މުގާބިލާ - 29

(2 މާރިޗު 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

މިފަހަރު މުސީބާތާ ލައިގަތީ ރިޟްވާނާއެވެ. އެއީ އޭނާ ލަފާވެސް ކޮށްފައި އޮތް ކަމެއް ނޫނެވެ. ސުލައިމާނަށް އެކަށީގެންވާ ތުރާލެއް ކޮށްލެވިއްޖެ ކަމަށް ހީކޮށް އޭނާ ހުރީ ވަރަށް އުފަލުން ހިތްހަމަ ޖައްސައިލައިގެންނެވެ. އޭނާގެ ބޯ މައްޗަށް މި މުސީބާތް ވެއްޓުނީ ކިހިނެއް ކަމެއް އޭނާއަކަށް ނޭނގުނެވެ. މި ބަލާވެރިކަން ކުރިމަތިވާން ޖެހެނީ ސުލައިމާނާއެވެ. އޭނާއާ ދިމާއަށް އެނބުރި އައި ގޮތެއް ހަމަ އެއްގޮތަކަށްވެސް ނުވިސްނުނެވެ.

އެ ދެމީހުން އޭނާގެ ހުރިހައި އަމުރަކަށް ކިޔަމަން ވެއެވެ. އެކަމަކު އޭނާ އެކަނި ވިޔަކަ ނުދެއެވެ. ދާހައި ތަނަކަށް އާދެއެވެ. އެ ދެމީހުން ތިބީމާ އޭނާއަކަށް ކަމަކާމެދު ހަަމަޔަކަށް ވިސްނައެއްވެސް ނުލެވެއެވެ.

އޭނާގެ ބޯ ހަލާކުވާން ކައިރިވީމާ ސުލައިމާނަށް ފޯނު ކޮށްފިއެވެ. ތިންވަނަ ރަނގަބީލާއެކު ސުލައިމާން ފޯނު ނަގައިފިއެވެ.

"ކަލޭ އަހަންނަށް ތިޔަ ކުރީ ކޮން ދުއްޕާނެއް؟" ރިޟްވާން ރުޅިވެރިކަމާއެކު އަހައިލިއެވެ.

"ކާކު..؟ ރިޟްވާންތަ؟" ސުލައިމާން ނިދިބަރުކައިފައިވާ އަޑަކުން އަހައިލިއެވެ. "ކިހިނެއްވީ؟ އަހަރެން ކީއްކުރީ؟"

"އޭތް... މާ ރަނގަޅުވާން މަސައްކަތް ނުކުރޭ. އަަހަރެން މިކިޔަނީ ކީކޭކަން ކަލެއަށް ރަނގަޅަށް އެނގޭނެ. އަހަރެންގެ ބޮލަށް ކަލޭ ވައްޓައިލީ ދެ ބަލާވެރިކަމަށް އަހަރެން ހަދަންވީ ކިހިނެއް؟"

"ކަލޭ ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ."

"ވިސްނޭނެ. ނޭނގޭ ކަމަށް ހެދެނީ."

"ތިޔަހައި ޔަގީން ކަމާއެކު ބުނަން ކަލެއަށް އެނގެނީ ކިހިނެއް؟"

"އެއީ އެ ދެ ހާމުންޑިއަކީ އަހަރެންގެ އެދުމެއްގެ ނަތީޖާއެއްގެ ގޮތުން ކަލެޔާ ދިމާއަށް ދިޔަ ދެ ހާމުންޑިއަށް ވާތީ."

"އަހަންނާ މެދު ކަލޭ ކަންތައް ކުރީ ނުބައިކޮށް ކަމަށް އެއްބަސް ވަނީތަ؟"

"ކަލެއަށް ވިހި ކުރޯޑު ރުފިޔާ ލިބުނީވެސް އަހަރެންގެ ސަބަބުން. މިހާރު ތިޔަ ދިރިއުޅޭ ބޮޑު ގަނޑުވަރު ލިބުނީވެސް އަހަރެންގެ ސަބަބުން. އޭރަކު ކަލޭ އެއްވެސް ޝަކުވާއެއް ނުކުރަމެއްނު؟"

"މިހާރަކުވެސް އަހަރެން ޝަކުވާއެއް ނުކުރަން. ޝަކުވާ ތިޔަ ކުރަނީ ކަލޭ. އެއީވެސް އަމިއްލައަށް ކޮނުނު އަނދަވަޅަށް އަމިއްލައަށް ވެއްޓުނީމާ..."

