މުގާބިލާ - 5

(4 ޑިސެމްބަރ  2019 ގައި ޝާއިއުކުރިބަޔާ ގުޅޭ)

ޝަމްޝާދް ކަރުދާސްކޮޅު ޖީބަށް ލިއެވެ. މުސްކުޅި މީހާ އަނެއްކާވެސް ތަސްބީހައިގެ ތެރެއަށް ގެއްލިއްޖެއެވެ.

"އަޅުގަނޑުމެން ދެން ދަނީ." ޝަމްޝާދް ބުންޏެވެ. މުސްކުޅި މީހާ އެމީހުންނާ ދިމާއަށް ނުވެސް ބަލައި އިނދެ ބޯ ޖަހައިލިއެވެ. މި ފަހަރުވެސް އެ މީހުން ސަލާން ގޮވައިލީމާ ޖަވާބެއް ނުދިނެވެ.

އެމީހުން ނުކުމެގެން ހިނގައިގެންފިއެވެ. ދިޔަ މަގުމަތީގައި އެމީހުންނަށް ވިސްނައިދޭނަމޭ ހިތަށް އެރި ނަމަވެސް ރިޟްވާނަކަށް ވާހަކަ ދައްކާކަށް ނުކެރުނެވެ. އަނެއް ކޮޅުން ޝަމްޝާދް އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. "ރިޟްވާން އެތާނގައި ކަންތައް ކުރި ގޮތް އަހަންނަކަށް ކަމަކު ނުދިޔަ."

"އަހަރެން ވާހަކައެއް ބުނަންތަ؟ އެ މުސްކުޅި ކަލޭގެ ކަލޭމެން ތިޔަ ގެންދަނީއަކީ ހެޔޮ ކަމަކާ ިމާާއަކަށް ނޫން. ސީދާ ފާފައިގެ މަގަށް." ރިޟްވާން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. "ތިޔަ ކުރާން އުޅެނީއަކީ ރަނގަޅު ކަމެއް ނޫން. ޝަހާދަތުގެ ދެކަލިމަ ކިޔާ އެންމެންނަކީ އަޚުން. ކާފަރަކާ ދިމާއަށް ކާފަރެކޭ ކިޔުންވެސް ﷲ އޮންނަނީ މަނާ ކުރައްވައިފައި. އެހެންވީމާ މުސްލިމުންނާ ދިމާއަށް ކާފަރުންނޭ ކިޔަން ހެޔޮވާނީ ކިހިނެއް؟ އަނެއްކޮޅުން މިސްކިތުގެ ހުރުމަތް..."

"ތަގުރީރު ކުރާނެ ކަމެއްނެތް." ޝަމްޝާދް އަތް އުފުލައި ލުމަށް ފަހު އިންޒާރުގެ ރާގަކަށް ބުނެލިއެވެ. ދެން ތިބި މީހުންގެ މޫނުމަތީންވެސް ފެންނަނީ ރުޅިވެރިކަމުގެ އަސަރެވެ. މުސްކުޅި ކަލޭގެ މި މީހުންގެ ބޮލަށް ރަނގަޅަށް ސަވާރުވެފައިވާ ކަން ދެނެގަންނާކަށް ރިޟްވާނަކަށް އުނދަގުލެއް ނުވިއެވެ. މިހާރަކު ކުރެވޭނޭ އެއްވެސް ކަމެއް ނެތެވެ. ވާހަކަޔަކުން ކުރާނޭ އަސަރެއް ނެތެވެ.

