ޢަލީ ވަޙީދާ ބެހޭގޮތުން ޤާސިމް، ރައީސާ ވާހަކަ ދެއްކެވި ކަމެއް އެނގިފައެއްނެތް: ޖޭޕީ

އަލީ ވަހީދާއި ގާސިމް އިބްރާހީމް

ޖުމްހޫރީޕާޓީ (ޖޭޕީ) ސޮލޮޓެއްގައި ހުންނެވި ޓޫރިމް މިނިސްޓަރ އަދި ޖޭޕީގެ ރައީސް ޢަލީ ވަހީދުގެ ބަދަލުގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އެމަގާމަށް ގެންނަވަން ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވާފައިވާ ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށް ނުވާކަމަށް ޖޭޕީން ވިދާޅުވެއްޖެއެވެ.

ޖޭޕީގެ ނާއިބު ރައީސް އަޙުމަދު ސަޢުދު ވިދާޅުވީ ބައެއް ނޫސްތަކުގައި އެފަދަ ވާހަކަތަކެއް ފެތުރިގެން ދިޔަސް އެއީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. "ޖޭޕީގެ ލީޑަރުގެ ބަސްފުޅަކީ ލީކުވެގެން އުޅޭ އޯޑިއޯތަކަކީ ކެބިނެޓު މިނިސްޓަރުންގެ މެދުގައި ދެކެވިފައިވާ ވާހަކަތަކެއް ކަމަށް. އެކަމަށް ގޮތް ނިންމަވައި އެއްޗެއް ވިދާޅުވާނީ ރައީސް އިބްރާހީމް މުޙައްމަދު ސާލިހު ކަމަށް. ޖުމްހޫރީ ޕާޓީން ގޮތެއް ނިންމަވާނީ އެފަހުން،" ސަޢުދު ވިދާޅުވިއެވެ.

ލީކުވެފައިވާ އޯޑިއޯ ތަކަކީ ޓުރާންސްޕޯޓު މިނިސްޓަރ ޢާއިޝަތު ނަހުލާއާއި ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދާ ދެބޭފުޅުންގެ މެދުގައި ދައްކަވާފައިވާ ވާހަކަ ތަކާއި ޢަލީ ވަޙީދު އެމަނިކުފާނުގެ ރައްޓެހި ބަޔަކާ ދައްކަވާ ވާކަތަކުގެ އޯޑިއޯ ތަކެވެ.

މި އޯޑިއޯތައް ތަހުލީލުކޮށް ބެލުމުގެ މަސައްކަތް ފުލުހުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ ތެރޭގައި އެޑިޓް ކޮށްފައިވާ އޯޑިއޯތައް ވެސް އެބަހުއްޓެވެ. މިކަންކަމާ މެދު ރައީސް އެއްޗެއް ވިދާޅުވާނީ ވަރަށް ރަނގަޅަށް ކަންކަން ބެއްލެވުމަށްފަހު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ރައީސް އޮފީހުގެ އިސްބޭފުޅަކު ވެސް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙާއި ޤާސިމް ބައްދަލު ކުރެއްވި ކަމެއް އެނގިވަޑައިގެންފައި ނުވާކަމަށެވެ. އަދި ޓޫރިޒަމް މިނިސްޓަރަކަށް ޑރ. މަޢުސޫމް ގެންނަވަން އުޅުއްވާ ކަމެއް ވެސް އެނގިވަޑައިގެންފައިނުވާ ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.