މުގާބިލާ - 19

(14 ފެބްރުއަރީ 2020 ގައި ޝާއިއުކުރިބަޔާ ގުޅޭ)

އޭނާގެ ގަނޑުކަން ފިލީ ޖެހިގެން ހުރި ފުލެޓުގެ ދޮރު ހުޅުވައިފައި ޝަމްސު ނުކުތީމައެވެ. ސަލާންގަލާމަށް ފަހު ޝަމްސު އޭނާއަށް ފޯރުކޮށްލީ ތަޅުދަނޑިއެކެވެ. "މިއީ ރިޟްވާންގެ އަންހެނުން ދިން އެއްޗެއް."

"އެއްވެސް އެއްޗެކޭ ނުބުނޭތަ؟" ރިޟްވާން ތަޅުދަނޑި އަތުލަމުން އަހައިލިއެވެ.

"ބުނީ ތިމަން މި ދަނީ މައިންބަފައިން ގާތަށް ގެއަށޭ. ދެން އެނބުރި ނާންނާނަމޭ." ޝަމްސު ބުންޏެވެ. އަދި އޭނާގެ ހާލަތު ހުރި ގޮތް ފާހަގަ ކުރެވުނީމާ ތަސައްލީ ދިނުމުގެ ގޮތުން ބުނެލިއެވެ. "ރިޟްވާން. ދެރަ ނުވޭ. ޒިއްލަތުގެ ދިރިއުޅުމަކަށް ވުރެ އަބުރުވެރި މަރެއްވެސް މާ ރަނގަޅު ވާނެ. މިއީއަކީ މަރެއްވެސް ނޫންތާ. މިއީ ހަމައެކަނި ވަކިވެލުމެއް."

ބިން ފަޅައިގެން ގޮސް އޭނާ އަޑިއަށް ދަންމަވައިގަންނާނޭ ނަމައޭ އެ ވަގުތު ހިތަށް އެރިއެވެ. އަވަސް އަވަހަށް ދޮރު ހުޅުވައިގެން އެތެރެއަށް ވަދެ ތަޅުލައިފިއެވެ. ގޭތެރެ އޭނާއަށް ފެންނަނީ ބިރުވެރި ތަނެއްގެ ގޮތުގައެވެ. ގޭތެރެއިން އޭތްއޯތް ގޮވާހެންވެސް ހީވެއެވެ. އިރުކޮޅަކު އިށީނދެގެން އިދެފައި ކުއްލިއަކަށް ކުރެވުނު ޚިޔާލަކާއެކު ތެދުވެގެން ގޮސް އަލަމާރި ހުޅުވައިލިއެވެ. އޭނާގެ އަންނައުނާއި ބޭނުންވާ ބައެއް ތަކެތި ފިޔަވައި އެހެން އެއްވެސް އެއްޗެއް އަލަމާރިއަކު ނެތެވެ. ސަގީލާއަށް ދިން ގަހަނާއާއި އަންނައުނާއި ސެންޓާއި ރީތިވާ ސާމާނު ޖެހުނުތާ ލަކުނުވެސް ނެތެވެ. އޭނާގެ ހަަންފޮށިވެން ފެންނާކަށް ނެތެވެ.

އޭނާގެ ހިތަށް ވަރަށް ހިތި އަސަރެއް ކުރިއެވެ. ގެނެސްދޭ އެއްވެސް އެއްޗެއް އޭނާގެ ފެންވަރަށް ނުފެތޭތީ ފާޑު ކިޔަމުން ދިޔަ އަންހެންމީހާގެ ކަންތައް ހުރި ގޮތް ނިކަން ދެކިބަލާށެވެ. އެއީ މަހުޖަނެއްގެ ދަރިއެކޯލައެވެ. މިގެއަށް އައީ ލައިގެން ހުރި ދެގަނޑެއްޗާ އެކުގައެވެ. އަތަކު އެއްވެސް އެއްޗެއް ނެތެވެ. ގެ ދޫކޮށް އެ ދިޔައީ އަތު ޖެހުނު ހުރިހައި އެއްޗެއް ހިފައިގެންނެވެ. އޭނާ ގެނެސްދިން ހަދިޔާތައް އަޅައި ފުރާފައި ހުރި ހަންފޮށި ތަކެއްޗާއެކު ގެންދިޔައީއެވެ. އެއީ މާ ބޮޑު ހިތާމައަކަށް ނުވީ ނަމަވެސް ގަހަނާ ހުރިނަމައޭ ރިޟްވާންގެ ހިތަށް އެރިއެވެ. އެ ހުރިނަމަ ވިއްކާފައި ދަރަނި އަދާ ކުރެވުނީހެވެ. ދަރަނީގެ މައްސަލަ މިހާރު މި އޮތީ އޭނާގެ ފުރާނަޔާ ގުޅިފައި ހުރި ކަމަކަށް ވެފައެވެ.

