އިޓަލީ ވިލާތުގެ ފަތުރުވެރިޔާއާ ބެހޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީ އަމުރު ކުރައްވައިފި

ރާއްޖެއިން ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ފެނުމުގެ އަސްލު ކަމަށް ބެލޭ އިޓަލީ ވިލާތުގެ ފަތުރުވެރިޔާ ހުންއައިސްފައި ހުއްޓައި ކަމަބެހޭ ފަރާތްތަކަށް ނޭނގި މައްސަލަ ޖިނާޢީ މައްސަލައެއްގެ ގޮތުގައި ތަހުގީގު ކޮށްދެއްވުމަށް ޕްރޮސެކިޔުޓަރ ޖެނެރަލް (ޕީޖީ) ޙުސައިން ޝަމީމް ފުލުހުންގެ ނައްޗަށް އަމުރު ކުރައްވައިފިއެވެ.

މިފަދަ އަމުރެއް ޕީޖީ ކުރެއްވީ އެކަމާ ގުޅިގެން ތަފާތު އެކިގޮތްގޮތަށް ވާހަކަ ދެކެވެމުންދާތީއެވެ. ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް 19 އަށް ޕޮޒިޓިވް ވި ދެ ބިދޭސީންނަށް އެ ވައިރަސް އަރައިފައިވަނީ އެމީހާގެ ފަރާތުން ކަމަށް ވަނީ ބެލެވިއެވެ. އޭނާ ކޮރޯނާއަށް ޕޮޒިޓިވިކަން އެނގިފައިވަނީ ރާއްޖޭގައި އުޅުމަށްފަހު އެނބުރި އޭނާ ގައުމަށްދިޔަފަހުންނެވެ. އެހިސާބުން އޭނާއާ ދިމާވެފައިވާ މީހުން ދެނެގަތުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ދަނީ ކުރައްވަމުންނެވެ.

މިރޭ ބޭއްވި ޕްރެސްކޮންފަރެންސެއްގައި މިބައްޔާބެހޭ ގޮތުން މައުލޫމާތު ދެއްވުމަށް ކަނޑައަޅާފައި ހުންނެވި މުޙައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ އޭމީހާ ވަނީ އެއާޕޯޓަށް ފުރަންގޮސް ނުފުރިގެން މާލެއައިސް މާގިރި ހޮޓަލުގައި މަޑުކޮށްފައި ކަމަށެވެ. އެތަނުން އެނާއާ ކޮންޓެކްޓްވި 15 މީހަކު ވަނީ އައިސޮލޭޓު ކުރެވިފައެވެ. އަދި އޭނާ ވަނީ ޔުނިވަރސަލްގެ ޓިކެޓިން އޮފީހަކަށް ވެސް ގޮސްފައެވެ. އެހެންކަމުން އެތަނުން އެކަކުގެ ގައިން އެބަލީގެ އަލާމާތްތައް ފެނިގެންވަނީ ކަރަންޓީނު ކުރެވިފައެވެ.

ޝަމީމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމައްސަލަ ބެލުނަށް ޕީޖީގެ ހައިސިއްޔަތުން ފުލުހުންނަށް އަމުރު ކޮށްފައިވާނެކަމަށެވެ. އެ މީހާއާ ބެހޭ ގޮތުން އެކިގޮތްގޮތަށް ވާހަކަ ދެކެވުމުންދެއެވެ. މިކަން ބެލުމަށް މީގެ ކުރިން ރައީސް އިބްރާހީމް މުޙައްމަދު ސާލިހުވެސް އެނގެވި މައުލޫމާތު ލިބިފައިވެއެވެ.

އެމީހާގެ މަޢުލޫމާތު ކުރިންވެސް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް އެނގޭ ކަމުގެ ތުހުމަތުތަކެއް ވެސް ދަނީ ކުރެވެމުންނެވެ. އެހެންކަމުން އެކަމުގައި ޖިނާއީ އެއްވެސް މައްސަލައެއް އޮތްތޯ ބެލުމަށް ޕީޖީ ވަނީ އަމުރުކޮށްފައެވެ. އެ އަމުރާ ގުޅިގެން އެމައްސަލައާ ބެހޭ ގޮތުން ދެން މަޢުލޫމާތު ދެއްވީ ފުލުހުންނެވެ.

މިރޭގެ ޕްރެސްކޮންފަރެންސްގައި މަބުރޫކު ވިދާޅުވީ މިމައްސަލާގައި އިހުމާލުވެފައިވާނަމަ އެއީ ކޮންމެ ފަދަ މަގާމެއްގައި ތިބިބަޔަކަށް ވިޔަސް އެބަޔަކާމެދު ސަރުކާރުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ. އެމީހާ ފުރަން އެއާޕޯޓަށް ދިޔައީވެސް ކުރެއްދޫ ރިސޯޓުން ފަރުވާ ހޯދައިގެން ކަމަށް ވާހަކަދެކެވެ. އެހިސާބުން ވެސް އެމީހާއާ ބެހޭ މަޢުލޫމާތު އެ ރިސޯޓުން ކަމާބެހޭ ފަރާތްތަކަށް ހާމަކޮށްފައެއް ނުވެއެވެ.

ކުރެއްދޫން މިހާރު ވަނީ ޖުމްލަ ކޮވިޑް 19 ގެ 4 ކޭސް ފެނިފައެވެ. އެހެންކަމުން އެރިސޯޓުވަނީ ކަރަންޓީނު ކޮށްފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.