
ރާއްޖެ މިހާރު މިއޮތްޙާލަތް ބަދަލުކޮށް އެހެން ޙާލަތަކަށް ގެންދިޔުމުގެ ހުރިހާ ބާރެއް މިހާރު އޮތީ ޒުވާނުންގެ އަތްމަތީގައި ކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒު އައްޝައިޚް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިހެން ވިދާޅުވީ ދުނިޔޭގެ ނޮންވައިލަންސް ދުވަހާ ގުޅިގެން ބޭއްވި ވާހަކަ ދެއްކުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުންނެވެ. ރޭ ޔުނިވަރސިޓީގައި ބޭއްވި ހަފްލާގައި މިނިސްޓަރ ވިދާޅުވީ ރާއްޖެ މިހާރުވަނީ ވަރަށްބޮޑަށް ބަދަލުވެފައި ކަމަށެވެ. ރާއްޖެއަކީ ކުރިން ވަރަށް އަމާން ސުލްހަވެރި ޤައުމެއްގެ ގޮތުގައި މަޝްހޫރުވެފައި އޮތް ދުވަސްތައް އަލުން ހޯދައި އެފަދަ ޤައުމަކަށް އަލުން ރާއްޖެ ވާންޖެހޭ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޤައުމު އަލުން ހެޔޮމަގަށް ގެންދެވޭނީ އެއްވެސް ހަމަނުޖެހުމެއް ނުއުފެދޭނެގޮތަށް ކަމަށެވެ. ދުނީޔޭގައި ތާރީޚަށް ބަލާއިރު ވެސް ޤައުމުތައް ހެޔޮމަގަށް އެނބުރިފައިވަނީ ސުހަވެރިކަމައި އަމާންކަމާއެކީގައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" ރާއްޖޭގެ މިއަދުގެ ހާލަތު ބަދަލުކުރުމުގައި ހަޤީޤަތުގައިވެސް ހުރިހާ ބާރެއް އޮތީ އަޅުގަނޑުމެންގެ ޒުވާން ލީޑަރުންގެ މައްޗަށް،" މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އެންމެން ގުޅުގެން އަމާންކަމާއެކު ހެޔޮބަދަލާ ދިމާއަށް ދާންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އިސްލާމްދީނަކީ ވެސް ސުލްހަވެރި އަމާން ކަމަށް ގޮވާލާ ދީން ކަމަށް ވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ބިނާވާނީ އެގައުމެއްގައި ޒުވާން ވަރުގަދަ ލީޑަރުން އުފެދިގެން ކަމަށެވެ.