އޭނާ ވިސްނަމުން ދިޔައެވެ. އަމިއްލަ ނަފުސަށް މަލާމާތްވެސް ކުރެވޭން ފަށައިފިއެވެ. ސަގީލާ ދިޔައީތީ ދެރަ ވެއެވެ. އެއީ އޭނާ ދެކެ ލޯބިވާތީއެއް ނޫނެވެ. އޭނާގެ ފިރިހެންވަންތަކަމުގައި އެޅުނު ކޫރުމެއް ކަމަށް ވާތީއެވެ. އަގު ވެއްޓުނުކަމުގެ އިހުސާސް ކުރެވެނީވެސް މާ ބޮޑަށެވެ. އޭނާގެ ސިކުނޑީގައި ވަކި ކަހަލަ ޚިޔާާލެއް އެނބުރޭތާ ދުވަސްކޮޅެއް ވެއްޖެއެވެ. ސަގީލާ ކަހަލަ ކުއްޖަކު ދެކެ ލޯބިވެވުމަކީ ނާމުމްކިން ކަމެކެވެ. އެއީ އިތުބާރު ކުރެވޭ ކަހަލަ ޚަސީލަތެއްގެ ކުއްޖެއް ނޫނެވެ. އޭނާ ދުވަހަކުވެސް ސަގީލާ ދެކެ ލޯބިނުވާ ކަމާއި ގަދަރެއްވެސް ނުކުރާ ކަމުގެ އިހުސާސް ކުރެވެނީ މިހާރުއެވެ. އޭނާގެ ގޭގައި ހުރެގެން ސަގީލާ ގެންދިޔައީ ބަދުއަޚުލާގީ އަމަލުތައް ހިންގަމުންނެވެ. މިހާރު އޭނާ އެހެރީ އަވަށު މީހުންގެ ކުރިމައްޗަށް ނުކުމެ އުޅޭން ލަދު ގަންނަ ހިސާބަށް ގޮސްފައެވެ. އަވަށު މީހުން ގަބޫލުކުރާ ގޮތުގައި ސަގީލާއަކީ އޭނާގެ އަނބިމީހާ ވިއްޔާއެވެ.

ހިތާއި ސިކުނޑީގެ ޒަޚަމްތަކާއެކު ބޭގަރާރު ވެފައި އޭނާއަށް އޮވެވުނީ ކިހައި އިރަކު ކަމެއްވެސް ނޭނގެއެވެ. ސިއްސައިގެން ދިޔައީ މައިދޮރުގެ ރަނގަބީލުގެ އަޑަށެވެ. އޭނާ ތެދުވެގެން ދޮރާ ދިމާއަށް ހިނގައިގެންފިއެވެ. ރޭވެ އަނދިރި ވެއްޖެކަން އޭނާއަށް އެނގުނީވެސް ދެނެވެ.

މި ފަހަރު ދޮރު ހުޅުވުމުގެ ކުރީން ލޯވަޅުން ބޭރު ބަލައެއްވެސް ނުލައެވެ. އެ ދިޔަ ގޮތަށް ގޮސް ދޮރު ހުޅުވީއެވެ. ދޮރުމަތީގައި ތިބީ ޢަދްނާނާއި ސުލައިމާނާ ދެމީހުންނެވެ. ގޭތެރެއަށް އަނދިރިކަން ވެރިވެފައި އޮތީމާ އެމީހުން ހައިރާންވިއެވެ.

