މިނިސްޓަރ ޒަހާ ސްޕެއިނަށް ފުރާވަޑައިގެންފި

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު  ސްޕެއިންނަށް ވަޑައިގަންނަވައިފިއެވެ.

އެކަމަނާގެ މިދަތުރުފުޅަކީ "މިނިސްޓީރިއަލް ކޮންފަރެންސް އޮން ފިޝިންގް ވެސެލް ސޭފްޓީ އެންޑް އިލީގަލް، އަންރިޕޯޓަޑް އެންޑް އަންރެގިއުލޭޓަޑް (އައި.ޔޫ.ޔޫ) ފިޝިންގް"ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. އެކަމަނާ ފުރާވަޑައިގެންނެވީ ހޮނިހިރުދުވަހުގެރޭގައެވެ.

މިއީ އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނާއި ސްޕެއިން ސަރުކާރާއި ގުޅިގެން، ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން އަދި ޕިއު ޗެރިޓަބަލް ޓްރަސްޓްސްގެ އެހީގައި ބާއްވާ ކޮންފަރެންސެކެވެ. ކޮންފަރެންސް ކުރިއަށްދާނީ އޮކްޓޯބަރ މަހުގެ 21 އިން 23 އަށެވެ. މިކޮންފަރެންސްގެ މަޤްސަދަކީ އިންޓަނޭޝަނަލް މެރިޓައިމް އޮގަނައިޒޭޝަން (އައި.އެމް.އޯ)ގެ "ކޭޕްޓައުން އެގްރިމަންޓް އޮފް 2012" ތަސްދީޤުކުރެއްވުމަށް ޤައުމުތަކަށް ބާރުއެޅުމާއެކު ޤާނޫނާއި ގަވާއިދާއި ޚިލާފަށްކުރާ (އިލީގަލް، އަންރިޕޯޓެޑް އެންޑް އަންރެގިއުލޭޓަޑް) މަސްވެރިކަން ހުއްޓުވުމަށް އަޅާނެ ފިޔަވަޅުތަކެއް ކަނޑައެޅުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

ކޭޕްޓައުން އެގްރިމަންޓަކީ މަސްވެރި އުޅަނދުފަހަރުގެ ސަލާމަތީ މިންގަނޑުތަކާއި، އުޅަނދުފަހަރު ބަނުމުގެ ހަމަތަކާއި، ސަލާމަތީ ގޮތުން އުޅަނދުފަހަރުގައި ޤާއިމުވެފައިވާ ހުންނަންޖެހޭ ކަންކަމާއި ގުޅޭގޮތުން އެކުލަވާލާފައިވާ ބައިނަލްއަޤްވާމީ އެގްރިމަންޓެކެވެ. އިންޑިއާ ކަނޑުގައި ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުންދާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިންވެސް މިއެގްރިމަންޓް ތަސްދީޤުކުރުމާއިގުޅޭ ގޮތުން ވާންޖެހޭ ތައްޔާރީތައްވުމުގެ މަސައްކަތްވަނީ ފެށިފައެވެ. 11 ޤައުމަކުން މިއެގްރިމަންޓް މިހާތަނާށް ތަސްދީޤުކޮށްފައިވެއެވެ. މިއެގްރިމަންޓަށް އަމަލުކުރަން ފަށާނީ 22 ޤައުމަކުން މިއެގްރިމަންޓް ތަސްދީޤުކުރާތާ އެއް އަހަރު ފަހުންނެވެ.

އޭގެ އިތުރުން، އެހެން ޤައުމުތަކުންވެސް މިއެއްބަސްވުމަށް ތާޢީދުކޮށްދިނުމަށް ގޮވާލުމާއެކު، މިކޮންފަރެންސްގައި ރާއްޖޭގެ ފަރާތުން ތަޤްރީރުކުރެއްވުމުގެ ފުރުސަތު މިނިސްޓަރ ޒަހާ ވަޙީދަށް ވަނީ ދެއްވާފައެވެ. އަދި މިކަމުގައި ދިވެހިރާއްޖޭގެ ބައިވެރިވުން ލިބުމަކީ، މިފަދަކަމަކަށް ލިބޭ ވަރަށް ބޮޑު ބާރެއް ކަމުގައި އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަންއިން ވަނީ ފާހަގަކުރައްވާފައި ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

ޚަބަރު: ފިޝަރީޒު މިނިސްޓްރީ

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.