(7 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)
"ކަލެއަށް ރަނގަޅަށް ފަހުމު ނުވަންޏާ އަހަރެން ބުނަންތަ؟" ސުލައިމާން ފިނި ގޮތަކަށް ބުނެލިއެވެ. "އަހަންނަށް ސަޖިދަ ޖަހާ."
ކޮޓަރި ތެރެއަށް ހީވީ ކުޑަވަރެއްގެ ގިޔާމަތެއް އަައި ހެންނެވެ. ބޮކިތައް ނިވިނިވިފައި ދިއްލެނީއެވެ. އިބިލީހުގެ މޫނުގެ ކުލަވަރުވެސް ފެންނަނީ އަޖައިބެއް ފަދަ ގޮތަކަށް ބަދަލު ވަމުން ދާ ތަނެވެ. ފުފެމުން ދަނީއެވެ. ނޭފަތާއި ކަންފަތާއި އަނގައިން ނުކުތް ހޫނެއްގެ ސަބަބުން މުޅި ކޮޓަރި ތެރެ ރޯވެދާނެއޭ ހީވެއެވެ. އެންމެ ފަހުން ގޮސް އެ ޅައިގެ މުޅި މޫނު ގެއްލިއްޖެއެވެ. މިހާރު ފެންނަނީ ރަތް ދެ ލޯ އެކަންޏެވެ. ލޮލުގެ ތެރެއިން ޖަހަންނަމައިގެ އަލިފާނުގެ ކުލަވަރު ފެންނާން ފަށައިފިއެވެ.
"ތިޔައީ ކަލެއަށް ކިހިނެއް ދައްކާން ކެރުނު ވާހަކައެއް؟" ޝައިޠާނާގެ އަޑު ގުގުމައިލިއެވެ. އެ އަޑަށް މުޅި ގެ ހެލުނުހެން ހީވިއެވެ.
ސުލައިމާން ވަރަށް ބޮޑަށް ބިރު ގެންފިއެވެ. ހިތުން ކުރުސި ކިޔަވާން ފަށައިފިއެވެ. ހިތް ގަރާރުވެ ހަމަޖެހިލީމާ އޭނާ ބުންޏެވެ. "އަހަންނަށް މިހެން ބުނަން ކެރުނީ އަހަރެންގެ ކަލާނގެ ދެއްވި ބާރަކުން. ﷲ ނޫނީ ހައްގު ވެގެން އަޅުކަން ވެވޭ އިލާހެއް ނެތް. މިއީ ކަލޭގެ ކިބުރުވެރިކަމުގެ ސަޒާ. ކަލޭ ހުރީ އަހަރެންގެ ތިން އެދުންވެސް ފުރިހަމަ ކޮށް ދޭނަމޭ ކިޔައި ބޮޑާވެފައެއްނު؟ އެހެން ކިޔައިފައި ފޮނި ކެނޑީމެއްނު؟ ކެނޑި ފޮނީގެ ރަހަ ލިބިގަނޭ."
"އާހ... ކަލޭ އަހަންނަށް މަަކަރު ހެދީ." އިބިލީސް މިހެން ބުނެފައި ބޮލުގެ އިސްތަށިތައް އުފުރަން ފަށައިފިއެވެ. އޭނާގެ ބޮލުގެ އިސްތަށިތައް ކުދިކުދި ހަރުފަތަކަކަށް ބަދަލު ވެއްޖެއެވެ. ބޮލުން އުފުރައިފައި އެއްލާ ކުދި ހަރުފަތައް ބިންމަތީގައި ހިރޭން ފަށައިފިއެވެ.
ސުލައިމާންގެ ހިތުގައި އަނެއްކާވެސް ބިރުވެރިކަން އުފެދޭން ފަށައިފިއެވެ. ހިތުގެ ހިނގުން ހުއްޓޭން އުޅޭ ކަހަލައެވެ. އަނެއްކާވެސް ކުރުސި ކިޔަވާން ފަށައިފިއެވެ. އަނެއްކާވެސް ހިތަށް ގަރާރުކަން އަތުވެއްޖެއެވެ. "އަދި އެއް ފަހަރު އަހަރެންގެ ތިންވަނަ އެދުން މި ހުށަހަަނީ. ލަޢުނަތް ލެއްވި އިބިލީސް. އަހަންނަށް ސަޖިދަ ޖަހާ. އަހަރެންގެ ކުރިމަތީގައި ކަލޭގެ މަކުރޫހަ ނިތްކުރި ބިންމަތީގައި ޖައްސާ."
