އެމް.ޓީ.ސީ.ސީގެ ބަސް އެކްސިޑެންޓްގެ ދެމަރަށްފަހު، ޚިދުމަތްދެމުންދާ ގޮތް މަޖިލީހުން ދިރާސާކޮށްފި

މިއަދު އެކްސިޑެންޓްވި ބަސް: ފޮޓޯ ޕޮލިސް

އެމް.ޓީ.ސީ.ސީގެ ބަސް އެކްސިޑެންޓްގެ ދެމަރަށްފަހު، ޚިދުމަތްދެމުންދާ ގޮތް މަޖިލީހުން ދިރާސާކޮށްފިއެވެ. އެމް.ޓީ.ސީ.ސީގެ ބަހެއްގައި ޖެހި ސައިކަލެއްގައި އިން 13 އަހަރުގެ ކުޑަކުއްޖަކު މަރުވިމައްސަލަ ރައްޔިތުންގެ މަޖިލީހު ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކޮށް މިއަދު ވަނީ މަޖިލީހަށް ރިޕޯޓެއް ހުށަހަޅައިފައެވެ. މިދިޔައަހަރުގެ ނޮވެމްބަރމަހުގެ 12 ވަނަ ދުވަހުގެރޭ ހުޅުމާލޭގައި ހިނގި މިއެކްސިޑެންޓާ ގުޅިގެން އެމްޓީސީސީގެ ބަހުގެ ޚިދުމަތް ދިރާސާކޮށް އެކުލަވާލި ރިޕޯރޓް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ވަނީ ހުށަހަޅައި ބަހުސްކުރައްވައިފައެވެ.

 ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން މިމައްސަލަ ދިރާސާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ހިޔުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީން އެމައްސަލަ ބައްލަވައި ދެއްވުމަށް އެދުމުންނެވެ. އެމައްސަލައިގައި ހިޔުމަންރައިޓްސް ކޮމެޓީން ބައްލަވައި ދެއްވުމަށް އެދިފައިވާ ކަންކަމުގެ ތެރޭގައި އެމް.ޓީ.ސީ.ސީއިން ބަހުގެ ޚިދުމަތްދިނުމުގައި، ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އުސޫލުތަކަށް އަމަލުކުރަމުންދޭތޯއާއި، ބަސްތައް ދުއްވާ ބާރުމިން ވަކި މިންގަނޑެއްގައި ހިފެހެއްޓިފައިވޭތޯ ބެލުން ހިމެނެއެވެ. އަދި ބަސްތައް ދުއްވާ ޑްރައިވަރުންގެ މަސައްކަތުގެ ވަގުތު ބެހިފައިވާގޮތް ވެސް ވަނީ ބައްލަވައިފައެވެ. ބައެއް ޑްރައިވަރުން ހުސްވަގުތެއް ނުލިބި މަސައްކަތްކުރަމުންދާކަމަށް މައުލޫމާތު ލިބިފައިވާތީ، އެއީ އެކަން ހިންގާ ގޮތްތޯ ވެސް ބައްލަވައިދެއްވުމަށް ހިޔުމަންރައިޓްސް ކޮމެޓީން ވަނީ އެދިފައެވެ.

ރިޕޯރޓްގައިވާ ގޮތުން ޑްރައިވަރުން މަސައްކަތް ކުރަނީ ތިން ދަންފަޅިއަށެވެ. ޑްރައިވަރުންނާއި ކޮންޑަކްޓަރުންވެސް ޑިއުޓީ ކުރާނީ ދުވާލަކު އަށް ގަޑީއިރުގެ އެއް ދަންފަޅީގައި ކަމަށް ރިޕޯރޓްގައިވެއެވެ. އެއްދުވަހެއްގައި އިތުރު ދަންފަޅިއެއްގައި މަސައްކަތް ކުރާނަމަ އެއީ އިތުރު ގަޑިކަމަށް ބަޔާންކޮށްފައި ވެއެވެ. އަށް ގަޑީއިރުގެ ޑިއުޓީއެއްގައި ކޮންމެ ޑްރައިވަރަކުވެސް ބަސް ދުއްވާނީ ހަތަރު ގަޑިއިރާ 30 މިނެޓްގައި ކަމަށް ވަނީ ބުނެފައެވެ. އޭގެ ފަހުން އެއް ގަޑީއިރުގެ ހުސްވަގުތުކޮޅެއް ދެވޭކަމަށާއި ހަފަތާއަކު އެއްދުވަހުގެ ޗުއްޓީއެއް ދެވޭކަމަށް ވެސް ކޮމެޓީގެ ރިޕޯރޓްގައި ވަނީ ފަހަގަކޮށްފައެވެ.

