ޓްރެޒަރީ ބޮންޑު ވިއްކައިގެން ދަރަންޏަށް ފައިސާ ހޯދުމުގެ ރުހުން ހޯދުމަށް މޯލްޑިވްސް މަނިޓަރީ އޮތީރިޓީ(އެމްއެމްއޭ) އިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ. މިއަދުގެ ޖަލްސާއަށް ރިޔާސަތުން ވަނީ މިމައްސަލަ ހުށަހަޅުއްވައިފައެވެ. އަދި އެމައްސަލައިގައި މިއަދުގެ ޖަލްސާގައި ގޮތެއްނިންމަވާނެ ކަމަށް މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނާއިބް ރައީސް އީވާ ޢަބްދުﷲ ވިދާޅުވިއެވެ.
އެމައްސަލައިގައި މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރުމަށްފަހު މާލިއްޔަތުގެ ކޮމެޓީގެ މުޤައްރިރު އިސްނަންގަވައިގެން މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާއި މާލިއްޔަތު ކޮމެޓީގެ މެމްބަރުންގެ މަޝްވަރާގެ މަތިން ގޮތެއް ނިންމުމަށް ވަނީ ފޮނުވައިފައެވެ. މިމައްސަލައިގެ ބަހުސްގައި މިގޮތަށް ހުށަޅުއްވީ ހުޅުދޫ ދާއިރާގެ މެމްބަރ އިލްޔާސް ލަބީބެވެ. އޭނާ ހުށަހެޅުއްވުމުގައި ވިދާޅުވީ މައްސަލައިގައި ގޮތެއް ނިންމެވުމުގައި ގަވަރުނަރާއި ފިނޭންސް މިނިސްޓަރާ ވެސް މަޝްވަރާ ކިރެވިދާނެކަމަށެވެ. އެނާ ވިދާޅުވީ ބަޖެޓް ފާސްކޮށް ސަރުކާރާ ހަވާލު ކުރަނީ މަޖިލީހުން ކަމަށް ވެފައި ސަރުކާރު ހިންގުމުގައި ބަޖެޓުން ދިމާވާ މައްސަލަ ހައްލު ކޮށްދެއްވުމަސް މަޖިލީހުން މަސައްކަތް ކުރައްވަންޖެހޭނެކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.
މިމައްސަލައިގެ ބަހުސްގައި ކާށިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ޖާބިރު ވިދާޅުވީ މިއީ ރައްޔިތުންގެ ބޮލުގައި އިތުރު ދަރަންޏެއް އެޅުވުމަށް ހުށަހެޅައިފައިވާ މައްސަލައެއް ކަމަށެވެ. އެއްގޮތަކަށް ވެސް އެކަމާ އެއްބަސް ނުވެވޭނެކަމަށެވެ. ދަރަނި ނުނަގައި އާއްމުދަނީ އިތުރުކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ.
ގަވަރުނަރު ޢަލީ ހާޝިމް މަޖިލީހަށް ފޮނުއްވައިފައިވާ ސިޓީގައި ބަޔާން ކުރައްވައިފައިވަނީ ސަރުކާރުން ސެކިއުރިޓީ އިޝޫކުރުމުގެ ގޮތުން ޓްރެޒަރީ ބޮންޑު ވިއްކުމަށް ހަމަޖައްސަވައިފައިވަނީ ސްޓޭޓް ބޭންކް އޮފް އިންޑީއާ (އެސްބީއައި) އަށް ކަމަށެވެ. ނަމަވެސް އެބޭންކަށް ވިއްކަވާ ޓްރެޒަރީ ބޮންޑުގެ އަދަދު މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓް ގައި ސްކޫކާއި ބޮންޑު ވިއްކިދާނެ ކަމަށް ބުނާ އަގަށް ވުރެ އިތުރުވާ ކަމަށެވެ. ނަމަވެސް އަހަރު ނިމޭއިރު ބަޖެޓްގައީވާ ދަރަނިއޮންނަންޖެހޭ މިންވަރަށް ވުރެ ދަރަނީގެ ޢަދަދު ބޮޑު ނުވާގޮތަށް އެ ބޮންޑު ވިއްކުމުގައި ޤާނޫނީ ހުރަހެއް ނެތްކަމަށް ބަންޑާރަ ނާއިބް ލަފާ ދެއްވާފައިވާކަމަށެވެ. އެހެންކަމުން މަޖިލީހުން އެކަމުގައި ނިންމަވާ ގޮތެއް އަންގައި ދެއްވުމަށް އެދި ވަޑައި ގަންނަވާކަމަށެވެ.
