ޢިމާރާތް ކުރުމުގެ މަސައްކަތް ވަކި ގަޑިއެއްގައި މެދުކަނޑާލަން އަންގައިފި

މާލޭ ސަރަހައްދު (މާލެ، ވިލިމާލެ، ހުޅުމާލޭ) ގައި ހިންގާ އިމާރާތް ކުރުމުގެ މަސައްކަތްތައް މާދަމާއިން ފެށިގެން ހަވީރު 5:00 އިން ފެށިގެން ހެނދުނު 6:00 އާ ދެމެދު ނުކުރުމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު އަންގަވައިފިއެވެ.

މިއީ ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވާ މިދަނޑިވަޅުގައި ރައްކާތެރި ކަމުގެ ގޮތުން އެޅުއްވި ފިޔަވަޅުތަކެކެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަނީ މާލެއާއި، ވިލިމާލެއާއ، ހުޅުމާލޭގައި ހިންގާ އެންމެހާ ފިހާރަތައް ވެސް ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 6:00 ބަންދު ކުރުމަށް ވެސް އަންގަވައިފައެވެ. އޭގެ އިތުރުން މާލެއާއި ވިލިމާލެއާއި، ހުޅުމާލޭގައި ހިންގާ ހޮޓާ ފަދަ އާންމުންނަށް ކާބޯތަކެތީގެ ޚިދުމަތްދޭ އެންމެހައި ތަންތަނުންދޭ ޓޭކް އަވޭގެ ޚިދުމަތް ރޭގަނޑު 12:00 އިން ފެށިގެން ހެނދުނު 6:00 އަށް މެދުކަނޑައިލުމަށް ވެސް ވަނީ އަންގަވައިފައެވެ.

މިކަން މިގޮތަށް ނިންމަވައި މި އެންގުން ތަންފީޒުކޮށް އެއަށް ފުރިހަމައަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށާއި ތަކަށް ޑީޖީ ވަނީ އަންގަވައިފައެވެ. މިއެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމަލުރުމަށް ޑީޖީ މައިމޫނާ ވަނީ އެންމެހައި ފަރާތްތަކަށް އަންގަވައިފިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.