ކީރިތި ޤުރްއާން - އަޖައިބުކުރުވަނިވި ފޮތެއް (7)

(4 އޭޕްރީލް 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކީރިތި ޤުރްއާނުގެ އެންމެ އާދަޔާ ޚިލާފު އެއް ކަމަކީ މާޒީގެ ޤުދްރަތީ ބައެއް ކަންތައްތަކާއި މި ޒަމާނުގެ ބައެއް ކަންތައްތައް ކިޔައިދީފައި ހުންނަ ގޮތެވެ. ކުރުކޮށް ދަންނަވާނަމަ އެ ފޮތް ޣައިރު މުސްލިމުންނަށް "މައްސަލައަކަށް" ވެފައި އޮތީ ހަމައެކަނި ބާވައިލެއްވި ދުވަސްވަރަކު ނޫނެވެ. އެއީ މިއަދުވެސް އެމީހުންނަށް ކުރިމަތިވެފައިވާ ބޮޑު މައްސަލައެކެވެ. އެހެނީ ކޮންމެ ދުވަހަކު، ކޮންމެ ހަފުތާއަކު، ކޮންމެ މަހަކު އައު ކަންތައްތަކެއް އެ ފޮތުން ކަޝްފުކޮށް ދައްކައެވެ. އެހެންވީމާ ކީރިތި ޤުރްއާނުގެ ސައްހަކަމާމެދަކު މިއަދަކު އުފެއްދޭނޭ އެއްވެސް ސުވާލެއް ނެތެވެ. މިސާލަކަށް އަލްއަންބިޔާއު ސޫރަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވައިފައިވެއެވެ.

أَوَ لَمۡ يَرَ ٱلَّذِينَ كَفَرُوٓاْ أَنَّ ٱلسَّمَٰوَٰتِ وَٱلۡأَرۡضَ كَانَتَا رَتۡقًا فَفَتَقۡنَٰهُمَاۖ وَجَعَلۡنَا مِنَ ٱلۡمَآءِ كُلَّ شَيۡءٍ حَيٍّۚ أَفَلَا يُؤۡمِنُونَ  (٣٠)

"ހަމަކަށަވަރުން، އުޑުތަކާއި، ބިން، އެކަތިގަނޑަކަށްވެފައިވަނިކޮށް، ފަހެ، ތިމަންރަސްކަލާނގެ އެދޭތި ވަކިކޮށްލެއްވިކަން، ކާފިރުވި މީހުން ނުދަންނަނީ ހެއްޔެވެ؟ އަދި ތިމަންރަސްކަލާނގެ ދިރޭ ކޮންމެ އެއްޗެއް ފެނުން ހެއްދެވީމެވެ. ފަހެ، އެއުރެން އީމާން ނުވަނީ ހެއްޔެވެ؟"

ޙައިރާންވާން ޖެހޭ ފަދަ ވާހަކައެއް ދަންނަވައިލާނަމެވެ. 1973 ވަނަ އަހަރު ދެ ކާފަރަކަށް ނޮބެލް އިނާމު ދީފައި ވަނީ (ކީރިތި ޤުރްއާނުގައިވާ) މި ހަގީގަތް ހޯދައި އާއްމު ކުރުމުންނެވެ. ކާއިނާތު އެކަތިގަނޑެއްގެ ގޮތުގައި އުފެއްދެވި ކަމަށް ކީރިތި ޤުރްއާނުގައި ވަނީ އަންގަވައިފައެވެ. މިއަދާ ހަމައަށްވެސް އިންސާނުން ގެންދަނީ މި ހަގީގަތް ސާބިތު ކުރާން މަސައްކަތް ކުރަމުންނެވެ. މީގެ އިތުރަށް ހުރިހައި ދިރުމެއް އުފެއްދެވީ ފެނުން ކަމުގައި އަންގަވައިފައިވާ އެންގެވުމަކީ މީގެ ސާދަ ގަރުނު ކުރީން ދިރިއުޅުނު ބައެއްގެ ބޮލަށް ވައްދައިދޭން ފަސޭހަ ވާހަކައަަކަށް ނުވާނޭކަން ކަށަވަރެވެ. މިސާލަކަށް މީގެ ސާދަ ސަތޭކަ އަހަރު ކުރީން ހަނަފަސް ހިކި ސަހަރާއެއްގައި ހުރެފައި އަމިއްލަ ނަފުސަށް އިޝާރަތް ކޮށްފައި ކަލެއަށް މި ފެންނަ މީހާ އުފެއްދެވީ ފެނުންނޭ އެ ދުވަސްވަރުގެ މީހެއް ގާތު ބުނެފިއްޔާ އެމީހަކު ގަބޫލު ކުރާނެތޯއެވެ؟ ގަބޫލު ނުކުރާނޭކަން ޔަގީނެވެ. އެހެނީ އެކަމުގެ ހެކި ފެނުނީ މައިކްރޮސްކޯޕް އީޖާދު ކުރެވުނީމައެވެ. ހަށިގަނޑުގައި ހިމެނޭ ސެލްގެ އަސާސީ އެއް މާއްދާ ކަމުގައިވާ ސިޓޯޕްލާޒަމް ގެ 80 އިންސައްތައަކީ ފެންކަން އެނގުނީ މައިކްރޮސްކޯޕުގެ އެހީގައި ބެލީމައެވެ. ކީރިތި ޤުރްއާނަކީ ޒަމާނަށް ދެމިގެންދާ ދާއިމީ މުއުޖިޒާތެއްކަން މި ހޯދުމާއެކު އަނެއްކާވެސް އެނގުނީއެވެ.

އިހު ދެންނެވުނު ތެދުތޯ ނުބައިތޯ ބަލާ މިންގަނޑަކީވެސް މާޒީއަށްވެސް އަދި މިހާރަށްވެސް ފެތޭ މިންގަނޑެކެވެ. ބައެއް ކަހަލަ ވާހަކަތައް އައިސްފައި ވަނީ ﷲ ތަޢާލާގެ ދެނެވޮޑިގަތުމާއި ބާރުވެރިވަންތަކަން ދެއްކެވުމުގެ ގޮތުންނެވެ. އެކަމަކު ބައެއް ވާހަކަތައް މިއަދާ ހަމައަށްވެސް ހުރީ ތަހައްދީގެ ގޮތުގައެވެ. ފުރަތަމަ ދެންނެވުނު ވާހަކައިގެ އެއް މިސާލަކީ ކުރީން ދެންނެވުނު އަބޫ ލަހަބުގެ ވާހަކައެވެ. އެ ވާހަކައިން އެނގިގެން ދަނީ އަބޫ ލަހަބު އިސްލާން ނުވާނޭކަން ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެން، ބައްލަވައިވޮޑިގެންވާ ﷲ ދެނެވޮޑިގެންވާ ކަމެވެ. އޭނާ ނަރައަކަށް އެއްލައިލެއްވޭނޭ ވާހަކަ އެންގެވި ސަބަބަކީ އެއީއެވެ. މަސަދު ސޫރަތަކީ ﷲ ގެ ދެނެވޮޑިގަތުން އެންގެވުމުގެ އިތުރަށް އަބޫ ލަހަބު ފަދަ މީސްމީހުންނަށް ދެއްވި އިންޒާރެއްވެސް މެއެވެ.