"ކިހިނެއްވީ؟ ކަލޭމެން މިހައި އަވަހަށް ނިދީތަ؟" ސުލައިމާން އަހައިލިއެވެ.

"ނޫނޭ. އާދޭ... ވަދޭ..."

އެ ދެމީހުން އެތެރެއަށް ވަދެއްޖެއެވެ. ރިޟްވާން ބޮކި ދިއްލައިލައިފައި އަހައިލިއެވެ. "ގަޑިން ވީ ކިހައިއިރެއް؟"

"އަށެއް ޖަހައި ދިހައެއް ހިނގައިފި." ޢަދްނާން ބުންޏެވެ.

ތިން މީހުން އެކީގައި ގޮސް ވަނީ ކޮޓަރިއަށެވެ. ރިޟްވާން ކޮޓަރީގެ ބޮކި ދިއްލައިލީމާ އެތެރެއަށް ނަޒަރު ހިންގައިލަމުން ޢަދްނާން އަހައިލިއެވެ. "ފަހަރި ގޭގައި ނޫޅެނީތަ؟"

ސުލައިމާން ޢަދްނާނާ ދިމާއަށް ލޯއަޅައިލިއެވެ. ޢަދްނާން ފަހަރިއޭ ކިޔާ ކޮންމެ ފަހަރަކު އޭނާ ނުރުހުންވެއެވެ.

ދޮގު ހެދުމަކީ މިހާރަކު ރިޟްވާނަކަށް އައު ކަމެއް ނޫނެވެ. މިފަހަރުވެސް އޭނާ ބޭނުންވީ ދޮގެއް ހަދައިލާށެވެ. އެހެންނަމަވެސް ދޮގެއް ހަދައިގެން ފަރުޖެއްސޭ ވަރަށްވުރެ ކަންތައް ބޮޑު ވެއްޖެ ކަމުގައި އޭނާއަށް ވިސްނުނެވެ. އެންމެ ފަހުން ނިމޭއިރު ބޭޒާރު ވާނީވެސް އޭނާއެވެ. ލަދު ގަންނާން ޖެހޭނީވެސް އޭނާއަށެވެ. "އޭނާ ރުޅި އައިސްގެން ހިނގައްޖެ."

"ކޮން ތާނކަށް؟" ޢަދްނާން އަހައިލިއެވެ.

"އޭނާގެ މައިފުނަ ގެއަށް." ރިޟްވާން ބުންޏެވެ. "ބުނީ ދެން އެނބުރި ނާންނާނަމޭ."

"ގުއި ފިލީމާ ތަން ތާހިރުވާނެ." ސުލައިމާނަށް ބޭއިޚްތިޔާރުގައި ބުނެލެވުނެވެ.

ރިޟްވާންގެ ގާތަށް ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ. "ކީކޭ ތިޔަ ބުނީ."

"މި ބުނީ ރަނގަޅު ވާހަކައެއް."

"އެހެން ވެއްޖެއްޔާ އެ ގެއަށް ގޮސް އޭނާ ރުއްސައިގެން ގޮވައިގެން އާދޭ." ޢަދްނާން މަސައްކަތް ކުރީ ސުލައިމާން ބުނި ވާހަކައިން ދުރަށް ރިޟްވާން ގެންދެވޭތޯއެވެ.

"އެންމެ ފުރަތަމަ ކަލޭ އަހަރެންގެ ސުވާލަށް ޖަވާބުދީ." ރިޟްވާން ހުރީއަކީ މައިތިރިވާ ކަހަލަ ގޮތަކަށް ނޫނެވެ. ދުވާލު ހަތަރުދަމުގެ ހުރިހައި ރުޅިއެއް އޭނާ ބާލަން ބޭނުންވަނީ ސުލައިމާނަށެވެ.

ސުލައިމާން ފަރުވާކުޑަ ގޮތަކަށް ހިނިތުންވެލިއެވެ. "އަހަރެން ދޭނީ ކޮން ޖަވާބެއް؟ ކަލޭ ތިޔަ ހައްދަނީ އަހަރެމެންތަ؟ ނޫނީ އަމިއްލަ ނަފުސަށް އޮޅުވާލަނީތަ؟"

"ތިޔަ ކިޔަނީ ކީކޭ؟" ރިޟްވާންގެ ލޮލުން ކަނި ބުރައެވެ.

