މުގާބިލާ - 44

(19 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

އެ ވަގުތު އޭނާއަށް ކުރެވުނު ޚިޔާލެއްގެ ސަބަބުން އަތްފައި ފިނިވެގެން ދިޔައެވެ. އާއްމު ގޮތެއްގައި އެއްވެސް މީހަކު ފޯނުން އެހައި ގިނަ ވާހަކައެއް ނުދައްކާނެއެވެ. އަންހެނުންވެސް އެވަރަކަށް ވާހަަކައެއް ނުދައްކާނެއެވެ. މިހާރު ގުޅާން އުޅޭތާ ދޮޅު ގަޑި އިރަށްވުރެ ގިނަ އިރު ވެއްޖެއެވެ.

ފަރްޒާނާގެ މަންމަ ގެޔަކު ނޫޅޭނެކަން ޔަގީނެވެ. އުޅޭނީ ހަމައެކަނި ފަރްޒާނާއެވެ. އެހެންވީމާ ފޯނުން ދައްކާ ވާހަކައެއް ދައްކާނީ އޭނާއެވެ. އެކަމަކު އެއީ ހާދަހައި ދިގު ވާހަކައެކެވެ. އޭނާ އެ ވާހަކަ ދައްކަނީ ކާކާބާވައެވެ؟ އެހައި ގިނަ އިރު ދައްކާނީ ލޯބީގެ ވާހަކައެއް ނޫން ދެން ކޮން ވާހަކައެއް ހެއްޔެވެ؟

މި ޚިޔާލު ކުރެވުމާއެކު އޭނާގެ ސިކުނޑިން ކަނި ބުރާން ފަށައިފިއެވެ. އެއީ މީގެ ކުރީން އޭނާއަށް ކުރެވުނު ޚިޔާލެއް ނޫނެވެ. މިވީ ކިހިނެއް ހެއްޔެވެ؟

މިއީ އޭނާއަށް ކުރެވުނު ޚިޔާލަކަށް ވީނަމަވެސް މި ގޮތަށް ކަންތައް ވެގެން ދިއުމަކީ ޠަބީޢީ ކަމެކެވެ. ފަރްޒާނާ މާ ކުރިން އޭނާގެ މަތީން ހަނދާން ނައްތައިލާން ޖެހެއެވެ. އަމިއްލަ ދިރިއުޅުމަށް އިސްކަން ދޭން ޖެހެއެވެ. އެގޭގައި ނެތީ ހަމައެކަނި ފިރިހެނެކެވެ. މަންމަ ނޫން އެހެން މީހަކު ދުނިޔެއަކު ނެތެވެ. އެހެންވީމާ މީހަކާ އިނުމަކީ ފަރްޒާނާއަށް ކުރާން ޖެހިފައިވާ މުހިއްމު ކަމެކެވެ. ފަރްޒާނާގެ މަންމަ އަށް ދަނބިދަރިއަކަށްވުރެ ބޮޑަށް ބޭނުންވަނީ ފިރިހެންދަރިއެކެވެ. މާނައަކީ ދަރިއެއްފަދަ ދަނބިދަރިއެކެވެ.

އެކަމަކު ފަރްޒާނާ ބުނި ގޮތުގައި އޭނާ އަބަދުވެސް ދެކެނީ ސުލައިމާންގެ ހުވަފެނެވެ. ކޮންމެ ގޮތަކަށް ކަންތައް ދިޔަނަމަވެސް ސުލައިމާން އޭނާޔާ އިންނާނޭ ކަމުގެ ޔަގީންކަން އޮތް ވާހަކަވެސް ބުންޏެވެ. ދެމީހުން އެކީގައި ދިރިއުޅުން ވޭތުކުރާނޭ ކަމުގެ ޔަގީންކަންވެސް އޭނާއަށް އޮތެވެ. މިހައި އަވަހަށް އެ ހުރިހައި ހުވަފެނަކާއި ޔަގީންކަމެއް ބަދަލު ވެގެން ދިޔައީ ހެއްޔެވެ؟ އެއީ އާދައެވެ. ހަނދާން ނައްތައިލުމަކީ އަންހެން ކުދިންނަށް ވަރަށް ފަސޭހަ ކަމެކެވެ.