ދެވަނައަށް ދެންނެވުނު ވާހަކައިގެ އެއް މިސާލަކީ މުސްލިމުންނާއި ޔަހޫދީންނާ ދެމެދު އޮންނަ ގުޅުމުގެ ވާހަކަތައް ބަޔާން ކުރައްވައިފައިވާ ކުރެއްވުމެވެ. މި އާޔަތުގައި ވަނީ ސީދާ ދެ ދީނެއްގެ ވަކި ފަރުދުންގެ މެދުގައި އޮންނަ ގުޅުމަށް މުޅި ވާހަކަ ހަނިނުކޮށް ސީދާ ވާހަކަ ބަޔާންކޮށްފައެވެ. އާދެ، ޖުމުލަގޮތެއްގައި ބަލާއިރު ދެބައިމީހުންގެ މެދުގައި އޮންނަ ގުޅުމަށް ސަމާލުކަން ދީފައެވެ. އާޔަތުގައި ވަނީ ކްރިސްޓިއަނުންނާ އަޅައި ބަލާއިރު މުސްލިމުންނާ މެދު ޔަހޫދީން ކަންތައް ކުރާގޮތް އަބަދުވެސް މާ ނުބައި ވާނޭ ކަމުގައެވެ. މި ވާހަކަފުޅުގެ ސީދާ އަސަރާއި ބަރުދަން ރަނގަޅަށް އެނގޭނީ އާޔަތުގެ މާނައަށް ފުންކޮށް ބަލައި ވިސްނީމައެވެ. ކްރިސްޓިއަނުންނާއި ޔަހޫދީންގެ އެތައް ބަޔަކު އިސްލާމްދީނަށް ވަދެފައިވާ ކަމީ ދެކޮޅު ހެދޭން ނެތް ހަގީގަތެކެވެ. އެކަމަކު ޖުމުލަގޮތެއްގައި ބަލާއިރު ޔަހޫދީން އަބަދުވެސް ފެނިފައި ވަނީ އިސްލާމްދީނުގެ ދާއިމީ ދުޝްމިނުންގެ ގޮތުގައެވެ. ކީރިތި ޤުރްއާނުގައި ބަޔާންވެފައިވާ މި ވާހަކައިން މި ހުޅުވެނީ ކިހައި ވަރެއްގެ ދޮރެއްކަން ވިސްނަނީ ވަރަށް މަދު މީހެކެވެ. ހަގީގަތުގައި މިއީ ކީރިތި ޤުރްއާނަކީ ދޮގު ނުވަތަ ބާޠިލު ފޮތެއްކަމާއި އެއީ ﷲ ގެ ވަޙީ ނޫންކަން ސާބިތުކޮށްދޭން ޔަހޫދީންނަށް ލިބިފައިވާ ވަރަށް ރަނގަޅު ފުރުސަތެކެވެ. (މުޅި ދުނިޔޭގައި ތިބީ ގާތްގަނޑަކަަށް ސައުވީހަކަށް މިލިއަން ޔަހޫދީންނެވެ.) ޔަހޫދީން ކުރާން ޖެހޭހައިވެސް ކަމަކީ އެންމެން އެއް ލަވައެއް ކިޔާފައި ގޮސް ދެތިން އަހަރެއްހައި ދުވަސް ވާންދެން މުސްލިމުންނަށް ހެޔޮ ވެގަތުމެވެ. އެޔަށް ފަހު ބުނަންވީއެވެ. "ކަލޭމެންނަށް އެންމެ ހެޔޮ ބަޔަކީ ކޮބައިކަން ކަލޭމެންގެ އިލާހީ ފޮތުގައި މިހާރު އޮތީ ކޮން ބައެއް ކަމުގައި ހެއްޔެވެ؟ ޔަހޫދީން ހެއްޔެވެ؟ ކްރިސްޓިއަނުން ހެއްޔެވެ؟ ޔަހޫދީން ކަލޭމެންނަށް ކޮށްދިން ހެޔޮ ކަންތައްތައް ނިކަން ދެކިބަލާށެވެ." ކީރިތި ޤުރްއާނުގެ ބާޠިލުކަން ސާބިތުކޮށްދޭން އެމީހުން ކޮށްލާން ޖެހޭހައިވެސް ކަމަކީ އެއީއެވެ. އެކަމަކު ދިގު ސާދަ ސަތޭކަ އަހަރު ފާއިތު ވެގެން ދިޔައިރުވެސް އެމީހުން އެފަދަ ކަމެއް ނުކުރެއެވެ. މިހާރުވެސް އެ އާޔަތް ހަމަ އޮތް ގޮތަށް އެބައޮތެވެ. އެމީހުންނަށް ހުޅުވިފައި އޮތް ފުރުސަތެއްގެ ގޮތުގައެވެ.