މިއަހަރަށް ލަފާކޮށްކޮށް މަޖިލީހުން ރުހުންދެއްވި ބަޖެޓްގެ ޚުލާސާގައި 2018 ން 2022 ގެ ނިޔަލަށް ކަނޑައަޅައިފައިވާ ފައިނޭންސިން ޓޭބަލްގައި ބޭރުފަރާތްތަކަށް ސްކޫކާކާއި ބޮންޑު 4،626،000،000 (ހަތަރު ބިލިއަން 626 މިލިއަން ރުފިޔާ) ހަމައަށް ވިއްކޭނެކަމަށް ގަވަރުނަރުގެ ސިޓީގައި ވެއެއެވެ. އަދި ރާއްޖޭގެ އެތެރޭގައި ޓްރެޒަރީބިލާއި ބޮންޑުފަދަ ތަކެތި ވިއްކައިގެން 930 މިލިއަން ހަތް ލައްކަ 13 ހާސް 207 ރުފިޔާ ފައިނޭންސް ކުރެވިދާނެކަމަށް ބުނެފައިވާކަންވެސް ވަނީ ފާހަގަ ކުރައްވައިފައެވެ. ސަރުކާރު ސެކިއުރިޓީ އިޝޫކުރުމުގައި އެމް.އެމް.އޭ އިން ޢަމަލު ކުރަނީ މި ދެ ޢަދަދު އެއްކޮށްލުމުން ޖެހޭ ފަސް ބިލިއަން 556 މިލިއަން ހަތް ލައްކަ 13 ހާސް 207 ރުފިޔާގެ ސެކިޔުރިޓީގެ ނެޓް އިޝުއަރެންސް އިތުރުނުވާ ގޮތަށް ބަލައިގެންކަމަށް ފާހަގަ ކުރައްވައިފައެވެ. ނަމަވެސް ޓެރްޒަރި ބޮންޑު އިޝޫކޮށްފިނަމަ މިއަދަށް ވުނެ ޖުމުލަ ޢަދަދު އިތުރުވެގެން ދާނެކަމަސް ވަނީ ފާހަގަ ކުރައްވައިފައެވެ.
ދައުލަތުގެ ބެޖެޓްގައި ނެޓް ފައިނޭންސިންގެ ޢަދަދަކަށް ކަނޑައަޅައިފައިވަނީ ހަ ބިލިއަން 44 މިލިއަން ހަތް ލައްކަ 99 ހާސް 390 ރުފިޔާކަމަށްވެސް ގަވަރުނަރު ފާހަގަ ކުރައްވައިފައިވެއެވެ. އަހަރު ނިމޭއިރު އެ ޢަދަދަށްވުރެ ބޮޑުވާ ގޮތަށް ދަރަނި ކުޑަކުރެވިއްޖެނަމަ ބަޖެޓާ އެއް ގޮތަށް ޢަމަލު ކުރެވުނު ކަމަށް ބެލެވޭނެ ކަމަށް ބަންޑާރަ ނާއިބް ލަފާ ދެއްވައިފައިވާކަމަށް ވެސް ގަވަރުނަރުގެ ސިޓީގައި ވަނީ ވިދާޅުވެފައެވެ.