އިބިލީސް ބޮޑާކަމާއެކު ބުންޏެވެ. "އަހަރެން... ކަލޭގެ ކުރިމަތީގައި ސަޖިދަ ޖަހަންވީތަ؟ މޮޔަ އާދަމުގެ ދަރިޔާ. ސަޖިދަ ކުރާނޭ ނަމަ އަހަރެން ކުރީހީ އާދަމުގެފާނަކަށްނު؟ އަހަންނަށް ލިބިފައި އޮތް މަތިވެރި ދަރަޖަ ގެއްލުނީ އެކަލޭގެފާނަށް ސަޖިދަ ނުޖެހީމާ. މަލްޢޫނަކަށް ވީ އެހެން ވެގެން. ގިޔާމަތާ ހަމައަށް އަހަންނަށް ލަޢުނަތް ލެއްވީ އެހެން ވެގެން. ކަލޭ ހީކުރަނީ ކީކޭކަމަށްތަ؟ އަހަރެން ކަލެއަށް ސަޖިދަ ކުރާނެތަ؟ ކަލޭގެ ފެންވަރަކީ ކޮބާ؟ ކަލޭ ތިޔައީ ކާކު؟"
"އިންކާރު ކުރަނީތަ؟ އަހަރެންގެ ތިންވަނަ އެދުން ފުރިހަމަ ކުރާން ކަލޭ އިންކާރު ކުރަނީތަ؟"
"ސަތޭކަ ފަަހަރު އިންކާރު... ހާސް ފަހަރު އިންކާރު..." އިބިލީސް ނޯށުން ދުން ނެރެމުން ބުންޏެވެ.
"އެހެން ވެއްޖެއްޔާ މުއާހަދާޔާ ދެކޮޅު ހެދިކަމަށް ކަލޭގެ ކުނި ލެއިން އިނގިލީގެ ނިޝާން ޖަހާ."
އިބިލީހަށް ހޭވަރިކަން އައީ ދެނެވެ. އެ ކަލޭގެ ވިސްނާން ފަށައިފިއެވެ. މިއޮތީ ވަރަށް ނުބައި މަޅިއެއްގައި ޖެހިފައެވެ. ރުޅި އައުމަކުން ކުރާނޭ ފައިދާއެއް ނެތެވެ. ކޮންމެވެސް ތަދުބީރެއް ކުރާން ވީއެވެ. ފާފަވެރި އިންސާނެއްގެ މައްޗަށް ގަދަވެގަތުމަކީ އޭނާއައަކަށް ދަތިކަމެއް ނޫނެވެ.
"ކަލޭގެ ތިޔަ އެދުމަކީ މުއާހަދާޔާ ޚިލާފު އެދުމެއް." އިބިލީސް ބުންޏެވެ.
"އެޔޯ؟ ޚިލާފު ވަނީ ކޮން މާއްދާއަކާ؟ ކޮން ޝަރުޠަކާ؟"
"އަހަރެން ލައްވައި ރަނގަޅު ކަމެއް ކުރުވާން މަޖުބޫރު ކޮށްގެން ނުވާނެއޭ މުއާހަދާގައި އޮންނާނެ."
"އަހަރެންގެ މި އެދުމަކީ އެ ޝަރުޠާ ޚިލާފު އެދުމެއް ނޫން."
"ސަޖިދަ ކުރުމަކީ ހެޔޮ ކަމެއް."
"ހެޔޮ ސަޖިދައަކީ ހަމައެކަނި އެ ސަޖިދަ. ﷲ އަށް ކުރާ ސަޖިދަ." ސުލައިމާން ބުންޏެވެ. "އެހެން އެއްވެސް މީހަކަށް ނުވަތަ ފަރާތަކަށް ކުރާ ސަޖިދައަކީ ޝިރުކު. ބޮޑު ވެގެންވާ ފާފައެއް. ޝަރީކު ކުރުމަކީ އެންމެ ބޮޑު ފާފަ. އަހަރެން ކަލެއަކަށް ހެޔޮ ކަމަަކަށް މަޖުބޫރެއް ނުކުރަން. މި އަންގަނީ ބޮޑު ފާާފައެއް ކުރަން."
އިބިލީހުގެ ޖަވާބު ހުސްވެއްޖެއެވެ. "ތިޔައީ އަހަރެން ކުރާނޭ ކަމެއް ނޫންކަން ކަލެއަށް ވަރަށް ރަނގަޅަށް އެނގޭނެ."