ކީރިތި ޤުރްއާނުގެ މައްޗަށް އެކި ގޮތްގޮތަށް ބަލައިލެވޭނޭ ކަމަށް އަޅުގަނޑު މި ބަޔާންކުޅަ ހުރިހައި މިސާލަކީ އެއް ހަމަޔަކުން ބަލާއިރު މުޅީންވެސް ޣައިރު މަވްޟޫޢީ މިސާލެވެ. އެހެންނަމަވެސް އެ ފޮތުގެ މައްޗަށް މަވްޟޫއީ ގޮތަކަށް ބަލައިލެވޭނޭ ގޮތްތައްވެސް އެބަހުއްޓެވެ. އެއްގޮތަކީ ހިސާބު ޢިލްމުގެ ބޭނުން ކޮށްގެން ބެލުމެވެ. ތެދު ލަފާކުރުންތަކެއްގެ މައްޗަށް ބަލައިގެން ހިސާބު ޖެހީމާ ކީރިތި ޤުރްއާނުގެ ސައްހަކަން އެނގިގެންދާލެއް ރީތިކަމުން ހައިރާންވާހައިވެއެވެ. ހިސާބު އިލްމަށް ބަލާނަމަ މިކަން ސާބިތުކޮށްދޭން ބޭނުން ކުރަން ޖެހެނީ އަންދާާސާކުރުމަކާއި ލަފާކުރުމުގެ މިސާލަކާ އެކީގައެވެ. މިސާލަކަށް މީހެއްގެ ކުރިމައްޗަށް ހުށަހަޅާ ކަމެއްގައި އޭނާއަށް އޮތީ ދެ ގޮތެއް ކަމުގައި ބައްލަވާށެވެ. އެއީ ރަނގަޅު ގޮތަކާއި ނުބައި ގޮތެކެވެ. އޭނާ ލޯ މަރައިލައިފައި މި ދެ ގޮތުން އެއް ގޮތެއް ޚިޔާރު ކޮށްފިނަމަ އޭނާ ޚިޔާރު ކުރި ގޮތް ނުބައި ވުމުގެ ފުރުސަތު އޮންނާނީ ދެބައިކުޅަ އެއްބަޔަށެވެ. ރަނގަޅުވުމުގެ ފުރުސަތުވެސް އޮންނާނީ ދެބައިކުޅަ އެއްބަޔަށެވެ. ދެން ހަމަ އެމީހާގެ ކުރިމައްޗަށް މި ދެންނެވުނު ފަދަ ދެ ހާލަތެއް ހުށަހަޅައިފިނަމަ ވާނޭ ގޮތާ މެދު ވިސްނާވަޑައިގަންނަވާށެވެ. އެއީ ރަނގަޅަކާއި ނުބައެއް ހިމެނޭ ދެ ހާލަތެވެ. އޭނާ ގާތު ވިދާޅުވާނީ ރަނގަޅާއި ނުބައިގެ ހަތަރު ފުރުސަތަކުން ވަކި ގޮތެއް ޚިޔާރު ކުރާށެވެ. ދެ ހާލަތުން ކުރެ ކޮންމެ ހާލަތެއްގައިވެސް އޭނާ ޚިޔާރު ކުރާ ގޮތް ރަނގަޅު ވުމާއި ނުބައި ވުމުގެ ފުރުސަތު އޮންނާނެއެވެ. މިފަހަރު އޭނާ ލޯ މަރައިލައިފައި ވަކި ގޮތެއް ޚިޔާރު ކޮށްފި ނަމަ ވާނީ ކިހިނެއްތޯއެވެ؟ އޭނާއަށް މިފަހަރު ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ފުރުސަތު އޮންނާނީ ހަތަރުބައިކުޅަ އެއްބަޔަށެވެ. މާނައަކީ ރަނގަޅު ވާނީ ހަތަރު ފަހަރުން އެއް ފަހަރުއެވެ. ތަންކޮޅެއް ތަފުސީލުކޮށް ދަންނަވައިލާނަމެވެ. އޭނާ ފުރަތަމަ ހާލަތުން އެއްގޮތް ޚިޔާރުކޮށްފިނަމަ ރަނގަޅުވެސް ވެދާނެއެވެ. ނުވަތަ ނުބައިވެސް ވެދާނެއެވެ. ދެވަނަ ގޮތް ޚިޔާރު ކުރިނަމަވެސް ވާނީ ހަމަ މިހެންނެވެ. ކުރުކޮށް ދަންނަވާނަމަ ފުރަތަމަ ހާލަތާއި ދެވަނަ ހާލަތާއި ދެ ހާލަތުންވެސް އޭނާއަށް ނުބައި ގޮތް ޚިޔާރު ކުރެވުމަކީ ވެދާނޭ ގޮތެކެވެ. ނުވަތަ ފުރަތަމަ ހާލަތުން ނުބައި ގޮތް ޚިޔާރު ކޮށްފައި ދެވަނަ ހާލަތުން ރަނގަޅު ގޮތް ޚިޔާރުކުރެވުމަކީ ވެދާނޭ ގޮތެކެވެ. ނުވަތަ ފުރަތަމަ ހާލަތުން ރަނގަޅު ގޮތް ޚިޔާރު ކޮށްފައި ދެވަނަ ހާލަތުން ނުބައި ގޮތް ޚިޔާރު ކުރެވުމަކީ ވެދާނޭ ގޮތެކެވެ. ނުވަތަ ފުރަތަމަ ހާލަތާއި ދެވަނަ ހާލަތާއި ދެ ހާލަތުންވެސް ރަނގަޅު ގޮތް ޚިޔާރު ކުރެވުމަކީ ވެދާނޭ ގޮތެކެވެ. މުޅީން ރަނގަޅު ގޮތް އޭނާއަށް ޚިޔާރު ކުރެވޭނީ ދެ ހާލަތުގައިވެސް ރަނގަޅު ގޮތް ޚިޔާރު ކުރެވިއްޖެނަމައެވެ. ރަނގަޅު ގޮތް ޚިޔާރު ކުރެވުމުގެ ފުރުސަތު މި ފަހަރު ހަނި ވެފައި ވަނީ އޭނާ ލަފާކުރާން ޖެހޭ އަދަދު ނުވަތަ ފަހަރު ގިނަވީމައެވެ. ހިސާބު ޢިލްމުގައި މި ހާލަތު ބަޔާން ކުރާ ވިޔައަކީ 2/1 x 2/1 އެވެ. މާނައަކީ ފުރަތަމަ ހާލަތުގައި ދެފަހަރުން އެއް ފަހަރާއި ދެވަނަ ހާލަތުގައި ދެ ފަހަރުން އެއް ފަހަރެވެ.

މި މިސާލު މިއަށްވުރެ ފުޅާ ކޮށްލަމާތޯއެވެ؟ ކުރީގައި ދެންނެވުނު ފަދަ ތިން ހާލަތެއް މީހަކަށް މެދުވެރި ވެއްޖެ ނަމަ ވާނޭ ގޮތް ބައްލަވާށެވެ. އެހެން މެދުވެރިވެއްޖެ ނަމަ އޭނާއަށް ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ފުރުސަތު އޮންނާނީ އަށްބައިކުޅަ އެއްބައި ފަހަރުއެވެ. ހިސާބު ވިޔަ އަކީ 2/1 x 2/1 x 2/1 އެވެ. މި ފަހަރުވެސް ރަނގަޅު ގޮތް ޚިޔާާރު ކުރާން ލިބޭ ފުރުސަތު ކުރިއަށްވުރެ ބޮޑަށް ހަނިވީއެވެ. ރަނގަޅު ގޮތް އޭނާއަށް ޚިޔާރު ކުރެވޭނީ އަށް ފަހަރުން އެންމެ ފަހަރަކުއެވެ. ޚިޔާރު ކުރާން ލިބޭ ފުރުސަތުތައް ގިނަވީ ވަރަކަށް ރަނގަޅު ގޮތް ޚިޔާރު ކުރުން އުނދަގޫ ވާނެއެވެ.

