
މި އަހަރުގެ ނޮވެންބަރު މަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސު ޑޮނާލްޑް ޓްރަމްޕްއާ ވާދަކުރައްވާނެ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ސެނެޓަރު ބާނީ ސޭންޑާސް ކުރިހޯއްދަވަމުން އެބަގެންދަވައެވެ.
ޕްރައިމަރީ ރޭހުގައި ސޭންޑާސް ވަނީ ރޭ ބޮޑު ކާމިޔާބީއެއް ހޯއްދަވާފައެވެ. މުހިއްމު ޑިމޮކްރެޓިކް ޕްރައިމަރީއެއް ކަމުގައިވާ ނެވާޑާ ކޯކަސަސް ގައި ސޭންޑާސް ވަނީ %44 ހޯއްދަވާފައެވެ. އޭނާއާއި އެންމެ ގާތުން ވާދަކުރެއްވި ކުރީގެ ނާއިބު ރައީސު ޖޯ ބައިޑެންއަށް ލިބިވަޑައިގަތީ %19 އެވެ.
އެމެރިކާގެ ސެނެޓުގައި 2007 ވަނަ އަހަރުން ފެށިގެން ވާމޮންްޓް ސްޓޭޓް ތަމްސީލުކުރައްވާ ސެެެނެޓަރު ބާނީ ސޭންޑާސް ވަނީ މި މަހުގެ ކުރީކޮޅު އަޔޯވާއާއި ނިއެ ހެމްޕްޝަޔާގައި ބޭއްވުނު ޕްރައިމަރީތައް ވެސް ފަސޭހަކަމާއެކު ކާމިޔާބުކުރައްވާފައެވެ.
ޒުވާނުންނާއި. ލިބަރަލް ޚިޔާލުގެ މީހުންނާއި، ހިސްޕަނިކް ދަރިކޮޅުގެ މީހުންގެ މެދުގައި ބޮޑު ތާއީދެއް އޮތް ސޭންޑާސް ގެންދަވަނީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގެ މީހުންގެ ތާއީދުވެސް ހޯއްދަވަމުންނެވެ. އެމެރިކާގެ އެންމެ ބޮޑު އިޖްތިމާއީ އެއް މައްސަލަ ކަމުގައިވާ ނޭޝަނަލް ހެލްތު ކެއާގެ މައްސަލައިގައި ސޭންޑާސް ގެންގުޅުއްވާ 'މެޑިކެއާ ފޯ އޯލް' ސިޔާސަތަށްވެސް ގިނަ ބައެެއްގެ ތާއީދު ދަނީ ލިބެމުންނެވެ.
މި ފަހަރު ޑިމޮކްރެޓިކް ޕްރައިމަރީގެ އެންމެ ކުރީގައި ވާދަކުރައްވާނެ ކަމަށް ބެލެވުނު، ކުރީގެ ނާއިބު ރައީސު ޖޯ ބައިޑަންއަށް މިހާރު ޖެހިވަޑައިގެންފައި ވަނީ ކުރިއަށް ޖެހިވަޑައިގަތުމަށް ގިނަ މަަސައްކަތްތަކެއް ކުރައްވާފައެވެ.
2016 އަަހަރުގެ ޑިމޮކްރެޓިކް ރިޔާސީ ޕްރައިމަރީގައި ވެސް ވާދަކުރެއްވި ބާނީ ސޭންޑާސް ވަނީ އެންމެ ފަހު ވަގުތާ ޖެެހެންދެން ހިލަރީ ކްލިންޓަންއާ ވަރަށް ގާތުން ވާދަކުރައްވާފައެވެ. އޭގެ ކުރިން އެމެރިކާގެ ގައުމީ ސިޔާސީ ދާއިރާގައި މާބޮޑު މަޝްހޫރުކަމެއް ހޯއްދަވާފައި ނުވާ ސޭންޑާސް ވަނީ، އެފަހަރުގެ ޕްރައިމަރީގައި އޭނާއަށް ތާއީދުކުރާ މީހުންގެ ބޮޑު 'ބިންގަލެއް' ގާއިމުކުރައްވާފައެވެ. މިފަހަރު އޭނާގެ ޕްރައިމަރީ ފަށްޓަވާފައި ވަނީ އެ 'ބިންގަލު'ގެ މަތީގައެވެ.
ޑިމޮކްރެޓިކް ޕާޓީ ވަރުގަަދަ ސިޔާސީ އަންހެން ޝަޚުސިއްޔަތެެއް ކަމުގައިވާ އެލިޒަބެތު ވޮރެންއަށް ވެސް ވަނީ މިއަހަރުގެ ޕްރައިމަރީގައި މާ ރަނގަޅު ނަތީޖާތަކެއް ނުހޯއްދެވިއެވެ. ނެވާޑާ ކޯކަސަސްގައި އޭނާއަށް ލިބިވަޑައިގަތީ ހަތަރުވަނައެވެ.
އުމުރުފުޅުން 79 އަހަރުގެ ސޭންޑާސް އަމިއްލަފުޅަށް ސިފަކުރައްވާ ގޮތުގައި ޕްރޮގްރެސިވް ޑިމޮކްރެޓިކް ސޯޝަލިސްޓެކެވެ. މުޖުތަމައުގައި އިގްތިސާދީ ހަމަހަމަކަން ގާއިމުކުރެއްވުމަށް މަސައްކަތްޕުޅުކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ފަލަސްޠީނުގެ ދައުލަތަކަށް ތާއީދުކުރައްވާ، އިސްރާއީލުން ކުރިއަށް ގެންދާ ޔަހޫދީ އާބާދީތައް ބިނާކުރުމުގެ ސިޔާސަތާ ދެކޮޅު ބޭފުޅެކެވެ. އެމެރިކާގެ އެންމެ ބޮޑު މުސްލިމް ސިޔާސީ ގްރޫޕް ކަމުގައި ވާ އެމްގޭޖް އިން ވަނީ މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ސޭންޑާސްއަށް ތާއީދުކުރާކަން ހާމަކޮށްފައެވެ.