"އެކުވެރިޔާ. މި ކިޔަނީ އެއީ ކަލޭގެ އަތްނބެއް ނޫނޭ. ތިޔަ ކިޔާ މައިފުނަގެ ހުންނަ ތަނެއްވެސް ކަލެއަކަށް ނޭނގެއޭ. އެހެންވީމާ އެގެއަކަށް ނުވެސް ދެވޭނެއޭ." ސުލައިމާން ވާހަކަ ދެއްކީ ވަރަށް ހަމަޖެހިލައިގެން ހުރެ މަޑުމަޑުންނެވެ. "ގުއި ފިލީމާ ތަން ތާހިރު ވާނެއޭ އަހަރެން ބުނީ އޭނާ ދިޔައީމާ ފައިދާ ވާނީ ކަލެއަށޭ ބުނަން ވެގެން. އޭނާ ވަރަށް ބޮޑަށް ކަލޭ ވައު ވައްދައިފި. ހަމަޔަކަށް އެޅިގަންނާނޭ ފުރުސަތު ތިޔަ ލިބުނީ."

ރިޟްވާން ހިމޭން ވެއްޖެއެވެ. އޭނާގެ ރުޅިގަނޑު ވެގެން ދިޔައީ ސައިބޯނި ބޮތްކަކަށެވެ. ކުޑަކޮށް ހަމަޖެހިލުމަށް ފަހު ބުނެލިއެވެ. "ތިޔައީ ރަނގަޅު ވާހަކައެއް ނޫން." ޢަދްނާން އޭނާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ކަމުގައި ރިޟްވާނަށް އިހުސާސް ކުރެވުނެވެ.

"އަހަރެން މި ދައްކަނީ ތެދު ވާހަކަ. އަހަރެން އެންމެ ފުރަތަމަ ދުވަހުވެސް މިހެން ބުނިން. ގަބޫލު ނުކުރެވެންޏާ ޢަދްނާން ކުރެން އަހާބަލަ."

ރިޟްވާން ސުވާލުގެ ނަޒަރަކުން ޢަދްނާނާ ދިމާއަށް ބަލައިލިއެވެ. ޢަދްނާން ބޯ ޖަހައިލިއެވެ.

"އަހަރެން މިއީ ރަމަލުޖަހާ މީހަކީމެއް ނޫން. އަދި މާ ރަނގަޅު މީހަކީމެއްވެސް ނޫން. ފާފަވެރިއަކީން. އެކަމަކު އުދުހިއުދުހި ހުންނަ ދޫނީގެ ފިޔަ ގުނަންވެސް އަހަރެން ދަންނަން. ނުބައި ކަންތައްތަކުގެ ވަސް ދުވާވަރަށް އަހަރެންގެ ފާފަވެރި ނޯއް ތޫނު ވާނެ. މިހާރުވެސް ހަރާދު ކިޔާ."

ރިޟްވާން ލަދުން އިސް ދަށަށް ޖަހައިލިއެވެ.

"އަހަރެން މި ބުނީ ހަމަ ރަނގަޅަށް. އޭނާ ދިޔައީމާ ރަނގަޅު ވާނީ ކަލެއަށް." ސުލައިމާން މަޑުމައިތިރިކަމާއެކު ބުނެލިއެވެ. "ކަލޭ އަދި ނުވެސް ކަމެއްނު؟ ހިނގާ. މިރޭ އަހަރެމެންނަށްވެސް ކާން ދޭން ވާނެ."

ތިން މީހުން ބޭރަށް ނުކުމެއްޖެއެވެ. ރިޟްވާން އަދިވެސް ހުރީ ހިމޭނުންނެވެ. ސުލައިމާން ދެއްކި ވާހަކައަކީ ހެޔޮއެދޭ ތެދުވެރި އެކުވެރިއެއްގެ ހައިސިއްޔަތުން ދެއްކި ތެދު ވާހަކަތަކެއްކަން އޭނާއަށް އެނގެއެވެ. އެކަމަކުވެސް މި ވަގުތު އޭނާގެ ހިތުގައި ސުލައިމާންގެ މައްޗަށް އޮތީ ނަފުރަތެވެ. ރުޅިވެރިކަމެވެ.