"އެހެންނެއް ނުވާނެ." އޭނާ ގޮށްމުށް ކަވައިލިއެވެ. "ފަރްޒާނާއަކަށް އެހެންނެއް ނުހެދޭނެ. އެހެން ވިޔަކަ ނުދޭނަން. އަހަންނާމެދު އެކަހަލަ ގޮތަކަށް ކަންތައް ކުރިޔަކަ ނުދޭނަން."

އޭނާ މޮޔަވީ ކަހަލައެވެ. ބިރާއި ޝައްކުގެ ހަމަލާއެއްގެ ދަށުވެ މީހާ ހަލާކު ވެގެން ދަނީއެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އޭނާ ފަރްޒާނާ ދެކެ އިންތިހާއަށް ލޯބިވެއެވެ. ލޯބިވާން ފެށީ ކޮން ދުވަހަކު ކަމެއް އޭނާއަކަށްވެސް ނޭނގެއެވެ. އެންމެ ފުރަތަމަ އެ ގެޔަށް ދިޔަ ދުވަހު ކަމަށް ވެދާނެއެވެ. ނުވަތަ ފުރަތަމަ ފަހަރު ބަސް ހުއްޓާ ތަނުން އޭނާ ފެނުނު ދުވަހު ކަމަށްވެސް ވެދާނެއެވެ. އެކަމަކު އޭރު އޭނާ ހުރީއަކީ އެ އިހުސާސްތަކަށް ތަންދޭ ކަހަލަ ޚިޔާލެއްގައެއް ނޫނެވެ. އެކަހަލަ ކަމަކާ ވިސްނާންވެސް ބޭނުން ހާލަތެއްގައެއް ނޫނެވެ.

އިރުއިރުކޮޅާ ފޯނު ކުރާތާ މިހާރު އެތައް އިރެއް ވެއްޖެއެވެ. ގަޑިން އެގާރަ ޖަހައިފިއެވެ. އެންގޭޖު ފިލާ ގޮތެއް އަދިވެސް ނުވެއެވެ. އަދި ދިހަ ވަރަކަށް މިނިޓު ކޮށްފައި ގުޅާނީއޭ، އެންގޭޖު ވެއްޖެއްޔާ ދެން ނުގުޅައި ޚަބަރު ބަލައިލާން ސީދާ އެގެއަށް ދާނީއޭ އޭނާގެ ހިތަށް އެރިއެވެ.

އޭނާ ގަޑިއާ ދިމާއަށް ބަލަހައްޓައިގެން އިށީނދެގެން އިނީއެވެ. ހަށިގަނޑުގެ އެތެރޭގެ ހައިޖާނު މައިތިރި ވުމުގެ ބަދަލުގައި ދިޔައީ ގަދަވަމުންނެވެ. ދިހަ މިނިޓު ހަމަވުމާއެކު އޭނާ ފޯނާ ދިމާއަށް އަތް ދިއްކޮށްލިއެވެ. ހަމަ އެވަގުތު ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. ރަނގަބީލުގެ ސަބަބުން އޭނާގެ ނަފުސަށް ވެރިވެފައި އޮތް ހަމަނުޖެހުން ކޮންމެވެސް ވަރަކަށް މައިތިރި ވީހެން ހީވިއެވެ.

އޭނާ ފޯނު ނެގިއެވެ. "ސަލާމް."

އަނެއްކޮޅުން އިވުނީ ޢަދްނާންގެ އަޑެވެ. "ސުލައިމާން... ކިހިނެއް؟"

"ރަނގަޅެއް ނޫން."

"ކިހިނެއްވީ؟" ޢަދްނާން ކަންބޮޑުވެފައި އަހައިލިއެވެ.

"ނޭނގޭ... އެވާހަކަ ބާއްވާފައި ކަލޭގެ ހާލު ކިޔައިދީ." ސުލައިމާން ބުންޏެވެ.

"މިކޮޅުގެ ކަންތައް ރަނގަޅު. އެކަމަކު ބަދަލެއް އަންނާނެހެން އެބަ ހީވޭ. މިއަދާއި މާދަމާ އޯލްޑް ޓްރެފޯރޑަށް ބޯކޮށް ވާރޭ ވެހޭނެހެން ހީވޭ. މެޗު ކުޅެވޭނޭ ހެންނެއް ހިޔެއެއް ނުވޭ."

