މުގާބިލާ - 30

(3 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ތިން އަންހެނުން ފެނުނީމާ މެނޭޖަރު ހޭބަލިނުވީ ކިރިޔާއެވެ. އަދި އެވަރަށް އުފާވެސް ވިއެވެ. އެމީހުން ތިބި ތަނުން ނުކުމެގެން ސުލައިމާނާއެކު ބޭރަށް އައިސް ބުންޏެވެ. "އެމީހުން ކޮންޓުރޯލު ކުރާނީ ކާާކު؟"

"އެކަމާ ފިކުރު ނުކުރޭ. އެމީހުން ވަރަށް ކިޔަމަންތެރިވާނެ. ބުނި ކޮންމެ ގޮތެއް ހަދާނެ."

"އެކަމަކު އެ ރީތި ކުއްޖާގެ އެހެރަ އަޑެއް..."

"އޭނާވެސް ކޮންމެވެސް ހަރަކާތެއްގައި ބޭނުން ކުރެވޭނޭކަން އަހަންނަށް ޔަގީން. އޭނާ ބައިވެރިވާ ހަރަކާތެއް ވިއްޔާ ކާމިޔާބުވެސް ވާނެ. މީހުންގެ ތަރުހީބު ލިބޭނެ." ސުލައިމާން ބުންޏެވެ. "މި ތިން މީހުން މި ދެނީ މުޅިން ހިލޭކަން ހަނދާން ކުރޭ."

"އެމީހުން ގެންދިއުންވެސް ވާނީ ވަރަށް ބޮޑު ކަމަކަށްނު؟" މެނޭޖަރު ބޯ ކަހައިލިއެވެ.

"އެއީ ކަލޭ ހަމަޖައްސަން ޖެހޭނޭ ކަމެއް. ބޭނުން ނޫނިއްޔާ ބުނޭ. އަހަރެން އެހެން ބަޔަކާ ވާހަކަ ދައްކައިފާނަން."

"ނޫނޭ." މެނޭޖަރު އަވަސްއަވަހަށް ބުނެލިއެވެ. "އެމީހުން ބަލައި އަންނާންވީ ކޮން އިރަކު؟"

"މެންދަމު އެކެއް ޖަހާއިރު."

މެނޭޖަރު ހިނގައްޖެއެވެ. ސުލައިމާން ހުރިހައި ވާހަކައެއް ރިޟްވާނަށް ކިޔައިދީފިއެވެ. "މިރޭ މެންދަމު އެކެއް ޖަހާއިރު އެމީހުންގެ ފުށުން ކަލޭ ސަލާމަތް ވާނެ. ކަލޭ ގޮސް ކަލޭގެ މަންޖެއާ ވާހަކަ ދައްކާ. އަހަރެން އަހަރެންގެ ދެ ފުރޭތަޔާ ވާހަކަ ދައްކާނަން. ތިން މީހުންނަށްވެސް އަންގައިދޭންވީ މީގެ ފަހުން މުޅި އުމުރު ދުވަހު އުޅޭން ވާނީ ޗަރުކޭސް މެނޭޖަރުގެ އަމުރަށް ތަބާވެގެންކަން."

"ކަލޭ ތިޔަ އުޅެނީ އަހަރެން އެމީހުންނާ ހަވާލު ކޮށްފައި ދާންތަ؟"

"އަހަރެން އެއްވެސް މީހަކާ ކަލޭ ހަވާލެއް ނުކުރަން. މިހާރު މި އޮތީ އެމީހުންގެ ފުށުން ސަލާމަތް ވެވޭނޭ ގޮތް ހަދައި ދީފައި. ދެން އަހަންނަށް އުނދަގޫ ނުކުރާތި. ރޭގަނޑުގެ ކަންތައްތައް އަމިއްލައަށް ހަމަޖައްސާ."

ދެކޮޅު ހަދާން ރިޟްވާން ބޭނުންވިއެވެ. އެކަމަކު އަނގައިން ބުނާކަށް ނުކުރުނެވެ. މިވަގުތު ސުލައިމާން ރުޅި އަރުވާކަށް އޭނާ ބޭނުމެއް ނުވިއެވެ.

