގެ މައްޗަށް ކަމަށް ވެސް ހެލްތް މިނިސްޓަރ އަމީން ވިދާޅުވިއެވެ.

މުހިންމު ފިޔަވަޅު ތަކުގެ ތެރޭގައި 12 ޖެނުއަރީއާ ހަމައަށް ހެލްތް މިނިސްޓްރީއާއި ހެލްތްޕްރިޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން ރާއްޖޭގައި ރިސްކް އެސެސް މެންޓް ހަދައި ނންމެވިކަން ހެލްތް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މަސައްކަތް ތައް ކުރައްވަމުން ގެންދެވީ ޤައުމީ ލެވެލްގެ ކޯޑިނޭޓިން ކޮމެޓީއެއް އެކުލަވާލައްވާ އެކޮމެޓީގެ މަޝްވަރާގެ މަތިންކަމަށް ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ހެލްތް މިނިސްޓަރ ވިދާޅުވީ ފެބުރުއަރީ އެއްވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 2233 ފަރާތަކުން ކޯލް ސެންޓަރަށް ގުޅައިގެން ބައްޔާބެހޭ މައުލޫމާތު ހޯދާފައިވާކަމަށެވެ. އަދި ފެބުރުއަރީ އެއްވަނަ ދުވަހު އެކަނިވެސް ހަތް ސަތޭކައަށްގިނަ މީހުން މައުލޫމާތު ހޯދި ކަން ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ އެކި ޕޯޓްތަކުގައި 204،740 މީހުން ސްކްރީން ކޮށްފައިވާއިރު 717 މީހުންއާ ވަކިން ސުވާލުކޮށް ފައިވާ ކަން ފާހަގަ ކުރެއްވިއެވެ. އަދި  37 ފަރާތެއް ރާއްޖެ އެތެރެވިޔަ ނުދީ ރާއްޖެއިން ފޮނުވާލެވުނު ކަމަށް ވިދާޅުވިއެވެ. ބައްޔާ ބެހޭ ހޭލުންތެރިކަމުގެ މައުލޫމާތު 81 ހާސް މީހުންނަށް ފޯރުކޮށް ދެވިފައިވާކަންވެސް މަޖިލީހަށް އިއްވެވި ބަޔާނުގައި ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިހާރު ޕޮޒިޓިވްވެފައިވާ މީހުން ކޮންޓެކްޓް ޓްރޭސިން ރަނގަޅަށް ކުރެވިއްޖެނަމަ، ބަލި ކޮންޓްރޯލް ކުރެވޭނެކަމުގެ އުއްމީދު އޮތްކަމަށް މިނިސްޓަރ ބަޔާނުގައި ވިދާޅުވިއެވެ. އަދި މި ބައްޔަކީ ވަރަށް އަވަހަށް ފެތުރޭ އަދި އަލާމާތްތައް ނުފެނި ވެސް ފެތުރިގެންދާ ބައްޔެއްކަން ހެލްތް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.