"ކަލޭ އަހަރެމެންނާ ބައިވެރި ނުވާނޭކަން އަހަންނަށް އެނގޭ." ޝަމްޝާދް ބުންޏެވެ. މިހާރު ބަހުރުވަވެސް ބަދަލުވެ އާއްމު ބަހުރުވައަށް ވެއްޓިއްޖެއެވެ. "ކަލެއަށް އޮތް އެންމެ ރަނގަޅު ގޮތަކީ ހުރިހައި ކަމެއް ހަނދާން ނައްތައިލުން. މި ބައްދަލުވުން ނުވެސް ބާއްވާ ކަމަށް ހަދައިލާ. އެއްވެސް މީހަކު ގާތު އެއްވެސް ވާހަކައެއް ބުނެފިއްޔާ ކަލޭ މަރައިލާނަން. ހައްގުގެ މަގުގައި އެއްބަނޑު މީހަކު ހުރަހަކަށް ވިޔަސް އެމީހަކު އެއް ފަރާތް ކޮށްލާނަން. މި ވާހަކަ ހަނދާން ކުރާތި."

"ޝަމްޝާދް. ތިޔައީ ކަމުދާ ގޮތެއް ނޫން." އެތަނުން އެހެން މީހަކު ބުނެލިއެވެ. "މީނާ ދިރި ހުއްޓައި ދޫކޮށްލުމަކީ އަހަރެމެންނަކަށް ރައްކާތެރި ކަމަކަށް ނުވާނެ."

"ނޫނޭ. ކަންބޮޑު ނުވޭ. މިއީ އަހަރެމެންގެ ޢަޤީދާގެ މީހެއް. ފަސް ވަގުތު ނާޅައި ނަމާދު ކުރާ މީހެއް. ބޭކާރު ގޮތުގައި އޭނާ ގަތުލު ކުރާނޭ ކަމެއް ނެތް." ޝަމްޝާދް އަނެއްކާވެސް ރިޟްވާނާ ދިމާއަށް ބަލައިލިއެވެ. "އަހަރެން ދެންމެ ދެއްކި ވާހަކަ ހަނދާން ބަހައްޓާތި. އެހެން ނޫނީ އަހަންނަކަށް ކަލޭ ސަލާމަތެއް ނުކުރެވޭނެ."

"އަހަރެން އެއްވެސް މީހަކު ގާތު ނުބުނާނަން." ރިޟްވާން އަވަސް އަވަހަށް ބުނެލިއެވެ. އޭނާގެ އަޑެކޭ އެއްވަރަށް މުޅި ހަށިގަނޑުވެސް ތުރުތުރު އަޅައެވެ.

ޝަމްޝާދް އޭނާޔާ ދިމާއަށް ބަަލައިލައިފައި ހީނގަތެވެ. "ކަލެއަކަށް އަަރެމެންގެ ތެރޭގައި ހިފަހައްޓައެއްވެސް ނުލެވޭނެ." އޭނާ މަލާާމާތް ކޮށްލިއެވެ. "މިހާރުވެސް ތިޔަހަރީ ބިރުން ގޮސް އަވަދިވާ ވަރު ވެފައި. ދެފައިދަނޑިއަށް ނުހެނޑޭކަމެއްވެސް ނޭނގޭ."

ރިޟްވާން އަނގަޔަކުން ނުބުނެއެވެ. ހިމޭނުން ހުރުމަށް ވުރެ ރަނގަޅު ގޮތެއް ނެތަތީއެވެ. އަވަށަށް އާދެވުމާއެކު އޭނާ ބާރަށް ހިނގާފައި ދިޔައީ ގެއަށެވެ. ގެންފައި ހުރި ބިރެއްގެ ބޮޑު ކަމުން އެރޭ އޭނާއަކަށް ރަނގަޅަކަށް ނުވެސް ނިދުނެވެ.

* * *

އެމީހުން ދިޔައީމާ އިބިލީސް ފުން ނޭވައެއް ލިއެވެ. އަދި ތަސްބީހައާއި މުސައްލަ އެއް ފަރާތަކަށް އެއްލައިލިއެވެ. އަދި ހަށިގަނޑު ރަނގަޅަށް ސީދާކޮށްގެން އިށީނދެއްޖެއެވެ. ތުންފަތްމައްޗަށް ވެރިވެފައި ވަނީ ސުންޕާ ޝައިޠާނީ ހިނިތުންވުމެކެވެ. އޭނާ ހުރީ ހިތް ހަމަ ޖެހިފައެވެ. ބޭނުންވާ ގޮތަށް ކަންތައްތައް ކުރެވުނީތީއެވެ. އެއްބަޔަކު އަނެއް ބައެއްގެ ލޭ އޮހޮރުވުމެއް ދެނެއް ނުހުއްޓުވޭނެއެވެ. ލޭ އޮހޮރުވުން... އެއީވެސް ރޯދަމަހު... ލޭގެ ލައްތައް އެތައް ގަރުނެއް ވާންދެން ނުފިލައި ހުންނާނެއެވެ.