* * *

ރޭގަނޑު ބާރަ ޖަހައިފިއެވެ. ސުލައިމާނަކަށް ނުނިދުނެވެ. ޗަރުކޭސް މެނޭޖަރު އައިސް އެ ތިން އަންހެނުން ނުގެންދަނީހެއް އޭނާގެ ހިތެއް ހަމައެއް ނުޖެހޭނެއެވެ.

އެ ވަގުތު އޭނާގެ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ޖަހައިލީ އަޑު އިވިއްޖެއެވެ.

"ކާކު؟" ސުލައިމާން އަހައިލިއެވެ.

"އެތެރެއަށް ވަދެވިދާނެތަ؟" ބޭރުން އިވުނީ ފިރިހެން އަޑެކެވެ.

"ވަދޭ." ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެ ސުލައިމާން ބުންޏެވެ.

ލައްޕާފައި ހުރި ދޮރުގެ ތެރެއިން ފުރޭނިގެން މީހަކު އެތެރެއަށް ވަދެއްޖެއެވެ.

"ކަލޭ ތިޔައީ ކާކު؟" ސުލައިމާން އަހައިލިއެވެ.

"ކަލޭގެ އެކުވެރިއެއް."

"އެހެންވެއްޖެއްޔާ ކަލޭ ވާނީ ޝައިޠާނާއަށް." ސުލައިމާން ސުވާލުގެ ރާގަކަށް ބުނެލިއެވެ.

"އާނ."

"އިށީނދޭ." ސުލައިމާން ގޮނޑިއަކަށް އިޝާރާތް ކޮށްލިއެވެ.

މި އާދަމުގެ ދަރިޔާގެ ބިރުކުޑަކަމާއި އަމިއްލަ ނަފުސަށް އޮތް އިތުބާރުގެ ބޮޑުކަން ފެނިފައި ބާތިލް ހައިރާންވިއެވެ. މިއީ ވަރަށް ނުރައްކާތެރި މީހަކަށް ވާނޭކަން ޔަގީނެވެ. އެކަލޭގެ މަޑުމަޑުން ގޮސް ގޮނޑީގައި އިށިނދެއްޖެއެވެ.

"ކަލޭގެ ނަމަކީ ކޮބާ؟" ސުލައިމާން އަހައިލިއެވެ.

"އަހަރެން މިއީ ޝައިޠާނާއޭ ބުނެފީމެއްނު؟"

ސުލައިމާން ހިނިތުންވެލިއެވެ. "ކަލޭ ތިޔައީ ޝައިޠާނާކަން އަހަންނަށް އެނގޭ. އެއީ ކަލޭގެ ލަގަބު. ކަލޭގެ ލަޢުނަތުގެ ސިފަ. އަހަރެން މި އަހަނީ ކަލެއަށް ކިޔަނީ ކޮން ނަމެއްހޭ."

ބާތިލް ކުޑަކޮށް ހާސް ވާން ފަށައިފިއެވެ. "އަހަރެންގެ ނަމަކީ ބާތިލް."

"ވަރަށް ގުޅޭ ނަމެއް. އެއްވެސް ބޭނުމެއް ނެތި ކަލޭ މިތަނަށް ނާންނާނެކަން ގައިމު."

"އަހަރެން މި އައީ ކަލެޔާ ވިޔަފާރީގެ ވާހަކައެއް ދައްކައިލާން ވެގެން."

"ވިޔަފާރިއޭ؟"

"ގަނެ ވިއްކުމަށް ކިޔަނީ ވިޔަފާރިއެކޭ ނޫންތަ؟" ބާތިލްގެ އަޑުގައި ކުޑަ ޖެހިލުންވުމެއް ހުއްޓެވެ.

"އަހަރެންގެ އަތުން އެއްޗެއް ގަންނަންތަ؟ ނޫނީ އަހަންނަށް އެއްޗެއް ވިއްކާންތަ؟"

މި ކަހަލަ ބަސްދީގަތުމެއްގެ ތެރެއަށް ވަންނާން ޖެހިދާނޭ ކަމަކަށް ބާތިލް ހީކޮށްފައެއް ނެތެވެ. "އަހަންނަށް އަންގައިފައި އޮތީ އެއްޗެއް ގަންނާން."