ދެން މި އުސޫލު ކީރިތި ޤުރްއާނަށް ފައްތަމާތޯއެވެ؟ ކީރިތި ޤުރްއާނުގައި ރަނގަޅު ނުވަތަ ތެދު މައުލޫމާތު ދީފައިވާ އާޔަތްތައް ހިސާބުކޮށް ލައްވާށެވެ. އެއަށް ފަހު ބައްލަވައިލެއްވީމާ އެނގިވަޑައިގަންނަވާ ކަމަކީ ކޮބައިތޯއެވެ؟ ސާބިތުވާ ކަމަކީ އެއީ މީހަކު ލަފާ ކޮށްލައިފައި އެތައް ގޮތެއްގެ ތެރެއިން ޚިޔާރުކޮށް ލިޔެ ހާމަކޮށްފައިވާ ގޮތްތަކެއް ނޫން ކަމެވެ. އެ ފޮތުގައި މި ދެންނެވިފަދަ ވާހަކަތައް ވަރަށް ގިނައެވެ. އެ ފަދަ ވާހަކަތަކުގެ އަދަދަށް ބަލައިފައި އެއީ މީހަކު ހިތު ލަފަޔަކަށް ދައްކައިފައި ހުރި ވާހަކަތަކެކޭ ބުނުމުގެ އެއްވެސް ފުރުސަތެއް ނެތެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކޮށްފައިވާ ވާހަކައެއް ނުބައި ވެދާނޭ އެތައް މިލިއަން ގޮތެއް އޮތް އިރުވެސް ކޮންމެ ފަހަރަކުވެސް އެ ވާހަކަ ވެފައި ވަނީ ތެދު ވާހަކައަކަށެވެ. މިފަދަ އެތައް މިސާލެއްގެ ތެރެއިން އެންމެ ތިން މިސާލެއް ދަންނަވައިލާނަމެވެ.

ކީރިތި ޤުރްއާނުގެ އައްނަޙްލު ސޫރަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވައިފައިވާ ގޮތުގައި ކާތަކެތި ހޯދާން ގެއިން (ހަތައިން) ނުކުމެގެން ދަނީ އަންހެން މާމުއިކުޅަނދުރެވެ. އުދުހިފައިދާ ކުޅަނދުރެއް ފެނުނީމާ މީހަކު ބުނެފާނެއެވެ. "އެ ކުޅަނދުރަކީ ފިރިހެން ކުޅަނދުރަކަށް ވެދާނެއެވެ. ނުވަތަ އަންހެން ކުޅަނދުރަކަށްވެސް ވެދާނެއެވެ. އަހަންނަށް ހީވާ ގޮތުގައި އެއީ އަންހެން ކުޅަނދުރެކެވެ." މި ހާލަތުގައި އޭނާ ލަފާކުރި ގޮތް ރަނގަޅު ވުމުގެ ފުރުސަތު ދެބައިކުޅަ އެއްބަޔަށް އޮންނާނެއެވެ. އެކަމަކު އެއީ (އަންހެން ކުޅަނދުރު ބޭރަށް ނުކުތުން) ޤުރްއާން ބާވައިލެއްވި ދުވަސްވަރު އުޅުނު މީހުން ގަބޫލު ކުރި ގޮތެއް ނޫނެވެ. އަންހެން ކުޅަނދުރާއި ފިރިހެން ކުޅަނދުރުގެ ތަފާތު ތިޔައިން ބޭފުޅަކަށް ފާހަގަ ކުރެއްވިދާނެތޯއެވެ؟ އެއީ އެކަމުގެ މާހިރަކަށް ނޫނީ ކުރެވޭނޭ ކަމެއް ނޫނެވެ. ފަހުން އެނގުނު ގޮތުގައި ކާތަކެތި ހޯދާކަށް ފިރިހެން ކުޅަނދުރު ގެ ދޫކޮށްފައެއް ނުދެއެވެ. ޝޭކްސްޕިއަރުގެ ތަމްސީލެއް ކަމުގައިވާ "ހެންރީ ދަ ފޯރތު" ގައި ހިމެނޭ ބައެއް މީހުން ކުޅަނދުރުގެ ވާހަކަ ދައްކައެވެ. އެމީހުން ބުނާ ގޮތުގައި ކުޅަނދުރަކީ ސިފައިންނެވެ. ކުޅަނދުރުގެ ވެރިއަކަށް ހުންނަނީ ރަސްކަލެކެވެ. ރަސްކުޅަނދުރެވެ. މިއީ ޝޭކްސްޕިއަރުގެ ދުވަސްވަރުގެ މީހުން ދަންނަ ގޮތެވެ. އެމީހުންނަށް އެނގިފައިވާ ގޮތުގައި އުދުހޭތަން މި ފެންނަ ކުޅަނދުރަކީ ފިރިހެން ކުޅަނދުރެވެ. މި ކުޅަނދުރުތައް އެނބުރި ގޮސް ޖަވާބުދާރީ ވަނީ ރަސްކަލަކަށެވެ. ރަސްކުޅަނދުރަށެވެ. އެކަމަކު ހަގީގަތް އޮތީއަކީ މިހެންނެއް ނޫނެވެ. ހަގީގަތުގައި އުދުހި އުޅޭތަން މި ފެންނަ ކުޅަނދުރަކީ އަންހެން ކުޅަނދުރެވެ. އެ ކުޅަނދުރުތައް ޖަވާބުދާރީ ވަނީ ރަންޏަކަށެވެ. ރަނިކުޅަނދުރަށެވެ. މި ޒަމާނުގެ ސައިންސީ ތަހުގީގަށް މިކަން ހޯދުނީ ތިން ސަތޭކަ އަހަރުންނެވެ.

ދެން ކުރީން ދެންނެވުނު ފަދައިން ހިތު ލަފައަށް ޖެހިލަމާތޯއެވެ؟ ހިތުލަފައެއް ނަމަ ރަނގަޅު ގޮތް ޚިޔާރު ކުޅައުމުގެ ފުރުސަތު އޮންނާނީ ފަންސާސް އިންސައްތަ ފަންސާސް އިއްސައްތައިގައެވެ. މާނައަކީ ރަނގަޅު ގޮތް ޚިޔާރު ކުރެވޭނީ ދެ ފަހަރުން އެއް ފަހަރުއެވެ.