"އެހެންތަ؟ ތިޔަ ބުނަނީ މިހާރު ކުޅޭ ޓެސްޓް މެޗު އެއްވަރު ވާނީއޭތަ؟"

"އާނ." ޢަދްނާންގެ އަޑުގައި ހުރީ ކަންބޮޑުވުމުގެ އަސަރެވެ.

"އަހަންނަށްވެސް ފެންނަ ގޮތުގައި ވާނީ ހަމަ ތިޔަހެން." ސުލައިމާން ހަމަޖެހުމާއެކު ބުންޏެވެ.

"ކީކޭ ތިޔަ ކިޔަނީ؟" ޢަދްނާން ދިޔައީ ސިއްސައިގެންނެވެ.

"މި ކިޔަނީ ހަމަ މިހެން... ޢަދްނާން ބުނި ގޮތަށް ކަންތައް ވާނީ."

"އަހަރެން މި ކިޔާ އެއްޗެއް އެބަ ވިސްނޭތަ؟ މި ބުނަނީ..."

"ވަރަށް ރަނގަޅަށް އެބަ ވިސްނޭ." ސުލައިމާންގެ އަޑުގައި ބާވަތެއްގެ ހިތިކަމެއް ހުއްޓެވެ. "ދަނޑުގައި ބަލިވާ މީހުން ދަނޑުން ބޭރުން މޮޅުވާން މަސައްކަތް ކުރަނީނު؟"

"އަހަރެމެން ކީ އަގެއް ދޭން އެމީހުން ތިބީ ތައްޔާރަށް."

"ތިޔައީވެސް އައު ކަމެއް ނޫން."

"އެހެން ވެއްޖެއްޔާ؟"

"އަހަރެން މި ގެންދަނީ މެޗު ބަލަމުން. މެޗުގެ ކުޅުމަށް އަސަރެއް ކުރާ ކަހަލަ އެއްވެސް ކަމެއް ވުމަކީ އަހަރެން އެދޭ ކަމެއް ނޫން. ޕާކިސްތާން ބަލިވުމަކީ އަހަރެމެންގެ ގައުމު ބަލިވުން. އެއީ އަހަރެން އެދޭނޭ ގޮތެއް ނޫން."

"ތިޔަ ދައްކަނީ އެތައް ކުރޯޑު ރުފިޔާއެއްގެ ވާހަކަ." ޢަދްނާން ބުންޏެވެ.

"މުޅި ދުނިޔޭގެ ހުރިހާ ފައިސާއެއްގެ ވާހަކަ ކަމުގައި ވިޔަސް ވަނީ ކީއް؟ ކޮންމެ ގޮތެއް ވިޔަސް އަހަންނަކީ ހަމަ އާދައިގެ ކާތިބަކީން. ފައިސާ ލިބުނީއަކީ ކަމެއް ކޮށްގެންނެއް ނޫން. ލޯތްބާ ނުލައި ފައިސާޔާ އިނދެވުނީ. މިހާރު މި އުޅެނީ ހަނީމޫންގެ ތެރޭގައި. މި ދައްކާ ވާހަކައިގެ ސަބަބުން ފައިސާއިން އަތްދޮވެލާން ޖެހުމަކީ ދުރުކަމެއް ނޫން. ދަރަނިވެރިވެސް ވެދާނެ."

"އެކަމަކު..."

