މުގާބިލާ - 15

(17 ޖަނަވަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

"ފުރަތަމަ އޭނާޔާ ބައްދަލު ކުރާނީ އަންހެނެއްގެ ސިފައިގައި. އޭނާ މިހާރު އެެހެރީ ވަރަށް ނާޒުކު ފައްތަރެއްގައި. މަގުން ކައްސުވައިލެވޭނީ އަންހެނެއްގެ ސިފައިގައި ހަމަލާ ދީގެން. ދެވަނަ މަރުހަލާ މާ އުނދަގުލެއް ނުވާނެ. މިއީ ވަރަށް އާދަޔާ ޚިލާފު މަސައްކަތެއް. އަހަންނަށް މި ޖެހެނީ ދެ އެކުވެރިންގެ މެދުގައި ދުޝްމިނުކަން އުފައްދާން."

"ދުޝްމިނުކަން އުފެއްދުމަކީ އަހަރެމެންގެ މާތް ޗާންސެލަރު ވަރަށް ހިތްޕުޅާވާ ކަމެއް. ޚާއްސަކޮށް އަނބިމީހާއާއި ފިރިމީހާޔާ ދެމެދު ޚިޔާލު ތަފާތުވުމާއި އަރައިރުން އުފެދުމަކީ ވަރަށް ލޯބިފުޅުކުރައްވާ ކަމެއް."

"ކަލޭ މަސައްކަތް ކުރިއަށް ގެންދާން ގަސްތުކުރާ ގޮތަކީ ކޮބާ؟"

"އަހަރެން އަދި ވަކި ގޮތެއް ނުނިންމަން. އަހަންނަށް އަދި ވަގުތު އެބައޮތް." ބާތިލް ބުނެލިއެވެ. "ކަލޭ މަސައްކަތް ފަށާނީ ކޮން ދުވަހަކު؟"

"ފުރަތަމަ ދުނިޔެއަށް ގޮސް ބުރުޖަހައި ބަަލައިލާނީ. ހިތްއުފާ ކޮށްލާނީ. މަސައްކަތް ފަށާނީ އޭގެ ފަހުން."

"އެންމެ ރަނގަޅު. ކަލެއަށް ކާމިޔާބީއަށް އެދި އަހަރެން ޝައިތާނީ ފަތިވަރު އަމުނާނަން."

"ޝުކުރިއްޔާ."

* * *

އެއީ ހަނދުވަރުދޭ ރެއެކެވެ.

ސުލައިމާން ވަރަށް އާދައިގެ ޖިފުޓިއެއް ކަހަލަ ގެއެއްގެ ދޮރުގައި ޓަކި ޖަހައިލިއެވެ. ދޮރު ހުޅުވީ އުމުރުން ދުވަސް ވެފައި ހުރި ފިރިހެނެކެވެ. "ސުލައިމާން ކޮއިފުޅާ..."

"ބޭބޭ... އަޅުގަނޑު މި އައީ ބޭބެއަށް އީދު ހެދުމެއް ދޭން ވެގެން." ސަލްމާން އަތުގައި އޮތް ޕާރުސަލެއް އެމީހާޔާއަށް ފޯރުކޮށްލިއެވެ.

އޭނާ ކުޑަކޮށް ޖެހިލުންވިއެވެ. "ކޮއިފުޅާ. ތިޔައީ ރަނގަޅު ކަމެއް ނޫން."

"ތިޔަހެން ނުބުނުއްވާ. އަޅުގަނޑު ބަލަނީ ތިޔައީ އަޅުގަނޑުގެ ބަފައެއް ކަމުގައި. މީގައި ހިއްޕަވާ."

މުސްކުޅި މީހާ ކުޑަ ފަސްޖެހުމަކާއެކު އެ ޕާރުސަލު އަތުލިއެވެ. "ކޮއިފުޅު ކޮންމެ އަހަރަކު މިހެން އެބަ ހަދަމު."

"އަދިވެސް ކަންތައް ކުރާނީ މިހެން."

