އަންހެނުންނާމެދު ތަފާތުކުރުން ހުއްޓުވުމަށް ޕާލިމަންޓަރީ އިންކުއަރީއަކަށް ގޮވާލައި ޤަރާރެއް ހުށަހަޅައިފި

އަންހެނުންނާމެދު ތަފާތުކުރުން ހުއްޓުމަކަށް ގެނައުމަށް ޓަކައި، ޕާލިމަންޓަރީ އިންކުއަރީއަކަށް ގޮވާލައި ޤަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ. މި ޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲއެވެ.

ޕާލިމަންޓަރީ އިންކުއަރީގައި ކަމާބެހޭ ސިޔާސަތުތަކާއި، ނިޒާމާއި ޤާނޫނުތަކާއި ޤަވާއިދުތަކުގައި ހުރި ހުރަސްތަކާއި ތަފާތުކުރުންތައް ދެނެގަތުމަށް، ޤަރާރުގައި ވަނީ ގޮވާލައިފައެވެ. އަދި ދާއިމީ ހައްލެއް ހޯއްދެވުމަށްޓަކައި، އިޞްލާޙުކުރަންޖެހޭ ކަންކަން ބަޔާންކޮށް މަޖިލީހުގެ ކަމާބެހޭ ކޮމެޓީގެ ރެކޮމެންޑޭޝަންތައް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ ގޮވާލައިފައެވެ.

އަންހެނުންނަކީ ރާއްޖޭގެ އާބާދީގެ ގާތްގަޑަކަށް 49 އިންސައްތަ ކަމަށްވާއިރު އަންހެނުންނާމެދު ކުރާ ތަފާތުތަކަށް ނިމުމެއް ގެނެސް، އަންހެނުންގެ ފުރިހަމަ ޙިއްޞާ ޤައުމީ ތަރައްޤީގައި އޮތުމަކީ ޤައުމީ ތަރައްޤީގެ ދުވެލި ހަލުއިވެގެން ދާނެކަމެއްކަމަށް ޤަރާރުގައި ފާހަގަ ކޮށްފައި ވެއެވެ. ރަށު ކައުންސިލްތަކާ ސިޓީ ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެމްބަރުންގެ 33 އިންސައްތަ އަންހެނުނަށް ޚާއްޞަ ކުރުމަކީ ޤައުމީ ތަރައްޤީގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމާއި ބާރުވެރިކޮށް، އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަން ޤަރާރުގައި ވަނީ ފާހަގަ ކޮށްފައެވެ.

އަދި އަންހެނުންނާމެދު ތަފާތު ކުރުން ނައްތާލާ، އދ. ގެ މުއާހަދާ (ސީޑޯ) ގެ 16 ވަނަ މާއްދާގެ (1) ބައެއް ބައިތަކަށާއި (2) ނަމްބަރަށް ރާއްޖެއިން ކުރިން ކޮށްފައިވާ އިޢުތިރާޒު ނެގުމަށް ވަޒީރުން މަޖިލީހުން ނިންމި ނިންމުމަށް ރައްޔިތުންގެ މަޖިލީހުންވެސް ރުހުންދީފައިވާ ކަން ވަނީ ފާހަގަ ކުރައްވައިފައެވެ. މި މާއްދާގެ (1) ނަމްބަރުގެ (ބީ)،(އީ)،(ޖީ)،(އެޗް) އަށް ކުރިން ރާއްޖެއިން ކުރި އިޢްތިރާޒު ނެގުމަށް ވަނީ ނިންމައިފައެވެ.

އަންހެނުން ބާރުވެރިކުރުމަށް ކުރާ މަސައްކަތަތަކުގައާއި އަދި އަންހެނުންނާމެދު ކުރާ ތަފާތުކުރުންތައް ނައްތާލުމަށްޓަކައި ރާއްޖޭގައި ޢަމަލުކުރަމުންދާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ސިޔާސަތުތަކުގައި ނިޒާމުގައި ހުރި ދަތިތައް ހައްލުކުރުމަށް އެތައް މަސައްކަތެއް ކުރެވިފައި ވީނަމަވެސް، އަންހެނުން ބާރުވެރިކުރުވައި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށްޓަކައި އިތުރަށްވެސް ކަންކަން ކުރައްޖެހިފައިވާ ކަން އީވާގެ ޤަރާރުގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.