އިބިލީހުގެ އިތުރު ފަސް ޓިކާނާއެއް އެބައޮތެވެ. އޭނާ މި ރޭވުމަށް އަމަލީ ސިފަ ގެންނާން މަސައްކަތް ކުރަމުން ގެންދާތާ އެތައް މައްސަރެއް ވެއްޖެއެވެ. ދެވަނަަ ޖަމާޢަތާވެސް އޭނާ ވާހަކަ ދެއްކި އެއްކަހަލަ ގޮތަކަށެވެ. އެމީހުންވެސް ރުޅި އެރުވީ މިސްކިތުގެ ވާހަކަ ދައްކައިގެންނެވެ.

"ކަލޭމެން އެކަހަލަ ތަންތަނަށް މިސްކިތޭ ކިޔަމުތަ؟" އިބިލީސް މަލާމާތް ކުރިއެވެ. "އެތަންތާނގައި ތިބެގެން މުސްލިމުންނާ ދެކޮޅަށް އެކި ކަހަލަަ ރޭވުންތައް ރާވަމުން އެ ގެންދަނީ. މުސްލިމުން މަރާ ވާހަކަ ދައްކަނީ. އެކަހަލަ ތަންތަނަށް މިސްކިތޭ ކިޔޭނެތަ؟ އެމީހުން މިހާރު ނިންމާފައި ވަނީ ރޯދަ މަހު ކަލޭމެންގެ ކަންތައް ނިންމައިލާން."

"އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. އެކަމަކު އިސް ނަގާ ބަޔަކަށް އަޅުގަނޑުމެންނެއް ނުވާނަން." ޒުވާނަކު ބުނެލިއެވެ.

"އެކަމަކު އެމީހުން ކަމެއް ކޮށްފިއްޔާ ކަރުބުޑުގައި ހިތި ރަހަ ލައްވައިލާނަން." އަނެކަކު ބުނެލިއެވެ.

"އެމީހުން އިސް ނަގައިގެން ކުރާ ކަމަކުން ކަލޭމެންގެ އެތައް ބަޔަކު މަރު ވެގެން ދާނެ." އިބިލީސް ހިތާމައިގެ އަސަރު ދައްކަމުން ބުންޏެވެ. "އަހަރެން މި ޒުވާނެއް ނަމަ..."

ޒުވާނަކު ކުއްލިއަކަށް ޖޯޝާއެކު ބުންޏެވެ. "އެމީހުން އިސް ނަގާންދެން އަހަރެމެން ދެ އަތް އުރައިލައިގެން ތިބެންވީ ކީއް ވެގެން؟"

"ނޫނޭ. ކޮންމެ ފަދަ ހާލަތެއް ކުރިމަތި ވިޔަސް އަހަރެމެން އިސް ނަގާ ބަޔަކަށް ވެގެން ނުވާނެ." ޒުވާނުންގެ ލީޑަރު އަމުރުވެރިކަމާއެކު ބުންޏެވެ.

އިބިލީހަށް އެވަރުން ފުދެއެވެ. ހިތްހަމަ ޖެހޭ ވަރު ވެއެވެ. އެހެންވީމާ ކުރުއަަތްމައްޗަށް އޮށޯވެއްޖެއެވެ.

ހަފުތާގެ ބައްދަލުވުން ބާއްވާ ދުވަހެއް އަދި ނުޖެހެއެވެ. އަރާމު ކުރާނޭ ވަގުތު އެބައޮތެވެ.

