އޮންލައިންކޮށް ޖަލްސާތައް ބޭއްވުމަށް ޚަރަދުވީ ހަތަރު ހާސް ރުފިޔާ- މަޖިލީހުގެ ރައީސް 

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އޮންލައިންކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް ޚަރަދުވީ ހަތަރު ހާސް ރުފިޔާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށް ބޮޑު ޚަރަދެއް ހިނގާކަމަށް ބައެއްފަރާތަކުން ދެކެމުންދާތީ އެކަން ސާފުކޮށްދެއްވުމުގެ ގޮތުންނެވެ.

ހަތަރު ހާސް ރުފިޔާ ޚަރަދު ވެފައި ވަނީ ވެސް މެމްބަރުންގެ ދާއިރާތަކާއި ނަން އެނގޭނެގޮތަށް ފަހަތުން ފެންނަންހުރި ބޯޑްތައް ހެދުމަށް ކަމަށް ވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ. އާއްމުގޮތެއްގައި ޖަލްސާބޭއްވުމަށްދާ ޚަރަދަށްވުރެ ވެސް އޮންލައިންކޮށް ބާއްވާ ޖަލްސާތަކަށްދާ ޚަރަދު ވަރަށްބޮޑުތަނުން ކުޑަކަން މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ. މަޖިލީހުގެ ޖަލްސާތައް އޮންލައިންކޮށް ކުރިއަށް ގެންދެވުމަށް ބޭނުންކުރާ މައިކްރޯސޮފްޓް ޓީމްސް އަކީ މާކުރިންމަޖިލީހުން ގަނެފައިވާ ސޮފްޓްވެއަރ އެއްކަންވެސް މަޖިލީހުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

އޮންލައިންކޮށް ޖަލްސާތައް ބާއްވަމުން ގެންދަނީ އެކަމަށް ކަނޑައަޅައިފައިވާ ޚާއްޞަ އުޞޫލެއްގެ ދަށުންނެވެ. މިއަދުގެ ޖަލްސާގައި ކުރިއަށް ގެންދެވީ ކޮވިޑް 19 އާ ގުޅިގެން ވަޒީފާގެއްލޭ މީހުންނާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުނަށް، މުސާރައެއްލިބޭ އިޤްތިޞާދީ މަސައްކަތެއްގައި ބައިވެރިކުރުމަށް ގޮވާލައި އެމްޑީޕީ ޕާލަމަންޓްރީ ގްރޫޕްގެ ލީޑަރ ޢަލީ ޢާޒިމް ހުށަހަޅުއްވި މައްސަލައިގެ ބަހުސެވެ. މިއަދުގެ ޖަލްސާގައި ފާސްކޮށަފައިވަނީ މިމައްސަލައިގައި ބަހުސް ކުރުމަށް އެދިވަޑައިގަންނަވާ ހުރިހާ މެމްބަރުންނަށް ފުރުޞަތު ދެއްވުމަށެވެ. އެހެންކަމުން މާދަމާ ބާއްވާ މަޖިލީހުގެ އޮންލައިން ޖަލްސާގައި ވެސް ކުރިއަށް ގެންދަވާނީ މިމައްސަލައިގެ ބަހުސެވެ. މިއަދުގެ ޖަލްސާ ނިންމާލެއްވިއިރު 52 މެމްބަރުން އެމައްސަލައިގައި ވާހަކަ ދެއްކުމަށް އެދިވަޑައިގެން ތިއްބެވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.