އެއަރޕޯރޓާއި ހުޅުމާލޭގައި ދުއްވާ 10 ބަހުގެ ތެރެއިން ހަ ބަހުގެ ސްޕީޑް 55 ކިލޯމީޓަރަށް ލިމިޓް ކުރެވިފައިވާ ކަމަށް ރިޕޯރޓްގައި ވަނީ ފާހަގަކޮށްފައެވެ. ބަކީ ހަތަރު ބަހުގެ ސްޕީޑްވެސް ލިމިޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ރިޕޯރޓްގައި ވަނީ ފާހަގަ ކޮށްފައެވެ. ފުރަތަމަ އެކްސިޑެންޓާ ގުޅިގެން އެމްޓީސީސީން އެޅި ފިޔަވަޅުތައް ވެސް ރިޕޯރޓްގައި ވަނީ ފާހަގަކޮށްފައެވެ.

މައްސަލަ ދިރާސާ ކުރުމުގައި ކޮމެޓީން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހު ޑްރައިވަރަށް ނިދިޖެހި ހުޅުމާލޭގައި ހިނގި އެމްޓީސީސީގެ ބަސް އެކްސިޑެނޓެއްގައި ޔުކްރެއިން ފަތުރުވެރިއަކު މަރުވި ޙާދިސާވެސް ދިރާސާކޮށްފައެވެ. އެމައްސަލައިގެ ތަޙްޤީޤު ނިމި ޑްރައިވަރުގެ އިހުމާލު އޮތް ކަމަށް ބަލައި، އޭނާގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފައިވާކަމަށް ކޮމެޓީގެ ރިޕޯރޓްގައި ވަނީ ހާމަކޮށްފައެވެ. މައްސަލައިގެ ޝަރީޢަތް ނިންމެންދެން އެ ޑްރައިވަރުގެ ލައިސަންސް ވަނީ ހިފަހަށްޓައިފައެވެ. އެމްޓީސީސީއަށް އެމައްސަލައި ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ. ނަމަވެސް ކަންތައްތަކެއް އިޞްލާޙުކުރުމަށް އެމްޓީސީއަށް ފުލުހުން ވަނީ ލަފާ ދެއްވައިފައެވެ.

ޢުމުރުން 13 އަހަރުގެ ކުއްޖާމަރުވި އެކްސިޑެންޓާ ގުޅިގެން ޑްރައިވަރުގެ ލައިސަންސް ފުލުން ވަނީ ހިފަހަށްޓައިފައެވެ. އެމައްސަލަ ފުލުހުން ދަނީ ތަޙްޤީޤް ކުރަމުންކަމަށް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީގެ ރިޕޯރޓްގައި ވެއެވެ.

އެކަންކަން ބެއްލެވުމަށްފަހު ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީންވަނީ ނިންމުންތަކެއް ނިންމާފައެވެ. އެކަންކަމުގެ ތެރޭގައި ހިމެނެނީ އެމްޓީސީސީގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅުއްވަން ކަނޑައަޅާފައިވާ ފިޔަވަޅުތައް އެޅުއްވުމަށާއި، އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ރަނގަޅުކުރަން ފެންނަ ކަންކަމަށް ފުލުހުން އަރުވާފައިވާ ލަފާއާ އެއްގޮތަށް ކަންކަން އިޞްލާޙުކުރުމަށް އެކުންފުނީގައި ދެންނެވުމެވެ.  ހިންގުން ހަރުދަނާކުރުމަށްޓަކައި އަޅުއްވާ ފިޔަވަޅުތަކާ ގުޅިގެން ކުންފުންޏަށް އައިސްފައިވާ ބަދަލުތައް މޮނިޓަރކޮށް، ކުންފުންޏަށް އައިސްފައިވާ ކުރިއެރުން އަންގައިދޭ ރިޕޯޓެއް، އެކޮމެޓީއަށް ހުށަހެޅުމަށް އެމްޓީސީސީއަށް އެންގުމަށް ވެސް ވަނީ ކޮމެޓީން ނިންމައިފައެވެ. މިރިޕޯރޓް ކޮމެޓީއަށް ހުށަހަޅަން ޖެހެނީ މަޖިލީހުން ކޮމެޓީގެ ރިޕޯރޓް ފާސްކުރާ ދުވަހުން ފެށިގެން ހަ މަސްދުވަހުގެ ތެރޭގައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.