ކީރިތި ޤުރްއާން - އަޖައިބުކުރުވަނިވި ފޮތެއް (2)

ޕްރޮފެސަރ ކީތު މުއަރ

(28 ފެބްރުއަރީ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަކީ ވަރަށް ދަތި، ތުރާ ދިރިއުޅުއްވުމެއް އުޅުއްވި ބޭކަލެއް ކަމީ އެނގޭން އޮތް ހަގީގަތެކެވެ. އެކަލޭގެފާނަށް ލިބިވަޑައިގަތް ބޭފުުޅުންގެތެރެއިން އެންމެ ބޭފުޅަކު ފިޔަވައި އެހެން ހުރިހައި ބޭފުޅުން އެކަލޭގެފާނުގެ ހަޔާތްޕުޅުގައި އަވަހާރަ ވެއްޖެއެވެ. ފުރަތަމަ އަނބިކަނބަލުންނަކީ އެކަލޭގެފާނު ނުހަނު ލޯބިފުޅުވީ ބޭކަނބަލެކެވެ. އެކަމަނާ އަވަހާރަވީ އެކަލޭގެފާނުގެ ހަޔާތްޕުޅުގެ ވަރަށް ޚުޠޫރަތްތެރި ދަނޑިވަޅެއްގައެވެ. އެންމެ ބޮޑަށް އެކަމަނާގެ ބޭނުންފުޅު ޖެހިވަޑައިގަތް ދުވަސްވަރުއެވެ. އެކަމަނާގެ ހައިސިއްޔަތާއި ޖާގަ ވިސްނައިވަޑައިގެން ބައްލަވާށެވެ. ފުރަތަމަ ވަޙީ ބާވައިލެއްވި ރޭ ބިރުފުޅުން ވަޑައިގަތީ އެކަމަނާގެ އަރިހަށެވެ. އެ ދުވަސްވަރުގެ ވާހަކަ ބާއްވަމާ ހިންގަވާށެވެ. "ތިމަން ބިރުން ދުވެފައި ދިޔައީ އަނބިމީހާގެ ގާތަށެވެ." މިހެން ބުނާނޭ އަރަތްބަކު މިހާރަކުވެސް ނުފެންނާނެއެވެ. އެއީ އަރަބި ޠަބީޢަތެއް ނޫނެވެ. އެކަމަކުވެސް އަނބިކަނބަލުންގެ އަރިހަށް ވަޑައިގަތުމުގެ ޚިޔާލުފުޅު އައީ އެކަލޭގެފާނުގެ އަރިހުގައި އެކަމަނާގެ ހައިސިއްޔަތުގެ ބޮޑުކަމުން ކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ. މިއީ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސިކުނޑިފުޅުގައި އެ ދުވަސްވަރު އޮތް ބުރަފުޅާއި ތަހައްމަލު ކުރައްވަމުން ގެންެެދެވި ހިތާމަފުޅު އިހުސާސް ކުރެވޭނޭ އެންމެ ދެތިން ކަމެކެވެ. އަޅުގަނޑުގެ ނުކުތާ ސާބިތު ކުރުމަށްޓަކައި މިވަރުންވެސް ފުދެއެވެ. ކީރިތި ޤުރްއާނުގައި މިއިން އެއްވެސް ވާހަކައެއް ބަޔާން ކުރައްވައިފައެއް ނެތެވެ. އެކަލޭގެފާނުގެ ބޭފުޅުން އަވަހާރަވީ ވާހަކައެއް ނެތެވެ. ލޯބިފުޅުވާ ހަޔާތުގެބައިވެރިޔާ އަވަހާރަވީ ވާހަކައެއް ނެތެވެ. އާދަޔާ ޚިލާފު ރިވެތި ގޮތަކަށް އަނބިކަނބަލުންނާ ހިއްސާ ކުރެއްވި "ވަޙީގެ ބިރުފުޅު"ގެ ވާހަކައެއް ނެތެވެ. އެކަމަކުވެސް މިއީ އެކަލޭގެފާނުގެ ހިތްޕުޅަށް ފުން އަސަރުފުޅުތަކެއް ކުރަމުން ދިޔަ ކަންތައްތަކެއްކަން ޔަގީނެވެ. ހަޔާތްޕުޅުގެ ދުވަސްތަކުގައި އެ ހަނދުމަފުޅުތަކުގެ އަސަރު ނުފިލައި ހުންނާނޭ ކަމީ އޮޅުމެއް އޮތް ކަމެއް ނޫނެވެ. ކީރިތި ޤުރްއާނަކީ އެކަލޭގެފާނުގެ ސިކުނޑިފުޅަށް އައި ނަފްސާނީ ޚަލަލެއްގެ ސަބަބުން އުފަންވީ ފޮތެއް ކަމުގައި ވީނަމަ، މި ދެންނެވުނު ކަންތައްތައްތަކާއި، މިފަދަ އެހެން ކަންތައްތަކުގެ ވާހަކަ ހުރީހެވެ. އެންމެ ކުޑަމިނުން އެއިން ކަމެއްގެ ހިލަމެއް ނަަމަވެސް ވެފައި ހުރީހެވެ.