"އެތެރެއަކަށް ނުވަންނާނަންތަ؟"

"މިހާރަކު ނުވަންނާނަން. ވަރަށް ގިނަ މަސައްކަތް އެބަހުރި. މި ވަގުތު ގޮސްބަލާނަން."

"އެންމެ ރަނގަޅު. ﷲ ދަރިފުޅަށް ރަހުމަތް ލައްވާށި."

ސުލައިމާން ގެއަށް އައި އިރު ޢަދްނާނާއި ރިޟްވާނާ ދެ މީހުން ގޭގައި އުޅެއެވެ. "ތާސްގަނޑެއް ޖަހައިލަމާ ހިނގާ." އޭނާ ގޭތެރެއަށް ވަދެފައި ބުނެލިއެވެ.

"ކިހިނެއްވީ؟ ޝައިތާނާ މިނިވަންވީތަ؟" ރިޟްވާންގެ އަޑުގައި މި ފަހަރުވެސް ހުރީ މަލާމާތުގެ އަސަރެވެ.

"ކޮންމެ އަހަރަކުވެސް ވެއެއްނު؟" ސުލައިމާން ހީނގަތެވެ. އެކަމަކު ދެވަނަ ހިނދުކޮޅުގައި ސީރިއަސް ވެގެންފިއެވެ. "އެކުވެރިންނޭ. އަހަރެން ބޭނުންވަނީ މިރޭ ހަތަރުދަމު ހޭލާ ހުންނާން."

"ތިޔައީ އާ ކަމެއް ނޫނެއްނު؟ ދުވާލު ހަތަރުދަމު ނިދާފައި އޮވެވޭނީ ރޭގަނޑު ހޭލައި ހުރެގެންތާ. ކަލެއަކީ އީދު ނަމާދަށް ދާ މީހަކީމެއްވެސް ނޫނީމެއްނު؟" ރިޟްވާންގެ އަޑުގައި ހުރި މަލާމާތުގެ އަސަރަކަށް ބަދަލެއް ނާދެއެވެ.

"މި ފަހަރަކުވެސް ނަމާދަކަށް ނުދާނަން. ހޭލާ ހުންނާން މި އުޅެނީ ވަރަށް ހެނދުނާ ހޭލާން ޖެހޭތީ. ހިތަށް އެރީ ނުނިދައި ހުންނާނީއޭ." ސުލައިމާން ބުނެލިއެވެ.

"ކިހިނެއްވީ؟ ފަތިހު ލޯބިވެރިޔާގެ ގެއަށް ދާން ޖެހެނީތަ؟"

"ނޫނޭ. ﷲ ގެ ގޭގެ ފާރަވެރިކަން ކުރަން ޖެހޭތީ. މީހުން މިހާރުވެސް އެ އުޅެނީ ބިރުން."

"އެހެންތަ؟ ކަންބޮޑުނުވޭ. އަހަރެން ފަތިހު ކަލެއަށް ގޮވައިފާނަން." ރިޟްވާން ބުންޏެވެ.

"ތިޔައީވެސް ރަނގަޅު ގޮތެއް. ހަނދާންކޮށް ގޮވާތި." ސުލައިމާން އޭނާޔާ ދިމާއަށް ފުންކޮށް ބަލައިލިއެވެ. "ކަލޭ ހެނދުނު ކީއްކުރާނީ؟ ޢީދު ނަމާދަކީ ގޭގައި ކުރެވޭ ނަމާދެއް ނޫނެއްނު؟"

"މަލާމާތް ކުރަނީތަ؟" ރިޟްވާން އޭނާޔާ ދިމާއަށް ކަޅިއަޅައިލިއެވެ.

"ނޫނޭ. ކަލެއަށް މަލާމާތް ކުރުމަކީ އަހަރެން ހިތަށްވެސް އެރި ކަމެއް ނޫން."

"މާދަމާ އަހަރެން މިސްކިތަށް ދާނަން."

"ރަނގަޅު. އަހަރެން ބޭނުންވާ ގޮތަކީ ތިޔައީ."