ކުޅަނދުރުގެ އިތުރަށް ކީރިތި ޤުރްއާނުގައި އިރު ފަލަކުގައި ދައުރުކުރާ ގޮތުގެ ވާހަކަވެސް ބަޔާން ކުރައްވައިފައި ވެއެވެ. މިއީވެސް މީހަކަށް ހިތު ލަފަޔަށް ދެއްކިދާނޭ ވާހަކައެއް ކަމުގައި ބަލަމާތޯއެވެ؟ އިރު ފަލަކުގައި ދައުރު ކުރެއޭ ބުނީމާ ދެ ގޮތެއް ހިތަށް ގެނެވޭނެއެވެ. އެއް ގޮތަކީ މީހަކު ގާބުރިއެއް އެއްލީމާ އެ ގާބުރި ވައިގެ ތެރޭގައި ދަތުރުކުރާ ގޮތެވެ. ދެވަނަ ގޮތަކީ އިރު އޭގެ އަމިއްލަ ޒާތުގައި ފަލަކުގައި ދައުރު ކުރަމުން ދިއުމެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވަނީ އިރު އޭގެ ޒާތުގައި ދައުރުވަމުންދާ ކަމުގައެވެ. މި ހަރަކާތް ބަޔާންކޮށް ދެއްވުމުގެ ގޮތުން ބޭނުން ކުރައްވައިފައިވާ އަރަބި ބަހަކީ ސަބަޙަ އެވެ. އާދެ، ޔުސްބަޙޫން އެވެ. މި ބަހުގެ މާނަ ރަނގަޅަށް ހިތްޕުޅަށް ގެންނެވޭނޭ ގޮތް ހެދުމުގެ ގޮތުން އަޅުގަނޑު މިސާލެއް ދަންނަވައިލާނަމެވެ. މީހަކު ފެނުގެ ތެރޭގައި ފަތާއިރު ގެންނަ ހަރަކާތްތައް ސިފަ ކުރުމުގެ ގޮތުން އަރަބި ބަހުން ސަބަޙަ ބޭނުން ކުރެއެވެ. މާނައަކީ އޭނާ ފެނުގެ ތެރޭގައި އޭނާގެ އަމިއްލަ ބާރުގައި އެއްވެސް ތަނެއްގައި ނުޖެހި އޮވެގެން ކުރިއަށް ދަނީއެވެ. މީހަކު އޭނާ ކޮއްޕަނީއެއް ނޫނެވެ. އަދި ދަމަނީއެއްވެސް ނޫނެވެ. އެހެންވީމާ އިރު ދައުރުކުރާ ގޮތް ބަޔާންކޮށް ދެއްވުމުގެ ގޮތުން މި ބަސް ބޭނުން ކުރެއްވީމާ އެނގެނީ އެއީ މީހަކު އެއްލައިލީމާ ނުވަތަ ކޮއްޕައިލީމާ ދަތުރުކުރާ ގޮތަށް އެއްވެސް ކޮންޓުރޯލެއް ނެތި ދައުރުވުން ނޫން ކަމެކެވެ. އެފަދަ ކަމެއްގެ އެހީތެރިކަމާ ނުލައި އަމިއްލަ ފަލަކުގައި ދައުރާނަވަމުން ދަނީކަމެވެ. މިއީ ކީރިތި ޤުރްއާން ބުނާ ގޮތެވެ. އެކަމަކު މިއީ ހޯދައިގަތުން ފަސޭހަ ކަމެއްތޯއެވެ؟ އިރު ދައުރާނަވަނީއޭ އާދައިގެ މީހަކަށް ބުނެވިދާނެތޯއެވެ؟ ސީދާ އިރަށް ބަލައިފިނަމަ އެމީހަކަށް އެކައްޗެއްވެސް ނުފެނާނެއެވެ. އެހެންވީމާ އިރުގެ ހިޔަނި އެއްޗަކަށް އަޅުވައިގެން ބަލާނޭ އާލަތެއް އުފެއްދީ ދާދި މިދާކަށް ދުވަހުއެވެ. އެއީ މި ޒަމާނުގެ އުފެއްދުމެކެވެ. މި ފަދަ ގޮތަކަށް ބެލީމާ އެނގުނު ގޮތުގައި އިރުގައި ލައްތަކެއް ނުވަތަ ބޮޑެތި ލައްގަނޑުތަކެއް ހުރެއެވެ. އަދި އެ ލައްގަނޑުތައް ކޮންމެ ފަންސަވީސް ދުވަހަކުން ހުރިތަން ނޫން އެހެން ތަނަކަށް ބަދަލުވެއެވެ. މި ބަދަލުވުމަށް ކިޔަނީ އިރު އޭގެ ދަނޑީގައި ދައުރާނަވުމޭއެވެ. މިވާހަކަ މި އޮތީ މީގެ ސާދަސަތޭކަ އަހަރު ކުރީން ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައެވެ. މާނައަކީ އިރު ދަތުރުކުރަމުންދާއިރު އޭގެ އަމިއްލަ ދަނޑީގައިވެސް ހަރަކާތް ކުރެއެވެ.

މި މައުލޫމާތުވެސް އެއްކަލަ ހިތު ލަފަޔާ ގުޅުވަމާތޯއެވެ؟ މިހާރު މިއޮތީ އެއްކަހަލަ ދެ ހާލަތު މެދުވެރި ވެފައެވެ. ކުރިން ދެންނެވި ކުޅަނދުރުގެ ވާހަޔާއި އިރުގެ ވާހަކަޔާ ދެވާހަކަ އެކުވީމާ ޚިޔާރު ކުރާނޭ ހަތަރު ހާލަތެއް އެބަ މެދުވެރިވެއެވެ. އެހެންވީމާ ލަފާކުރުމުގެ މަސައްކަތް ބުރަވެގެން ދިޔައީއެވެ. ރަނގަޅުވާނީ ހަތަރު ބައިކުޅަ އެއް ފަހަރަށް ވެގެން ދިޔައީއެވެ.

މީގެ ސާދަސަތޭކަ އަހަރު ކުރިއަށް ބަލާނަމަ އެ ޒަމާނުގެ މީހުންނަކަށް ދުނިޔޭގެ ވަގުތަށް އަންނަ ބަދަލުތަކާއި، އެކިތަނަށް އެކި ވަގުތު ވާގޮތް ވިސްނައިގަންނާކަށް ނޭނގޭނެއެވެ. ކީރިތި ޤުރްއާނުގައި މި ވާހަކަ ބަޔާންވެފައިވާ ވުމަކީ ޙައިރާންވާނޭ ކަމެއްކަން ކަށަވަރެވެ. އެއް ރަށެއްގެ ބަޔަކު ހެނދުނު ނާސްތާ ކުރާން ތިބޭއިރު އަނެއް ރަށެއްގެ ބަޔަކު ރޭގަނޑު ކާން ތިބޭ ވާހަކައަކީ މި ޒަމާނުގައިވެސް އަޖައިބުވާ ކަހަލަ ވާހަކައެކެވެ. ގަދީމީ ޒަމާނަކީ ދުވާލަކު އެންމެ ތިރީސް މޭލަށްވެސް ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައި އޮތް ޒަމާނެއް ނޫނެވެ. މިސާލަކަށް މީހަކު އުތުރުކަރައިން (އިންޑިއާއިން) މަޣްރިބަށް (މޮރޮކޯއަށް) ދަތުރެއް ކުރާނަމަ ކުރެވޭނީ އެތައް މައްސަރަކުންނެވެ. އެހެންވީމާ މޮރޮކޯގައި ރޭގަނޑު ކާން އިންނައިރު އޭނާގެ ހިތުގައި އޮންނާނީ އިންޑިއާގައިވެސް އޭނާގެ ގޭގެ މީހުން މިހާރު ރޭގަނޑު ކާން ތިބޭނޭ ކަމުގައެވެ. ދަތުރުގެ ތެރޭގައި ވަގުތު ބަދަލުވާ އިންތަކެއް ކަޑައްތު ކުރެވުނު ކަމެއް އޭނާއަކަށް އެއްގޮތަކަށްވެސް ނޭނގޭނެއެވެ. އެކަމަކު ކީރިތި ޤުރްއާނަކީ ﷲ ގެ ބަސްފުޅެވެ. އެއީ ހުރިހައި ކަމެއް ދެނެވޮޑިގެންވާ ކުޅަދުންވަންތަ ކަލާނގެއެވެ. ވަގުތުގެ މަރުހަލާތަކާއި ބަދަލުތައް އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ.