"ކޮއިފުޅާ. ދެން ހަަމަޖެހިލާ." ސުލައިމާން ބުންޏެވެ. "އަނެއްކާވެސް ކުރިން އުޅުނު ގޮތަށް އުޅެން ފަށާ."

"އަހަންނަށް ނަސޭހަތް ދޭން ކަލޭ ރަނގަޅުތަ؟" ރިޟްވާން ހަރުކަށިކަމާއެކު ބުންޏެވެ.

ސުލައިމާން އިސް ދަށަށް ޖަހައިލިއެވެ. "މާފުކުރޭ." އޭނާގެ އަޑުގައި ހުރީ އިޚްލާސްތެރިކަމުގެ އަސަރެވެ. "އަހަރެން މިއީ ވިޔާނުދާ ފާފަވެރިއެއްކަން ހަނދާން ނެތުނީ."

ޢަދްނާން މަލާމާތުގެ ގޮތަކަށް ރިޟްވާނާ ދިމާއަށް ބަލައިލިއެވެ. އެކަމަކު ރިޟްވާން މި ވަގުތު ހުރީއަކީ އެއްވެސް ކަމެއް ފާހަގަ ކުރެވޭފަދަ ހާލަތެއްގައެއް ނޫނެވެ.

* * *

ރިޟްވާން އެރޭ އޭނާގެ ފުލެޓުގައި ކަންބޮޑުވެފައި އިނެވެ. މާދަމައަކީ އޭނާގެ ދަރަނިވާރު ދިން މުހުލަތު ހަމަވާ ދުވަހެވެ. ދަރަނި އަދާ ކުރެވޭނޭ އެއްވެސް މަގެއް އަދި ފެންނާކަށް ނެތެވެ.

ޢަދްނާނާއި ސުލައިމާނާ ދެމީހުން ގެއަށް ހިނގައްޖެއެވެ.

އޭގެ ފަހުންވެސް ކޮންމެ ދުވަހަކު އެ ގެއަށް އައިސް އޭނާގެ ހިތް ހަމަ ޖައްސައިދެވޭތޯ އެ ދެމީހުން މަސައްކަތް ކުރެއެވެ. ރިޟްވާންގެ ހިތުގައި ސުލައިމާންގެ މައްޗަށް އޮތް ނަފުރަތަކަށް ބަދަލެއް ނާދެއެވެ. އެކަމަކު އެކަމެއް ފައުޅެއް ނުކުރެއެވެ.

ރޭގަނޑު ގަޑިން ދިހައެއް ޖެހީއެވެ. އޭނާާ ބެލްކަނީގައި އިށީނދެގެން އިނދެ ކުރިމަތިވާން އުޅޭ މުސީބާތާމެދު ވިސްނަނީއެވެ. ކުއްލިއަކަށް އޭނާގެ ވިސްނުމުގެ މިސްރާބު ސަގީލާއާ ދިމާއަށް އެނބުރިއްޖެއެވެ. ހުރިހައި ކަމެއް މިވީ އޭނާޔާ ހެދިއެވެ. ސަގީލާޔާ ހެދި ނޫން ނަމަ އޭނާ ދަރަންޏަށް ފައިސާއެއް ނުހޯދީހެވެ. އޭނާގެ ފުރާނައަށް ނުރައްކާތެރިވާ ފަދަ ހާލަތަކަށް ވެއްޓިފައި މިވަނީ އެ ދަރަނީގެ ސަބަބުންނެވެ. އެވަގުތު ސަގީލާގެ މައްޗަށްވެސް ހިތުގައި ނަފުރަތު އުފެދުނެވެ.

(ނުނިމޭ)

9 ޚިޔާލު

  1. މިހާރު ފޫހިވާން ފަށައިފި. ކޮންމެ ދުފަހަކު ގެނެސްދީ އަވަހަށް ނިންމާލާ.. ނޫނީ ފުސްބިއްލޫރި ކަހަލަ ރީތި ވާހަކައެއް ކޮންމެދުވަހަކު ކިޔާލަން ލިބޭނެ ގޮތްއް ހަމައްސަދީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.