އެރޭ ސުލައިމާނަކަށް ގޮވާކަށް ނުޖެހުނެވެ. އޭނާ އަމިއްލައަށް ހޭލައިގެން ތެދުވެއްޖެއެވެ. އަދި ރިޟްވާނާއި ޢަދްނާނާ ދެމީހުންނަށް ގޮވީވެސް އޭނާއެވެ. ތިން މީހުން މިސްކިތަށް ދާން ތައްޔާރު ވާން ފަށައިފިއެވެ. ދެމީހަކު ނަމާދު ކުރާން ނިޔަތް ގަނެގެންނެވެ. އެކަކު ނަމާދު ނުކުރާން ނިޔަތް ގަނެގެންނެވެ.

"ކަލޭ ގަތް އައު ހެދުން ލާންވީނު؟" ޢަދްނާން ސުލައިމާނާ ދިމާއަށް ބުނެލިއެވެ.

"ކޮން އައު ހެދުމެއް؟"

"އަހަންނާ އެކީގައި ގޮސް ގަތް ހެދުން."

"އެއީ އަހަރެންގެ ހެދުމެއް ނޫން..."

"ކަލޭ ކޮންމެ އީދަކަށް ހެދުމެއް ގަންނަމު. އެކަމަކު ދުވަހަކުވެސް އެ ހެދުމެއް ނުލާ. އެޔަށް ކުރަނީ ކީއް؟"

"އެއީ މީހަކު ބުނެގެން ގަންނަ ހެދުމެއް. އޭނާ ކޮންމެ އީދަކަށް ހެދުން ގަންނަން އަހަރެންގެ އަތަށް ފައިސާ ދޭ." ސުލައިމާން އަވަސްއަވަހަށް ބުނެލިއެވެ. "އަހަރެން އަމިއްލައަށް ލާން ހެދުމެއް ގަންނާނީ ކިހިނެއް؟"

"ނުގަނެވެންވީ ކީއްވެގެން؟" ޢަދްނާން އަހައިލިއެވެ. ރިޟްވާން ހިމޭނުން އަޑު އަހާން އިނީއެވެ.

"އަހަރެން ރޯދައެއް ނުހިފަމެއްނު؟" ސުލައިމާންގެ އަޑުގައި ބާވަތެއްގެ އުދާހެއް އެކުލެވުނެވެ. "ޢީދަކީ ރޯދަވެރީންނަށް ﷲ ދެއްވާ އިނާމެއްނު؟ އަހަރެން މިއީ އެ އިނާމު ހައްގުވާ މީހަކީމެއް ނޫން. މިއަދުވެސް މިސްކިތުގައި ފާރައަށް ހުންނާން ނުޖެހޭ ނަމަ އަހަރެން އޮތީހީ ނިދާފައި."

އަދްނާންވެސް އުދާސް ވެއްޖެއެވެ. ރިޟްވާން ހިނިތުން ވެލައިފައި ބުނެލިއެވެ. "ސާބަހޭ ކަލޯ. ގޮތް ދެއްކުުގައި ކަލޭ ވަރެއް ނުހުންނާނެ. ފިލްމު ކުޅެން ކަލޭ ވަރަށް މޮޅު ވާނެ."

"އާނ... އަހަރެން މިއީ ވަރަށް ކުޅަދާނަ މީހަކީން..." ސުލައިމާންވެސް ހިނިތުންވެލިއެވެ.

"ތިޔަަހައި ދެރަ ވަންޏާ ރޯދަ ހިފަންވީނު؟" ޢަދްނާން ބުނެލިއެވެ.

"ތިޔަ ކަހަލަ ޚިޔާާލެއް ބޮލަށް ވަދެ ފުނަށް ގޮސް ހަރުލައިފިއްޔާ ހިފާނަން. ހަަމައެކަނި ވައްތަރެއް ޖައްސާކަށް ނަމާދެއް ނުކުރާނަން. ދައްކާކަށް ރޯދައެއްވެސް ނުހިފާނަން. އަހަރެން މިއީ ފަރުޟުވެސް ލޯތްބާއެކީ ކުރަން ޖެހޭ ކަމަށް ގަބޫލު ކުރާ މީހެއް."

"ތިޔައީވެސް ރަނގަޅު ގޮތެއް." ރިޟްވާން ބުންޏެވެ.