ސުލައިމާން އެ ދައްކަނީ ރަނގަޅު ވާހަކައެއްކަމަށް ގަބޫލު ނުކޮށް ކުރާނޭ ކަމެއް ނެތެވެ. އެހެންވީމާ ވާހަކައިގެ ރާގު ބަދަލު ކޮށްލިއެވެ. "ހެޔޮ ނުވާނެ... އަހަންނަށް އެހީތެރިވެދީ."

"އަހަރެން ކޮށްދޭންވީ ކޮން ކަމެއް؟"

"މި ދެ މުސީބާތުން ކަލޭ ސަލާމަތް ވެގަތް ގޮތް އަހަންނަށް ކިޔައިދީ."

"ނުބުނާނަން. އެއީ ވިޔަފާރީގެ ސިއްރެއް."

"އެހެން ވެއްޖެއްޔާ ކަލޭ ސަލާމަތް ވީ ގޮތަށް އަހަރެންވެސް ސަލާާމަތްކޮށްދީ." ރިޟްވާން އާދޭސް ކުރިއެވެ.

"ކަލޭ އަމިއްލައަށް ސަލާމަތް ވެގަނޭ..."

"ހެޔޮނުވާނެ ސުލައިމާން. އަހަރެން މި އުޅެނީ ވަރަށް ބޮޑު ތުރާލެއްގެ ތެރޭގައި. އަހަރެން ސަލާމަތްކޮށްދީ. ކަލޭ ތިޔައީ އަހަރެންގެ އެކުވެރިއެއްނު؟"

"އެހެންތަ؟ ކަލޭ ދެކޭ ގޮތުގައި އަހަރެން މިއީ ކަލޭގެ އެންމެ ބޮޑު ދުޝްމިނެއްނު؟"

"އަހަރެން ދެކޭ ގޮތް ބާއްވާ. ކަލެއަކީ ކާކުކަން ކަލެއަށް އެނގެއެއްނު؟"

"އަހަރެން މިއީ ކަލޭގެ އެކުވެރިއެއް. އެކުވެރިއެއްގެ ގޮތުގައި އަބަދުވެސް ހުންނާނަން. ހާސްނުވޭ. އަހަރެން ކަލޭގެ މައްސަލަ ހައްލުކޮށް ދޭނަން. ހައްލު އަހަންނަށް އެނގޭ. ކަލެޔާ ހަމައަށް އެ ދެމީހުން ފޮނުވީ އަހަރެން މިއީ ކަލެއަށް ހެޔޮއެދޭ މީހެއްކަން އަންގައިލުމުގެ ގޮތުން. ކަލެއަަށް ގެއްލުމެއް ދޭކަށެއް ނޫން... އެމީހުން ގާތު ބުނޭ ނިދާށޭ. ކަލޭވެސް ޝަހާދަތް ކިޔައިގެން ނިދާ. އަހަންނަށްވެސް ނިދިޔަދީ. ހެނދުނު އަހަރެން ތިޔަ ގެއަށް އަންނާނަން."

"ސުލައިމާން... ހެޔޮ ނުވާނެ..."

"އަހަންނަށް އިތުބާރު ކުރޭ. ފިކުރު ނުކޮށް ނިދާ."

ރިޟްވާން ފޯނު ބާއްވައިފިއެވެ. ހިތްހަމަ ޖައްސައިލައިގެން ސުލައިމާން ބުނި ގޮތަށް ކަންތައް ކުރުން ނޫން ގޮތެއް އޭނާއަކަށް ނެތެވެ.

* * *

ރިޟްވާން ބޭނުންވާ ކަންތައްތައް ހަމަޖައްސައި ދިނުމަށް ފަހު ސަގީލާ އޭނާގެ މަސައްކަތް ކުރިއަށް ދިޔަ ގޮތުގެ ތަފުސީލު ބާތިލަށް ދެނީއެވެ. އެކަމަކު އޭނާގެ އަގު ވެއްޓޭ ގޮތަށް ރިޟްވާން ކުޅަ ކަންތައްތަކުގެ ވާހަކަ ކިޔައެއް ނުދެއެވެ.

ބާތިލް ހީނގަތެވެ. "އެ ފަކީރަށް ތިޔަ މެދުވެރިވީ ވަރަށް ދެރަ ގޮތެއްނު؟ އެހައި ރީތި ކުއްޖެއްގެ އަޑު އެހައި ބިރުވެރިވީމާ ހާދަހާ ދެރައެއް ވާނެއޭ."

