ޔޭސް ޓީވީ މެދުވެރިކޮށް "ޓެލެކިލާސް" މިއަދު ފަށައިފި

ކޮވިޑް-19 ގެ ސަބަބުން ސްކޫލްތައް ބަންދުކުރުމުން، ދަރިވަރުންގެ ކިޔެވުން މެދުކަނޑާނުލާ ކުރިއަށް ގެންދިޔުމަށް މިނިސްޓްރީއޮފް އެޑިޔުކޭޝަނުން ޔޭސްޓީވީ މެދުވެރިކޮށް "ޓެލެ ކިލާސް" ގެ ނަމުގައި އޮންލައިންކޮށް ކިޔަވައިދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ބޭއްވި ނިއުސްކޮންފަރެންސެއްގައި މިނިސްޓަރ ޑރ. ޢާއިޝަތު ޢަލީ ވިދާޅުވީ މިއީ ގްރޭޑް 10 އާއި 11 ގެ ދަރިވަރުންނަށް ޚާއްސަކޮށްގެން ފެށި ކިލާސްތަކެއް ކަމަށެވެ.

މިކިލާސްތައް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން 2:00 އަށް ކުރިއަށްދާނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިއީ ކުރިން ރެކޯޑުކޮށްގެން ދައްކާ ޕްރޮގްރާމް ނުވަތައް ކިލާސްތަކެކެވެ.

"ތާވަލެއްގެ ދަށުން ހުރިހާ ފިލާވަޅެއް ކުދިންނަށް ފޯރުކޮށްދެވޭނެ. އެދުވަހެއްގެ ޓައިމްޓޭބަލް ސޯޝަލް މީޑިއާ މެދުވެރިކޮށް ހަމަކުރަމުން ގެންދާނެ. މި ޕްރޮގްރާމް ރޭވިފައިވާ ގޮތުން 8:00 އިން 2:00 އަށް ޓީޗަރުން ފިލާވަޅުތައް ނަންގަވައިދެއްވާނެ. ކުރީބައިގައި ރެކޯޑިން ހަދާފައި ހުންނާނީ. ދަރިވަރުން ގޭގައި ތިބިގެން ފިލާވަޅު ކިޔަވަމުން ގެންދާނީ،" މިނިސްޓަރ ވިދާޅުވިއެވެ. ޙާލަތަށް ބަލާފައި މި ޕްރޮގްރާމް ފުޅާ ކުރައްވަމުން ގެންދަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި އިސްލާމާއި އިނގިރޭސި އާއި ހިސާބާއި ކޮމްޕިއުޓަރ ސައިންސާއި، ދިވެހި މާއްދާ ގެ ފިލާވަޅުތައް ނަގައިދެވޭނެއެވެ. ޕީއެސްއެމްގެ ޔޭސްޓީވީއާއި އެޗެނަލްގެ ފޭސްބުކު ޕޭޖުން މިކިލާސްތައް ފެންނާނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.