ހަގީގީ މާނައިގައި ކީރިތި ޤުރްއާނުގެ ސައިންސީ ތަހުގީގެއް ކުރުމަކީ ކުރެވިދާނޭ ކަމެކެވެ. އެހެނީ ދުނިޔޭގައި ލެއްވި އެއްވެސް ދީނީ ފޮތަކުން އަދި އެއްވެސް ދީނަކުން ހުށަނާޅާ ކަމެއް ކީރިތި ޤުރްއާނުން ވަނީ ހުށަހަޅައިފައެވެ. އެއީ މިޒަމާނުގެ ސައިންސްވެރީން އެންމެ ބޮޑަށް އެދޭ އެއް ކަމެވެ. ކާއިނާތު ހިނގަމުންދާ ގޮތާ މެދު އެކި ކަހަލަ ޚިޔާލުތަކާއި ނަޒަރިއްޔާތައް އުފަންކޮށްގެން އުޅޭ މީހުން ވަރަށް ގިނައެވެ. އެފަދަ މީސްމީހުން ގިނަ ނަމަވެސް ސައިންސުގެ މުޖުތަމައަކުން އެ މީސްމީހުންގެ ވާހަކަތަކަކަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. ސަބަބަކީ ކޮބައިތޯއެވެ؟ ފާއިތުވެދިޔަ ގަރުނުގެ ތެރޭގައި ސައިންސްވެރީން ވަނީ ނަޒަރިއްޔާއެއް ނުބައިތޯ ބަލާނޭ މިންގަނޑެއް ބޭނުން ކަމަށް ކަނޑައަޅައި ނިންމައިފައެވެ. އެމީހުން ބުނެއެވެ. "ކަލޭގެ އަތުގައި ވަކި ކަމަކާ ބެހޭ ނަޒަރިއްޔާއެއް އޮތް ނަމަވެސް، އެ ނަޒަރިއްޔާއެއްގެ ރަނގަޅުކަން ނުވަަތަ ނުބައިކަން ސާބިތު ކުރާން އަހަރެމެން ކުރާން ޖެހޭ ކަމެއް ކަލެއަށް ބުނެ ނުދެވޭނަމަ، އެ ނަޒަރިއްޔާ ހިފައިގެން އަހަރެމެންގެ ގާތަށް ނާންނާށެވެ."

މި ގަރުނު ފެށުނުތާނގައި އައިންސްޓައިން ގެންނެވި ނަޒަރިއްޔާ ސައިންސްވެރީން ގަބޫލުކުޅައީ މި ދެންނެވުނު މިންގަނޑު ގެނެސް ދެއްވީމައެވެ. އޭނާ ދުރުވީ އައު ނަޒަރިއްޔާއަކާއިގެންނެވެ. އެ ނަޒަރިއްޔާ ހުށަހެޅުއްވުމަށް ފަހު އޭނާ ބުނުއްވިއެވެ. "އަހަރެން ގަބޫލުކުރާ ގޮތުގައި ކާއިނާތު ހިނގަނީ މި ގޮތަށެވެ. އަހަރެން މި ބުނާ ގޮތް ނުބައި ކަމަށް ދައްކާން ކުރެވިދާނޭ ތިން ކަމެއް މި އޮތީއެވެ." ދެން ސައިންސްވެރީން އޭނާ ހުށަހެޅުއްވި ތިން މިންގަނޑުގެ ބޭނުން ކުރެއްވީއެވެ. ފަސް އަހަރުގެ ތެރޭގައި އެ ތިން މިންގަނޑުން އޭނާ ފާސް ވެއްޖެއެވެ. އޭނާގެ ހުށަހެޅުއްވުން ރަނގަޅު ކަމަށް ސާބިތު ވެއްޖެއެވެ. މިއީ އޭނާގެ މަތިވެރިކަން ސާބިތުވާ ކަމެކޭ ފަހަރެއްގައިވެސް އަޅުގަނޑެއް ނުދަންނަވަމެވެ. އެކަމަކު މިއީ އޭނާގެ ވާހަކަ އަޑުއެހުން އެންމެ ރަނގަޅުކަމަށް ގަބޫލު ކުރާން ޖެހޭ ކަމެއްކަން ކަށަވަރެވެ. އޭނާ ބުނުއްވިއެވެ. "މިއީ އަހަރެންގެ ޚިޔާލެވެ. އަހަރެންގެ ޚިޔާލު ނުބައި ކަމަށް ސާބިތު ކުރާން ކަލޭމެން ބޭނުން ނަމަ މިހެން ހަދާށެވެ."