"ހީވީ އޭނާގެ ބޮލަށް ފިނި ފެން ބާލިދީއެއް އޮއްސައިލީހެން." ސަގީލާވެސް ހީނގަތެވެ. "އެކަމަކު އެ ފަކީރޭ ނުކިޔާ. އެއީ ވަރަށް ހަޔާތްކުޑަ، ވިޔާނުދާ މީހެއް."

"އެހެންތަ؟ ތިޔަހެން ބުނީޔޯ؟" ބާތިލް އޭނާގެ އެކުވެރިޔާއާ ދިމާއަށް ފުންކޮށް ބަލައިލިއެވެ.

"އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް އޭނާ ހެދި ގޮތް އެއީ ގަބޫލު ކުރަންވެސް އުނދަގޫ ގޮތެއް." ސަގީލާ ވާހަކައެއް ހަދައިލިއެވެ. "އެކަމަކު އޭނާގެ ބުއްދިވެރިކަމަށް އަހަރެން ތާރީފުކުރަން. ތިންވަނަ އެދުމުގެ ބޭނުން ހިފައިގެން އެކުވެރިޔާގެ މައްޗަށް ފާކުރުވީ ބޮޑު އަޒާބެއް ކަހަލަ ކަމެއް."

"އޭނާ އަހަރެންގެ ޝިކާރަޔާ ބެހުނީތާ." ބާތިލް ބުނެލިއެވެ. "އެސޮރަށް ވާނީ ކިހިނެއްބާ؟ ކަލޭގެ މަސައްކަތް ތިޔަ އޮތީ ނިމިފައި. ދެން އޮތީ އަހަރެންގެ މަސައްކަތް."

"ކަލޭގެ ޕްރޮގްރާމް އޮތީ ކިހިނެއް؟"

"މަސައްކަތް ފަށަންވީ. އެ ދިގު މާރިދުން މިހާރު އެ ފަކީރުގެ ދުވަސް ދުއްވައިލަފާނެ. އޭނާ ޝިކާރަ ކޮށްލުމަކީ އުނދަގޫ ކަމަކަށް ނުވާނެ. މާދަމާ އެގެއަށް ދާނަން."

"ކަލެއަށް ކާމިޔާބީއަށް އެދެން. އަހަންނަށް ފެންނަ ގޮތުގައި ކަލޭގެ ޝިކާރައަކީ ވަރަށް ބުއްދިވެރި ޗާލާކު ގޮލައެއް."

"އެނގިދާނެތާ."

* * *

ސުލައިމާން ރިޟްވާންގެ ގެއަށް ދިޔައީ ހެނދުނު ދިހައެއް ޖެހި އިރުއެވެ. އޭރު ރިޟްވާންވެސް ހޭލައިފިއެވެ. ލޮލަށް ބަލައިލީމާ އޭނާ ރޭ ރަނގަޅަށް ނުނިދާކަން އެނގެއެވެ. އެއީ އާދަޔާ ޚިލާފު ކަމެއްވެސް ނޫނެވެ. ބޮޑު ސިންގާ ދެ ހަންޑި ބޯމަތީގައި އެނބުރެނިކޮށް ނިދޭނީވެސް ކާކަށް ހެއްޔެވެ؟

"ﷲ އަށްޓަކައި ކޮންމެވެސް މައިތިރިއެއް ހަދާ." އޭނާ ފެނުމާއެކު ރިޟްވާން އާދޭސް ކުރާން ފަށައިފިއެވެ.

"ހާސް ނުވޭ. ހުރިހައި ކަމެއް ހަމަޖެހިދާނެ." ސުލައިމާން އޭނާއަށް ހިތްވަރު ދިނެވެ. "ފުރަތަމަ އަހަންނަށް ކަލޭގެ ތިންވަނަ އެދުން ދައްކާ. ވަަރަށް ރީތިވާނެކަން ގައިމު."

ރިޟްވާން ނުބައި ފާޑަކަށް ހިނިތުންވެލިއެވެ. "އާނ. ވަރަށް ރީތި. އަޑުވެސް އެހައި ރީތި."

އެ ބުނި އެއްޗެއް ސުލައިމާނަކަށް ނޭނގުނެވެ. އެ ކުއްޖާ އޭނާގެ ކުރިމައްޗަށް އައީމާ ބަލަހައްޓައިގެން ހުރެވިއްޖެއެވެ. "ވަރަށް ރަނގަޅު. އަމިއްލައަށް ޕަރީއެއް ހޯދީ... އަހަންނާ ދިމާއަށް ފޮނުވީ ދެ އިފުރީތު."