"ޢަދްނާން. އަހަރެން މި ދައްކާ ވާހަކަ އަޑުއަހާ. ކަލެއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ." ސުލައިމާން ޢަދްނާންގެ ވާހަކަ މެދުކަނޑައިލިއެވެ. "އެކަމަކު ކަލޭ މިހާރު ތިޔަ އުޅެނީ މުޅީން އެހެން ކަމެއް، އެހެން އެއްޗެއް މާ މުހިއްމު އެއްޗަކަށް ހަދައިގެން. އަސްލު ބޭނުމަކީ ކޮބައިކަން ހަނދާނެއް ނެތެއްނު؟ އެހެންވީމާ މި ޖެހެނީ ހަނދާންކޮށްދޭން. ވަރަށް ފައިދާ ބޮޑު ވިޔަފާރިއެއް ކަމަށް ހީކޮށްގެން ސަލާާމަތް ކުރާން ތިޔަ އުޅޭ ވިޔަފާރިއަކީ ފައިދާވާ ވިޔަފާރިއެއް ކަމާ މެދަކު އަހަރެންވެސް ޝައްކެއް ނުކުރަން. އެކަމަކު ހަގީގީ މާނައިގައި އެޔަކުން ކުރާނޭ އެއްވެސް ފައިދާއެއް ނެތް. މި ވިޔަފާރިއަކީ އަހަރެމެންގެ އެންމެ ބޮޑު ދުޝްމިނާ ދެމެދު ކުރަމުން ގެންދާ ހަނގުރާމައެއް. އަހަރެމެންގެ ބޭނުމަކީ އެކަލޭގެ ބަލިކޮށްލުން. އެޅައިގެ މައްޗަށް ގަދަވެގަތުން. ފައިސާ ހޯދުމާއި މުއްސަނދިވުމަކީ އަހަރެމެންގެ ހަގީގީ ބޭނުމެއް ނޫން. މި މަސައްކަތުގެ ސަބަބުން އާޚިރަތް ދުވަހު ފައިދާއެއް ކުރުމަކީ އެކަަށީގެންވާ ކަމެއް."

އިރުކޮޅަކަށް ހިމޭންކަން ވެރިވެފައި އޮތެވެ. އެޔަށް ފަހު އިވުނީ ޢަދްނާންގެ އަޑެވެ. އެ އަޑުން ހިސާބަކަށް ލަދުވެތިކަން ފައުޅުވާން ހުއްޓެވެ. "ސުލައިމާން... ހަނދާންކޮށް ދިނީތީ ޝުކުރިއްޔާ. ހަމަ ހަގީގަތުގައިވެސް އަހަރެން ހަނދާން ނެތުނީ. ތިޔަ ދެއްކީ ރަނގަޅު ވާހަކައެއް."

* * *

ފޯނު ބޭއްވުމަށް ފަހު ޢަދްނާން ފުން ނޭވައެއް ލިއެވެ. އެޔަށް ފަހު ޕީޓަރ ފޯރޑަށް ގުޅައިލިއެވެ. "މިސްޓަރ ފޯރޑް. މި ވާހަކަަ ދައްކަނީ ޢަދްނާން."

"އާދެ... ރަނގަޅު ޚަބަރެއް އެބައޮތްތޯ؟"

"ވަރަށް ދެރަ. އަޅުގަނޑުމެންގެ މާހިރުންވެސް ދެއްކީ އަޅުގަނޑު ފޯރޑަށް ދެންނެވި ވާހަކަ ހަމަ އެ ގޮތަށް. މައްސަލައަކީ އަޅުގަނޑުމެންގެ އިޚުތިޔާރުން ބޭރުގައިވާ މައްސަލައެއް."

"ތިޔައީ އަޅުގަނޑު ކުރިންވެސް ގަބޫލު ކުރި ވާހަކައެއް ނޫން. މިހާރަކުވެސް ގަބޫލެއް ނުކުރަން."

"ޔަގީންކޮށް އެރުވޭނޭ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ. އެކަމަކު މި ދަންނަވަނީ ހަމަ ތެދަށް."

"ޔަގީންކޮށް ދެއްވުމުގެ ބޭނުމެއްވެސް ނެތް. އެކަމަކު ވިސްނަވާ. ތިޔަހެން ކަމަށް ވަންޏާ އަޅުގަނޑުމެންނަށް ޖެހޭނީ މުއާހަދާ އުވައިލާން."

"އެއީ ތިޔަބޭފުޅުންގެ އިޚުތިޔާރުގައި އޮތް ކަމެއް. އެކަމަކު މުއާހަދާ އުވައިލައްވައިފިއްޔާ ބާކީ ހުންނަ މެޗުތަކުގެ އަގު ދެއްވުމަކީ ލާޒިމު ކަމެއް ކަމަށް މުއާހަދާގައި އޮންނާނެ."

"ތިޔަ ވިދާޅުވާ އަގު ހޯއްދަވަން މަސައްކަތް ކުރައްވާ. ކޯޓުގެ ތަޖުރިބާވެސް ކުރެއްވިދާނެ." އިންޒާރުގެ ރާގަކަށް އޭނާ ބުންޏެވެ.

