ރައްޔިތުންނަށްޓަކައި އެންމެ އިންޗިއެއްވެސް ގާސިމް ފަހަތަށް ނުޖެހޭނެ: އިބޫ

ގައުމާއި ރައްޔިތުންގެ ހައްގުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައި ނުގަންނަވާނޭ ކަމަށް ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖޭގައި ކުރެވޭ އިސްލާހީ މަސައްކަތުގައި ޖޭޕީގެ ރޯލު ވަރަށް ބޮޑު ކަމަށެވެ. ފާއިތުވި އިންތިޚާބު ތަކުގެ ނަތީޖާއިން އެކަން ވަރަށް ބޮޑަށް އެނގިގެންދިޔަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެމްޑީޕީއަށް 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވުނީ ދެވަނަ ބުރުގައި ގާސިމް އިބްރާހީމް ރައީސް ނަޝީދަށް ތާއިދު ކުރައްވައި ކުރެއްވި މަސައްކަތްތަކުންނެވެ. ރައީސް ޔާމީނަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެސް ކާމިޔާބު ކުރެވުނީ ދެވަނަ ބުރުގައި ގާސިމް ރައީސް ޔާމީނަށް ތާއިދު ކުރައްވައި މަސައްކަތް ކޮށްދެއްވައިގެންނެވެ.

ގާސިމް ކުރިން ފެށިގެން ކުރައްވަމުން ގެންދަވާ މަސައްކަތް އެމަނިކުފާނާއި އާއިލާއިން މިހާރުވެސް ގެންދަވަނީ ކުރައްވަމުން ކަމަށް އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ ގާސިމް އިބްރާހީމްގެ އަނބިކަނބަލުން ޢާއިޝަތު ނަހުލާ ސިޔާސީ ދާއިރާ ނުކުމެ ވަޑައިގެން އެމަސައްކަތް ކުރައްވަން ފެއްޓެވުމުން ދޭހަވެގެން ދިޔައީ "އަޅުގަނޑުމެން ވެސް ކުރަމުން މިގެންދަނީ ހަމައެކަނި ސިޔާސީ މަސައްކަތެއް ނޫން ކަން. އެއަށް ވުރެ ބޮޑު، ގައުމީ މަސައްކަތެއްކަން،" ކަމަށެވެ.

ގާސިމް އިބްރާހީމާއި ޖުމްހޫރީ ޕާޓީއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި އިބޫ ވިދާޅުވީ ޖޭޕީ އަކީ އެތެރޭގެ ޑިމޮކްރަސީއަށް ބަލާއިރު އެބައި އެންމެ ރަނގަޅު އެއްޕާޓީ ކަމަށެވެ. އެހެން ކަމުން ރާއްޖޭގެ ސިޔާސީ ކަންކަން ނިންމުމުގައި އެޕާޓީގެ ބަސް ވަރަށް މުހިންމު ކަމަށެވެ.

އިބޫ ވިދާޅުވީ ރާއްޖެއަށް އިސްލާހީ ބަދަލްތައް ގެންނެވުމަށް އެންމެފުރަތަމަ މަސައްކަތް ފެއްޓެވި ބޭފުޅުންގެ ތެރޭގައި ވެސް ޖޭޕީގެ ބާނީ ގާސިމް އިބްރާހީމް ހިމެނި ވަޑައިގަންނަވާ ކަމަށެވެ. ގާސިމަކީ އެމްޑީޕީ އުފައްދަވަން އެންމެ ފުރަތަމަ ސޮއިކުރެއްވި ބޭފުޅުންގެ ތެރޭގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެއް ކަމަށް އިބޫ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.