މެންދަން ވުމާއެކު އެ ގެއަށް ޝައިޠާނުން ޖަމާ ވާން ފަށައިފިއެވެ. އިބިލީސްވެސް ތެދުވެ އިށީނދެއްޖެއެވެ.

ބައްދަލުވުން ފެށިއްޖެއެވެ. ފަހަރަކު މީހަކު ރިޕޯޓު ހުށަހަޅަނީއެވެ. ކޮންމެ ރިޕޯޓަކީވެސް ހިތްހަމަ ޖެހޭ ފަދަ ރިޕޯޓެކެވެ. ލިބެމުން ދިޔައީ އުފާވެރި ޚަބަރެވެ. އިބިލީސް ހިނިތުން ވަމުން އޭނާގެ ބައިވެރީންނަށް ސާބަސް ދެމުން ދިޔައެވެ. އެންމެ ފަހުން އިބިލީސް އޭނާގެ މަސައްކަތުގެ މައުލޫމާތުވެސް ދީފިއެވެ. އެޔާއެކު ޝައިޠާނުން ވައި އަޅުވައި ސަނާ ކިޔާން ފަށައިގެންފިއެވެ. އިބިލީސް އުފަލުން ފޮޅެނީއެވެ.

"އެކަމަކު އަޅުގަނޑު ކަން ބޮޑުވާ ކަމެއް އެބައޮތް. މާތް މަނިކުފާނު. ތިޔަ މަޝްރޫއު ގަޑުބަޑުވުމަކީވެސް އެކަށީގެންވާ ކަމެއް ނޫންތޯ؟" ޔުނިވަރުސިޓީގެ ވައިސް ޗާންސެލަރު ބުނެލިއެވެ. އޭނާއަކީ އިބިލީހުގެ ނާއިބެވެ. އެހެންވީމާ އެހެން މީހުންނަށް ދައްކާން ނުކެރޭ ކަހަލަ ވާހަކަ ދައްކަން އޭނާއަށް ކެރެއެވެ.

އިބިލީހުގެ މޫނުގެ ކުލަވަރު ބަދަލުވިއެވެ. "އެއީ ކިހިނެއް؟"

"ދެބައި މިހުން އެއްބަޔަކު އަނެއް ބަޔަކު ހަމަލާއެއް ދީފާނޭ ކަމުގެ އިންތިޒާރުގައި ތިބޭ ގޮތް ވުމަކީވެސް އެކަށީގެންވާ ކަމެއް."

"ތިޔައީ ކަލޭގެ ބޮލަށް ކިހިނެއް ވަން ޚިޔާލެއް؟"

"މިސްކިތަށް އިހްތިރާމު ކުރުމަކީއެމީހުންގެ ލޭގައި ހުންނަ ކަމެއް. އެއީ އެމީހުންގެ ހިތުގެ އަޑީން ނުކުންނަ ކަމެއް. އެއި ހުރަހަކަށް ވެދާނޭ ކަމެއް ނޫންތޯ؟"

އިބިލީސް ހިނިތުންވެލިއެވެ. "ކަލޭ ތިޔަ ވިސްނީ ރަނގަޅަށް. ތިޔައީ އެކަށީގެންވާ ކަމެއް. އެކަމަކު އަހަރެން ޅަ އެއްޗެއް ނާޅާނޭކަން ކަލޭ ވަރަށް ރަނގަޅަށް ދަންނާނެ."

"އާދެ...އަދެ. އަޅުގަނޑު ތިޔަކަން ދަންނަން." ވައިސް ޗާންސެލަރު މިހާރު އިބިލީހާ ދިމާއަށް ބަލަހައްޓައިގެން އެހެރީ އިތުރު މައުލުމާތުގެ އެދުމުގައެވެ.

"އެކަމަށްޓަކައި އަހަރެން އޮންނާނީ ތިން ވަނަ ޖަމާއަތެއް ތައްޔާރު ކޮށްފައި."

"ތިން ވަނަ ޖަމާއަތެކޭތޯ؟"

"އެއީ އިންސާނުންގެ ތެރޭގައި އުޅޭ އަހަރެމެންގެ ބައވެރިންގެ ޖަމާއަތެއް."

