ސިޔާސީ ޕާޓީއަކުން ކުރަންޖެހޭ ކޮންމެ ކަމެއް ޢަދާލަތުން ކުރާނެ: ޢިމްރާން

ސިޔާސީ ޕާޓީއަކުން ކުރަންޖެހުނު ކޮންމެ ކަމެއް ޢަދާލަތު ޕާޓީން ކުރާނެ ކަމަށް އެޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރ އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ވީޓީގެ "ގޮނޑިކޮޅު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޢިމްރާން ވިދާޅުވީ އެޕާޓީން ވެރިކަން ކުރަންޖެހުމުން އެކަންވެސް ކުރާނެ ކަމަށެވެ. ވެރިކަމުގައި އޮންނަ ޕާޓީވެރިކަމުން ދުރުކުރަން ވެއްޖެއްޔާ އެކަން ވެސް ކުރާނެ ކަމަށެވެ. އަދި އެހެންޕާޓީއެއް ވެރިކަމަށް ގެންނަން ފެނިއްޖެ ކަމަށްވާނަމަ އެކަން ވެސް ކުރާނެ ކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް އެޕާޓީގެ ފުރަތަމަ ރައިސް އައްޝައިޚް ޙުސައިން ރަޝީދު ވިސްނުން ގެންގުޅުއްވީ މިއާ އިދިކޮޅަށް ކަމަށް ޢިމްރާން ވިދާޅުވިއެވެ. އެގޮތަށް ޕާޓީ ޙަރަކާތްތެރިވުމުން އެ ޙަރަކާތްތެރިވެވެނީ ސިޔާސީ ޕާޓީއެއްގެ ގޮތުގައ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ މިހާރުގެ މަޤާމުގެ މަސްއޫލިއްޔަތާއި ފުލުހުންގެ ޚިދުމަތާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކަންކަން ބޭރުން ބޭލީމާ ފެންނަގޮތާއި އެތެރެއިން ބެލީމައި ފެންނަ ގޮތާއި އަރިމަތިން ބެލީމައި ފެންނަގޮތް ތަފާތު ކަމަށެވެ. ސިޔާސީ އެއްވުން ތަކާއި ރިލޭ ތަކުގައި އޭނާ ދައްކަވާފައިވާ ވާހަކަތަކުގައި އަބަދުވެސް ވިދާޅުވެފައިވާނީ މުވައްސަސާތައް ތިބެންވާނީ ރައްޔިތުންނާއެކުގައި ކަމަށާއި ފުލުހުންނަކީ ރައްޔިތުންގެ ބައެއް ކަމަށް ވިދާޅުވިއެވެ. އެއީ އޭރުވެސް މިހާރުވެސް ޤައުމީ މުއައްސަސާތައް ކަމަށް ވިދާޅުވިއެވެ. އެއްވެސް މުއައްސަސާއަކުން ރައްޔިތުންނަށް އަނިޔާ ކުރުންފަދަ ކަމެއް ކޮށްގެންނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ  އެމުވައްސަސާތަކާ އެކު ވަރަށް ގާތުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިން ދެ މުޢައްސަސާއަކީ ޤައުމެއްގެ އެންމެ އަގުބޮޑު ދެ މުއައްސަސާ ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން އަބަދުވެސް އެ ދެމުއައްސަސާ ހަރުދަނާ ކުރުމުގެ މަސައްކަތް ސަރުކާރުތަކުން ކުރަންޖެހޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ކުރިން ވެސް މިހާރުވެސް ކުރެވޭ ޝަކުވާއަކީ ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވާ ވާހަކަ ކަމަށާއި ނުފޫޒު ފޯރުވަނީ އޭރަކު އޮންނަ ސަރުކާރެއްގެ ތެރެއިންނ ނުވަތަ ސަރުކާރުން ނުފޫޒު ގަދަ ފަރާތްތަކުން ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. އެހެންނަމަވެސް މިސަރުކާރުން އެފަދަ ނުފޫޒެއް ނެތް ކަމަށާއި އެހެންނަމަވެސް ބޭރުން ނުވަތަ އޮޕޮސިޝަނުން އެ ނުފޫޒު ފޯރުވަން މިހާރުވެސް މަސައްކަތް ކުރާ ކަމުގެ ތުހުމަތު މިނިސްޓަރ ކުރެއްވިއެވެ. "މިއަދުގެ މިސަރުކާރުން ރައީސް ފުލުހުން ލައްވާ ގާނޫނާ ޚިލާފު ކަމެއް ނުކުރުވާނަން. އެންމެ އިސް ދެމީހުންގެ ޙައިސިއްޔަތުން ރައީސާއި އެފަދަ ކަމެއް ނުކުރުވާނަން. އެހެންނަމަވެސް ބޭރުން އަދިވެސް ނުފޫޒު ފޯރާކަން ހިތާމައަކާއެކު ފާހަގަކުރަން،" މިނިސްޓަރ ވިދާޅުވިއެވެ.ަ

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.