އެމެރިކާއާއި ޠާލިބާނުން ތާރީޚީ ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ޠާލިބާންގެ މުއްލާ ޢަބްދުލްޣަނީ ބްރާދަރުއާއި އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޒަލްމޭ ޚަލީލްޒާދް ސަލާމްކުރައްވަނީ

19 އަހަރުވީ ދެކޮޅުވެރިކަން ނިމުމަކަށް ގެނައުމަށްފަހު، އަފްޣާނިސްތާނުގެ ޠާލިބާން ޖަމާޢަތާއި އެމެރިކާ ސުލްހައިގެ އެއްބަސްވުމުގައި ސޮއިކޮށްފައިވެ.

ޤަޠަރުގެ ބެލުމުގެ ދަށުން ދެއަހަރަށްވުރެ ދިގު މުއްދަތަކަށް ކުރިއަށް ދިޔަ މަޝްވަރާތަކަށް ފަހު އެކުލަވާލެވުނު އެއްބަސްވުމުގައ ސޮއިކުރުމަށް ޤަޠަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި 18 ގައުމެއްގެ މަންދޫބުން ބައިވެރިވެއެވެ. އޭގެ ތެރޭގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު)މައިކް ޕޮމްޕެއޯއާ، ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޝާހް މަޙްމޫދު ޤުރައިޝީއާއި، ތުރުކީގެ ޚާރިޖީވަޒީރު ޖާވޭޝް އޮގްލޫ އަދި އިންޑިޔާ، އިންޑޮނޭޝިޔާ، އުޒްބެކިސްތާނު އަދި ތަޖިސްތާނުގެ މަންދޫބުން ހިމެނިވަޑައިގަންނަވައެވެ.  

ޠާލިބާނުން މިއަދު ބުނި ގޮތުގައި އެ ޖަމާޢަތުން ވަނީ އެއްބަސްވުމައި ސޮއިކުރުމަށް ހުރަސްއެޅިދާނެތީ އެއްވެސް ބާވަތެއްގެ ހަމަލާއެއް ނުދިނުމަށް އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް އަންގާފައެވެ.

މި ތާރީޚީ އެއްބަސްވުމާ ވިދިގެން އިއްޔެ ނުރުއްވި ބަޔާނެއްގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވަނީ ސުލްހައަށް ފަހިވެފައިވާ ފުރުސަތުގެ ބޭނުން ހިފުމަށާއި، ގައުމަށް "އާ މުސްތަޤްބަލެއް" ހޯދުމަށް ގޮވައިލައްވާފައެވެ.

"9/11 ގެ ހަމަލާގެ ޒިންމާ ނަގަންޖެހޭ ޓެރިރިސްޓުން ނައްތާލުމަށް އެމެރިކާ ސިފައިން އަފްޣާނިސްތާނަށް ދިޔައީ މީގެ ގާތްގަނޑަކަށް 19 އަހަރު ކުރިން.

" އަހަރެން ރައީސުކަމަށް ވާދަކުރިއިރު އަހަރެން ވާނީ އަހަރުމެންގެ ސިފައިން އަނބުރާ ގައުމަށް ގެންނާކަމަށާއި، ހަނގުރާމަ ހުއްޓާނެކަމަށް ވައުދުވެފައި. އަހަރުން މިދަނީ އެވައުދު ފުއްދުމުގައި ފާހަގަކޮށްލެވޭ ކުރިއެރުންތައް ހޯދަމުން." ރ ރައީސު ޓްރަމްޕްގެ ބަޔާނުގައި ވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ވިދާޅުވީ އެމެރިކާއާއި ޠާލިބާން ވަނީ ހަތުރުވެރިކަމާއި، އިތުބާރު ނުކުރުމުގައި ގިނަ އަހަރުތަކެއް ހޭދަކޮށްފައި ކަމުގައެވެ. އަދި ޠާލިބާނުން ބޭނުންވެއްޖެ ހިނދެއްގައި އެމީހުން ސުލްހަ ވާނެކަން ސާބިތުކޮށްދީފިކަމުގައެވެ.

ޠާލިބާން ޖަމާޢަތުގެ ސިޔާސީ ކަންކަމާބެހޭ ނާއިބު މުއްލާ ޢަބްދުލްޣަނީ ބްރާދަރު ވިދާޅުވީ "މިކާމިޔާބީއަށް ހުރިހާ ފަރާތްތަކަށް ތަހުނިޔާ ކިޔާ" ކަމުގައެވެ. އަދި ޠާލިބާން ތިބީ "މި އެއްބަސްވުން ތަންފީޒުކުރުމަށް އަމުޒުކަނޑައަޅައިގެން" ކަމުގައެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޠާލިބާނުން މި ވަންނަނީ ސިޔާސީ މަސައްކަތުގެ މަރުހަލާއަށެވެ. އަދި ބައިނަލް އަގްވާމީ މުޖުތަމާއެކު މިހުޅުވާލަނީ އާ ސަފުހާއެކެވެ. އަދި އެއްބަސްވުމުގެ ހުރިހާ މާއްދާއެއް ތަންފީޒުކުރުމަށް ޠާލިބާނުން ވައުދުވެއެވެ.

އަފްޣާނު ހަނގުރާމައިގައި އެމެރިކާގެ ސިފައިންގެ 1200 މީހުން މަރުވެފައި ވާއިރު، މިހާރުވެސް އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންގެ 14 ހާސް މީހުން އެބަތިއްބެވެ. މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން 135 ދުވަހުގެ ތެރޭގައި އެމެރިކާ ސިފައިންގެ 8600 މީހުން ފައިބާނެއެވެ.

މި އެއްބަސްވުމުގެ ދަށުން ޠާލިބާން ޖަމާއަތުން ވަނީ ހަމަލާތައް މުޅިން ހުއްޓާލުމަށާއި، އެމީހުން ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި އަލްޤާއިދާ ހަރާތްތެރިވުމުގެ ފުރުސަތު ނުދިނުމަށް އެއްބަސްވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.