"އާނ. އެހެންވީމަތާ މި ބުނަނީ އެ ލިޔުމުގެ އިނގިލީގެ ނިޝާން ޖަހާށޭ." ސުލައިމާން ހިނިތުންވެލިއެވެ.
އިބިލީސް އަނެއްކާވެސް ކޮންމެވެސް ތަދުބީރެއް ކުރެވޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު މާ ބޮޑު އުއްމީދެއް މިހާރަކު ނެތެވެ. "އަހަރެން ކަލޭ ބޭނުން ކަމެއް ކޮށްދޭނަން. އަހަންނަށް ކޮށް ދެވިދާނޭ ކަންތައްތައް ކަލެއަކަށް ހިތަކަށްވެސް ނުގެނެވޭނެ." އިބިލީސް ވަރަށް މަޑުމައިތިރިކަމާއެކު ވާހަކަ ދެއްކިއެވެ. "އަހަރެން ކަލެއަށް ދުނިޔޭގެ ވެރިކަން ހޯދައިދޭނަން. ކަލޭ ހިތަށް އެރުވި ކޮންމެ ކަމެއް ފުރިހަމަ ކޮށް ދޭނަން. ކަލެއަށްވުރެބާރު ގަދަ އެއްވެސް މީހަކު ދުނިޔެއަކު ނޫޅޭނެ. ތިޔަ ތިންވަނަ އެދުން އަނބުރައި ގެންދޭ."
"ތިޔަ ކަމެއް ނުވާނެ."
އިބިލީސް ފަހަރަކު ކަމެއް ހުށަހެޅިއެވެ. ވައިވެސް އަޅުވައިފިއެވެ. އެކަމަކު ސުލައިމާން އެއްބަހެއް ނުވިއެވެ.
"އަހަންނަކަށް ކަލޭގެ ތިޔަ އެދުން ފުރިހަމަ ކޮށެއް ނުދެވޭނެ. ކަލެއަކީ އަހަރެންގެ ޕާޓީގެ މީހެއްނު؟ އަހަރެންގެ ބަސް އަހާ."
"އަހަންނަކީ ކަލޭގެ ޕާޓީގެ މީހެއް ނޫން. ދުޝްމިނަކާ ތަބާ ވެގެން އުޅުނަސް އަހަރެން މިއީ ދުޝްމިނަކީ ދުޝްމިނެއް ކަމަށް ބަލައިގެން އުޅޭ މީހެއް. ކަލެއަކީ އަހަރެންގެ ދުޝްމިނެއް. ކަލޭގެ ސިކުނޑީގައި އޮތް ޚިޔާލު ނެރެ އެއްލައިލާ."
"އަހަރެން އެއްވެސް ކަމެއް ނުކުރާނަން."
"ކަލޭ އައީ އަހަރެންގެ ފުރާނަ ގަންނާން. ފުރާނައަކީ ﷲ ގެ އަމާނާތެއް." ސުލައިމާން ފަޚުރުވެރިކަމާއެކު ބުނެލިއެވެ. "ދެވަނަ ލިޔުމުގައި އިނގިލީގެ ނިޝާން ޖަހާ."
"ތިޔަ ކަމެއްވެސް އަހަރެން ނުކުރާނަން."
"އެކަން ނުކޮށެއް ނުވާނެ. ކަލެއަށް ޖެހޭނީ އިނގިލީގެ ނިޝާން ޖަހަން."
އިބިލީސް ލޯ އަޅައިލިއެވެ. "ކަލެއަކަށް އަހަންނަށް މަޖުބޫރެއް ނުކުރެވޭނެ."
"އަހަންނަކަށް މަޖުބޫރެއް ނުކުރެވޭނެ. އެކަމަކު ކަލެއަށް މަޖުބޫރު ވާނެ."
އޭނާއަށް މި ވަގުތު މުއާމަލާތް ކުރާން ޖެހިފައި މި ވަނީ އިންތިހާއަށް ޗާލާކު ހުސިޔާރު މީހަކާކަން އިބިލީހަށް ކަށަވަރު ވެއްޖެއެވެ. އެހެންވީމާ ސުލައިމާނަކީ ދެރަ މީހެއް ކަމަށް ހީކޮށްގެން ކުރިއަށް ދިއުމަކީ ކުރުން ރަނގަޅު ކަމެއް ނޫންކަންވެސް ވިސްނިއްޖެއެވެ. "އަހަންނަށް މަޖުބޫރު ވާނީ ކިހިނެކޯ؟ ނިކަން ކިޔައިދީބަލަ."