"ތިޔަ ވިދާޅުވަނީ އެއްވެސް ހަމައެއް އުސޫލެއް ގަބޫލު ނުކުރާ ބަގައިގެ ވާހަކަތޯ؟"

"އާނ. އެމީހުންގެ ޝިއާރަކީ ﷲ އާއި ދީން. އެކަމަކު މަސައްކަތަކަށް އޮންނަނީ ދީނަށް ގެއްލުން ކުރުން. މަލާމާތް ކުރުން. ދީނީ މީހުންނަށް އެމީހުން ކިޔާނީ ހައްދު ފަހަނައަޅައިފައިވާ މީހުންނޭ. މިއީ ރަނގަޅު ދަނޑިވަޅެއް ކަމަށް އަހަރެން އޮންނާނީ އެމީހުންގެ ބޮލަށް ވައްދައި ދީފައި. ހިކި ހުއިގަނޑަކަށް އަލިފާން ކަންޏެއް ބުރުވައިލުމަށް ފަހު ކުޅި ބަލަން ތިބޭ. ހައްދު ފަހަނައަޅައިފައި ތިބޭ މީހުންގެ އަދަދު މަދު ވަމުން ދާނެ... މަދުވުން ނުވެސް ހުއްޓުވޭނެ. ފުރަތަމަ ބަޑި ޖަހާނީ މި ބުނި ބަގައިގެ މީހުން. އެމީހުން ބަޑި ޖަހާނީ އެއް ބައެއްގެ ތެރެއަކަށް ނޫން. ދެ ޖަމާއަތުގެ މީހުންނާ ދިމާއަށްވެސް ބަޑި ޖަހާނީ އެ މީހުން."

"ސާބަހޭ މާތް މަނިކުފާނު."

"މަނިކުފާނުގެ ބުއްދިފުޅާ އެއްވަރު ވެވޭނީ ކާކަށްތޯ؟"

"ކުރިއަށް ޝައިޠާނިއްޔަތު... ކުރިއަށް ކަލާނގެވަންތަ މާތް ސާހިބާ..."

ހަތަރު ފަރާތުން އިވެމުން ދިޔައީ ސަނާއާއި ތައުރީފުގެ އަޑެވެ. ކޮންމެ ޝައިޠާނަކުމެ މަސައްކަތް ކުރަމުން ދިޔައީ ވައި އެޅުވުމުގައި އަނެއް ޝައިޠާނަކަށްވުރެ ކުރިއަށް އަރާށެވެ. އިބިލީސް އެކޮޅުކޮޅުން ހުރެގެން ޝުކުރިއްޔާއޭ ގޮވަމުން ދިޔައެވެ.

* * *

ރިޟްވާނަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެ ކަމުގައި ސުލައިމާނަށާއި ޢަދްނާނަށް ފާހަގަ ކުރެވިއްޖެއެވެ. އެކަނި ހުންނަ އިރު އޭނާ ހުންނަނީ ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ހިނިތުންވާ ތަނެއް ނުފެނެއެވެ. މޫނުމަތީން ފެންނަނީ ކަންބޮޑުވުމުގެ އަސަރެވެ. ބައެއް ފަހަރަށް ބިރުން އުޅެގެންފަތެވެ. ސަބަބު އޮޅުން ފިލުވޭތޯ ދެމީހުން މަސައްކަތް ކުރިއެވެ. އެކަމަކު ދެމީހުންކުރެ މީހަކު ކުރާ ސުވާލަކަށް ރިޟްވާން އެދެވޭ ޖަވާބެއް ނުދެއެވެ. މާ ބޮޑު ކަމެއް ނުވެއޭ ކިޔައިފައި ވާހަކަ އޮއްބައިލަނީއެވެ.