އެ ދުވަހުގެ ޢީދު ނަމާދަކީ އާދަޔާ ޚިލާފު ނަމާދެކެވެ. ނަމާދުވެރީން ތިބީ ސިހިސިހިއެވެ. ކޮންމެ މީހަކުވެސް އިޚްތިޔާރަކާ ނުލައި ވަށައިގެން ހޯދަމުން ދިޔައެވެ. ވައިރޯޅިއެއްގެ ހިލަން ވެލިޔަސް ކަންބޮޑުވެއެވެ. ސުލައިމާނާއި ދެތިން ޒުވާނުން ހަތިޔާރު ހިފައިގެން ފާރައަށް ތިއްބެވެ. އެތަނަށް ނޫސްވެރިންގެ ބަޔަކު އައިސް ހަތިޔާރު އެޅި ފާރަވެރީންގެ ފޮޓޯވެސް ނެގިއެވެ.

އެކަކު ބުނެލިއެވެ. "ފޮޓޯގެ ތިރީގައި  މިހެން ލިޔާތި... މިއީ ވަޒަން ދެކެ ލޯބިވާ މީހުން... މިއީ ﷲ ގެ ލޮބުވެތި ގައުމީ ދަރިން... މިއީ އިބުރަތްތެރި މަންޒަރެއް. ފުންކޮށް ބަލައިލާ... މި މަންޒަރަށް ފަހު ބާތިލާ ކުރިމަތި ލައި އިސް އުފުލައިގެން ތިބެ ކުރިއަށް ފިޔަވަޅެއް އަޅާން އަހަރެމެންނަށް ކެރޭނެބާ؟"

ފޮޓޯ ނަގާ ކުދިން އަނގަޔަކުން ނުބުނެއެވެ.

އެއްވެސް މީހަކަށް ފޮރުވިފައިވާ މަންޒަރެއް ނުފެނެއެވެ. ނުފެނުނު ކަމުގައި ވިޔަސް އެތާނގައި އެތައް ޝައިތާނުންނެއް ހަރަކާތްތެރި އެބަވެއެވެ. އެ ސޮރުމެން ތިބީ އުފަލުންނެވެ. ހީނ މަޖާ ކުރަނީއެވެ. މަލާމާތް ކުރަނީއެވެ. މިއީ އެސޮރުމެންނަށްވެސް ޢީދުދުވަހެކެވެ. އީމާންކަމުގެ އަހުލުވެރީން އެ ތިބީ އީމާންކަމުގެ ބިމުގައި ރައްކާތެރިކަމެއް ނެތިއެވެ. ނަމާދު ކުރަނީ ހަތިޔާރު އެޅި ފާރަވެރިންގެ ހިމާޔަތުގައި ތިބެގެންނެވެ.

* * *

ޢީދު ދުވަހުގެ މެންދުރުވާން އުޅެނިކޮށް ރިޟްވާން އޭނާގެ އަމިއްލަ ފުލެޓަށް އަތުވެއްޖެއެވެ. އޭނާ ގެއަށް ލައިދޭން އައީ ޢަދްނާނާއި ސުލައިމާނާ ދެމީހުންނެވެ. "އަހަރެމެން މަޑު ކުރަންތަ؟" ސުލައިމާން އަހައިލިއެވެ.

ރިޟްވާން ބޭނުންވާ ގޮތަކީވެސް އެއީއެވެ. އޭނާގެ ބިރެއް އަދިވެސް ނުފިލައެވެ. އެކަމަކު ގޭގައި އުޅޭން ބޭނުމިއްޔާ ބިރުގެ މައްޗަށް ގަދަވެގަންނާންވެސް އެބަ ޖެހެއެވެ. "ނޫނޭ. މަޑުކުރާނެ ކަމެއް ނެތް. ގެއަށް ދޭ."

"މާދަމާ އޮފީހަށް ދާނަންތަ؟"

"އާނ. އިރާދަ ކުރެއްވިއްޔާ ދާނަން."