ކީރިތި ޤުރްއާން ގެނެސް ދީފައިވާ މިންގަނޑަކީވެސް މިއީއެވެ. މިއަށް "ނުބައިތޯ ބަލާ މިންގަނޑޭ" ކިޔަމާ ހިންގަވާށެވެ. ޤުރްއާނުން ގެނެސްދީފައިވާ ބައެއް މިންގަނޑުތަކަކީ ޒަމާންވީ މިންގަނޑުތަކެކެވެ. އެމިންގަނޑުތަކުން ޤުރްއާން ވަނީ ފުރިހަމައަށް ފާސް ވެފައެވެ. ބައެއް މިންގަނޑުތައް އަދިވެސް ދެމި އެބަހުއްޓެވެ. ކީރިތި ޤުރްއާނުން ބުނާ ވާހަކައަކީ މިއީއެވެ. "މިއީ (ޤުރްއާނަކީ) ޚުދު އެ ފޮތް ދަޢުވާ ކުރާފަދަ ފޮތެއް ނޫން ކަމަށް ކަލޭމެން ދެކޭ ނަމަ، ކަލޭމެން ކުރާން ޖެހޭހައިވެސް ކަމަކީ މިވެނި އެވެނިހެން ހަދައިގެން މިއީ ދޮގު ފޮތެއް ކަމަށް ސާބިތު ކުރުމެވެ." ސާދަ ސަތޭކަ އަހަރުވީ އިރުވެސް އެއްވެސް މީހަކަށް އެކަމެއް ނުކުރެވުނެވެ. އެހެންވީމާ މިހާރުވެސް ކީރިތި ޤުރްއާނަކީ ތެދު ފޮތެއް ކަމަށް ބަލަން ވަނީ މަޖުބޫރު ވެފައެވެ.

މިސާލަކަށް ތިބާގެ ގާތަށް މީހަކު އައިސް އިސްލާމްދީނާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ގޮސް ބުނެފާނެއެވެ. އަހަރެން މިހިރީ ހައްގާއިގެން އައިހެވެ. ކަލޭ ތިޔަހަރަ މަގަކީ ނުބައި މަގެކެވެ. ކަލޭ ތިޔަ ވަނީ އަނދިރީގެ ތެރޭގައެވެ. މިހެން ބުނާާ މީހަކަށް އެއްވެސް ކަހަލަ ހުއްޖަތެއް ދެއްކެވުމަކާ ނުލައި މި ސުވާލު ކުރައްވާށެވެ. "ތިޔަ ވާހަކައަކީ ދޮގުތޯ ނުވަތަ ތެދުތޯ ބަލާނޭ މިންގަނޑެއް ކަލޭގެ ދީނުގައި އެބައޮތް ހެއްޔެވެ؟ އަހަރެން ވަކި ކަމެއް ސާބިތުކޮށް ދީފިއްޔާ، ކަލޭގެ ދީނުގެ ދޮގުކަން ސާބިތު ވާނޭ އެއްވެސް މިންގަނޑެއް ކަލޭގެ އަތުގައި އެބައޮތް ހެއްޔެވެ؟" އަޅުގަނޑު ފުރިހަމަ އިތުބާރާއި ޔަގީން ކަމާއެކު މިހާރު މި ދަންނަވަނީއެވެ. އެމީހުންގެ އަތަކު އެކަހަލަ އެއްވެސް މިންގަނޑެއް ނޯންނާނެއެވެ. ހަމަ އެކައްޗެއްވެސް ނޯންނާނެއެވެ. އެހެނީ އެމީހުން އަންނަނީއަކީ ވަކި ކަމެއް ހުށަހެޅުމަށް ފަހު އެ ހުށަހެޅުމުގެ ތެދުދޮގު ބަލާނޭ މިންގަނޑެއްވެސް މީހުންނަށް ހުށަހަޅަމަކުންނެއް ނޫނެވެ. އެ ފުރުސަތެއް އެމީހުންނެއް ނުދެއެވެ. އެފަދަ ފުރުސަތެއް ދެނީ ހަމައެކަނި އިސްލާމްދީނުންނެވެ.