އެ ދުވަހު ސުލައިމާން ހުރީ ވަރަށް އުފާ ވެފައެވެ. ރައްޔިތުންގެ މަޖިލިސް އުވައިލައިފިއެވެ. ސަރުކާރު ވެއްޓިއްޖެއެވެ. އޭނާއަކީ ސަރުކާރާ ދެކޮޅު މީހެއް ނޫނެވެ. ސަރުކާރު ވެއްޓުމަކުން އޭނާއަށް ލިބޭނޭ ފައިދާއެއްވެސް ނެތެވެ. އޭނާއަކީ ސިޔާސީ ކަންކަމަށް ޝައުގުވެރިވާ މީހެއް ނޫނެވެ. އޭނާ ބުނާ ގޮތުގައި އިންތިޚާބާއި ޖުމްހޫރިއްޔަތާއި ސަރުކާރަކީ މަކަރުވެރިކަމާއި އިޔަހޫދި ރޭވުމާއި އަމިއްލަ އެދުންތައް ފުއްދުމުގެ އުކުޅުތަކެވެ. ސަރުކާރު ވެއްޓުނީމާ އޭނާ އުފާ ކުރަމުން ދަނީ ހަރާދުކިޔުމަކުން މޮޅު ވެވުނީތީއެވެ. އޭނާއަށް އެއްފަހަރާ އެއްހާސް ރުފިޔާ ލިބޭނެތީއެވެ. މި ފަހަރަު އޭނާ ހަރާދުކިޔައިފައި ވަނީ އޮފީހު އެންމެންގެ ކުރިމަތީގައެވެ.

މީގެ ހަފުތާއެއްހައި ދުވަސް ކުރީން އޮފީހުގައި މަސައްކަތް ކުރާން ހުރެފައި އޭނާ ކުއްލިއަކަށް އެންމެންނަށް އިވޭ ވަރަށް ބުނެލިއެވެ. "އަޚުންނޭ. އުފާ ކުރޭ. މި ސަރުކާރު ވެއްޓިއްޖެ."

ޢަދްނާން ދިޔައީ ސިއްސައިގެންނެވެ. "ކާކު ވެއްޓުނީ؟ ކިހިނެއް ވެއްޓުނީ؟ ކިހިނެއްވީ؟"

ރިޟްވާން ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. "ދެންމެ ޝައިޠާނާ އައިސް ސުލައިމާންގެ ކަންފަތް ދޮށުގައި ސަރުކާރު ވެއްޓުނު ވާހަކަ ބުނީކަމަށް ވާނީ."

ދެނަކާ ދެނެއްނެތެވެ. ސަރުކާރުގެ ބަހުސު ފެށިގެން ހޫނު ވެގެން ހިނގައްޖެއެވެ. ކާތިބުންގެ ވެރިޔާ އާފާޤް މިކަހަލަ ބަހުސުގެ ތެރެއަށް ވަދެއެއް ނޫޅެއެވެ. އެކަމަކު އެ ދުވަހު އޭނާވެސް ވާހަކަ ދެއްކިއެވެ. "ސުލައިމާން. ތިޔަ ކަހަލަ ކޫސަނި ރިވާތައް ނެރެގެން ބަހުސު ކުރަނީ ކީއްކުރަން؟ މި ސަރުކާރެއް ނުވެއްޓޭނެ."

"ނޫން. އަޅުގަނޑު މި ނަންގަންނަނީއެއް ނޫންތޯ؟ މިހާރުވެސް އެ އޮތީ ވެއްޓިފައި ކަމަށް ބައްލަވާ."

"ސުލައިމާން. ބިންމަތީގެ ދޮގުވެރި އިންސާނީ ކުދި ކަލާނގެތަކުގެ ރުހުން މި ސަރުކާރަށް އަދިވެސް އެބައޮތް. އެހެންވީމާ ފަސް އަހަރު ފުރިހަމަ ކުރާނެކަން އަހަންނަށް ކަށަވަރު."

"އެހެން ވެއްޖެއްޔާ މި ހަރާދުކިޔުމުގައި ބައިވެރިވެލައްވާ." ސުލައިމާން ބުންޏެވެ.

(ނުނިމޭ)

5 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.