ޢަދްނާނާއި ސުލައިމާނާ ދެމީހުން ދިޔައީމާ ރިޟްވާން އެނދުގައި އޮށޯވެއްޖެއެވެ. އެއީ ވަރަށް ފިނި ދުވަހެކެވެ. ރަޖާ ލައިގެން އޮށޯތްކަމުގައި ވިޔަސް ނިންޖެއް ނައެވެ. އޭނާ އެ އޮތީ އަދިވެސް ބިރުންނެވެ. އެއްކަލަ ކުދިން އޭނާއަށް ހަމަލާއެއް ދީފާނެއޭ މިހާރުވެސް ހިތަށް އަރައެވެ.

ގަޑިއެއްހައި އިރު ފަހުން މީހަކު ގޭގެ ރަނގަބީލު ޖަހައިފިއެވެ. އޭނާގެ އަތްފައި ފިނި ވެއްޖެއެވެ. ތުރުތުރު އަޅާން ފަށައިފިއެވެ. ގަޑި ބަލައިލީ އިރު މެންދަމުން އަލިވެ ދޭއް ޖެހީއެވެ. އޭނާގެ ހިތަށް އެރިއެވެ. މި ވަގުތުއަންނާނީ ކާކު ބާވައެވެ؟ އެއީ އެއްކަލަ ކުދިންކަން ގައިމެވެ. އެ މީހުން އެ އައީ އަހަރެންގެ ކަންތައް ނިންމައިލާށެވެ.

ތެދުވެގެން ގޮސް ބޭރުބަލާ ލޯވަޅުން ބަލައިލާނޭހައި ހިތްވަރެއްވެސް އޭނާގެ ގަޔަކު ނެތެވެ. އެކަމަކު ހުއްޓައިނުލައި ރަނގަބީލު ޖަހާން ފެށީމާ ނުތެދުވެއެއްވެސް ނުވިއެވެ. އޭރުވެސް ވައިގަދަ ދުވަހަކު ހިކި ގަހެއް ތެޅޭހެން މުޅި މީހާ ތުރުތުރު އަޅަނީއެވެ. ދަތްޕިލާވެސް ތެޅޭން ފަށައިފިއެވެ.

އޭނާ ވަގު ފިޔަވަޅު އަޅަމުން ދޮރާ ހަމައަށް ހިނގައްޖެއެވެ. ލޯވަޅުން ބޭރު ބަލައިލިއެވެ. ބޭރުގައި އޮތް ބޮކި ދިއްލާފައި އޮތުމާއެކު ވަރަށް ސާފުކޮށް ފެނެއެވެ. ބޭރުގައި ހުރި ކުއްޖާ ފެނުނީމާ އޭނާގެ ހިއްސުތައް ގަނޑުވީ ކަހަލައެވެ. ނުލާހިކު ބޮޑަށް އަލި ވެފައި އޮތުމާއެކު އޮޅުމެއް ކަމަށް ހީކުރާނޭ ޖާގައެއް ނެތެވެ. އެއީ ހަމަ ހަގީގަތެކެވެ. ބޭރުގައި ހުރީ ބަލާއެއްހައި ރީތި އަންހެން ކުއްޖެކެވެ.

ރިޟްވާނަކަށް އަދިވެސް ދޮރު ހުޅުވާކަށް ނުކެރެއެވެ. "ކާކު؟ ކިހިނެއްވީ؟" އޭނާ އަންހެން އަޑަކުން އަހައިލިއެވެ.

"ދޮރު ހުޅުއްވާ. އަޅުގަނޑަށް އެހީތެރވެ ދެއްވާ." ބޭރުން އިވުނީ ވަރަށް ރީތި ލޫޅާފަތި އަޑެކެވެ.

"ކިހިނެއްވީ؟ ހެނދުނު އާދޭ."

"މިއީ އަޅުގަނޑުގެ ފުރާނަޔާ ގުޅިފައި އޮތް ކަމެއް."

އަންހެން ކުއްޖާގެ އަޑުގައި އާދަޔާ ޚިލާފު ދަމާ ބާރެއް ހުރި ކަމުގައި ރިޟްވާނަށް އިހުސާސް ކުރެވުނެވެ. "މާދަމާ ހެނދުނު އާދޭ..."