"އަހަރެންގެ އަތުގައި އޮތީ ކޮން އެއްޗެއް؟"

"ކަލޭގެ ރޫޙް... ފުރާނަ. އަހަރެން މި އައީ ކަލޭގެ ފުރާނަ ގަންނާން." ބާތިލް ބުނެލިއެވެ.

"ފުރާނަ ވިއްކައިލީމާ އަހަރެން މަރު ވެދާނެއެއްނު؟ ފުރާނަޔާ ނުލައި އެއްވެސް ހަށިގަނޑަކަށް ދިރިއެއް ނުހުރެވޭނެ."

"މި ވަގުތަކު ބޭނުމެއް ނޫން. ކުރަން ޖެހޭ ކަމަކީ ފުރާނަ ހިއްޕަވާ ވަގުތު އެ ފުރާނަޔާ އަހަރެމެން ހަވާލުވުމުގެ ހުއްދަ ދޭންވީ."

"އެންމެ ރަނގަޅު." ސުލައިމާން ބޯ ޖަހައިލިއެވެ. "އޭގެ ބަދަލުގައި އަހަންނަށް ލިބޭނީ ކޮން އެއްޗެއް؟"

"އަހަރެމެން ކަލޭގެ ތިން އެދުމެއް ފުރިހަމަކޮށް ދޭނަން."

"ފުރާނަފަދަ އަގު އަގު ބޮޑު އެއްޗެއްގެ ބަދަލުގައި ފުއްދައިދޭން ތިޔަ އުޅެނީ އެންމެ ތިން އެދުންތަ؟" ސުލައިމާން މަލާމާތުގެ ރާގަކަށް އަހައިލިއެވެ.

"ވިސްނައިލަބަލަ. އެ ތިން އެދުމުގެ ބޭނުން ހިފައިގެން ކަލޭ ބޭނުން ކޮންމެ ކަމެއް ކުރެވިދާނެ."

"ކަމަކު ނުދޭ. ތިޔައީ މާ ހެޔޮ އަގެއް. ބޮޑު އަގެއް ކިޔާ."

ބާތިލް ހާސްވާން ފަށައިފިއެވެ. "ކަނޑައަޅާފައި އޮތް އަގަކީ މިއީ. މިޔަށްވުރެ ބޮޑު އަގެއް ހަމަޖައްސައެއް ނުދެވޭނެ."

"ތިޔަ އަގަކަށް އަހަރެން އެއްބަހެއް ނޫން." ސުލައިމާން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. "ކަލޭ އައި ތަނަކަށް ދޭ."

ބާތިލަކަށް ހަދާނޭ ގޮތެއް ނުވިސްނުނެވެ. އިރުކޮޅަކު ހުރުމަށް ފަހު މަޑުމަޑުން ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. އެކަލޭގެ ހުރީ ވަރަށް ދެރަވެފައެވެ. އަމަލީ މައިދާނުގައި ފުރަތަމަ ހަވާލުވީ މަސައްކަތުން ނާމާކިޔާބީއާ ކުރިމަތިލާން ޖެހިދާނެތީއެވެ. ލަދުން އިސް އުފުލައިލާންވެސް ނުކެރޭފަދަ ހާލަތަކަށް ހިނގައްޖެއެވެ.

"މަޑުކޮށްލަބަލަ." ސުލައިމާން ބުންޏެވެ.

ބާތިލް ހުއްޓިއްޖެއެވެ. އަދި އުއްމީދުން ފުރިފައިވާ ނަޒަރަކުން ސުލައިމާނާ ދިމާއަށް ބަލައިލިއެވެ. ތިން އެދުމެއް ފުދުމަކީ ކުޑަ ކަމެއް ނޫނެވެ. އެހެންވީމާ ސުލައިމާން އެންމެ ފަހުން ހަތިޔާރު ބެހެއްޓީއޭ ބާތިލްގެ ހިތަށް އެރިއެވެ.

"އަހަރެންގެ މެސެޖެއް ހިފައިގެން ދޭ. އަހަންނަކީ އާދައިގެ މީހަކީމެއް ނޫން. މަތީ ދަރަޖައިގެ މީހަކީން. އަހަރެން ވާހަކަ ދައްކާނީ އަހަރެންގެ ފެންވަރުގެ ޝައިތާނަކާ. މާނައަކީ ސީދާ އިބިލީހާ. އެ މަލްޢޫނު ނޫން އެހެން ކެނަޔަކު އަހަރެންގެ ގާތަށް އައިސްގެން ނުވާނެ. އެހެން ގޮލަޔަކު އަތުވެއްޖެއްޔާ ކުރިމަތިވާ ކޮންމެ ދެރަޔަކާ ޒިންމާވާން ވާނީ ކަލޭ."