އިސްލާމްދީނުގެ ސައްހަކަން ބަލާނޭ ފުރުސަތު ކޮންމެ މީހަކަށްމެ އިސްލާމްދީނުން ހުށަހަޅާ ގޮތުގެ އެންމެ ބޮޑު މިސާލަކީ ނިސާ ސޫރަތުގެ 82 ވަނަ އާޔަތެވެ. އެ އާޔަތުގައި ވެއެވެ. ސީދާ ތެދަށް ދަންނަވަންތޯއެވެ؟ މި އާޔަތް ފެނުނު ދުވަހު އަޅުގަނޑު ވަރަށް ބޮޑަށް ހައިރާން ވިއެވެ.

أَفَلَا يَتَدَبَّرُونَ ٱلۡقُرۡءَانَۚ وَلَوۡ كَانَ مِنۡ عِندِ غَيۡرِ ٱللَّهِ لَوَجَدُواْ فِيهِ ٱخۡتِلَٰفٗا كَثِيرٗا 

"ފަހެ، ޤުރްއާނާމެދު އެއުރެން ވިސްނައި ފިކުރު ނުކުރަނީހެއްޔެވެ؟ އެ ޤުރްއާނަކީ، اللَّه ނޫން އެހެން ފަރާތަކުން އައި އެއްޗެއް ކަމުގައިވީނަމަ، ގިނަވެގެންވާ ތަފާތުތައް އެއިން އެއުރެންނަށް ފެނުނީހެވެ."

މިއީ ޣައިރު މުސްލިމުންނަށް ފާޅުގައި ކުރައްވައިފައިވާ ތަހައްދީއެކެވެ. ކީރިތި ޤުރްއާނުން ކުށެއް ހޯދާން ދެއްވައިފައިވާ ދައުވަތެކެވެ. މި ދައުވަތުގެ ބޮޑުކަމާއި އުނދަގޫކަން އެއް ފަރާތުގައި ބާއްވަވާށެވެ. މިފަދަ ދައުވަތެއް ދިނުމަކީވެސް އިންސާނަކު ކުރާނޭ ކަމެއް ނޫނެވެ. މިއީ އިންސާނީ އާދައެއް ނޫނެވެ. އިންސާނާގެ ޝަޚުސިއްޔަތާ އެއްގޮތަކަށްވެސް ގުޅޭ ކަމެއް ނޫނެވެ. އިސްކޫލުގައި އިމްތިހާނެއް ހަދާ ކުއްޖަކު މިސާލަކަށް ނަގަމާ ހިންގަވާށެވެ. އޭނާ އިމްތިހާނުގެ ހުރިހައި ސުވާލަކަށް ޖަވާބު ދިނުމަށް ފަހު ޖަވާބު ކަރުދާހުގެ އެންމެ ފަހަތުގައި މުދައްރިސަށް އަމާޒުކޮށް ނޯޓެއް ލިޔުނެވެ. "މިއީ މުޅީން ފުރިހަމަ އިމްތިހާނެކެވެ. މި ޖަވާބު ކަރުދާހަކު އެއްވެސް ކުށެއް ނޯންނާނެއެވެ. ކުޅަދާނައިއްޔާ ނިކަން ކުށެއް ހޯދައިބަލާށެވެ." މިއީ މީހުން ކަންތައް ކޮށްއުޅޭ ގޮތެއް ނޫނެވެ. މިހެން ހަދައިފިނަމަ އެ ޖަވާބު ކަރުދާހުން ކުށެއް ހޯދައިފައި ނޫނީ މުދައްރިސު ލޮލު ފިޔައެއް ނުޖަހާނެއެވެ. އެކަމަކުވެސް ކީރިތި ޤުރްއާން އިންސާނާޔާ މުޚާތަބުކުރާ ބަހުރުވައަކީ މިއީއެވެ.