"އިރު އަރާއިރު އަޅުގަނޑު ދުނިޔޭގައި ނެތުމަކީވެސް އެކަށީގެންވާ ކަމެއް." އަންހެން ކުއްޖާ އާދޭހާއެކު ބުނެލިއެވެ. އެއަށް ފަހު އެންމެ ފަހުގެ ހަތިޔާރުގެ ބޭނުން ހިފިއެވެ. "ތިޔައީ ކޮން ކަހަލަ ފިރިހެނެއްތޯ؟ ހާލުގައި ޖެހިފައިވާ އަންހެން ކުއްޖަކަށް އެހީއެއް ދެއްވާންވެސް ތިޔަ އުޅުއްވަނީ ބިރުން. ތިޔައީ ފިރިހެނެއްކަން އަޑުން އެބަ އެނގޭ."

މި އަޑު އިވިފައި ރިޟްވާންގެ ޖޯޝު ހިލިގެންފިއެވެ. އެއްވެސް ވިސްނުމަކާ ނުލައި ދޮރު ހުޅުވައިލިއެވެ.

އެ ވަގުތު ކުރެވުނު މޮޔަ ކަމުގެ މައްޗަށް ދެރަވެސް ވިއެވެ. އެ އަންހެން ކުއްޖާގެ ފުރަގަހުގައި ހަތިޔާރު އެޅި ބަޔަކު ތިބި ނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އެކަމަކު ނަސީބު ރަނގަޅު ކަމުން އެހެންނެއް ނުވިއެވެ.

ދޮރުގައި ހުރި ލޯވަޅުން ފެނުނީ ރީތި ކުއްޖެކެވެ. އެކަމަކު ހަމަ ލޮލަށް ފުރިހަމައަށް ފެނުނީމާ ރިޟްވާނަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާގެ ބުއްދި ލުހިގެން އައި ކަހަލައެވެ. ވައިނޮޅީގައި ނޭވާ ތާށިވީ ކަހަލައެވެ. އަންހެން ކުއްޖާގެ މޫނުމަތީގައި... ލޮލުން ފެންނަނީ ވަހުޝިއްޔަތެވެ. ލައިގެން ހުރީ ތުނި ހެދުމެކެވެ. ބޮލަކު ފޮތި ކައިވަތެއްހައި މިންވަރުވެސް ނެތެވެ. މޭ ނެގިނެގިފައި ޖެހޭ ގޮތުން އެ ކުއްޖާ އެތަނަށް އައީ ދުވެފައިކަން ރަނގަޅަށް އެނގެއެވެ. ރިޟްވާން ވިސްނައިލިއެވެ. ރޭގަނޑު މިހައި ދަންވަރު އަންހެން ކުއްޖަކު އެކަނިމާއެކަނި ދުވެފައި މިތަނަށް އަންނާނީ ވަރަށް ބޮޑު ނުރައްކަލަކާ ކުރިމަތިވީމާކަން ކަށަވަރެވެ.

"އެތެރެއަށް ވަންނާށޭވެސް ނުބުނުއްވާނަންތޯ؟" އަންހެން ކުއްޖާ އަހައިލިއެވެ. އަދި އޭނާ ކޮއްޕައިލާފައި ކޮޓަރި ތެރެއަށް ވަދެއްޖެއެވެ. "އަވަހަށް ދޮރު ލައްޕަވާ." އެ ކުއްޖާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.

ރިޟްވާން ބޭއިޚްތިޔާރުގައި ކަހަލަ ގޮތަކަށް ދޮރު ލައްޕައި އެތެރެއިން ތަޅުލައިފިއެވެ. އަންހެން ކުއްޖާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ.

"އާދޭ..." ރިޟްވާން ނިދާ ކޮޓަރިއަށް އިޝާރާތް ކޮށްލިއެވެ.

އަންހެން ކުއްޖާ ކޮޓަރި ތެރެއަށް ވަދެ ގޮނޑިއެއްގައި އިށީނދެއްޖެއެވެ. އަދި ކޮޓަރި ތެރެއަށް ނަޒަރު ހިންގައިލިއެވެ. ކޮޮޓަރީގައި ހުރީ އެންމެ އެނދެކެވެ. އެނދުގައި ބޮޑު ރަޖައެއް އޮތެވެ.