ކީރިތި ޤުރްއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވައިފައިވާ ގޮތުގައި ދުނިޔޭގެ ނިމުން އައިސް އާޚިރަތް ދުވަސް ގާއިމު ކުރެވޭ ވަގުތު އެއް ބަޔަކު ދުވާލުގެ ވަގުތު އަދި އަނެއް ބަޔަކު ރޭގަނޑުގެ ވަގުތު އެއްފަހަރާ ހިއްޕަވާނެއެވެ. ސާދަސަތޭކަ އަހަރު ކުރީން ރޭގަނޑާއި ދުވާލުގެ ތަފާތު އެކި ގައުމުތަކަށް އަންނާނޭ ގޮތް ބަޔަކަށް ނޭނގުނު ކަމުގައި ވިޔަސް ﷲ ދެނެވޮޑިގެންވެއެވެ. މިއީ އެއްވެސް ދުވަސްވަރަކު ވަކި ދިމާއަކަށް ބަލައިގެން ފެންނާނޭ ކަމެއް ނޫނެވެ. އަދި އެއްފަހަރާ އެއްވެސް މީހަކަށް ތަޖުރިބާ ކުރެވޭނޭ ކަމެއްވެސް ނޫނެވެ. ހަމައެކަނި މި އާޔަތުންވެސް އެނގިގެން ދަނީ ކީރިތި ޤުރްއާނުގެ ސައްހަކަމެވެ. އަދި އެއީ ސީދާ ﷲ ގެ ވަޙީކަމެވެ.

ދެން އެއްކަލަ ހިތުލަފަޔާ ދިމާއަށް އެނބުރިލާނަމެވެ. މިހާރު މި އޮތީ ތިން ހާލަތެއް އައިސްފައެވެ. ޚިޔާރު ކުރަން ޖެހޭ ތިން ކަމެއް އެބައޮތެވެ. ކޮންމެ ކަމެއްގައިވެސް ދެ ހާލަތެކެވެ. އެއީ ކުޅަނދުރުގެ ވާހަކަޔާއި އިރުގެ ވާހަކަޔާއި ވަގުތުގެ ވާހަކައެވެ. މިހާރު ހިތުލަފަޔަކަށް ވަކި ގޮތެއް ޚިޔާރު ކުރާނަމަ ރަނގަޅު ގޮތް ޚިޔާރު ކުރުމުގެ ފުރުސަތު އޮންނާނީ އަށްބައިކުޅަ އެއްބައި ފަަހަރުއެވެ.

މި މިސާލު ވަރަށް ދުރަށް ކުރިއަށް ގެންދެވިދާނެއެވެ. ކީރިތި ޤުރްއާނުގައިވާ މިފަދަ ވާހަކަތައް ލިސްޓު ކުރަމުން ކުރިއަށް ގެންދާންވީއެވެ. ކުރިއަށްދާ ވަރަކަށް ހިތުލަފަޔަށް ދިމާކުރުން ދާނީ އުނދަގޫވަމުންނެވެ. އެކަމަކު ކީރިތި ޤުރްއާން ލިޔުއްވީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަމިއްލަފުޅަށް ކަމުގައި ނުވަތަ އެއީ އެކަލޭގެފާނު ނެރުއްވައިގެން އުޅުއްވާ ބުހުތާނެއް ކަމަށް ބުނާ މީހުންނަށް ދޭނޭ ޒުވާބެއް އެބައޮތެވެ. އިތުރު އެކަލޭގެފާނަކީ ލިޔަންކިޔަން ދެނެވަޑައިގަންނަވާ ބޭކަލެއް ނޫނެވެ. އެކަމަކުވެސް އެތައް ހާސް ކަމެއް އެކަލޭގެފާނުގެ ކުރިފުޅުމައްޗަށް އައީމާވެސް ކޮންމެ ފަހަރަކު ޚިޔާރު ކުރައްވަނީ ރަނގަޅު ގޮތެވެ. މިއީ އެއްވެސް މީހަކަށް (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށްވެސް) ކުރެވޭނޭ ކަމެއް ނޫން ކަމަށް ޚުދު ޣައިރުމުސްލިމުންވެސް އެއްބަސްވެއެވެ.

ތެދުތެދަށް ދަންނަވާނަމަ ކީރިތި ޤުރްއާނަކީ މީސްތަކުންގެ ތަހައްދީ ގަބޫލުކުރާ ފޮތެކެވެ. ރެކިގަނެގެން ދާން މަސައްކަތް ކުރާ ފޮތެއް ނޫނެވެ.