ކީރިތި ޤުރްއާނުން ފާހަގަ ކުރެވޭ އަނެއް މިޒާޖަކީ އެފޮތް ކިޔާ މީހާއަށް ދޭ ނަސޭހަތެވެ. ނުވަތަ އިރުޝާދެވެ. ވަކި ކަމަކާ ބެހޭ ގޮތުން މައުލޫމާތުތަކެއް ދިނުމަށް ފަހު ކިޔާ މީހާއަށް އިރުޝާދު ދެމުން ބުނެއެވެ. "މި ކަމާ ބެހޭ ގޮތުން އިތުރަށް ދެނެގަންނާން ބޭނުން ނަމަ ނުވަތަ ޝައްކެއް އުފެދޭ ނަމަ ދަންނަ މީހުން ކުރެން އަހާށެވެ." މިއީވެސް ހައިރާން ކުރުވަނިވި ވާހަކައެކެވެ. ޖޯގްރަފީއާއި ބޮޓަނީއާއި ބަޔޯލޮޖީ ފަދަ ދާއިރާތަކުން އެއްވެސް ތަމްރީނެއް ތަޖުރިބާއެއް ނެތް މީހަކު ލިޔާ ފޮތެއްގައި މި ދާއިރާތަކުގެ ވާހަކަ ލިޔުމަށް ފަހު، އެ ވާހަކަތަކާ މެދު ޝައްކު ކުރާ މީހަކު ހުރިނަމަ އެ ދާއިރާތަކުގެ މާހިރުންނާ ސުވާލު ކުރާށޭ ބުނުމަކީ ކޮން ކަހަލަ ކަމެއްތޯއެވެ؟ އެކި ޒަމާންތަކުގައި ދިރި އުޅުނު މުސްލިމުންގެ ތެރެއިން ބަޔަކު ވަނީ މި އިރުޝާދަށް އަމަލުކޮށްގެން އާދަޔާ ޚިލާފު އެތައް ހޯދުމެއް ހޯދައިފައެވެ. މީގެ އެތައް ގަރުނެއް ކުރީގެ އިސްލާމީ ސައިންސްވެރީންގެ މަސައްކަތްތަކަށް ބައްލަވައިލައްވާށެވެ. ފެނިވަޑައިގަންނަވާނީ ކީރިތި ޤުރްއާނުގެ އާޔަތްތަކަށް ހަވާލާ ދެއްވައިފައިވާ ތަނެވެ. އެ ބޭފުޅުންގެ ލިޔުއްވުންތަކުން ފެންނާން ހުރި ގޮތުގައި އެ ބޭފުޅުން ވަނީ ކީރިތި ޤުރްއާނުގައި މަގު ދައްކަވައިފައިވާ ދިމަދިމާއިން ތަހުގީގުގެ މަސައްކަތް ކުރައްވައިފައެވެ. އަމިއްލަފުޅަށް ވިދާޅުވެފައިވާ ގޮތުގައި އެ ބޭފުޅުން އެ ދިމަދިމާއަށް މިސްރާބު އަނބުރުއްވައިފައި ވަނީ ކީރިތި ޤުރްއާނުން އެކަމަށް އިރުޝާދު ދީފައި ވާތީއެވެ.

މިސާލަކަށް އިންސާނާގެ އަސްލާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު ކީރިތި ޤުރްއާނުން އަންގަނީ ތަހުގީގު ކުރާށެވެ. އެ ދާއިރާއިން އިތުރު މައުލޫމާތު ހޯދާން ކުރާނޭ މަސައްކަތުގެ އިރުޝާދު ދީފައި ވަނީ ކީރިތި ޤުރްއާނުންނެވެ. މިއީ މިއަދުގެ ގިނަ މުސްލިމުން ހަނދާން ނައްތައިލާފައިވާ ކަމެކެވެ. އެކަމަކުވެސް ބައެއް މީހުން އެ މަގުން ހިނގާކަން މި ދަންނަވާ ހާދިސާއިން އެނގިވަޑައިގަންނަވާނެއެވެ.