ބާތިލްގެ މޫނުމަތީގައި ކޮކާ ބުރާން ފަށައިފިއެވެ. މިއީ ކޮން ކަހަލަ އާދަމުދެ ދަރިއެއް ހެއްޔެވެ؟ މާތްވެގެންވާ ޗާންސެލަރުގެ ނަންފުޅު އެހެރަގެން ގަންނަނީ ހާދަހާ އަދަބުކުޑަ ގޮތަކަށެވެ. ބާތިލް އަވަސްވަހަށް އެތަނުން ނުކުމެގެން ބަޗައިފިއެވެ. އިތުރު ތައުހީނަކާ ކުރިމަތިލާން ބޭނުން ނުވާތީއެވެ.

ޝައިޠާނާ ނުކުމެގެން ދިޔައީމާ ސުލައިމާން ހިނިތުންވެލިއެވެ. ދެވަނަ ސިކުންތުގައި ސީރިއަސްވެލިއެވެ. އޭނާ ދެންމެ އެ ދެއްކީ ބޮޑާކަމުގެ ކުލަވަރެއްކަން އޭނާއަށް އެނގެއެވެ. އެކަމަކު އަނެއްކާވެސް ހިނިތުންވެލިއެވެ. އޭނާ ދެންމެ ދެއްކި ކިބުރުވެރިކަން ﷲ ގެ ދަރުބާރުގައި ވެގެން ދާނީ ނިކަމެތިކަމާއެކު އަޅަކު ﷲ ގެ މަގަށް އެޅި ފިޔަވަޅަކަށް ކަމުގައިކަން އޭނާއަށް ޔަގީނެވެ. އޭނާ ދެކޮޅު ހެދީ ސީދާ ޝައިޠާނާއާއެވެ.

ދެގަޑިބައިވާން އުޅެނިކޮށް ފޯނުގެ ރަނގަބީލު ވާން ފަށައިފިއެވެ. އެއީ ރިޟްވާންގެ ފޯނެކެވެ.

"އެމީހުން ހިނގައްޖެތަ؟" ސުލައިމާން އަހައިލިއެވެ.

"އާނ. އަހަރެން މި ގުޅައިލީ އެހެން ވާހަކައެއް ބުނެލަން ވެގެން."

"ބުނޭ." ސުލައިމާން މަޑުމައިތިރިކަމާއެކު ބުންޏެވެ.

"ކަލޭ އަހަންނާ ދޭތެރޭ ކަންތައް ކުރި ކަމީނާ ގޮތް އަހަރެން ހަނދާން ނައްތައިލާނެއޭ ހީނުކުރާތި. އަހަރެން އަދި ބަދަލު ހިފާނަން."

"ނާ ރަނގަޅަށްތަ؟ ކަލޭ ތިޔަވީ ހަމަ ހަގީގަތުގައިވެސް އިހުސާންތެރިކަން ގަބޫލު ނުކުރާ ވިޔާނުދާ މީހަކަށްތާ. އެކަމަކު އަހަރެންވެސް ވާހަކައެއް ބުނެލާނަން. އަހަރެން އަބަދުވެސް އެދޭނީ ކަލެއަށް ހެޔޮގޮތް މިންވަރު ކުރައްވާން. އަހަރެން މިއީ ކަލޭގެ އެކުވެރިއެއް." މިހެން ބުނެފައި ރިޟްވާންގެ ވާހަކައަކަށް ބެލުމެއް ނެތި އޭނާ ފޯނު ބާއްވައިފިއެވެ.

(ނުނިމޭ)

4 ޚިޔާލު

  1. Ehaa avahah vaahaka up vedhaaneyekey hithakah ves naaraa.dhen komme dhuvahaku hen,dhunu balanthaa mivee
    Rilwaan ah e kujjaa nugengulhevigen gein fonuvaalikan en,gi Sageela ah vaa
    gotheh balan haadha beynumey

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.