
ލޯކަލްކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު ފަސްކުރަން ޖެހެނީ މުއްދަތެއްނެތް ގޮތަށް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.
އެޕްރީލް 4 ގައި ބޭއްވުމަށް ހަމަޖައްސަވާފައިއޮތް މި ދެއިންތިޚާބު މިހާރުވަނީ އެޕްރީލް 18 އަށްފަސްކޮށްފައެވެ. އެގޮތަށް ނިންމެވީ ރާއްޖޭގައި ސިއްހީ ކުއްލި ހާލަތު އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.
ސިއްހީ ކުއްލި ހާލަތު އިއުލާން ކުރެއްވީ 30 ދުވަހަށެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ސިއްހީ ކުއްލި ހާލަތުގެ މުއްދަތު ހަމަވާނީ އަންނަ މަހުގެ 19 ގައި ކަމަށެވެ. އެހިސާބުން ކެމްޕޭން ކުރަން ލިބޭނީ އެންމެ 8 ދުވަސް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަބްދުއްރަހީމް ވިދާޅުވީ އިންތިޚާބުގެ ކުރިން ކެމްޕޭން ކުރުމަށް އެކަށީގެންވާ މުއްދަތެއް ދޭންޖެހޭ ކަމަށް ގާނޫނުބުނާ ކަމަށެވެ. އެހެންކަމުން އިންތިޚާބު ބާއްވާނެ ދުވަސް އިއުލާން ކުރަންވާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް އޭނާ ވިދާޅުވިއެވެ.