މީހަކު އަލަށް އައިސް ރަށަކަށް އެރިތަނާ އެ ރަށުގެ މީހަކާ ބައްދަލު ވެގެން ބުނެފިއެވެ. "އަހަރެން ކަލޭގެ ބައްޕަ ދަންނަމެވެ. އޭނާޔާ ބައްދަލުވެސް ކުރީމެވެ." އެމީހާއަށް މި ބީރައްޓެހިމީހާގެ ވާހަކަ ގަބޫލު ކުރާކަށް ފަސޭހައެއް ނުވާނެއެވެ. އެހެންވީމާ ސުވާލު ކޮށްފާނެއެވެ. "ކަލޭ މި ރަށަށް ތިޔަ އައީ ދެންމެއެވެ. ކަލެއަށް އަހަރެންގެ ބައްޕަ އެނގޭނީ ކިހިނެއް ހެއްޔެވެ؟ އެންމެ ރަނގަޅެވެ. ނިކަން ބުނެބަލާށެވެ. އަހަރެންގެ ބައްޕައަކީ އިސްކޮޅުން ދިގު މީހެއް ހެއްޔެވެ؟ ކުރު މީހެއް ހެއްޔެވެ؟ ކަޅު މީހެއް ހެއްޔެވެ؟ ދޮން މީހެއް ހެއްޔެވެ؟" މި ހުރިހައި ސުވާލަކަށް އެ ބީރައްޓެހިމީހާ ރަނގަޅަށް، ތެދަށް ޖަވާބު ދީފިއްޔާ އެމީހާ އެބުނާ ވާހަކައަކީ ތެދު ވާހަކައެއް ކަމަށް ގަބޫލު ކުރުން ފިޔަވައި އެހެން ގޮތެއް ނޯންނާނެއެވެ. ދެން ބުނާން އޮންނާނޭ ވާހަކައަކީ މިއީއެވެ. "އާނއެކެވެ. ކަލެއަށް އަހަރެންގެ ބައްޕަ އެބައެނގެއެވެ. އެކަމަކު އެނގެނީ ކިހިނެއް ކަމެއް އަހަންނަކަށް ނޭނގެއެވެ." މިއީ ކީރިތި ޤުރްއާންގެ ކަންތައްވެސް އޮތް ގޮތެވެ. އެ ފޮތް ބުނާ ގޮތުގައި އެއީ ހުރިހައި ކަމެއް މޮޅަށް ދެނެވޮޑިގެންވާ އަދި ހުރިހައި އެއްޗެއް ހެއްދެވި ކަށަކުޅަދުންވަންތަ ﷲ ގެ ބަސްފުޅެވެ. އެހެންވީމާ އެ ފޮތާ މުޚާޠަބްކޮށް ސުވާލު ކުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް އޮންނާނެއެވެ. "އަހަންނަށް ޔަގީން ވާނޭ ގޮތެއް ހަދާށެވެ. މިއީ އުޑުތަކާއި ބިންތަކާއި އެދެމެދުގައި ވާހައި ތަކެއްޗެއް އުފެއްދެވި ﷲ ގެ ބަސްފުޅުކަމުގައި ވަނީނަމަ މިވެނި އެވެނި ކަންތައްވެސް އެ ކަލާނގެ ދެނެވޮޑިގެންވާނެއެވެ. އެވާހަކަތަކުގެ ޚަބަރު ނިކަން ކޮށްބަލާށެވެ." ދެން ކީރިތި ޤުރްއާނަށް ބަލައިލީމާ މި ހުރިހައި ހަގީގަތެއް ވަރަށް ސާފުކޮށް އެހެރީ ފެންނާށެވެ. މި ކަންތައްތައް ފާހަގަ ކުރާކަށް މާބޮޑު މާހިރަކަށް ވާކަށް ނުޖެހެއެވެ. ފެންނަ ހަގީގަތްތައް ގަބޫލުކުރާ ވަރަކަށް އީމާންކަން ދާނީ ވަރުގަދަ ވަމުންނެވެ. އެޔާއެކު އައު ކަންތައްތައް ފެންނާން ފަށާނެއެވެ. މިއީ އިންސާނާ މުޅި އުމުރު ދުވަހު ކުރާން ޖެހޭ މަސައްކަތެކެވެ.

ﷲ އަޅަމެން އެންމެންނަށް ތެދުމަގު ދައްކަވާށިއެވެ.

އިތުރު ބަޔާނެއް

ޔުނިވަރސިޓީ އޮފް ޓޮރެންޓޯގެ އިންޖިނޭރަކު ދިރާސާއެއް ކުރިއެވެ. އޭނާއަކީ ނަފްސާނީ އިލްމަށް ލޯބިކުރާ މީހެކެވެ. ދިރާސާއެއް ކުރުމަށް ފަހު އޭނާ ލިޔުނު ފޮތުގެ ނަމަކީ "އެފިޝަންސީ އޮފް ގްރޫޕް ޑިސްކަޝަންސް" އެވެ. މި ދިރާސާގެ ބޭނުމަކީ ދެމީހަކު ނުވަތަ ތިން މީހަކު ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުވެގެން މަޝްވަރާ ކުރީމާ ހާސިލު ކުރެވޭ މިންވަރު ދެނެގަތުމެވެ. އޭނާގެ މަސައްކަތުން އެކި މިންވަރަށް ހާސިލު ކުރެވޭކަން ފާހަގަ ކުރެވުނު ނަމަވެސް އެންމެ ބޮޑު މިންވަރެއް ހާސިލު ކުރެވޭ ކަމަށް ފާހަގަ ކުރެވުނީ އެންމެ ދެމީހުން ތިބެގެން މަޝްވަރާ ކުރީމައެވެ. މިއީ އޭނާ ލަފާކޮށްގެން ހުރި ނަތީޖާއެއް ނޫނެވެ. މުޅީން އާދަޔާ ޚިލާފު ނަތީޖާއެކެވެ. އެކަމަކު މިއީ ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައިވާ ވާހަކައެކެވެ. އައްސަބާ ސޫރަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވައިފައި ވެއެވެ.

قُلۡ إِنَّمَآ أَعِظُكُم بِوَٰحِدَةٍۖ أَن تَقُومُواْ لِلَّهِ مَثۡنَىٰ وَفُرَٰدَىٰ ثُمَّ تَتَفَكَّرُواْۚ ...

"ކަލޭގެފާނު ވިދާޅުވާށެވެ! ތިމަން، ތިޔަބައިމީހުންނަށް ނަސޭހަތްތެރިވާކަން ކަށަވަރީ، އެންމެކަމަކަށެވެ. (އެއީ) ތިޔަބައިމީހުން ދޭދޭމީހުންނާއި، ވަކިވަކިން ﷲއަށްޓަކައި (ޙައްޤުމަގު ހޯދުމުގައި) ގާއިމުވެތިބުމަށެވެ..."

މީގެ އިތުރަށް އަލްފަޖްރު ސޫރަތުގައި އިރަމް (ތަނބުތަކުގެ ސަހަރު) ގެ ވާހަކަ ގެންނަވައިފައި ވެއެވެ. މިއީ ގަދީމީ ޒަމާނުގެ މީހުން ދެނަހުރި ސަހަރެއްގެ ވާހަކައެއް ނޫނެވެ. މުވައްރިޚުންނަށްވެސް އެނގިފައި އޮތް ތަނެއް ނޫނެވެ. 1978 ވަނަ އަހަރުގެ ޑިސެމްބަރު މަހު ނުކުތް "ނޭޝަނަލް ޖިއޯގްރެފިކް" މަޖައްލާގައި އޮތް ވާހަކައެއް ދަންނަވައިލާނަމެވެ. މަޖައްލާގައިވާ ގޮތުގައި 1973 ވަނަ އަހަރު ސޫރިޔާގެ އިބްލާގައި އާސާރީ ބިމެއް ކޮނެގެން އުޅުމުގެ ތެރޭގައި 43 ގަރުނުވީ ރަށެއް ފެނުނެވެ. ހައިރާންވާން ޖެހެނީ މި ރަށް ފެނުނީމައެއް ނޫނެވެ. މިރަށުގެ ކުތުބުޚާނާއެއްގައި ހުރި ލިޔުންތަކަކުން ފެނުނު ގޮތުގައި އިބްލާއާ އެކު ވިޔަފާރީގެ މުއާމަލާތް ހިންގި ހުރިހައި ރަށަކާ ބެހޭ މައުލޫމާތު ރައްކައު ކުރެވިފައި ހުއްޓެވެ. އެ ގައުމުތަކުގެ ތެރޭގައި އިރަމްގެ ނަން އޮތެވެ. އިބްލާގެ ވިޔަފާރިވެރިން އިރަމްގެ ވިޔަފާރިވެރިންނާ މުއާމަލާތް ކުރިއެވެ.