މީގެ އަހަރުތަކެއް ކުރީން ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގެ ބަޔަކު، ކީރިތި ޤުރްއަނުގައި އެމްބރިޔޯލޮޖީއާ ބެހޭ ގޮތުން އައިސްފައިވާ ހުރިހައި އާޔަތެއް ޖަމާކުރިއެވެ. (އެމްބްރިޔޯލޮޖީއަކީ އަންހެނާގެ ރަހިމުގައި ދަރި އަށަގަނެ، އުފެދި ހެދެމުން އަންނަ ގޮތުގެ އިލްމެވެ.) އެމީހުން ސުވާލެއް އުފެއްދިއެވެ. "ޤުރްއާން ދައްކާ ވާހަކައަކީ މިއީއެވެ. މިއީ ތެދު ވާހަކައެއް ހެއްޔެވެ؟" ޖަވާބެއް ހޯދުމަށްޓަކައި އެމީހުން ޚިޔާރު ކުޅައީ ކީރިތި ޤުރްއާނުގެ އިރުޝާދެވެ. "ދަންނަ މީހުން ކުރެން އަހާށެވެ." މި ކަމަށްޓަކައި އެމީހުން މިސްރާބު ޖެހީ ޣައިރު މުސްލިމަކާ ދިމާއަށެވެ. އެމީހަކީ ކެނެޑާގެ ޔުނިވަރސިޓީ އޮފް ޓޮރޮންޓޯގެ ޕްރޮފެސަރެކެވެ. އެމްބްރިޔޯލޮޖީގެ އެދުރެކެވެ. އެ ދާއިރާގައި މުޅި ދުނިޔެއަށް ނަން ހިނގައިފައިވާ މާހިރެކެވެ. ކިޔަވައިދޭން އެތައް ފޮތެއް ލިޔުއްވައިފައިވާ ބޭކަލެކެވެ. ނަމަކީ ކީތު މުއަރއެވެ. އެމީހުން އޭނާއަށް ދައުވަތު ދީގެން ރިޔާޟަށް ގެނައެވެ. އޭނާގެ ކުރިމައްޗަށް އެމީހުންގެ ދިރާސާ ހުށަހަޅާފައި ބުންޏެވެ. "ތިބާގެ މާހިރީ މާއްދާއާ ބެހޭ ގޮތުން ޤުރްއާނުގައިވާ ވާހަކަތައް މިހިރީއެވެ. މިކަމާ ބެހޭ ގޮތުން ބުނުއްވަނީ ކީކޭތޯއެވެ؟ މިއީ ތެދު ވާހަކަތޯއެވެ؟"

(ނުނިމޭ)

7 ޚިޔާލު

  1. ފަސޭހައިން ވިސްނައިގަނެވޭ ފަދަ ރީތި އިބާރާތްތަކަކުން ގެނެސްދީފައިވާކަން ފާހަގަކުރަން. ނަޢީމަށް ސާބަހާއި އައްސަރިބަސް. ތިޔަ މަސައްކަތުގައި ބަރަކާތް ލައްވާށި.

  2. ???
    ހައްގު ޝުކުރާއެކު ނަޢީމަށް ސާބަސް ދަންނަވަން.ނަޢީމުގ
    މަސައްކަތްޕުޅުގައި ﷲ ވާގިދެއްވައި ބަރަކާތްލައްވައި އަދަށްވުރެ ފަހި މާދަމައެއް ދައްކަވާށި!

  3. ވަރަށް ހިތްހަމަޖެހޭ
    ވަރަށް ފުރިހަމަ
    ވަރަށް ރަނގަޅު ފޮތެއް ގެ މަސައްކަތް ތިޔަ ފެއްޓެވީ
    ރިވެތި ދަރުމައަކުން ބަދަލުދެއްވާށި

  4. ސަލާމް ވަރަށް ރަގަޅު މަސައްކަތެއް ތިޔައީ ، އަދި ތިފަދަ މުސްލިމް ޢިލްމުވެރިޔެއްގެ މަސައްކަތް ވިދާޅުވާން ބޭނުން ފުޅުނަމަ ޑރ.ޒަޢޫލުއް ބައްބަރު ގެ ޢިލްމީ ދިރާސާތައް ޔޫޓިއުބު އިން ބައްލަވާ ލެއްވުން ވަރަށް ގިނަ މަޢުލޫމާތު ލިބި ވަޑައި ގަންނަވާނެ. ވ ބޮޑަށް ޝުކުރިއްޔާ ތިކުރައްވާ މަސައްކަތައް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.