މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ހިސާބަކީ ޚުދުމުޚުތާރު ވެރިކަމެއް ފެށޭހިސާބު: ހޯމް މިނިސްޓަރ

މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ހިސާބަކީ ޚުދުމުޚުތާރު ވެރިކަމެއް ފެށޭހިސާބު ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒު އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އަލިމަސްޔޫބީލް ފާހަގަ ކުރުމާއި، ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމުތައް ދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލާއި ހޯމް މިނިސްޓްރީ ގުޅިގެން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ޑިމިކްރަސީ ވެރިކަމެއް ދެމިއޮތުގެ އެންމެ އަސާސީ އެއް ރުކުނަކީ މިނިވަން ނޫސްވެރިކަން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހިން ޤަބޫލުކޮށްގެން މިތިބަ ނިޒާމުގައި ރައްޔިތުންގެ މަންދޫބުން ޒިންމާދާރު ކުރުވުމަށް ނުވަތަ އެބައި މީހުން ކަންކުރާ ގޮތެއްގެ މައްޗަށް ބިނާކޮށް އެއަށް ގޮތް ބުނުމަށް ރައްޔިތުންނަށް ފުރުސަތު ލިބެނީ އިންތިޚާބަކުން ކަމަށެވެ. އިންތިޚާބެއް އަންނަނީ ދައުރެއް ނިމިގެންކަމަށްވާތީ އެ މުއްދަތުގައި "ދައުލަތާއި ވެރިން ޒިންމާދާރު ކުރުވުމުގެ ބޮޑު ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރައްވަމުން ގެންދަވާ ބޭފުޅުންނަކީ ނޫސްވެރިން،" ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެން ނޫސްވެރިންގެ ޒިންމާއާއި އެބޭފުޅުންގެ ހަރުދަނާކަމުގެ މައްޗަށް މެނުވީ ދައުލަތް ހަރުދަނާ ގޮތެއްގައި ހިނގާނެ ނިޒާމެއް ޤާއިމް ނުކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެކަމަށްޓަކައި ނޫސްވެރިކަމުގެ ފުރުސަތު ފަހިކޮށް މާހައުލު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ.

"މިނިވަން ނޫސްވެރިކަން ނެތިކޮށްލާ ކޮންމެ ހިސާބަކީ ޚުދުމުޚުތާރު ވެރިކަމެއް ފެށޭހިސާބު. އަނިޔާވެރިކަމާއި ރައްޔިތުންގެ މައްޗަށް ބާރުވެރިވެރިވެގަތުން ފެށޭ ހިސާބު،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ހައްގުތައް ގެއްލުވާލައި ގެދޮރާއި މުދަލާއި ފައިސާ ނިގުޅައިގަނެވި ފަސާދައާއި ކޮރަޕްޝަން ޢާއްމުވެ މުޖުތަމަޢު ފަސާދެވެގެންދާ ހިސާބަކީ ވެސް އެހިސާބު ކަމަށް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި މިނިވަން ނޫސްވެރިކަންވަނީ އެކިގޮތްގޮތުން ކަސްތަޅުއަޅުވައި ބަންދުކުރެވިފައި ކަމަށާއި އަދި ބޮޑެތި ގޮންޖެހުންތަކާ ނޫސްވެރިން ކުރިމަތި ލައްވަންޖެހިފައިވާ ކަމަށެވެ. އެފަދަ ކަންކަމަކީ މިސަރުކާރުން ބަލައިގަންނާނެ ކަންކަމެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.

ނޫސްވެރިން ދަތިއަޅުވައި ވައްޓައިލުމަށް ޖަހާފައިވާ ހުރިހާ މަޅިތައް ﷲގެއިރާދަފުޅާއެކު މިސަރުކާރުން ނައްތައިލައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. "ނޫސްވެރިންނަށް ވޭތުވެދިޔަ މުއްދަތުގައި ކުރިމަތިވި ބޮޑެތި ޢަދަދުތަކުގެ ޖޫރިމަނާތަކާއި، ޖަލުގޮޅިތަކާއި ޕެޕަރސްޕްރޭއަކީ ﷲ އިރާދަކުރެއްވިއްޔާ މި ސަރުކާރުން ނިމުމެއް ގެންނާނެ ކަންކަން،" މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.