ނިންމައިލަމުން އަޅުގަނޑު ދަންނަވައިލާނީ ތިރީގައި މިވާ ދެ އާޔަތަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާށެވެ. މިއީ އަލްޢަންކަބޫތު ސޫރަތުގެ ދެ އާޔަތެވެ.

وَقَالُواْ لَوۡلَآ أُنزِلَ عَلَيۡهِ ءَايَٰتٌ مِّن رَّبِّهِۦۚ قُلۡ إِنَّمَا ٱلۡأٓيَٰتُ عِندَ ٱللَّهِ وَإِنَّمَآ أَنَا۠ نَذِيرٌ مُّبِينٌ  (٥٠)  أَوَ لَمۡ يَكۡفِهِمۡ أَنَّآ أَنزَلۡنَا عَلَيۡكَ ٱلۡكِتَٰبَ يُتۡلَىٰ عَلَيۡهِمۡۚ إِنَّ فِي ذَٰلِكَ لَرَحۡمَةٌ وَذِكۡرَىٰ لِقَوۡمٍ يُؤۡمِنُونَ  (٥١)

"އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން
މުޢުޖިޒާތްތަކެއް އެކަލޭގެފާނަށް ބާވައިނުލެއްވީ ކީއްވެގެން ހެއްޔެވެ؟ ކަލޭގެފާނު ވިދާޅުވާށެވެ! މުޢުޖިޒާތްތައް ބާވައިލައްވާކަން ކަށަވަރީ، ﷲގެ ޙަޟްރަތުންނެވެ. އަދި ތިމަންކަލޭގެފާނު ވާކަން ކަށަވަރީ، ބަޔާންވެގެންހުރި، އިންޒާރުކުރައްވާ ބޭކަލަކު ކަމުގައެވެ. ހަމަކަށަވަރުން، އެއުރެންނަށް ކިޔަވައިދެވޭ ފޮތް، ތިމަންރަސްކަލާނގެ ކަލޭގެފާނަށް ބާވައިލެއްވިކަން (މުޢުޖިޒާތެއް ކަމުގައި) އެއުރެންނަށް ނުފުދެނީ ހެއްޔެވެ؟ ހަމަކަށަވަރުން، އީމާންވާ ބަޔަކަށް އެކަމުގައި ރަޙްމަތާއި، ހަނދުމަކުރުމެއް ވާކަން ކަށަވަރެވެ."

(ނިމުނީ)

4 ޚިޔާލު

  1. ކީރިތި ޤުރުއާނުގައިވާ :
    ▪ޣައިބުގެ ޚަބަރުތައް
    ▪މާޟީގައި ވެފައި ކަންކަމުގެ ޚަބަރުތައް
    ▪ހިނގަމުންދާ ކަންކަމުގެ ޚަބަރުތައް
    ▪މުސްތަޤުބަލުގައި ހިނގާނެ ކަންކަމުގެ ޚަބަރުތައް
    ▪ކީރިތި ޤުރުއާނަކީ ﷲ ގެ ވަޙީ ބަސްފުޅުކަމާއި
    އެފަދަ އެހެން ފޮތެއް ގެނައުމުގެ ކުޅަދާނަކަން
    އެއްވެސް ފަރާތަކަށް ލިބިފައި ނުވާކަމުގެ
    ޗެލެންޖު
    ▪ކަންކަން ސިފަކުރެއްވުމުގެ ފުރިހަމަކަމާއި
    ޤުރުއާނުގެ ބަލާޣާތްތެރިކަން
    ▪ޤިޔާމަތާއި ހަމައަށް ރައްކާތެރިކުރެއްވިގެންވާ
    ފޮތެއްކަމުގެ ކަށަވަރުކަން
    ▪ޙުކުމްތަކާއި ކަންކަމަކީ ހުރިހާ ޒަމާނަކަށް ފެތޭ
    ކަންކަން
    ދޭހަވީ ހަމައެކަނި މިސަބަބުތަކަށް ބެލިކަމުގައި
    ވިޔަސް ޤުރުއާން ވެފައިވަނީ އަބަދަށް ދެމިގެންވާ،
    ފުރިހަމަ އިލާހީ މުއުޖިޒާއެއް ކަމުގައި.
    ޢަހަރެމެންނަކީ ކަންްކަން ހޯދައި ބަލައި،
    ފިކުރުކޮށް، ހެޔޮނުބައި ވަކިކުރަން މަސައްކަތްކުރާ
    ބަޔަކު ކަމުގައި ލައްވާށި.
    ލިޔުންތެރިޔާ ކުރައްވަމުން ގެންދަވާ
    މަސައްކަތުގައި ބަރަކާތްލައްވައި މިފަދަ އިތުރު
    ލިޔުން ވުޖޫދަށް ގެނައުމުގެ ތައުފީގު
    ދެއްވާށި

  2. ލިޔުންތެރިޔާ ގެ މިފަދަ އެހެން ލިޔުމަކަށް އިންތިޒާރު ކުރަން.

    ދި އެ މޭޒިން ޤުރްއާން" (ފޮތް) ލިޔުއްވި ޑރޢަބްދުލްއަޙަދު ޢުމަރު :
    ކީރިތި ޤުރްއާން ކިޔައިލުމުން ޔަޤީންވަނީ އެ ފޮތަކީ އިންސާނީ މަސައްކަތެއް ނޫންކަމެވެ. https://liyuntherin.org/archives/1287

    (ހަމަ އިއްތިފާގެއް?)

  3. މިފަދަ ތަރުޖަ މާތަކަކީ ވަރަށް އަގުހުރި މަސައްކަތްތަކެއް.އިތުރު ތަރުޖަ މާ ފެންނާނެކަ މަށް އުއް މީދު ކުރަން. ނައީ މުގެ މަސައްކަތުގައި ބަރަކާތް ލައްވާށި!

    ލިޔުން ކިޔާ ނިން މާލިތާ ގިނައިރެއް ނުވެ ވަރަށް މުނާސަބު އެހެން ލިޔު މެއްވެސް ކިޔައިލެވިއްޖެ.
    "ދި އެ މޭޒިން ޤުރްއާން" (ފޮތް) ލިޔުއްވި ޑރ. ގެރީ މިލަރ https://liyuntherin.org/archives/2554
    ދި މާވި ގޮތުން ހަމަ ފޯރުނުކޮށް ދޫކޮށްލާ ހިތެއްނުވި

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.