"ދެން ބުނޭ. ކިހިނެއްވީ؟"

"އަޅުގަނޑަކީ އަޅައިލާާނޭ މީހަަކު ނެތް ނިކަމެތި އަންހެނަކީން. މީގެ ހައެއްކަ ދުވަސް ކުރީން އަޅުގަނޑަކީ ބޮޑު މަހުޖަނެއްގެ ދަރިއަކީން. މަންމައާއި ބައްޕަ ކާރު އެކްސިޑެންޓެއްގައި ކުއްލިއަކަށް މަރުވެއްޖެ. ބައްޕަގެ މުދަލާއި ފައިސާގެ އެދުމުގައި ބަޔަކު އަޅުގަނޑުގެ ފަހަތުން އަޅައިގަނެގެން އެބަ އުޅޭ. އެހެންވީމާ ގެއިން ފިލައިގެން އަންނާން އަޅުގަނޑަށް މަޖުބޫރުވީ. އެމީހުން މިހާރުވެސް ދަނީ އަޅުގަނޑަށް ފާރަލަމުން. މިގެޔާ ހަމައަށް މި އާދެވުނީ އެމީހުންނަށް ފިލާން ކުރި މަސައްކަތުގެ ތެރެއިން."

"އެއީ ކޮން ބައެއް؟ ދުޝްމިނުންތަ؟"

"އެއީ އަޅުގަނޑުގެ ގާތްތިމާގެ ބައެއް. ބޮޑުބޭބެއާއި ބޮޑުބޭބެގެ ފިރިހެން ދަރި."

"މިގެއަށް އައިތަން އެމީހުންނަކަށް ނުފެންނާނެތަ؟"

"މި އަވަށްގަނޑާ ހަމައަށް އެމީހުން އަޅުގަނޑުގެ ފަހަތުން އައި. އެކަމަކު އަޅުގަނޑު އެމީހުންނަށް މަކަރު ހަދައި ފިލީ. އެމީހުންނަކަށް ނޭނގޭނެ އަޅުގަނޑު ވަން ވަލެއް."

"ދެން ތިޔަ ކަމުގައި އަހަންނަށް ކޮށް ދެވޭނީ ކޮން ކަމެއް؟"

"ވަރަށް ގިނަ ކަންތައް ކޮށް ދެއްވިދާނެ." އަންހެން ކުއްޖާ ބުންޏެވެ. "އަޅުގަނޑަށް ބޯހިޔާވަހިކަމެއް ދެއްވިދާނެ ހަމަ ގައިމުވެސް."

"އަހަރެން މިއީ އެކަނިމާއެކަނި އުޅޭ މީހެއް. މި ގޭގައި އަންހެނަކު އުޅޭކަން އަވަށްޓެރިންނަށް އެނގިއްޖެއްޔާ އަހަރެންގެ ދުވަސް ހިނގައިދާނެ."

"އެކަމާ ނުވިސްނަވާ. އަޅުގަނޑު އެކަން ހަމަޖައްސައިލާނަން."

ރިޟްވާން ދިޔައީ ސިއްސައިގެންނެވެ. މީގެ ކުޑައިރުކޮޅެއް ކުރީން އޭނާ ހުރީ ބިރުން ފިތްކަނޑައިގެންދާ ވަރު ވެފައެވެ. މިހާރު ހަމަޖެހިލައިގެން މިހިރަގެން ވާހަކަ ދައްކަނީއެވެ. މިއީ ކޮން ކަހަލަ އަރަތެއް ހެއްޔެވެ؟ "ތިޔަ ބަރަކާތްތެރި ނަޒަރު މި ފުލެޓަށް ހުއްޓުނީ ކިހިނެއް؟ އާއިލާތައް ދިރިއުޅޭ ފުލެޓަކަށްވެސް ދެވިއްޖައީހެއްނު؟"

"މި ފުލެޓުގެ ނަންބަރަކީ ހަޔެއް ނޫންތޯ؟ އެއީ އަޅުގަނޑުގެ ނަސީބު ނަންބަރު."