ފޯރޑް ފޯނު ބާއްވައިފިއެވެ.

ޢަދްނާނަކަށް ފަރުވާލެއް ނެތެވެ. ސުލައިމާނާ ވާހަކަ ނުދެއްކުނު ނަމަ އޭނާ ކަންބޮޑުވީހެވެ. އެކަމަކު މިހާރު އޭނާއަށް އަލުން ވިސްނިއްޖެއެވެ. ފައިސާ ހޯދުމަކީ އެމީހުންގެ ހަގީގީ ބޭނުމެއް ނޫނެވެ. ބޭނުމަކީ ޝައިޠާނާ ބަލިކޮށްލުމެވެ. އެ މަސައްކަތުގެ ތެރޭގައި އެތައް ކުރޯޑު ރުފިޔާއެއް ލިބުން އެއީ މުޅީން އެހެން ކަމެކެވެ. ޢަދްނާން އެސޯސިއޭޓްސްގެ އާމްދަނީ މިހާރު ހުރީ އެތައް ކުރޯޑެއްގައެވެ.

އޭނާ ސިއްސައިގެން ދިޔައީ ރޮބަރޓްގެ އަޑުންނެވެ. "ސަރ... ތިން މީހަކު އައިސް އެބަތިބި ފައިންޕުޅު ދެކެން."

"އެމީހުންނާ ވާހަކަ ދައްކައިގެން ބޭނުންވާ ކަމެއް ކޮށްދީ." ޢަދްނާން ނުވެސް ބަަލައި ހުރެ ބުނެލިއެވެ.

"އެމީހުން ބޭނުން ވާނީ ސީދާ ޢަދްނާންގެ ފައިންޕުޅު ދެކެން. އެމީހުން އައީ ވަރަށް ބޮޑު ވިޔަފާރިއަކާއިގެން... މޫސުމާ ގުޅޭ ކަމެއް."

"އެންމެ ރަނގަޅު. އެމީހުން ވައްދާ."

ރޮބަރޓް ބޭރަށް ނުކުތީމާ ތިން މީހަކު އެތެރެއަށް ވަދެއްޖެއެވެ. އެމީހުން ފެނުނީމާ ޢަދްނާން ސަމާލުވެލިއެވެ. ބަލާބެލުމަށް ރަނގަޅު ބައެއް ހެންނެއް ހިޔެއް ނުވެއެވެ. އޭޝިއާގެ ވައްތަރު ޖަހާ ބައެކެވެ. ހީވާ ގޮތުގައި އެއީ ޕާކިސްތާނު މީހުންނެވެ.

"އިށީންނަވާ." ކުރިމަތީގައި ހުރި ތިން ގޮނޑިއަށް އިޝާރާތް ކޮށްފައި އޭނާ އިނގިރޭސި ބަހުން ބުނެލިއެވެ.

ތިން މީހުން އިށީނދެއްޖެއެވެ. "ޝުކުރިއްޔާ. އަޅުގަނޑުމެންނާ މާާދަރީ ބަހުން ވާހަކަފުޅު ދެއްކެވިޔަސް އެންމެ ރަނގަޅު." އެތަނުން އެކަކު ހިނިތުންވެލަމުން ބުނެލިއެވެ.

"އެންމެ ރަނގަޅު." ޢަދްނާންވެސް ހިނިތުންވެލިއެވެ.

"ބޭރު ގައުމެއްގައި އަމިއްލަ ވަޒަނުގެ މީހަކާ ބައްދަލުވެވޭ ގޮތް ވުމަކީ ވަރަށް ބޮޑު ނިއުމަތެއް."

"ތެދު ވާހަކަފުޅެއް. ހިއްޕަވާނީ ކޯޗެއްތޯ؟"

"ސައި ގެންނަވާ." ކުރީންވެސް ވާހަކަ ދެއްކި މީހާ ބުންޏެވެ. އަނެއް ދެ މީހުން ހިމޭނުން ތިބީއެވެ.

ޢަދްނާން އެތެރެއަށް ގުޅާ ފޯނުން ގުޅާފައި ސައި ގެންނާށޭ ބުނެފިއެވެ. "ވިދާޅުވޭ... އަޅުގަނޑު ކޮށްދޭންވީ ކޮން ކަމެއްތޯ؟"

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.