"ކަލެޔާއި އަހަންނާ ދެމެދު ވެވުނު މުއާހަދާ އަހަރެން މަޝްހޫރު ކޮށްލާނަން. ދުނިޔޭގެ ހުރިހައި ނޫހެއްގައި އެ މުއާހަދާ ޖަހާނަން."
"ތިޔަހެން ހެދީމާ ވާނީ ކިހިނެއް؟"
"ކަލޭ ބަދުނާމު ވާނެ."
"އެޔަކުން އަހަންނަަކަށް ވާނޭ ގެއްލުމެއް ނެތް." އިބިލީސް ދެކޮނޑު ހިއްލައިލިއެވެ. "ތިޔަކަމުންވެސް އަހަންނަށް ކުރާނީ ފައިދާ. އެއީ އަހަންނަށް ލިބޭ އިތުރު މަޝްހޫރުކަމެއް. ހިލޭ އަހަރެންގެ ނަން މަޝްހޫރު ވެގެން ދާނެ. ތިން އެދުމުގެ ދަހިވެތިކަަމުގައި މީހުން އަހަންނާ ގުޅެން މަސައްކަތް ކުރާނެ. ތިޔަކަންތައް ކަލޭ ކޮންމެހެންވެސް ކުރާތި..."
"ކަލެއަކަށް އަދިވެސް ނުވިސްނޭ. ބަލަގަ މިހިރަ އިބިލީހާ... އަހަރެން މި މުއާހަދާ މުޅި ދުނިޔެއަށް ފަތުރައިލީމާ ކަލެއަކަށް ފުރާނައިގެ ވިޔަފާރިއެއް ނުހިންގޭނެ. އެންމެ އާދައިގެ އާދަމުގެދަރިޔާވެސް އަހަރެން މިހެދިހެން ކަލޭ އިނދަޖައްސައިލާނެ. ލަދުގަންނަވައިލާނެ. އަދި އެހެން ކަމެއްވެސް ވާނެ. ކަލޭގެ ބަލިވުން މުޅި ދުނިޔެއަށް މަޝްހޫރު ވެގެން ދާނެ. ކަލެއަށް މަލާމާތް ކުރުމާއި އަގު ވައްޓައިލުން އާއްމު ވެގެން ދާނެ. ނިކަން ވިސްނައިލަބަލަ... މި ކަންތައްތަކުގެ ސަބަބުން ކަލޭގެ ލާހިދަރީންނަށް ވާނީ ކިހިނެއް؟ އެ އާލާތުންގެ ހިތްވަރު އެލޭނެ. ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ދާނެ. އިންސާނުންނާ ކުރިމަތިލާން ޖެހިލުން ވާނެ. ނަތީޖާއަކީ އާދަމުގެ ދަރީން މަގުފުރެދުން މަދުވުން."
އެއީ ތެދެކެވެ. އިބިލީސް ވިސްނައިލިއެވެ. އެއީ ވަރަށް ނުރައްކާތެރި ވާހަކައެކެވެ. މިއީ ހާދަހާ ޗާލާކު މީހެކެވެ. "ބުނަންތަ؟ ކަލެޔާ ދެކޮޅުވެރިވާކަށް އަހަރެން ބޭނުމެއް ނުވޭ." އެންމެ ފަހުން އޭނާ ބުންޏެވެ. "ކަލެއަށް ފައިދާ ވާނީ އަހަންނާ އެކުވެރިކަން ގާއިމުކޮށްގެން."
"ކަލެއަކީ އިންސާނުންގެ އަޒަލީ ދުޝްމިނެއް. އެކުވެރިއަކަށް ނުވާނެ. ބޮޑު ދުޝްމިނަކު އެކުވެރިއެއް ކަމަށް ބެލުމަށް ވުރެ މޮޔަ ކަމެއް މީހަކަށް ނުކުރެވޭނެ." ސުލައިމާން ޖަވާބު ދިނެވެ. "މިހާރު އަހަރެންގެ އޮތީ އެންމެ ސުވާލެއް. ކަލޭ އެ ލިޔުމުގައި އިނގިލީގެ ނިޝާން ޖަހާނަންތަ؟ ނޫނީ ނުޖަހާނީތަ؟"
ހުރިހައި ދޮރެއް ބަންދުވެ ނިމިއްޖެކަން އިބިލީހަށް ކަށަވަރު ވެއްޖެއެވެ. "އަހަރެން އިނގިލީގެ ނިޝާން ޖަހާނަން. އެކަމަކު މި މުއާހަދާ އެއްވެސް ނޫހެއްގައި ނުޖަހާނޭ ކަމަށާއި މީހަކަށް ނުދައްކާނޭ ކަމަށް ކަލޭ ވަޢުދުވާން ވާނެ."