"ތިޔައީ ހައްތަހާވެސް ޚުރާފާތް... ވަހުމު... ބިދުޢަ..." ރިޟްވާން ޗޮކެއް ކަނޑައިލިއެވެ.

"ނޫނޭ... މިއީ ހަމަ ތެދެއް."

"އެންމެ ރަނގަޅު. އެކަމަކު މިތާނގައި ދިރިއުޅެން ފަށާނީއޭ ހީނުކުރާތި. ހެނދުނުއަރާ އިރާއެކު އަހަރެން ކަލޭ މިތަނުން ނެރެލާނަން." ރިޟްވާން ފުރިހަމަ ޔަގީންކަމާއެކު ބުނެލިއެވެ.

"އަޅުގަނޑާމެދު ނުވިސްނަވާ. އަޅުގަނޑު ނިދާނީ ސޯފާގައި."

"އެހެން ވެއްޖެއްޔާ ނިދާ. އަހަރެން ހެނދުނު އޮފީހަށް ދާން ޖެހޭނެ. ބޮކި ނިއްވައިލަންތަ؟"

"ނިއްވައިލައްވާ."

ރިޟްވާން ބޮކި ނިއްވައިލާފައި ނިދާ ބޮކި ދިއްލިއެވެ. އަދި މަޑުމަޑުން ގޮސް އެނދުގައި އޮށޯވެއްޖެއެވެ. އެނދުގައި އޮތީ ދެ ބާލީހެވެ. އޭނާ އެތަނުން އެއް ބާލީސް އަންހެން ކުއްޖާއަށް ދިނެވެ. އެ ކުއްޖާވެސް ގޮސް ސޯފާގައި އޮށޯވެއްޖެއެވެ.

ރިޟްވާން ލޯ މަރައިލިއެވެ. ނިދި މިހާރު ހުރީ އޭނާޔާ އެތައް މޭލެއްގެ ދުރުގައެވެ. އެކަމަކު މިހާރު މާހައުލު ކުޑަކޮށް ތަފާތު ވެއްޖެއެވެ. އިހަށް އޭނާ އޮތީ ވަރަށް ބޮޑަށް ބިރުންނެވެ. އަންހެންކުއްޖާ އައީމާ އެ ބިރު ފިލައިފިއެވެ. މިހާރު މިޒާޖަށް ވެރިވެފައި ވަނީ އާދަޔާ ޚިލާފު ޖާޒުބީ އަސަރެކެވެ. އޭނާގެ ހިތަށް އެރިއެވެ. މިއީ ޖާދޫއެއް ބާވައެވެ؟ ނުވަތަ ހަމަ ހަގީގަތުގައިވެސް އަންހެން ކުއްޖެއް ބާވައެވެ؟ މީގެ ކުރީން އޭނާޔާ ދުވަހަކުވެސް އަންހެން ކުއްޖަކާ ކައިރިން ބައްދަލުވެ ވާހަކަ ދެކެވިފައެއް ނެތެވެ. އޭނާ އުޅެނީ އަންހެން ކުދިންނަށް ފިލައިގެން ރައްކާތެރި ވެގެންނެވެ. އެކަމަކު މި އަންހެން ކުއްޖާ ފެނުނީމާ ޚިޔާލަށް ޚަލަލު އަންނާން ފަށައިފިއެވެ. ސިކުނޑިގައި އެކި ކަހަލަ ރަނގަބީލު ޖެހޭން ފަށައިފިއެވެ.

(ނުނިމޭ)

6 ޚިޔާލު

  1. "އެންމެ ރަނގަޅު. ﷲ ދަރިފުޅަށް ރަހުމަތް ލައްވާށި."
    މުސްކުޅިބޭބޭ ހިތްހެޔޮކަމާއެކު ކޮށްލި މިދުއާގެ އަސަރު ސުލައިމާނަށް ނުކޮށެއް ނުދާނެ.ތިމާއަށްޓަކާ އަނެކާ ހެޔޮހިތުން ކުރާ ދުއާ އެއީ އޭގެ ފައިދާ ބޮޑު އެއްޗެއް.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.