ރައީސް އަބްދުﷲ ޔާމީން 2023 ގައި ވެސް ވެރިކަމުގައި ބަހައްޓަވަން އަދި ނުބަހައްޓަވަންވެސް ނިންމަވާނީ ރައްޔިތުން ކަމަށާއި، އެއީ މުހައްމަދު ނިހާން ހަސަން މަނިކު ނިންމަވަންޖެހޭ ކަމެއް ނޫން ނޫން ކަމަށް ޖޭޕީގެ ސްޕޯކްސް ޕާސަން ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ސްޕޯކްސް ޕާސަން އަލީ ސާލިހު މިހެން ވިދާޅުވީ 2023 ވަނަ އަހަރުވެސް ރައީސް ޔާމީން ވެރިކަމުގައި ބެހެއްޓެވޭނެ ގޮތަކާމެދު ވިސްނަވަމުން ގެންދަވާ ކަމަށް ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު ނިހާން ވިދާޅުވުމުންނެވެ.
އަލީ ސާލިހު ވިދާޅުވީ ގިނަވެގެން ވެރިކަމުގައި ހުރެވޭނީ ފަސް އަހަރުގެ ދެ ދައުރުގައި ކަމަށް ލިޔެފައިވަނީ އޮޅުމަކުން ނޫން ކަމަށެވެ. "އެއީ ރައީސް މައުމޫންގެ ތިރީސް އަހަރުގެ ދިގު ވެރިކަމަށްފަހު ދެން ވެރިކަމަށް އަނަން މީހާ ތިރީސް އަހަރުގެ ބަދަލުގައި ވެރިކަމުގައި ހުރެވޭނެ މުއްދަތު ކަނޑައެޅިފައި އޮތުމަށް ނިންމި ނިންމުމެއް،" އަލީ ސާލިހު ވިދާޅުވިއެވ.
ގާނޫނޫ އަސީގައި ވަކި ގޮތަކަށް އެކަން ލިޔެފައިވާއިރު އެއީ ނިހާނަށް ބަދަލު ކުރެވޭނެ އެއްޗެއް ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ފުރަތަމަ ފަސްއަހަރުވެސް މިދެނީ ރައްޔިތުން. އެ ދައުރު ނިންމާފައި ދެވަނަ ދައުރެއްވެސް ވެރިކަމުގައި ހުންނަވާ ބޭފުޅަކަށް ދޭނީތޯ ނުވަތަ ނުދޭނީތޯވެސް ނިންމާނީ ސީދާ ރައްޔިތުން،" އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ އިސްލާހު ކުރި ދުވަސްވަރުވެސް "ބޮޑާހޭކި" ބޭފުޅެއް ކަމަށެވެ. ދިވެހި ރައްޔިތުން ބޭނުންވާ ގޮތަށް ގާނޫނޫ އަސާސީ އިސްލާހު ކުރަން ރައްޔިތުންގެ ޚާއްސަ މަޖިލީސް ތެރެއިން މަސައްކަތް ކުރިދުވަސްވަރު 11 މެންބަރެއްގެ އުދަގޫ ވަރަށް ބޮޑުވެގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޔާމީނަކީ އެއްބަފާ ބޭބެއާއެކު މަސައްކަތް ކުރައްވަން އުދަގޫވެގެން، ނޫނީ ނުކުރައްވަން ވެގެން އަމިއަލަށް ޕީއޭގެ ނަމުގައި ޖަމާއަތެއް ހަދައިގެން މަސައްކަތް ކުރެއްވި ބޭފުޅެއް،" އަލީ ސާލިހު ވިދާޅުވިއެވެ.
އަލީ ވިދާޅުވީ ނިހާން ފަދަ ބޭފުޅުން އެފަދަ ވާހަކަ އެދައްކަވަނީ ފަހަތުން "ބަޑި ޖައްސާފައި" ހުރުމުން ކަމަށެވެ. ގާނޫނާ ޚިލާފު އެފަދަ ވާހަކަތަކާއި ކަންކަން ރައްޔިތުން އެކޮޅުކޮޅުން ޖަހައިލާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.