ރާއްޖެއިން ކޮވިޑް 19 ފެނުމާ ގުޅިގެން ގަނޑުކޮށް ކާޑުގަނެ ގޭގޭގައި ކުދިކުދި ގުދަން ހެދުމުގެ ބޭނުމެއްނެތް ކަމަށް އެސްޓީއޯއިން ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 ރާއްޖެއިން ފެނުމާއެކު މިރޭ ބޭއްވި ނޫސްކޮންފަރެންސެއްގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޙުސައިން ޢަމްރު ވިދާޅުވީ ހުސްނުވާ ވަރަށް އެސްޓީއޯގައި ކާޑު އެބަހުރި ކަމަށެވެ. އަދި މިހާރުވެސް ކާޑު ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ގަނޑުކޮށް ކާބޯތަކެތި ގަނެ ގޭގޭގައި ގުދަން ކުރުމުން އެހެން މީހުންނަށް ވެސް އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޢަމްރު ވިދާޅުވީ މިހާރު ވެސް ރަށްރަށަށް ދަތުރުފަތުރު ކުރެވޭ ކަމަށެވެ. ލަފާފުރުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އެހެންކަމުން ފައިސާ ހުންނަ މީހުން އެއްފަހަރާ ކާބޯތަކެތި ގަތުމުގެ ބަދަލުގައި އާއްމު ޙާލަތުގައި މިހާރުވެސް ކަންކަން ކުރަމުންދާ ގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަން ކުރުމުން ހުރިހާކަމެއް ދާނީ ރަނގަޅަށް ކަމަށް ޢަމްރު ވިދާޅުވިއެވެ.
"ގަނޑުކޮށް ކާޑު ގަނެ ކުދިކުދި ގުދަންތައް އުފެއްދުމުގެ ބޭނުމެއްނެތް. ރަށްރަށަށް ދަތުރު ފަތުރު އެބަކުރެވޭ. ލަފާފުރޭ. އެހެންވީމާ ކާޑު ރަށްރަށް ގެންދެވޭނެ،" ޢަމްރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބޭނުންވާ ބޭސް ވެސް މިވަގުތު އެސްޓީއޯގައި އެބަހުރި ކަމަށެވެ. އެ ކުންފުންޏަކީ ބޭސް އުފައްދާ ކުންފުންޏެއް ނޫންކަމަށާއި އެއީ ބޭސް އެތެރެ ކުރާ ކުންފުންޏެއް ކަމުން ބޭސް އުފައްދައި ބޭރުކުރާ ގައުމުތަކުން ބޭސް ނުލިބޭ ހާލަތަށް ކަންކަން ގޮސްފި ކަމަށްވާނަމަ ދެން އެކުންފުނީން ވެސް ކުރާނެ ކަމެއް ނޯންނާނެ ކަމަށް ޢަމްރު ވިދާޅުވިއެވެ. އެހެންނަމަވެސް ބޭސް ވެސް ލިބޭނެ ކަމުގެ ޔަގީންކަން މިގުތަށް އެބައޮތް ކަމަށާއި، މިހާލަތު ދިގުދެމިގެންދާ ކަމަށްވާނަމަ ދެންކަންކުރާނެ ގޮތްވެސް އޮނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާއިން މިހާރުވެސް ވަނީ ބޭސް ބޭރުކުރުން ކޮންޓްރޯލްކޮށްފައެވެ. ޢަމްރު ވިދާޅުވީ އިންޑިއާއިން އެގޮތަށް އަމަލުކުރިޔަސް ރާއްޖެއަށް ޚާއްސަ ގޮތެއް ބަހައްޓައިގެން އިންޑިއާއިން ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އެމަސައްކަތް ފޮރިން މިނިސްޓްރީން ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.