މިސްރުގެ ކުރީގެ ރައީސު ޙުސްނީ މުބާރަކު އަވަހާރަވެއްެޖެ

މިސްރުގެ ކުރީގެ ރައީސު ޙުސްނީ މުބާރަކު އުމުރުފުޅުން 91 އަހަރުގައި މިއަދު އަވަހާރަވެއްޖެއެވެ. އޭނާ ވަނީ ގާތް ގަނޑަކަށް 30 އަހަރު މިސްރުގެ ރައީސުކަން ކުރައްވާފައެވެ. އާއްމުން ނުކުމު ކުރި ވަރުގަދަ އިހުތިޖާޖުތަކާ ގުޅިގެން އޭނާ އިސްތިއުފާދެއްވީ 2011 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

މިސްރުގެ ރަސްމީ ޓީވީން ޚަބަރުދިން ގޮތުގައި އޭނާ އަވަހާރަވީ ފާއިތުވި ޖަނަވަރީ މަހުގެ ފަހުކޮޅު ކުރެވުނު ގޮހޮރުގެ އޮޕަރޭޝަނަކަށް ފަހު، ޤާހިރާގެ ޖަލާ މިލިޓަރީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށް މިއަދުގެ ވަގުތެއްގައެވެ.

ޚަބަރުލިބޭ ގޮތުގައި މުބާރަކުގެ ދެ ދަރިކަލުން ކަމުގައިވާ ޖަމާލުއާއި ޢަލާ، އަދި ސަރުކާރުގެ އިސް ބައެއް ވެރިން މިވަގުތު ތިއްބެވީ މުބާރުކު އޮންނެވި ހޮސްޕިޓަލުގައެވެ.

1981 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 6 ވަނަ ދުވަހު ސިފައިންގެ ބަޔަކު ބަޑިޖަހައި އޭރުގެ ރައީސު އަންވަރުއް ސާދާތު އަވަހާރަކޮށްލުމާ ގުޅިގެން އޭނާގެ ނާއިބު ރައީސަކަށް ހުންނެވި ޙުސްނީ މުބާކަރު ރައީސު ކަމާ ޙަވާލުވެވަޑައިގަތީ އެ މަހުގެ 14 ވަނަ ދުވަހުއެވެ.

މިސުރުގެ 4 ވަނަ ރައީސުގެ ގޮތުގައި 29 އަހަރާއި 4 މަސް ދުވަހު ރައީސުކަން ކުރެއްވި ޙުސްނީ މުބާރަކް 1928 ވަނަ އަހަރު ކަފްރުލް މުސައިލްހާ އަވަށުގައެވެ. 1942 ވަނަ އަހަރުގެ މިސްރުގެ ވައިގެ ސަފައިންގެ ލަޝްކަރާ ގުޅިވަޑައިގެން ފުރަތަމަ އަދާކުރެއްވީ ޕައިލެޓެއްގެ ވަޒީފާއެވެ. އަސްކަރީ މަގާމުތަކުގައި ހަލުވިކަމާއެކު ކުރިއަށް ވަޑައިގެން 1972 ވަނަ އަހަރު އޭނާ ވަނީ މިސްރު ސިފައިންގެ ކޮމާންޑަރ އިން ޗީޕްގެ މަގާމަށް ވަޑައިގެންފައެވެ.

ވެރިކަމަށް ވަޑައިގަތުމަށް ފަހު އޭނާ ކުރެއްވި އެންމެ މުހިއްމު މަސައްކަތްޕުޅަކީ މިސްރު އަރަބި ދުނިޔެއާ އެކަހެރިވެފައި އޮތުން ނިމުމަކަށް ގެނައުމެވެ. ރައީސު ސާދާތު 1978 ވަނަ އަހަރު އިސްރާއީލާއެކު ސޮއި ކުރެއްވި 'ކޭމްޕް ޑޭވިޑް' ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން އަރަބި ގައުމުތަކުން މިސްރާ ގުޅުން ކަނޑާލައި، އަރަބް ލީގުން މިސްްރު ބޭރުކުރިއެެވެ. ޙުސްނީ މުބާރަަކު ވަނީ އޭނާގެ ވެރިކަމުުގައި އިސްރާއީލާއެކު އޮތް ގުޅުންވެސް ކަނޑާނުލައްވައި އަރަބި ގައުމުތަކުގެ ސަފަށް މިސްރު އަލުން ގެންނަވާފައެވެ.

1987، 1993. 1999 އަދި 2005 ވަނަ އަހަރު ރައީސުކަމަށް އަލުން އިންތިޚާބުވެ ވަޑައިގަތަސް، ޙުސްނީ މުބާރަކު ފާހަގަކުރެވިފައި ވަނީ ގޮށްމުށުގެ ބާރުން ވެރިކަން ކުރެއްވި އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލަން ބާރުގެ ބޭނުންކުރެއްވި ބޭފުޅެއްގެ ގޮތުގައެވެ.

އޭނާގެ ފަސްވަނަ ރިޔާސީ ދައުރު ނިމެން ކައިރިވެފައި ވަނިކޮށް، 25 ޖަނަވަރީ 2011 ގައި މުބާރަކުގެ ސަރުކާރާ ދެކޮޅަށް ފެށުނު މުޒާހަރާތައް ވަރުގަަދަވެ، އެންމެ ފަހުން އޭނާ ވަނީ ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހު އިސްތިއުފާދެއްވާފައެވެ.

އިހުތިޖާޖުކުރި މީހުންގެ ތެރެއަށް ސަލާމަތީ ބާރުތަކުން ބަޑިޖަހައި ގިނަ ބަޔަކު މަރާލި މައްސަލައިގައި ގަސްތުގައި މީހުން މެރުމުގެ ދައުވާ 24 މޭ 2011 ގައި ހުސްނީ މުބާރަކުގެ މައްޗަށް އުފުލުނެވެ. ދިގު މުއްދަތަކަށް ދެމިގެން ދިޔަ ޝަރީއަތަކަށް ފަހު. 2 ޖޫން 2012 ގައި އޭނާ އުމުރަށް ޖަލަށް ލުމަށް ހުކުމް ކުރެވުނެެވެ. އެހެންނަަމަވެސް، ރައީސު މުޙައްމަދު މުރްސީގެ ވެރިކަން އިންގިލާބަކުން ބަދަލުކުރައްވައި، މޭ 2014 ގައި ޢަބްދުލް ފައްތާޙު އައްސީީސީ ރައީސު ކަަމަށް ވަޑައިގަތުމަށް ފަހު، މިސްރުގެ ކޯޓުތަކުން ވަނީ ހުސްނީ މުބާރަކުގެ މައްޗަށް ކޮށްފައިވާ ހުކުމްތައް ބާޠިލުކޮށްފައެވެ.

ޙުސްނީ މުބާރަކަކީ އެމެެރިކާއާއެކު ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. އޭނާގެ ވެރިކަން ނިމުނު އިރު އަހަރަކު 1.3 ބިލިއަން ޑޮލަރުގެ އެހީ އެމެރިކާއިން މިސްރަށް ދެމުން ދިޔައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.