މޯދީ ބޭނުންފުޅުވަނީ ދީނީ މިނިވަންކަން ދެއްވުމަށް: ރައީސު ޓްރަމްޕް

އެމެރިކާއާއި ޕާކިސްތާނުގެ ގުޅުން ވަރަށް ރަނގަޅު ކަމަށް ވިދާޅުވި

ރައީސު ޑޮނާލްޑް ޓްރަމްޕް މިއަދު ނިއުދިއްލީގައި ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް މިހާރު އިންޑީޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ މައުލޫމާތު ދެއްވުމަށް މިއަދު ހަވީރު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވި ގޮތުގައި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ބޭނުންފުޅުވަނީ އެންމެންނަށް ދީނީ މިނިވަންކަން ދެއްވުމަށެވެ.

އިންޑިޔާގެ ގާނޫނުހަދާ މަޖިލީހުން ދާދިފަހުން ފާސްކުރި ރަށްވެހިކަމުގެ ގާނޫނު (ސީއޭއޭ) އާ ގުޅޭގޮތުން ނޫސްވެރިއަކު ސުވާލު ދެންނެވުމުން ޖަވާބުގައި ޓްރަމްޕް ވިދާޅުވީ "ބޮޑުވަޒީރު މޯދީ ގަބޫލުފުޅުކުރައްވަނީ އެންމެންނަވެސް ދީނީ މިނިވަންކަން އޮންނަން ޖެހޭނެކަމަށް. އެމެރިކާއިންވެސް ގަބޫލުކުރަނީ އެގޮތަށް." ކަމުގައެވެ.

ޕާކިސްތާނާއި އެމެރިކާގެ ގުޅުމާ ގުޅޭ ގޮތުން ރައީސު ޓްރަމްޕް ވިދާޅުވީ އެމެރިކާއާއި ޕާކިސްތާނުގެ ގުޅުން ވަރަށް ރަނގަޅު ކަމުގައެވެ. އަދި އިންޑިޔާއަކީ ކެރޭ ގައުމެއް ކަމަށާއި، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާނާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަކީ އޭނާގެ ވަރަށް ގާތް ގުޅުމެއް އޮންނަކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ. އަދި ދެގައުމުގެ ދެމެދުގައި މެދުވެރިއެއްގެ ބައި އަދާކުރައްވަން ތައްޔާރަށް ހުންނެވިކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އިންޑިޔާއާއެކު ސޮއިކުރެވުނު ދިފާއީ ވިޔަފާރީގެ އެއްބަސްވުމުގެ ތަފްސީލުދެއްވަމުން ރައީސު ޓްރަމްޕް ވިދާޅުވީ އެމެރިކާއިން އިންޑިޔާއަށް އަސްކަރީ ހެލިކޮޕްޓަރު ވިއްކުމުގެ 3 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނު ކަމުގައެވެ. އަދި އިންޑިޔާގެ ވަރަށް ގިނަ ވިޔަފާރިވެރިން އެމެރިކާގައި އިންވެސްޓުކުރަން ބޭނުންވާކަން ވެސް ޓްރަމްޕް ހާމަކުރެއްވިއެވެ.

އެމެރިކާއާއި އިންޑިޔާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ މައްސަލަތަކަށް މިދަތުރުފުޅުގައި ހައްލު ހޯދިފައި ނުވާކަން ރައީސު ޓްރަމްޕްގެ ވާހަކަފުޅުން ދޭހަވިއެވެ.

"ވިޔަފާރިއާ ގުޅުން ހުރި މައްސަލަތަކުގައި އަހަރުމެންނަށް ވަނީ ކޮންމެވެސް ވަރެއްގެ އެއްބަސްވުމަކަށް އާދެވިފައި." ޓްރަމްޕް ވިދާޅުވިއެވެ.

އިންޑިޔާއަށް ކުރައްވާ 2 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ރައީސު ޑްނާލްޑް ޓްރަމްޕް އިންޑިޔާއަށް ވަޑައިގަތީ އިއްޔެގެ ވަގުތެއްގައެވެ. މިއީ އޭނާ އިންޑިޔާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.