
ބައްތިރީސް މީހަކަށް ލޭނު މަސްވެރިކަމާއި، ތުތިބޯވަދެލިމަހުގެ ތަމްރީން ދީފި ފިޝަރީޒް މިނިސްޓްރީން ދީފިއެވެ.
މިއީ ކޮންމެ އަހަރަކު ވެސް އެމިނިސްޓްރީން ކުރިއަށް ގެންދަވާ ޕްރޮގްރާމުގެ ތެރެއިން މިއަހަރު ބޭއްވި ފުރަތަމަ ޕްރޮގްރާމްމެވެ. އެމިނިސްޓްރީން ވަނީ މަސްވެރިކަމުގެ ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް މިއަހަރުވެސް ހިންގަން ނިންމަވައިފައެވެ.
ލޭނު މަސްވެރިކަމާއި، ތުތިބޯވަދެލިމަހުގެ ތަމްރީން ޕްރޮގްރާމް ހިންގާފައިވަނީ ދެ ބުރެއްގެ މަތީން ރ. ހުޅުދުއްފާރުގައެވެ. އެއިން ކޮންމެ ބުރެއްގައި 16 މީހަކުވަނީ ތަމްރީން ކޮށްފައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ރ. ހުޅުދުއްފާރުގައި މި ޕްރޮގްރާމް ހިނގާފައިވަނީ މާރިޗު މަހުގެ 7 އިން 12 އަށެވެ. މިތަމްރީނުގެ ދެ ބުރުވެސް ހިންގުނީ މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގައި މަސްވެރިކަމުގެ ތަމްރީނު ހިންގުމަށް ބޭނުންކުރާ ތަމްރީނު އުޅަނދު "ރީނދޫ އުރަހަ" ދޯނީގައި ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ. އެ ދޯންޏަކީ ދެބާވަތުގެ މަސްވެރިކަމަށް ބޭނުންވާ އާލަތާއި ސާމާނާއެކު މިފަދަ ތަމްރީނުތަކަށް ފުރިހަމައަށް ތައްޔާރުކުރެވިފައިވާ އުޅަނދެއް ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.
މިތަމްރީނު ޕްރޮގްރާމްގައި އިންސްޓްރަކްޓަރުންގެ ހައިސިއްޔަތުން މަސައްކަތްކުރެއްވީ މިފަދަ ތަމްރީނު ދިނުމުގެ ފުރިހަމަ ތަޖްރިބާ ލިބިފައިވާ އެމިނިސްޓްރީގެ މުވައްޒަފުންނެވެ. އެއީ ޕްރޮގްރާމް އޮފިސަރ އަޙްސަން މުޙައްމަދާއި އެސިސްޓަންޓް ޕްރޮޖެކްޓް އޮފިސަރ އަޙްމަދު ރިޔާޒެވެ.