ރިޟްވާން އެ ވާހަކައަކަށް ސަމާލުކަމެއް ނުދިނެވެ. "އަދި ތިޔަ ފެނުނީތާ. ދެން ނިކަން އަޑުވެސް އަހައިލަބަލަ." މިހެން ބުނެފައި އަންހެން ކުއްޖާޔާ ދިމާއަށް ބުނެލިއެވެ. "އަހަރެންގެ އެކުވެރިޔާއާ ވާހަކަ ދައްކައިލަބަލަ."

"ކިހިނެއްތޯ؟" އެ ކުއްޖާ އަހައިލިއެވެ.

އޭނާ ދިޔައީ ސިއްސައިގެންނެވެ. ފުރަތަމަ ގަތީ ބިރެވެ. އެކަމަކު ދެވަނަ ސިކުންތުގައި ބާރަށް ހީނގެންފިއެވެ. ރިޟްވާން ތުން އަނބުރައިލިއެވެ. އަދި އެ ކުއްޖާޔާ ދިމާއަށް ބުންޏެވެ. "ކަލޭ ކޮޓަރިއަށް ދޭ."

އެ ކުއްޖާ ދިޔައީމާ ރިޟްވާން ބުންޏެވެ. "އޭނާގެ ކިބައިން ސަލާމަތް ވާންވެސް އަހަރެން ބޭނުން."

އެ ކުއްޖާ ގާތު އެއްގޮތަކަށްވެސް ވާހަކަ ނުދައްކާށޭ ބުނެލީމާ ނިމުނީއެއް ނޫންހޭ ބުނެފާާނަމޭ ސުލައިމާންގެ ހިތަށް އެރިއެވެ. އޭގެ ފަހުން ބޭނުން ކަމެއް ކުރެވިދާނެތާއެވެ. އެކަމަކު އޭނާ އެހެންނެއް ނުބުނެއެވެ. އެއީ ދެކޮޅުވެރިކަމުގެ ވާހަކައަކަށް ވާނެކަން އޭނާއަށް އެނގޭތީއެވެ. އެންމެ ރަނގަޅު ގޮތަކީ ޝައިޠާނާގެ ހެޔޮކަމުން ސަލާމަތް ވެގަތުމެވެ. "ތިޔަ ކަންވެސް ވެދާނެ."

"ކިހިނެއް؟"

"ބަލަން ހުރޭ. އަހަރެން މިހާރު މި ދަނީ ވަރަށް މުހިއްމު ތަނަކަށް. އަހަރެން އަންނާންދެން ހުރޭ."

ޓެލެފޯން ޑައިރެކްޓަރީއަކުން ސުލައިމާން ބޭނުންވާ ހައްލެއް ނުފެނުނެވެ. ޗަރުކޭސް ކުޅޭ މީހުންނަކީ ފޯނު ގެންގުޅޭ ބައެއް ނޫނެވެ. އެއީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރާ ބައެކެވެ.

އެ ދުވަސްވަރު ރޫސީވިލާތުގެ ޗަރުކޭސް ގުރޫޕެއް އައިސް އުޅޭކަން ސުލައިމާނަށް އޮތީ އެނގިފައެވެ. އޭނާ ދިޔައީ ސީދާ އެ ގުރޫޕުގެ މެނޭޖަރާ ބައްދަލު ކުރާށެވެ. ތިން އަންހެނުންގެ ވާހަކަ ބުނީމާ އެންމެ ފުރަތަމަ މެނޭޖަރު ގަބޫލެއް ނުުކުރިއެވެ. ސަކަރާތް ނުޖަހާށޭ ބުނާ ކަހަލަ ގޮތަކަށް އޭނާޔާ ދިމާއަށް ބަލަހައްޓައިގެން ހުރީއެވެ. އެކަމަކު އޭނާޔާ އެކު ގޮސް އަމިއްލައަށް ބަލާށޭ ބުނީމާ ދާން އެއްބަސް ވެއްޖެއެވެ.

(ނުނިމޭ)

5 ޚިޔާލު

  1. ސުލެމާނު ބޮލެކޭ ކިޔާފަ ހުރީ މީދާ ކައިފަ އެއިން ވާ ފެންބޮއިފަ ހުރި އުނބެއްތަ؟ މިއީ އަބަދު އޭނަގެ ހާލުބާ ނޫނީ ޝައިތާނާ ގެ އަޅަކަށް ވިފަހުން ޖެހުނު ހާލުބާ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.