ސަލްމާން ހިނިތުންވެލިއެވެ. އޭނާ އިބިލީސް މޮޔަހެއްދީއެވެ. ކަލާނގެ ކުޅަދުންވަންތަކާއި ރަހުމަތުގެ ސަބަބުން އޭނާއަށް ކާމިޔާބުވެސް ލިބިއްޖެއެވެ. އެ މުއާހަދާ އެއްވެސް ނޫހެއްގައި ޖެހުމަކީ އޭނާއަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. މީހަކަށް ނުވެސް ދެއްކޭނެއެވެ. އެއްވެސް މީހަކު އޭނާ ދައްކާ ވާހަކަ ގަބޫލެއް ނުކުރާނެއެވެ. އަދި އެ މުއާހަދާއަކީ އަސްލެއް ކަމަކަށްވެސް ގަބޫލެއް ނުކުރާނެއެވެ. އެކަމަކު އޭނާ ދެއްކި ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމަށް އިބިލީހަށް ގަބޫލު ކުރެވިއްޖެއެވެ. "އަަހަރެން ވަޢުދުވަން."
"ކަލޭގެ ވަޢުދުގެ އިތުބާރަކީ ކޮބާ؟ ބަލޭ ބޭނުންވީމާ ވަޢުދާ ޚިލާފު ވެދާނެ." އިބިލީސް ބުންޏެވެ.
"އަހަންނަކީ އިންސާނަކީން. ޝައިޠާނަކީމެއް ނޫން. ވަޢުދަކާ ޚިލާފެއް ނުވާނަން."
އިބިލީސް އޭނާާގެ އަމިއްލަ ލެއިން އެ ލިޔުމުގައި އިނގިލީގެ ނިޝާން ޖަހައިފައި ސުލައިމާނަށް ދީފިއެވެ. "އެކަމަކު ބުނަންތަ، އާދަމުގެ ދަރިޔާ؟ މިއީ ކަލެޔާ އަހަންނާ ދެމެދު ފެށުނު ޒާތީ ހަނގުރާމައަކަށް މިހާރު ވެއްޖެ. ހަނދާން ކުރާތި. ކަލޭގެ ދުވަސް ދުއްވައިލައިފައި ނޫނީ އަހަރެން ހަމަ ނޭވައެއް ނުލާނަން."
"ތިޔައީއަކީ އައު ކަމެއް ނޫނެއްނު؟ ކަލޭ އާދަވެގެން ކުރާ މަސައްކަތަކީ ތިޔައީ." ސުލައިމާން ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. "ދެން މިތަނުން ފެއްސިގަނެގެން ދޭ. އަހަރެން އަރާމު ކުރާން ވެއްޖެ. ކަލޭގެ ހަރާން ލޭގެ ވަހުން މުޅި ތަން ނަޖިސް ކޮށްފި. ރައްކާވޭ..."
އިބިލީސް ގެއްލިއްޖެއެވެ.
އެރޭ ސުލައިމާން ވަރަށް ހަމަޖެހިލައިގެން ނިދިއެވެ. މަހެއްހައި ދުވަހުގެ ނިދި ހަމަ ކުރާން އެބައޮތެވެ. ސިކުނޑީގައި އޮތް ބޮޑު ބުރައަކުން މިންޖު ވެވުނީއެވެ.
(ނުނިމޭ)
Miadhu vaahaka thankolheh avaskolla dheefaanantha
ވަރަށް ފައްކާ..ސުލައިމާނަށް މަގޭ ހިތްދެވިއްޖެ
ސުލައިމާން ހާދަ ރަނގަޅޭ. އަދި އަބަދުގެ މިތުރު ަމިއްލައަށް ވެއްޓިގެން އެ އުޅޭ އަނދަވަޅުން ސަލާާމަތް ކުރުމުގަވެސް ކާމިޔާާބު ހޯދާތި.
ސާބަހޭ ކަލޯ ސުލައިމާނާ. ހެހެހެ. މޮޅު އުކުޅެއް. އަހަރެން ބޭނުން ވަނީ މިކަހަލަ ސުލައިމާނެއް.